ކޮރަޕްޝަނުގެ ވަބާއިން ދިވެހި ފަސްގަނޑު ސަލާމަތްކުރަމާތޯ؟

ކޮރަޕްޝަނޭ ބުނުމުން ހިތަށް ވެރިވަނީ ކޮން އެއްޗެއް ތޯއެވެ؟ އެކަކުގެ އަތަށް އަނެކަކު ވައްޓައިލާ ފައިސާބޮނޑިއެއް ތޯއެވެ؟ ނޫނީ ކަމެއް ހާޞިލުކުރަން، ނުޙައްޤު ގޮތުގައި ކުރެވޭ މުޢާމަލާތެއް ތޯއެވެ؟ ޝައްކެއްނެތެވެ. މިއިން ކޮންމެ ކަމަކީ ވެސް ކޮރަޕްޝަންގެ ބިރުވެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންނަމަވެސް މިއީ މިހައި ހަނި ދާއިރާއަކުން މިންކޮށްލެވޭން އޮތް ކަމެއް ނޫނެވެ. އެއަށްވުރެ މާ ފުޅާ ވިއުގައެއްގެ ތެރޭގައި ހިނގާ، މާ ނުރައްކާތެރި ކަމެކެވެ. މީހަކު ހުންނަ މަޤާމެއްގެ ޙައިޞިއްޔަތުން ނުވަތަ ލިބިފައިވާ ބާރެއްގެ ބޭނުންކޮށްގެން، އަމިއްލަ ފައިދާއަށް ޓަކައި، މަޤާމުގެ ނުފޫޒު ފޯރުވުމާއި ޤާނޫނީގޮތުން ލިބިފައިވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވެސް ކޮރަޕްޝަނެވެ.

ކޮރަޕްޝަންގެ މުޑުދާރު ވެޔޮގަނޑު މިއަދު މި ވަނީ، ފަސް ލައްކައެއްހައި މީހުން ދިރިއުޅެމުން އަންނަ، މި ކުޑަކުޑަ ދިވެހި ފަސްގަނޑަށް ފެތުރިފައެވެ. ހީ ވެސް ނުކުރާހައި ބޮޑަށެވެ. އޭގައި މޭވާ އަޅައި ފައްކާވަމުން އަންނަނީ، އެތައް ބަޔަކަށް ބިރުވެރި އިންޒާރުތައް ދެމުންނެވެ. އޭގެ ވިހަގަދަ މޫތައް، މުޅި ދިވެހި ބިމަށް ފަތުރަމުންނެވެ. ނިކަމެތީން އިތުރަށް ނިކަމެތި ކުރަމުން، މަހުޖަނުންނާއި ބާރުވެރިން އިތުރަށް ބާރުވެރި ކުރަމުންނެވެ. ފާޅުކަން ބޮޑު ގޮތެއްގައެވެ. އެ ނުރައްކާތެރި ވެޔޮގަނޑު މަރާލެވޭނެ ބޭހެއް، ކެމިކަލެއް ހަމަ ނެތީބާވައެވެ؟

ކޮރަޕްޝަންގެ ބިރުވެރިކަން މި ޤައުމުން ފޮހެލުމަށް ޓަކައި އެ ކަމަށް ޚާއްޞަ މުވައްސަސާއެއް ވަނީ އުފައްދާފައެވެ. “އެންޓި-ކޮރަޕްޝަން ކޮމިޝަން”ގެ ނަމުގައެވެ. ޤާނޫނު ބުނާގޮތުން މި ކޮމިޝަނަކީ، ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުވައްސަސާއެކެވެ. ހަމައެއާއެކު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނެއް ވެސް، ޤާނޫނުހަދާ މަޖުލިހުން ވަނީ ހަދާފައެވެ. 29 މާއްދާގެ މައްޗަށް އެކުލެވޭ މި ޤާނޫނަކީ ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުން ހުއްޓުވުމާއި، މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުން ހުއްޓުވުން ފަދަ ކަންކަން މަނާކުރާ ޤާނޫނެކެވެ. އެހެންނަމަވެސް ހިތާމައަކީ، މި ކޮމިޝަނާއި މި “ބާރުހުރި” ޤާނޫނު އޮތެއްކަމަކު، ކޮރަޕްޝަންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް އަންނަތަން ނުފެނުމެވެ. ޢާންމު ރައްޔިތުންގެ ހިތަށް ހަމަޖެހުމެއް ނުލިބުމެވެ. ޝަކުވާތަކަށް ނިމުމެއް ނައުމެވެ.

ކޮރަޕްޝަންގެ ގޮތުގައި ދިވެހިރާއްޖޭގައި ހިންގަނީ ކޮންކަހަލަ އަމަލުތަކެއް ތޯއެވެ؟ ޝައްކެއްނެތް ގޮތުގައި، މިއަދު ދިވެހިރާއްޖެއަކީ، ވަޒީފާގެ ބާޒާރުގައި ވަރަށް ވެސް ވާދަވެރި ޤައުމެވެ. ކިޔަވައިގެން ތިބި އެތައްއެތައް ޒުވާނުންނެއް، ވަޒީފާއެއް ނުލިބި، ފަހަރަކު ތަނަކަށް ސިޓީލައިލައި އެބަ ތިއްބެވެ. އޮފީހަކުން މަޤާމެއް ހުސްވެއްޖެ ނަމަ، ރީތި ޢިބާރާތަކުން އިޢުލާނެއް ލިޔެލާފައި އެ އިޢުލާނެއް ޢާންމު ކުރެއެވެ. މަޖުބޫރުކަމަކަށް ވާތީއެވެ. އެހެނަސް ކަން ނިމިގެންދަނީ ކިހިނެއްތޯއެވެ؟ ތަޢުލީމީގޮތުންނާއި ތަޖުރިބާގެގޮތުން ޤާބިލު އެތައް ކުދީންނެއް އެދިއެދި ތިއްބާ، އެ ކުދީން ލަދުގަންނުވާލާފައި، އަރައި މަތިފަޑީގައި ހަމަޖެހިލަނީ ރަޙުމަތްތެރިޔާގެ، އުޑެއްބުޑެއް ނުދަންނަ ދަރިފުޅެވެ. އާއިލީގޮތުން އެ އިދާރާއަކާ ގުޅިގައިވާ މީހެކެވެ.

މާލެއަކީ ބިމުގެ ޖާގައާ އަޅައިބަލާއިރު، އާބާދީގެ ގޮތުން ދުނިޔޭގެ އެއްވަނަ ރަށެވެ. މި ޝަރަފު ބާއްވަމާ ހިނގާށެވެ. ހަމަ ކަށަވަރުން ވެސް މާލޭގައި މީހުން ތޮއްޖެހިފައިވާ މިންވަރު، ޢާންމުންނަށް ޚިދުމަތްދޭ ތަފާތު މުވައްސަސާތަކަށް ކޮށްލައި ޒިޔާރަތްތަކުން ނުހަނު ރަނގަޅަށް ފެންނާނެއެވެ. ނަންބަރެއް ނަގައިގެން، ނުވަތަ ކިއުގައި އެތައް އިރަކު ތިބެ، ބައެއް ފަހަރު ނިދެމުން ހޭލެވެމުން ގޮސް، މީހާ ކަފާސްވާއިރު ވެސް، އަތުކުރީގައި އޮންނަ ގަޑި އަންގާނީ، އަދި މަޑުކޮށްލުމަށެވެ. އެހެނަސް މިކަން ވެސް ތަޖުރިބާކޮށްލަން ޖެހެނީ ބައެއް މީހުންނަށެވެ. އެއްކަލަ ނިކަމެތި ސޮރަށެވެ. ކިއުގެ ބޭރުން ޚިދުމަތް ލިބިވަޑައިގަންނަވާ “ބޭފުޅުންނަށް” ގިނަ ފަހަރަށް، ކިއު އެއީ ކޮން އެއްޗެއްކަމެއް، ނަންބަރެއް ނަގައިގެން ބަޔަކު ތިބޭކަމެއް އެނގިވަޑައެއް ނުގަންނަވާނެއެވެ.

ކޮރަޕްޝަނުގެ މި ފަދަ އެތައް އަމަލެއް މި ޤައުމުގައި އަންނަނީ ހިންގަމުންނެވެ. ކުދިކުދި ކަންކަމުން ފެށިގެން ގޮސް، ބިޔަ ބޮޑެތި އެތައް ޖަރީމާއެކެވެ. ސިޔާސީ ކޮރަޕްޝަނަކީ އަދި މާ ހަލުއިކަމާއެކު ފެތުރެމުން އަންނަ ރޯގާއެކެވެ. އެއް ބަޔަކު ހެއްވަމުން، އަނެއް ބަޔަކު ރޮއްވަމުންނެވެ. އެއް ބަޔެއްގެ އަތުން ޙައްޤު ނިގުޅައިގަންނަމުން، އަނެއް ބަޔެއްގެ އަތްމައްޗަށް އެ ހައްޤު އަރުވަމުންނެވެ. އެއް ބަޔަކަށް ލިބެން ޖެހޭ ބާރު ފިރުކައިގަންނަމުން، އަނެއް ބަޔެއްގެ އަތްމައްޗަށް އެ ބާރު ވެރިކުރުވަމުންނެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ގައުމެއްގައި ކޮރަޕްޝަން އާއްމުވުމުގެ މައިގަނޑު އަސްލަކީ، އެ ގައުމެއްގެ މާލީ ފަޤީރުކަމެވެ. ލިބޭ އެއްޗަކުން ނުފުދުމެވެ. ދިރިއުޅުން ހަމަޖެއްސޭވަރު ނުވުމެވެ. ދިރިއުޅުމަށް ޓަކައި ކުރަންޖެހޭ ޚަރަދާއި ލިބޭ އާމްދަނީ ނުބައްދަލުވުމެވެ. ފަހަށް ރައްކާކުރާނެ ފަދައެއް ނެތުމެވެ. ޙައްޤު ގޮތުގައި ފައިސާހޯދޭނެ ކޮޅުތަކެއް ވެސް ނެތުވެ. ވަކިކޮޅަކަށް ނުޖެހި ދަންނަވާ ނަމަ، ދެންނެވޭން އޮތީ، ދިވެހީންގެ ތެރޭގައި ވެސް ކޮރަޕްޝަން މިހައި މައްޗަށް އުފުލި، އަތްފޯރާފަށުން ނެއްޓިގެން މި ދަނީ، މި ސަބަބުތަކާ ހުރެއެވެ. ދިވެހީންގެ ތެރޭގައި ފަޤީރުންގެ އަދަދު މަދުކަމަށް ބަޔަކު މީހުން ކަރުން ނަރުނާރު ނަގައިގެން ވަކާލާތުކުރި ނަމަވެސް، ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް، ދަރައި ވިކިގެން ފުއްދައިގެން އުޅޭ މީހުން މަދެކޭ ނުދެންނެވޭނެއެވެ.

ކޮރަޕްޝަންގެ ވަބާއަކީ ކޮންމެ ގޮތަކުން ނަމަވެސް، ގައުމުން ނައްތައިލަން ޖެހޭ ވަބާއެކެވެ. މި ކަމަށް ޓަކައި އެންމެ ފުރަތަމަ ވެސް ކުރާން އޮތް ކަމަކީ، ސަރުކާރުން ކުރާ ކަންކަން، ހާމަކަން ބޮޑުގޮތެއްގައި ކުރުމެވެ. ދެ ފުށް ފެންނަ ގޮތަށް ކޮންމެ ކަމެއް ކުރަމުން ގެންދިޔުމެވެ. ޤައުމާއި ރައްޔިތުންނަށް އިޚުލާސްތެރި ހެޔޮ އެދޭ ބަޔަކު، ޤައުމުގެ ހުންގާނުގައި ހިފުމެވެ. ކަލާސީނުންގެ ގޮތުގައި ވެސް މި ދެންނެވި ފަދަ އިޚުލާޞްތެރި ބަޔަކު ބޭތިއްބުމެވެ. ހަމަ އެއާއެކު، ކޮރަޕްޝަންގެ އަމަލެއް ހިންގާ ނަމަ، އެ ކަންކަން ބެލޭނޭ ފަދަ މިނިވަން އިދާރާއެއް ޤާއިމްކޮށް، އެ އިދާރާއަކީ އެންމެހައި ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ އިދާރާއަކަށް ހެދުމެވެ. ކޮންމެ މީހެއްގެ ކޮންމެ މައްސަލައެއް ވެސް، ބިރެއް ސިހުމެއް ނެތި ބެލޭނޭ ފަދަ މިނިވަން އިދާރާއަކަށް އެ އިދާރާ ހެދުމެވެ. އިޚުލާސްތެރިކަން އިސްކުރުމެވެ. މިނޫން ގޮތަކުން މިކަން ހުއްޓުވާން އުޅުން ވާނީ، ހިކިފަސްތާ ބަކަތެޅުން ފަދަ ކަމަކަށެވެ.

Be the first to comment

ޚިޔާލު