“ޓްރެއިންރ ވީލް ބައިކް”

ސަރާސަރު ބޮޑު މަގެއްގައި އަހަރެން ކުރިއަށް ދިޔައީ އިތުބާރާ އެކުގައެވެ. “ޓްރެއިންރ ވީލް ބައިކް” އެއްގައެވެ. ހަ ފަރާތުން އިޙުސާސްކުރެވެނީ ރައްކާތެރިކަމެވެ. ކާމިޔާބުގެ އައްސޭރިއަކަށް ހޭރިޔާކުރަމުން ދުއްވާފައި ދިޔައީ، ޚިޔާލެއް ފިކުރެއް ނެތެވެ. ދަތުރުގެ ވަކި ހިސާބަކުން، އެހެން މަގަކަށް މިސްރާބު ބަދަލުކޮށްލާން ޖެހިއްޖެއެވެ. ސަހަރޯއެވެ. މި ފަހަރު އެޅުނީ އަޑިގުޑަން ބޮޑު، ދުއްވާން ދަތި މަގަކަށެވެ. އެ މަގަށް އެޅި ވަގުތު، ދެން ކުރިމަތިވީ އަދި މާ ބޮޑު ނުރައްކަލަކާއެވެ. އަރައިގެން އިން “ޓްރެއިންރ ވީލް ބައިކް”ގެ އަރިމަތީ ދެ ފުރޮޅު، ކޮންމެވެސް މީހަކު އައިސް ދަމައިގެންފިއެވެ. ލިބުނީ ކުއްލި ސިހުމެކެވެ. އަރިއަޅާލައިފިއެވެ. މޭތެޅިގަތެވެ. ހަތަރެސްފައި ތުރުތުރު އަޅައިގެންފިއެވެ.

******************************

ސްކޫލް ދައުރު ނިންމާފައި ޓިޗިންގ ދާއިރާއަށް އަހަރެން ކުރިމަތިލީ، އެ ދާއިރާއިން ކުރިއަށް ދިޔުމުގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އޮވެގެންނެވެ. އެހެންކަމުން ޓީޗިންގެ ހުނަރުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން، ހުނަރުތަކާއި އުކުޅުތައް ދަސްކުރަމުން ގެންދިޔައީމެވެ. ކޯސް ނިންމާލުމަށްފަހު، ބަޔޮލޮޖީ ޓީޗަރެއްގެ ގޮތުގައި، ސްކޫލަކަށް ވަދެ، ކިޔަވައިދޭން ފެށިއިރު، އެންމެ ބޮޑު އަޒުމަކަށް ހެދީ، ކޯހުން ދަސްކުރި “ޓީޗިން މެތަޑްސް” ބޭނުންކޮށްގެން ވީހައި ވެސް ރަނގަޅަށް ދަރިވަރުންނަށް ފިލާވަޅުތައް އޮޅުން ފިލުވައިދިނުމަށެވެ.

ކަނޑައެޅި އަޒުމާ އެކު ތަފާތު ހުނަރުތަކާއި ގޮތްތައް ކިޔަވައިދިނުމުގައި ބޭނުންކުރަމުން ގެންދިޔައީމެވެ. ދަރިވަރުން ބައިވެރިކޮށްގެން، އަމަލީ މަސައްކަތްތައް ގުރޫޕުގައްޔާއި ވަކިވަކި ދަރިވަރުންލައްވާ ކުރުވާގޮތަށް ރާވައިގެންނެވެ. އެކި ކަހަލަ ޕްރޮޖެކްޓްތަކާއި މޮޑެލްތައް ހެއްދީމެވެ. ގުރޫޕް ޕެރެޒެންޓޭޝަންތައް ހުށަހެޅުވީމެވެ. މިގޮތުން ކުރެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ދެ ބަކަރީގެ ހިތް ކުލާހަށް ގެނެސް ދަރިވަރުންލައްވާ، އެ ފަޅުވައި، ހިތް އުފެދިފައިވާ ގޮތާއި ބައިތައް ދިރާސާކުރުވުމެވެ. މި ކަންކަމުގެ ނަތީޖާ ފެނުނީ ވަރަށް ފޮނިކޮށެވެ. އަހަރެންގެ ގަޑިތަކާ މެދު ދަރިވަރުންގެ ޝައުޤުވެރިކަން ވަރަށް ބޮޑުވިއެވެ. ވަރަށް އުފެއްދުންތެރި ޓީޗަރެއްގެ ގޮތުގައި، ދަރިވަރުން ސިފަކުރާން ފެށިއެވެ. އަނެއް ކޮޅުން ދަރިވަރުންގެ ކުރިއެރުމާއި ހުނަރުވެރިކަން ފެނިގެން ދިޔައީ، އަންތަރީސްވާ ފަދަ މިންވަރަކަށެވެ. ހީނުކުރާ ފަދަ ބޮޑު ކުރިއެރުމެއް ލިބެމުން އައެވެ. ހިތަށް ލިބުނީ ވަރަށް ބޮޑު ފިނިކަމެކެވެ.

އެހެންނަމަވެސް މި ފިނިކަން ވީ، ކުޑަ ވަގުތުކޮޅެއްގެ މެހެމާނަކަށެވެ. ހާލަތު ބަދަލުވެގެންދިޔައީ ހީކުރި ގޮތަކަށް ނޫނެވެ. އަހަރެން ކުރަމުން އައި ބުރަ މަސައްކަތާއި ވީ ޤުރުބާނީގެ އަގު، ޑިޕާޓުމަންޓުގައި އޭރު އިސްކޮށް ހުންނެވި ބިދޭސީ ޓީޗަރު، ވަޒަންކުރީ، ހިތް ފަޅައިގެންދާ ފަދަ ގޮތަކަށެވެ. ފުރަތަމަ ވެސް އަހަރެންގެ ނިތްކުރީގައި ތަތްކޮށްލީ، ދަރިވަރުންނާ އެކު ކުލާހުގައި ކުޅިވަރު ކުޅޭ ޓީޗަރެއްގެ ލޭބަލްއެވެ. ދަރިވަރުންނަށް ޓަކައި އަހަރެން ވި ބޮޑު ޤުރުބާނީ، އޭނާގެ ކުރިމަތީގައި ވީ، އަހަންނަށް ކުރެވުނު، ތައުބާނުނެވޭ ވަރުގެ ބޮޑު ފާފައަކަށެވެ. ކިޔަވައިދޭ ސްޓައިލް ވަގުތުން ބަދަލުކުރާން އަންގައިފިއެވެ. ބަހަނާއަކަށް ހެދީ، މުގައްރަރު ނުނިމިދާނޭކަމެވެ. ޙަޤީޤީ ސަބަބަކީ ޑިޕާޓުމަންޓުގެ އެހެން ޓީޗަރުން ޝަކުވާ ކުރުމެވެ. އެ ޓީޗަރުން ކިޔަވައިދޭ ދަރިވަރުން، އަހަރެންގެ އުސްލޫބަށް އެދެން ފެށުމުންނެވެ. ހަމަ މަގުގައި ހުރި މީހާއަށް ޖެހުނީ، މަގުގެއްލިފައި ތިބި މީހުންގެ މަގަށް ރުޖޫޢަވާށެވެ. އިންސާފަކީ ބައެއް ފަހަރު މި ކަހަލަ އެއްޗެކެވެ.

ކުރިމަތިވި މާޔޫސްކަން ހިތަށް ޒަހަރުލައިފިއެވެ. ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. މޮޅު، ހުނަރުވެރި ޓީޗަރަކަށް ވުމަށް ކަނޑައެޅި މަތިވެރި އަޒުމުގައި، މި ފަދައިން ކޮޅުފައިން ޖެހުމުން، މި ދާއިރާއަށް ކުރީން އޮތް ލޯތްބަށް ވެސް ބަދަލު އައެވެ. ހަތިޔާރު ބަހައްޓަން ޖެހުނީމާ ހަތިޔާރު ބެހެއްޓީއެވެ. ކިޔަވައިދިނުން ބަދަލުކޮށްލީއެވެ. “ޓީޗަރ ސެންޓަރޑް މެތަޑް”އަށެވެ. އެހައިތަނުން ކުރެވޭންފެށީ ތަފާތު އިހުސާސެކެވެ. ނިމުމެއް ނެތް، ތުރާ ބޮޑު ރޭހެއްގައި ބައިވެރިވެގެން އުޅެވޭ ކަހަލަ ހިތްދަތި އިހުސާސެކެވެ. އަބަދުވެސް ޖެހެނީ މުގައްރަރު ފަހައި ދުވާށެވެ. ދަރިވަރުންނަށް އެއްޗެއް ދަސްކޮށްދޭން ކުރެވޭ މަސައްކަތަށްވުރެ، އިމްތިހާނުތަކުން ފާސްކޮށްދޭން ކުރެވޭ މަސައްކަތް އިސްކުރާން ޖެހިއްޖެއެވެ.

ކަންތައް މިހައިހިސާބަށް ދިޔުމުން، ދަރިވަރުންގެ ހާލަތާ މެދު ފިކުރު ހިންގައިލަން ސިކުނޑި މަޖުބޫރުކުރާން ފަށައިފިއެވެ. މިއީ މަތީ ސާނަވީ އުސޫލުތައް އަބަދުވެސް އޮންނަ ގޮތޭ ހިތަށްއެރިއެވެ. އެހެންނަމަވެސް މިއީ އޮންނާންޖެހޭނެ ގޮތްބާވައެވެ؟ ދަރިވަރުން އަބަދު ވެސް އުޅޭން މި ޖެހެނީ، ސިލްސިލާ އިމްތިހާނުތަކެއްގެ ތެރޭގައި ތާށިވެގެންނެވެ. އެ ބޮޑު ބުރަ ކޮނޑު އަޅައިގެން، ރަނގަޅަށް ހިނގައިނުގަނެވިގެންނެވެ. ޙަޤީޤީ ކިޔެވުން އޮންނަނީ މޯހިރަށް ދޫކޮށްލެވިފައެވެ. މިއީ މި ލެވަލްގައި ދަރިވަރުން ތަޖުރިބާކުރަމުން ގެންދާ ހިތްދަތި ތަޖުރިބާތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.

މި ހާލުގައި ދަރިވަރުން އުޅޭތަން ފެނިފައި، ބެލެނިވެރީންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. އޯލެވެލްގައި ހުރިހައި މާއްދާއިން އޭސްޓާރ ހޯދައިގެން އަންނަ ދަރިވަރުން، މިއަދު މި އުޅެނީ ހަފޮޅުން އެތެރެނުވެވިގެންނެވެ. ކިޔެވުމަށާއި ރަނގަޅު ނަތީޖާ ހޯދުމަށް ޓަކައި ދަރިވަރުން ގުދުބިންދަނީއެވެ. ސްކޫލްގެ އިތުރު ހަރަކާތްތަކާއި އިޖުތިމާޢީ ދިރިއުޅުމާއި އަމިއްލަ ކަންކަން ޤުރުބާންކޮށްފައެވެ. އަނެއްކޮޅުން ބެލެނިވެރީން ދަރައި ވިކެނީއެވެ. ޓިޔުޝަންތަކަށް ޚަރަދުކޮށްކޮށެވެ.

އަހަންނަކީ ކިޔަވައިދޭ ޓީޗަރެއްގެ އިތުރުން “ލައިފް ސްކިލްސް”ގައި ވެސް އުޅެމުން އަންނަ ޓީޗަރަކީމެވެ. މި ކަމުގެ ތެރޭގައި އުޅޭން ފެށުމުން، ގިނަ ޓީޗަރުންނަށް، ދަރިވަރުންގެ ނުފެންނަ ފަރާތެއް ވެސް ފެންނާންފެށިއެވެ. ދަރިވަރުންގެ އަޚުލާޤީ މައްސަލަތަކެވެ. ނަފުސާނީ މައްސަލަތަކެވެ. މީގެއިތުރުން ކިޔެވުމާއި އިޖުތިމާޢީ ދިރިއުޅުމާއި އަމިއްލަ އުފަލަށް ކުރާކަންކަން، ހަމަހަމަކޮށް ކުރާން އުޅޭންހަދައިގެން، ކުރިމަތިވާ މައްސަލަތައް ވެސް ގިނަގުނައެވެ. އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ނުރައްކާތެރި ކަންކަމުގެ ޝިކާރައަކަށް ވެފައިވާ ކުދީން މަދެއް ނޫނެވެ. ހަމަ ނިދި ނުލިބުމާއި ކެއިން ބުއިމާ ދުރުހެލިވެ، އެކަމުގެ ވޭން ތަޙައްމަލުކުރާ ދަރިވަރުން ވެސް، އަތުގެ އިނގިލިތަކުން ގުނައިލާކަށް ފަސޭހައެއް ނުވާނެއެވެ.

ދަރިވަރުންގެ މި ފަދަ ކަންކަން ލޮލުން ދެކި، އަތުން ހިފުމުގެ ފުރުޞަތު ލިބުމުން، ހަނދާނުގެ ވާފަށަށް ދަމައި ވާންކުރާންފެށީ، އަހަރެންގެ ހަޔާތުގެ މި ދުވަސްތަކުގެ ހަނދާންތަކެވެ. އަމިއްލަ ނަފުސު ތަޖުރިބާކުރި ހިތްދަތި ކަންކަމެވެ. ހައިސްކޫލުގައި އަހަންނަށް ވެސް ދަތުރުކުރާން ޖެހުނީ، މި ފަދަ އަޑިގުޑަން މަގަކުންނެވެ. ދަތި އުނދަގޫ ދަތުރަކަށްވިއެވެ. އާއިލާއާ ދުރުގައި، ދުރުހިލޭ ބަޔެއްގެ ގާތުގައި އުޅޭން ޖެހުމުންނެވެ. ބޭނުންވާ މިންވަރާ ގާތަށް ވެސް، ކިޔަވާން ވަގުތުނުލިބޭތީއެވެ. ހަމަ ޙަޤީޤަތުގައި ވެސް އަހަންނަށް އިޙުސާސްކުރެވުނީ، “ޓްރެއިންރ ވީލް ބައިކް” އެއްގައި ދުއްވާފައި ދަނިކޮށް، މީހަކު އައިސް ކުއްލިއަކަށް ދެ ފުރޮޅު އެއްފަހަރާ ދަމައިގަތުމުން ކުރެވޭ ފަދަ އިހުސާސެކެވެ.

އާއެކެވެ. އެ ފަދަ ހާލަތެއްގައި ކުއްލިއަކަށް ވެއްޓި ޖެހުމަކީ ނުހަނު ގާތުގައި އޮތް ކަމެކެވެ. ތެދުވާނޭ ހިތްވަރު ނުލިބި، ބައެއް ދަރިވަރުން އޮޔަށް ވަޔަށް ބެހިގެން ދަނީއެވެ. އަނެއްބައި ދަރިވަރުން، ވެއްޓި ޖެހުމާ އެކު، އާ ހިތްވަރެއްލައި ފުންމައިގެން ތެދުވެއެވެ. އުނދަގުލުން ނަމަވެސް ދަތުރު ފުރިހަމަ ކުރެވެނީ މި ފަދަ ދަރިވަރުންނަށެވެ.

Be the first to comment

ޚިޔާލު