ދެބެއިން

މިއީ މި ކުޑަކުޑަ ދިވެހި ފަސްގަނޑުގައި ދާދިފަހުން ހިނގައިދިޔަ ކަމެއްގެ ވާހަކައެވެ. ރަށަކީ ރާއްޖޭގެ ކުޑަ ރަށެކެވެ. މި ވާހަކައިގައި އުޅެނީ އެއްބަނޑު އެއްބަފާ ދެ ބެއިންނެވެ. ބޭބެއަކާއި ފިރިހެން ކޮއްކޮއެކެވެ. އެ ދެބެއިންނަކީ ވަރަށް ހެޔޮލަފާ ޞާލިހު ދެ އަޚުންނެވެ. ފަސް ވަގުތު އެކުގައި މިސްކިތަށް ގޮސް، ޖަމާޢަތުގައި ނަމާދުކުރާ ދެ އަޚުންނެވެ. ދީނީ ކަންކަމަށް ނިހާޔަތަށް ލޯބިކުރެއެވެ. މި ގޮތުގައި ދުވަސްތައް ހޭދަވަމުން ގޮސް ދެބެއިން ޒުވާން އުމުރަށް އަޅައިފިއެވެ.

ދުވަސްކޮޅަކުން ކޮއްކޮގެ ތަޤުވާވެރިކަން ނުއަތަށް ދީލައިލާން ފަށައިފިއެވެ. ޝައިޠާނާގެ ދަންތުރާގައި ޖެހޭންފަށައިފިއެވެ. ފުރަތަމަ އޭނާއަށް ބޮޑުވާންފެށީ، ހަރާމް ހަލާލުގެ މައްސަލައެވެ. އެ ކަން އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން ގޮސް އެންމެ ފަހުން ހައްދުފަހަނަޅައިފިއެވެ. އެހައިތަނަށް ދިޔައިރު، އޭނާގެ ނަޒަރުގައި މި ގައުމުގައި ހައްތާ ވެސް ތިބީ ކާފަރުންނެވެ. ގައުމުގެ ވެރިމީހާއާ ހަމައިން ފެށިގެން ރަށު މިސްކިތުގެ އިމާމާ ހަމައަށް ހައްތާ ވެސް ތިބީ ކާފަރުންނެވެ. މިސްކިތަށް އަރާ އެންމެންނަކީ ވެސް ކާފަރުންނެވެ. އޭނާގެ އެއްބަނޑު އެއްބަފައި ބޭބެ ވެސް މިސްކިތަށް އަރައި ނަމާދުކުރާތީ، ބޭބެ ވެސް އެ ހުރީ ކާފަރުވެފައެވެ. އެ ވިސްނުމަށް އޭނާ ދިޔަ ފަހުން އޭނާ މިސްކިތަކަށް ނާރައެވެ. ނަމާދުކުރާކަމަށް ވަނީ ގޭގައެވެ. 

ކޮންމެއަކަސް ކޮއްކޮގެ ހައްދުފަހަނައެޅުމުގެ ކަންކަން، އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ ބޮޑުވަމުންނެވެ. މިސްކިތަށް އަރައި، ﷲގެ ހަޟުރަތަށް ކުއްތަންވެ، އިޚުލާސްތެރިކަމާ އެކު ނަމާދުކޮށްގެން ފައިބައިގެން އަންނަ މީހުންނާ ދިމާއަށް، ތިޔަބައި މީހުން ތި އަންނަނީ ޠާއޫތަށް އަޅުކަންކޮށްފައޭ ގޮވާން ފަށައިފިއެވެ. ސުބުހާނަﷲއެވެ. އޭނާގެ ނަޒަރުގައި ގައުމުގެ ވަލިއްޔުލްއަމުރަކީ ޠާއޫތެވެ. ސަރުކާރުން މުސާރަދީގެން ނަމާދުކުރާ އިމާމު މީހައާއި އޭނާގެ ފަހަތުގައި ނަމާދުކުރާ ޖަމާޢަތް ވެސް ވާނީ ތާއޫތުންނަށެވެ.

މި ދަރަޖަށް އޭނާގެ ކަންތައް ގޮސްފައި ވަނިކޮށް، ބޭބެ އެއް ދުވަހަކު ޝޭޚަކާ ބައްދަކޮށް، ކޮއްކޮގެ މި ޢަމަލުތަކުގެ ވާހަކަ ދައްކައި، މި ކަމާ ބެހޭގޮތުން ސުވާލުކޮށްފިއެވެ.

“ކޮއްކޯ!” ބޭބެއާ މުޚާޠަބުކޮށް ޝޭޚު ވިދާޅުވިއެވެ. “މި އުއްމަތުގައި އަދި ދީނީ އިލްމުވެރިން ހުހެއްނުވޭ! މުސްލިމުން ހަލާކުވެގެނެއް ނުދޭ! ގިނަ މީހުން ތިބީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ އަގީދާގެ މަތީގައި ސާބިތުވެ. އިސްލާމުން ތި ގޮތަށް ކާފަރުކުރުމަކީ، މި އުއްމަތަށް ޚަވާރިޖުން ގެނައި ބިދުޢައެއް.” ޝޭޚުގެ މި ބަހުގެ މުރާދަކީ މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނާ ހަމަ ކޮންމެ މީހަކީ ޚަވާރިޖެކޭ ނޫނެވެ.

މި މޭރުމުން ބޭބެއާ ޝޭޚު ވާހަކަފުޅު ދެއްކެވުމުން، އޭނާ ހިތްހަމަޖައްސާލައިގެން ގެއަށް ހިނގައްޖެއެވެ. ދިޔަތާ ކުޑަ އިރުކޮޅެއްގެ ފަހުން ޝޭޚަށް ކޮއްކޮ ގުޅައިފިއެވެ.

“ޝޭޚު! އަޅުގަނޑު ޠާއޫތުގެ މިސްކިތަކަށް ނާރަން! ޠާއޫތުގެ ފަހަތުގައި ނަމާދެއް ވެސް ނުކުރަން! އެހެންވީމާ އަޅުގަނޑު ޚަވާރިޖަކަށް ވާނެތޯ؟”

“ކޮއްކޯ! ކޮއްކޮ ޚަވާރިޖަކަށް ނުވިޔަސް، މި ރަށުގެ އިމާމާއި ރަށުގެ ރައްޔިތުންނަކީ ކާފަރުންނޭ ތިޔަ ބުނަނީ ކީއްވެގެން؟” ކޮއްކޮއާ ޝޭޚު ސުވާލުކުރެއްވިއެވެ. “ތިޔަ ކުރެވެނީ ޚަވާރިޖުންގެ ނުބައިވެގެންވާ ޢަމަލެއް. ތިޔަ ނުބައި ޢަމަލު އަވަހަށް ހުއްޓައިލާ!”

“ޝޭޚަށް އެނގިވަޑައިނުގަތަސް އަޅުގަނޑުގެ ބޭބެގެ ކިބައިގައި ވަރަށް ބައިވަރު ކުފުރު އެބަ ހުރި!” ޝޭޚުގެ ވާހަކަ އަޑުއަހަން ހުރެފައި ކޮއްކޮ ބުންޏެވެ.

ކޮއްކޮގެ މި ޖުމުލަ އިވިފައި ޝައިޚުގެ ހައިރާކަން އިންތިހާއަށް ދިޔައެވެ. ދީނަށް ލޯބިކުރާ، ދީނީ އަޅުކަންތައްތައް ބަރާބަރަށް އަދާކުރަމުން އަންނަ، ދީނީ ކަންކަން ދީނީ އިލްމުވެރިންގެ އަރިހުން އޮޅުން ފިލުވައިގެން ދީނާ އެއްގޮތަށް އުޅެވޭތޯ އިންތިހާއަށް މަސައްކަތްކުރަމުން އަންނަ ކުއްޖަކަށް ނިސްބަތްކޮށް އެ ފަދަ އެއްޗެއް ބުނުމުންނެވެ.

“ތިޔަ ބުނި ކުފުރުތަކުގެ ތެރެއިން އެއް ކުފުރު ބުނެދީބަލަ!” ޝޭޚު އެދިލެއްވިއެވެ.

“ބޭބެގެ އަންހެނުން އަޅުގަނޑުގެ ކުރިމަތީގައި މޫނުބުރުގާ ނާޅާ އުޅެނީ. އެއީ ކިހައި ބޮޑު ކުފުރެއް!”

އޭނާގެ މި ވާހަކަ އަޑު އިވުމުން ޝޭޚު ހައިރާންވިއެވެ. މި ދަރަޖަޢަށް އޭނާގެ ކަންކަން ގޮސްފައިވާތީއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ބޭބެ އޭނާގެ ގޮތުގައި އުޅެމުން ގެންދިޔައެވެ. އިލްވެރިންގެ އަރިހުން ކަންކަން އޮޅުން ފިލުވަމުން، އެއާ އެއްގޮތަށް ކެތްތެރިކަމާ އެކު ދުވަސްތައް ހޭދަކުރަމުންނެވެ. ކޮއްކޮ ވެސް ކޮއްކޮގެ ގޮތުގައި އުޅެމުން ގެންދިޔައެވެ. އެންމެންނަކީ ވެސް ކާފަރުންކަމުގައި ކަނޑައަޅައި މީހުން ދީނުން ބޭރުކުރަމުންނެވެ. އާޚިރުނަތީޖާ ފެނުނީ ހީވެސް ނުކުރާ ކަހަލަ ހިތި ގޮތަކަށެވެ. ޝައިޠާނާ އޭނާ ހައްލަމުން ދީނުން ބޭރުކުރަމުން މަގުފުރައްދަމުން ގެންދިޔަ ގޮތަށް ގެންގޮސް ވެއްދީ މަސްތުވާތަކެތީގެ ވަބާގެ ތެރެއަށެވެ. މަސްތުވާތަކެތީގެ އަޅަކަށްވެ، މީހާ ދެ ދުނިޔޭން ގެއްލި ދިޔައީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

Be the first to comment

ޚިޔާލު