ނަމާދަށް ހުރެ ވާހަކަ ދައްކާކަށް ނުވާނެ

މީގެ އަހަރުތަކެއް ކުރީގެ ދުވަސްވަރެކެވެ. ދިވެހިންނަށް މިހާރު ލިބިފައިމިވާ ތަރައްޤީއާއި ކުރިއެރުމުގެ ކުލައެއް ވަހެއް ރަހައެއް ނެތް ދުވަސްވަރެކެވެ. އާދައިގެ ހާލަތަކަށް ވުރެ ދަށުދަރަޖައިގައި ދިވެހިންގެ ދިރިއުޅުން އޮތް ދުވަސްވަރެކެވެ. ދަނޑި ފަނުން ނުވަތަ އެނޫންވެސް އެފަދަ އެއްޗަކުން ޖިފުޓި އަޅައިގެން، ފުޅި ބައްތީގެ އަލީގައި، ޒުވާރިއާއި ބިންބިފުށް ކައިގެން އުޅުނު ދުވަސްވަރެވެ. މިއީ މިދެންނެވި ފަދަ ޒަމާނެއްގައި ހިނގާފައިވާ ކަމެއްކަމަށް ރައްޓެއްސަކު ކިޔައިދިން ވާހަކައެކެވެ.

އެއްރެއެއްގެ ފަތިހުގެ ވަގުތެވެ. އާދަންފުޅަށް ހޭލެވުނީ ގައިގައި ކޮންމެވެސް އެއްޗެއް ހަފައިގެންނެވެ. ލަފާކުރެވޭގޮތުން ތަންމަކުނެކެވެ. ދިއްލާފައި ހުރި ފުޅި ބައްތި ހުރީ ކަނިކޮށްފައި ކަމަށްވާތީ، ހެފީ ކޮންއެއްޗެއްކަން ނޭނގުނުކަމަށް ވިޔަސް، މިހާރު އެ އުޅެނީ ފަތިސް ވާންކަން އާދަންފުޅަށް ހަމަ ޔަޤީނެވެ. އެހެންކަމުން ނިދަން އޮތުމުގެ ބަދަލުގައި އާދަންފުޅު ތެދުވިއެވެ. އަންހެނުންނަށް ގޮވުމަށްފަހު އޭނާ ދިޔައީ ގިފިއްޔަށެވެ. ދަތްއުނގުޅާ ވުޟޫކޮށްލައިގެން ފަތިސް ނަމާދަށް ދިޔުމަށް ތައްޔާރުވާށެވެ.

އާދަންފުޅު ގެއިން ނިކުމެ، ބޭރަށް ބަލައިލިއިރު މަގުތަކުގައި ރަސްކަން ކުރަނީ ކަޅު އަނދިރި ކަމެވެ. ކަޅުފޮއި މޫސުމުގެ ދުވަސްވަރު ކަމަށްވާތީ، ހަނދުވަރުގެ އެއްވެސް އަސަރެއް ދުނިޔެ މައްޗަކަށް ނުފޯރައެވެ. އަދި ފަތިސް ނަމާދަކަށް ނުގޮވާނޭކަން އާދަންފުޅަށް އެނގެއެވެ. އެހެންނަމަވެސް ދެން މާލަހެއް ނުވެ ގޮވާނޭކަން އެނގޭތީ، އޭނާ ހިނގައިގަތީ މިސްކިތާދިމާއަށެވެ. ވަގުތަށް މިސްކިތަށް އަރައި ޖަމާޢަތުގައި ބައިވެރިވުމަކީ، އޭނާގެ އާދައިގައި މީގެ އެތައް އަހަރެއްކުރިންސުރެ އޮންނަ ކަމެކެވެ.

އާދަންފުޅަށް މިސްކިތާހަމައަށް ދެވުނުއިރު މިސްކިތު ވަޅުދޮށުގައި ކޮންމެވެސް މީހަކު އުޅެއެވެ. ވުޟޫކުރާށެވެ. އަނދިރިކަމުން އެއީ ކާކުކަން ނޭނގުނަސް ލަފާކުރެވޭ ގޮތުން އެއީ އިބުރާހީމެވެ. އާދަންފުޅު މަޑުކޮށްލި އެވެ. އިބުރާހީމް އަންނަންދެނެވެ. ބަންގި ނުގޮވާތީއާއެކު އިބުރާހީމާ ވާހަކަ ދައްކައިލުމަށެވެ.

އިބުރާހީމާއި އާދަމްފުޅު ވާހަކަދައްކަން މަޑުކޮށްލައިގެން ތިބީ މިސްކިތު ހޯނަސްގާ މަތީގައެވެ. މިސްކިތުގެ ވޮށުގެ އަލި ފޯރާފަށުގައެވެ. ވާހަކައިގެ މަޢުޟޫއަކީ މަސްވެރިކަމެވެ. މަސްވެރިކަން ދަށް ވާހަކައެވެ. ރަށުތެރެ ތަދުވާހަކަ އެވެ. އިބުރާހީމް ބުންޏެވެ. މަސްވެރިކަމާއި ކަންކަން ރަނގަޅުވާނީ ކިހިނެއް ހެއްޔެވެ؟ ނިކަން ދެކިބަލާށެވެ! މިހާރު އެހެރަ ފަތިސްވަނީ އެވެ. ރަށުތެރެ މިއޮތީ ނިދާ މަރުވެފަ އެވެ. ފަތިސްނަމާދަށް ވެސް މި އަރައިލަނީ އަހަރެމެން ކަހަލަ ދެތިން މުސްކުޅި އެކެވެ. ރޯދި ބަރަކާތް ދެއްވާނީވެސް ރަނގަޅަށް އުޅެގެންނޫންހެއްޔެވެ.

މިކަހަލަ ވާހަކަތަކެއްގައި ދެވެރިން ތިއްބާ މުދިމްބޭ މިސްކިތަށް އަތުވެއްޖެއެވެ. އެ ދެމީހުންގެ ވާހަކައިގައި ކުޑައިރުކޮޅަކު މުދިމްބޭ ވެސް ބައިވެރިވެލި އެވެ. އެއަށްފަހު ވަގުތު ޖެހެން ކައިރިވުމުން ތިން މީހުން ގޮސް މިސްކިތަށް އަރައިފި އެވެ.

މިސްކިތަކީ ކުޑަކުޑަ މިސްކިތެކެވެ. ހަތަރު ބިތް، ހިރިގަލުން ހަދާފައިވާ، ގަލުވަޑާމުގެ މަސައްކަތް ވަރަށް ރަނގަޅަށް ދައްކައިދޭ މިސްކިތެކެވެ. ފުރާޅުގައި ލައިފައި ހުރީ ފަނެވެ. ވަރަށް ފަހުން ފަން އައުކޮށްފައި ވާހެން ހީވެއެވެ. މިސްކިތަށް އަލިކުރަން ދިއްލާފައި ހުރީ ވޮށެކެވެ. މުދިންބޭ މިސްކިތަށް އެރުމަށްފަހު ދިއްލާފައި ހުރި ވޮށުގެ ފުށްތައް ބޮޑުކޮށްލައި، ނިވާފައި ހުރި ފުށްތަކުގައި ރޯކޮށްލި އެވެ. އެއާއެކު މިސްކިތު ތެރޭގެ އަލިކަން އިހުނަށްވުރެ ގަދަވެގެން ދިޔައެވެ.

ފަތިސް ނަމާދު ވަގުތު ޖެހިއްޖެ އެވެ. މުދިންބޭ ބަންގި ގޮވައިފި އެވެ. ނިދި އަޑަކުން ފޫޅަށް އިވޭ ވަރަށެވެ. ހަމަ ޔަގީނުންވެސް އެ ކުޑަކުޑަ މިސްކިތުގެ ހަތަރު ފާރުން ބޭރަށް އެއަޑު ފޯރާނެއެކޭ ހިތެއް ނުބުނެއެވެ. އެހެނަސް ވާޖިބު އެވަނީ އަދާވެފައިތާ އެވެ. ބަންގިވެސް ގޮވިއްޖެ އެވެ.

ސުންނަތަށްފަހު ނަމާދަށް ފަށައިފި އެވެ. 3 މީހުން އެކުލެވޭ ކުޑަ ކުޑަ ޖަމާޢަތެއްގައި ފަތިސް ނަމާދުގެ ބަރަކާތް ހާޞިލުކުރަމުން ދެއެވެ. ފުރަތަމަ ރަކުޢަތް ނިމި ދެވަނަ ރަކުޢަތުގެ އަލްޙަމްދު ކިޔައި ނިމިއްޖެ އެވެ. ކުއްލިއަކަށް ފެނުނީ ދިއްލާފައި ހުރި ވޮއް އެލުވާފައިވާ ވާގަނޑުން ވޮށާ ދިމާއަށް ކުޑަކުޑަ މީދަލެއް ފައިބާ ތަނެވެ. ވޮށް އެލުވާފައި ހުރީ މުދިންބޭގެ ބޮލާ ދިމާއަށްވުރެ ތަންކޮޅެއް ފަހަތުގަ އެވެ.

މީދާ ވޮށާ ދިމާއަށް ފައިބާތަން ފަހަތުގައި ތިބި އާދަމްފުޅަށާއި އިބުރާހީމާ ދެމީހުންނަށް ވެސް ފެނިއްޖެ އެވެ. އިބުރާހީމްގެ ހިތަށް އެރިއެވެ. މީދަލަކީ ފާޑެއްގެ އެއްޗެކެވެ. ވޮށުގައި އެހުރީ ރޯކޮށްފައި ހުރި އަލިފާނެއެވެ. މަތީގައި އެއޮތީ ފަން ފުރާޅެކެވެ. އަނެއްކާ މި މީދާގަނޑު ކުރަން މިއުޅެނީ ކީއްބާވަ އެވެ؟

އިބުރާހީމްގެ ހިތަށް ބިރުވެރިކަން ވަދެއްޖެ އެވެ. މަޑަކުން ނުހުރެވުނެވެ. ޖެހިގެންހުރި އާދަމްފުޅުގެ އަތުގައި އޮޅަނބޮށިކޮޅުން ކޮއްޓައިލެވިއްޖެ އެވެ.  “އާދަންފުޅާ! ވޮށާ ދިމާއަށް އެހެރަ ފައިބަނީ މީދަލެއް” ވައިއަޑުން އިބުރާހީމް ބުންޏެވެ.

އާދަމްފުޅަކަށް މިގޮތެއް ކަމަކު ނުދިޔަ އެވެ. ވާނީވެސް އެހެންތާ އެވެ. މި ތިބީ ނަމާދަށެވެ. އިބުރާހީމު ހަނދާންނެތުނަސް އާދަންފުޅު އެކަން ހަނދާން އެބަހުއްޓެވެ. ކިތަންމެ ސިއްރުން ވައި އަޑުން ނަމަވެސް ނަމާދަށް ހުރެ ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއް ނޫނެވެ. އާދަންފުޅަށް އެކަން އެނގެ އެވެ. އެހެންކަމުން އިތުރު އެއްޗެއް އިބުރާހީމް ބުނުމުގެ ކުރިން އަވަސް އަވަހަށް އޭނާ ބުންޏެވެ.

“އިބުރާހިމާ! ނަމާދަށް ހުރެ ވާހަކަ ދައްކާކަށް ނުވާނެ!”

އޭގެ ފަހުން ދެމީހުންކުރެ އެކަކުވެސް ނަމާދުކޮށް ނިމެންދެން އިތުރު އެއްޗެއް ނުބުނެ އެވެ. މީދާވެސް ވަކި ހިސާބަކަށް ފޭބުމަށްފަހު، މައްޗަށް އަރައިގެން ހިނގައްޖެ އެވެ.

Be the first to comment

ޚިޔާލު