ތަޢާރަފް

އއ. މަތިވެރީ ފިނިވާގޭ މުހައްމަދު ގާސިމު ލިޔުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާން ފެށީ، އުމުރުން 17 އަހަރުގައެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ލިޔުނީ، “ލޯތްބެއްގެ ނިމުން” މި ނަމުގައި ލިޔުނު ކުރުވާހަކައެކެވެ. އެހެންނަމަވެސް މި ވާހަކަ އާންމުންނާ ހަމައަށް ފޯރާފައެއް ނުވެއެވެ.

މުހަންމަދު ގާސިމްގެ ވާހަކައެއް ފުރަތަމަ އާންމުންނާ ހަމައަށް ފޯރާފައިވަނީ،1997 ވަނަ އަހަރުއެވެ. އެއީ “މިއަދު” ނޫހުގައި ޝާއިޢުކުރި “އުދަބާނި” ވާހަކައެވެ. އެ ވާހަކައަށް ވަނީ ފިލްމެއް އުފައްދައި، ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އޭނާގެ އެހެނިހެން ވާހަކަތަކަށް ވެސް ވަނީ ފިލްމު އުފައްދައި ސިނަމާ ކޮށްފައެވެ. އޭގެތެރޭގައި “ހަ ފަރާތް” “އެ ދަތުރު” ވަކިނުވި ނަމަ” ހިމެނެއެވެ
ވާހަކަ ލިޔުމުގެ އިތުރުން މުޙައްމަދު ޤާސިމް ވަނީ، ތަފާތު މައުޟޫތަކަށް އާޓިަކަލްތައް ލިޔެ، އެކިއެކި ނޫސް މަޖައްލާތަކުގައި ޝާއިޢުކޮށްފައެވެ. އޭގެތެރޭގައި މިއަދު ނޫހުގެ އިތުރުން އައްޑުވަސް، އުދަރެސް، ގުންޒަރު، މަނަސް، ހަފުތާ، ފިޔެސް، ސަން މަޖައްލާ، ސަން އޮންލައިން، ވީ ނިއުސް އޮންލައިން، ލިޔުންތެރިންގެ ގުޅުން، ރާއްޖެ އެމްވީ ހިމެނެއެވެ. އަދި ޖަމާއަތުގެ ޚަބަރަށާއި ފަތްތޫރައަށް ވެސް ވާހަކައާއި، ތަފާތު އާޓިކަލްތައް ލިޔެފައިވެއެވެ.

ދިވެހިރާއްޖޭގެ އަޑުން ކޮންމެ ރަމަޟާންމަހަކު ބާއްވާ ކުރުވާހަކަ މުބާރާތާއި، ދިވެހިބަހުގެ އެކެޑަމީން ބާއްވާ ޤައުމީ ދިގުވާހަކަލިޔުމުގެ މުބާރާތާއި، ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ފަނޑިޔާރުކަން އެތައް ފަހަރަކު މުޙައްމަދު ޤާސިމް ވަނީ ކޮށްފައެވެ.

ދިވެހިބަހާއި ސަޤާފަތުގެ ރޮނގުން 2009 ވަނަ އަހަރު ޑިގްރީ ޙާސިލުކޮށް، 2019 ވަނަ އަހަރު ކިޔަވައިދިނުމުގެ ރޮނގުން މާސްޓާސް ޑިގްރީ ހާޞިލުކޮށްފައިވާ މުޙައްމަދު ޤާސިމަށް ވަނީ 2009 ވަނައަހަރު ވަނީ ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، ހިތްވަރު ދިނުމުގެ ގައުމީ އިނާމް ސަރުކާރުން ދެއްވާފައެވެ. ގައުމީ އިނާމުން ލިބުނު ހިތްވަރުގައި، މުޙައްމަދު ޤާސިމްގެ އުއްމީދާއި އަޒުމަކީ، ލިޔުންތެރިކަމުގެ ރޮނގުން ގައުމަށް ޚިދުމަތްކުރުމުގައި ސާބިތުކަމާ އެކު ދެމި ހުރުމެވެ.