ފަންޑިންގ ޕްރޮޕޯސަލް

ސުވާލު:

އއ. ރަންގިރިހުރާ ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެން، އެ ރަށުގައި ޓާފް ދަނޑެއް ހަދަން ވަނީ ގަސްތުކޮށްފައެވެ. މި ދަނޑު ހެދުމުގެ ބޭނުމަކީ، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކޮށް، ފުޓުބޯޅައިގެ ރޫހާއި ހުނަރު އިތުރުކުރުމެވެ. އެހެންކަމުން، މި ދަނޑު ހެދުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް ހުށަހެޅުމަށް ޓަކައި ޕްރޮޕޯސަލެއް ލިޔާށެވެ! މި ޕްރޮޕޯސަލްގައި، ދަނޑު ހެދުމުގެ މުހިންމުކަމާއި ދަނޑުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ރާވާފައިވާގޮތާއި ދަނޑު ހަދަން ގަސްތުކުރާގޮތުގެ އިތުރުން، މި ކަމަށް ދާނެ ޚަރަދު (ބަޖެޓް) ވެސް އޮޅުންފިލުވައިދޭން ވާނެއެވެ.

އއ. ރަންގިރިހުރާގައި ޓާފް ދަނޑެއް ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް

ތަޢާރަފު

މިއީ އއ. ރަންގިރިހުރާގެ ޒުވާނުންގެ މެދުގައި، އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކޮށް، ފުޓުބޯޅައިގެ ރޫހާއި ހުނަރު އިތުރުކުރުމުގެ ގޮތުން، ޓާފް ދަނޑެއް ހަދަން ބޭނުންވާތީ، އެ ކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ޓަކައި ހުށަހަޅާ ޕްރޮޕޯސަލެކެވެ. މި ޕްރޮޕޯސަލްގައި މި ދަނޑު ހެދުމުގެ މުހިންމުކަމާއި ދަނޑުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ގޮތާއި ދަނޑު ހަދަން ގަސްތުކުރާ ގޮތުގެ އިތުރުން، މި ކަމަށް ދާނެ ޚަރަދު (ބަޖެޓް) ހިމަނާފައިވާނެއެވެ.

ދަނޑު ހެދުމުގެ މުހިންމުކަން

ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ނެތުމުގެ ސަބަބުން، މި ރަށުގެ ޒުވާނުންގެ އުޅުމަށް ނޭދެވޭ ބަދަލުތައް އައިސް، ފުޓުބޯޅައިގެ ކުރިމަގަށް ވަނީ ހިޔަނި އެޅިފައެވެ. އެގޮތުން ކުރިން މި ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ މެދުގައި އުފެދިފައި އޮތް ފުޓްބޯޅައިގެ ފޯރި ކުޑަވެ، ފުޓްބޯޅައިގެ ހުނަރު ނެތެމުންދާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން ޒުވާނުންގެ މެދުގައި ކުރިން އޮތް އެކުވެރިކަމާއި އެއްބައިވަންތަކަށް ހީނަރުވެ، ވިޔާނުދާ އަމަލުތައް ޒުވާނުންގެ މެދުގައި އިތުރުވަމުންދާކަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މި ކަންކަމަށް ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި، ޓާފް ދަނޑެއް ހެދުމަކީ ވަރަށް މުހިންމު ކަމެއްކަމެއް ކަމުގައި ދެކެމެވެ.

މަސައްކަތް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ގޮތް

ދަނޑުގެ މަސައްކަތްކުރުމަށް އަޅުގަނޑުމެން ރާވާފައިވަނީ، މި ޖަމިއްޔާގެ މެންބަރުން އިސްނަގައި، ހިލޭސާބަހަށް މަސައްކަތްކުރާ ގޮތަށެވެ. އެހެންނަމަވެސް މި ޖަމިއްޔާގައި މަސައްކަތަށް ބޭނުންވާ ސާމާނު ނެތުމުން، އެ ފަދަ ތަކެތި ހޯދަން ގަސްތުކޮށްފައި ވަނީ ކުއްޔަށެވެ.

ދަނޑު ހަދަން ގަސްތުކުރާ ގޮތް

ދަނޑު ހަދަން ގަސްތުކުރަނީ ޒަމާނީ ފެންވަރުގެ ޓާފް ދަނޑެއްގެ ގޮތުގައެވެ. އެ ގޮތުން މިހާރު ދަނޑުގައި ހުރި ވިނަތައް ނޮޅައި ސާފުކޮށް ބިންގަނޑު އެއްވަރުކުރުމަށްފަހު، ދަނޑުގައި ޓާފްއަޅަން ވަނީ ގަސްދުކޮށްފައެވެ. އަދި ދަނޑުގެ ދެ ކޮޅުގައި ރަނގަޅު ފެންވަރުގެ ދެ ގޯލުޖަހައި، ދަނޑުގެ ވަށައިގެން 5 ފޫޓު އުސްމިނަށް ފެންސްޖަހަން ވެސް ވަނީ ނިންމާފައެވެ. މީގެއިތުރުން ކުޅިބަލަން އަންނަ މީހުންނަށް ފަސޭހައިން އިށީނދެ ތިބެވޭ ގޮތަށް، ދަނޑުގެ އިރުމަތީ ފަރާތުގައި 100 މީހުންނަށް ދަތިކަމެއް ނެތި ތިބެވޭ ވަރުގެ ސިޑިބަރިއެއް ހަދަން ވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން 6 ފާޚާނާގެ ފާޚާނާބަރިއަކާއި ޗޭންޖިން ރޫމެއް ވެސް ވަނީ ހަދަން ގަސްތުކޮށްފައެވެ.

ދަނޑުގެ މަސައްކަތްތަކަށް ދާނެ ޚަރަދު (ބަޖެޓް)

ޒަމާނީ ފެންވަރުގެ ފުޓްބޯޅަދަނޑެއް ހެދުމަކީ ގިނަގުނަ ޚަރަދުތަކެއް ހިނގާނޭކަމެކެވެ. އެގޮތުން ދަނޑުގައި އަޅަންބޭނުންވާ ޓާފް ގަތުމަށް 15000ރ. ޚަރަދުވާނެއެވެ. މީގެއިތުރުން ދެ ގޯލު ހެދުމަށް ބޭނުންވާ ތަކެއްޗަށް 5000ރ. އަރައެވެ. އަދި ދަނޑުގެ ވަށައިގެން ފެންސް ޖެހުމަށާއި ސިޑިބަރި ހެދުމަށް 20500ރ. ޚަރަދުވާނެއެވެ. ހަމައެއާއެކު ފާޚާނާބަރި ހެދުމަށް ބޭނުންވާ ތަކެއްޗަށް 12000ރ. ޚަރަދުވާނެއެވެ. އަދި ޗޭންޖިންރޫމަށް ބޭނުންވާ ތަކެއްވަށް 9500ރ. ހޭދަވެއެވެ. މީގެއިތުރުން މަސައްކަތަށް ބޭނުންވާ ސާމާނުގެ ކުއްޔަށް 11900ރ އަރައެވެ. އެހެންކަމުން މި އެންމެހައި ތަކެއްޗަށް ޖުމުލަ 73900 (ހަތްދިހަ ތިން ހާސް ނުވަ ސަތޭކަ ރުފިޔާ) ޚަރަދުވާނެއެވެ.

ނިންމުން

ތިޔަ މިނިސްޓްރީން މި ފައިސާ ދެއްވައިފި ނަމަ، ޒަމާނީ ފެންވަރުގެ ޓާފް ދަނޑެއް މި ރަށުގައި ހެދި، އޭގެ ސަބަބުން ރަށުގެ ޒުވާނުންގެ ފުޓުބޯޅައިގެ ހުނަރު އިތުރަށް ކުރިއަރައި ތަރައްޤީވާނެއެވެ. ތިޔަ ފަރާތަކީ މި ފަދަ ކަންކަމަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތެއްކަމަށްވާތީ، މި ޕްރޮޕޯސަލްގައި ހިމެނޭ ކަންމަށް ބައްލަވައި، މި ފައިސާ ލިބޭނޭގޮތް ހައްދަވައިދެއްވުން އެދި ހުށަހަޅަމެވެ.

ތިޔަ މިނިސްޓްރީން މި ފައިސާ ދެއްވައިފި ނަމަ، ޒަމާނީ ފެންވަރުގެ ޓާފް ދަނޑެއް މި ރަށުގައި ހެދި، އޭގެ ސަބަބުން ރަށުގެ ޒުވާނުންގެ ފުޓުބޯޅައިގެ ހުނަރު އިތުރަށް ކުރިއަރައި ތަރައްޤީވާނެއެވެ. ތިޔަ ފަރާތަކީ މި ފަދަ ކަންކަމަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތެއްކަމަށްވާތީ، މި ޕްރޮޕޯސަލްގައި ހިމެނޭ ކަންމަށް ބައްލަވައި، މި ފައިސާ ލިބޭނޭގޮތް ހައްދަވައިދެއްވުން އެދި ހުށަހަޅަމެވެ.

Be the first to comment

ޚިޔާލު