ކޮބާ ކިހިނެއް؟

އެކަކު އަނެކަކާ ބައްދަލުވާހިނދު ސަލާމް ގޮވައިލާ ސަލާންކޮށްލާ ހެދުމަކީ މުސްލިމުންގެ ކިބައިގައި އޮންނަން ޖެހޭ މާތް ސިފައެކެވެ. އެސިފަ އަޅުގަނޑުމެންގެ ތެރޭގައި ނެތެކޭ ނުދަންނަވާނަމެވެ. އެހެންނަމަވެސް ގިނަ ދިވެހިންގެ ކިބައިގައި އަށަގެންފައި ވަނީ މުޅިން އެހެން އުސޫލެކެވެ. ކިތަންމެ ގާތް ރައްޓެއްސަކު ކިތަންމެ ޒަމާނެއްވެފައި ފެނުނަސް، އެންމެ ފުރަތަމަ އަހައިލާނީ “ކޮބާ ކިހިނެއް؟” މިހެންނެވެ. ބައެއް މީހުން ސަލާން ކޮށްލާފައި، އަނެއް ބަޔަކު ސަލާން ނުކޮށްވެސް ކޮށްލާނީ މިސުވާލެވެ. މިއީ މާބޮޑު މާނައެއް އޮވެގެން ކުރާ ސުވާލެކޭ ވެސް ނުދެންނެވޭނެއެވެ. ސަބަކީ މި ސުވާލަށް ކޮންމެ މީހެއްގެ ކިބައިގައި ވެސް އޮންނާނީ ހަލަ އެއް ޖަވާބެކެވެ. އެހެންކަމުން ސުވާލު ކުރާއިރު ވެސް ދޭނީ ކޮން ޖަވާބެއްކަން ހަމަ ކޮންމެ މީހަކަށް ވެސް އެނގެއެވެ. ބައެއް މީހުން ދައްކާނެ މާބޮޑު ވާހަކައެއް ނެތުމުން އަހައިލަނީއެވެ. ނޫނީ އެކަން ކަށީގައި ހިފިހިފީނުން ނުނެއްޓިގެން އުޅެނީއެވެ.

އެއް ދުވަހެއްގެ މެންދުރެއްހާއިރެވެ. އަޅުގަނޑު ދިޔައީ ސޯސަންމަގުން އުތުރުން ދެކުނަށެވެ. ތަންކޮޅެއް އަވަހަށް ތަނަކަށް ދާންޖެހޭތީ، ހިނގަމުން އައީ އާދައިގެ ހިނގުމަކަށްވުރެ ހަލުވިކޮށެވެ. މަޖީދީމަގު ހުރަސްކޮށް ތަންކޮޅަކަށް ދެވުނުތަނާ ދެކެފަރިތަ ރައްޓެއްސަކު ތަންކޮޅެއް ދުރުން އަންނަތަން ފެނިއްޖެއެވެ. އޭނާ ފެނުމާ އެކު، ހުރި ހާލު ފެނިފައި ކުއްލިއަކަށް ފިޔަވަޅަށް ހުއްޓުން އަރާގޮތް ވެއްޖެއެވެ. ކަރުގައި އަޅާފައި ހުރި “ނެކް ގާޑް” ފެނިފައެވެ.  ހިތަށް އެރިއެވެ. އަނެއްކާ މީނާއަށް ކިހިނެއްވީބާވައެވެ؟ ކޮންމެގޮތެއް ވިޔަސް ގިނަ ފަހަރަށް “ނެކް ގާޑެއް” އަޅާނީ ކޮންމެވެސް ކަހަލަ ގޯޙެއް ހިނގީމައެވެ.

ވަކި ހިސާބަކަށް ގާތްވުމާ އެކު އެކުވެރިޔާގެ ހިނގުމުގައި ވެސް ތަފާތެއް ހުރިކަން ފާހަގަ ކުރެވުނެވެ. ހިނގަނީ ފާޑަކަށެވެ. އެއްކައްޓަކަށް ހިނގާފައި އަންނަ މީހަކު ފަދައިންނެވެ. ފިޔަވަޅަކު ވެސް ކުރިން ހުންނަ ކަހަލަ ހަލުވިކަމެއް ނެތެވެ. ހަށިގަނޑުގައި ކޮންމެވެސް ކަހަލަ ވޭނެއް އަޅަނީކަމަށް ވެދާނެއެވެ.

      އަޅުގަނޑު މަގުގެ އެއްފަރާތެއްގައި މަޑުކޮށްލީމެވެ. އޭނާއާ ވާހަކަ ދައްކާލާފައި ނޫނީ ނުދާންކަމަށެވެ. އެހެނަސް އޭނާއަކަށް އަޅުގަނޑު ފެނުނު ކަމަކަށް ނުވިއެވެ. އެކަން އެނގުނީ އަޅުގަނޑާ އަރައި ހަމަވިއިރު ވެސް ބަލައިނުލުމުންނެވެ. އަޅުގަނޑު ގޮވައިލީމެވެ. އޭނާ އަޅުގަނޑާ ދިމާއަށް ބަލައިލުމަށް ޓަކައި އެނބުރެލި ހާލު ފެނިފައި ގޮވައިލެވުނު މޮޔަ ހީވިއެވެ. ކަރު ވަކިން އަނބުރައި ނުލެވޭކަން އެނގުމުންނެވެ. އެނބުރުނީ މީހައި ހުރި ގޮތަށެވެ.

      “ކޮބާ ކިހިނެއް؟” ދުލުގައި ލިޔެވިފައި އޮންނަ ސުވާލު ކޮށްލައިފީމެވެ.

      “ރަނގަޅޭ!” ކުޑަ ހިނިތުން ވުމަކަށްފަހު އޭނާ ހިނގައިގެންފިއެވެ. ތަންކޮޅެއް އަވަހަށް ތަނަކަށް ދާން ބޭނުންވެފައި ހުރި ވަގުތެއް ކަންނޭނގެއެވެ.

      އެހާލުގައި އޭނާ ހުރިނަމަވެސް އަޅުގަނޑު ގާތަށް އައީ ނުލަފާ ހިންޏެކެވެ. ހިތަށް އެރިއެވެ. އެހާލުގައި ހުރެފައި ވެސް، އެދަނީ ރަނގަޅޭ ބުނެފައެވެ. ރަނގަޅު ނަމަ އެފަދަ ހާލެއްގައެއް ނުހުންނާނެއެވެ. ފަހަރުގައި މާ ބޮޑު ގޯހެއް ނެތީކަމަށް ވެސް ވެދާނެއެވެ. ބައެއް ފަހަރު ކަރަށް ނާރެއް އަރައިގެން ދިޔައިމަ ވެސް “ނެކް ގާޑެއް” އަޅަން ޑޮކްޓަރ ލަފާދެއްވައެވެ. އެ ވާނީ އެ ކަހަލަ އާދައިގެ ކަމަކަށެވެ. އެހައި ފަސޭހައިން ރަނގަޅޭ އެ ބުނީ އެހެންވެ ކަންނޭނގެއެވެ.

      އޭގެ ހަފުތާއެއްހައި ދުވަސް ފަހެވެ. އަޅުގަނޑު ދިޔައީ ސްކޫލްދޮށަށް ދަރިފުޅު ބަލައެވެ. ގަޑި ނުޖެހޭތީ މަޑުކޮށްލައިގެން ހުއްޓާ އެއްކަލަ އެކުވެރިޔާ އެ މަގުންދާތަން ފެނިއްޖެއެވެ. އޭރުވެސް ހުރީ “ނެކް ގާޑު” އަޅާފައެވެ. މި ފަހަރު އޭނާއަށް އަޅުގަނޑު ފެނިގެން އަތުވެއްޖެއެވެ. ސަލާންކޮށްލުމަށްފަހު، ކުރީ ދުވަހު ތަންކޮޅެއް އަވަހަށް ތަނަކަށް ދާން ޖެހިގެން މަޑުކޮށް ނުލެވުނީއޭ ބުނެ ވާހަކަ ފަށައިފިއެވެ.

      ވާހަކައިގެ ތެރެއިން އަޅުގަނޑު އަހައިލީމެވެ. ކަރަށް ކިހިނެއް ވީހެއްޔެވެ؟ ޖަވާބުގައި އޭނާ ބުންޏެވެ. “މި އުޅެނީ މާ ވަރުގަދަ އެކްސިޑެންޓެއް ވެގެނެއްނު.”

      “ކިހިނެއްވީ؟” އަނެއްކާ ވެސް އަޅުގަނޑަށް އަހައިލެވުނެވެ.

      “ސައިކަލުން ވެއްޓި ކޮނޑުގެ ކަށިގަނޑު ބިންދައިގެން ދިޔައީ.” އެ ދިމާގައި އަތް ޖައްސާލައިފައި އޭނާ ބުންޏެވެ.

      އެ ޖުމުލަ އިވިފައި އަޅުގަނޑަށް ސުބުޙާނަﷲ އޭ ބުނެވުނެވެ. ކުއްލިއަކަށް ކުރިމަތީގައި ސިފަވެގެން ދިޔައީ ކުރީ ދުވަހުގެ މަންޒަރެވެ. އަޅުގަނޑު ގޮވައިލުމުން އޭނާ އެނބުރުނު ގޮތެވެ. ކިހިނެއްހޭ އަހައިލުމުން ރަނގަޅޭ ކިޔާފައި ދިޔަ ދިޔުމެވެ. ހިތަށް އެރިއެވެ. މީހަކު ހަމަ ކިހިނެއްހޭ އަހައިލާއިރަށް ދިވެހިން ރަނގަޅޭ މި ބުނަނީ ހަމަ ރަނގަޅުވެގެން ބާވައެވެ؟ ނޫނީ އިތުރު ސުވާލެއް ކުރިމަތިވެދާނެތީ އެކަމުން ރެކެން ބޭނުންކުރާ ރެކުމުގެ ލަފުޒެއް ބާވައެވެ؟ އާއެކެވެ. އެހެންނޫން ނަމަ ކޮނޑުގެ ކަށިގަނޑު ބިނދިފައި ހުއްޓާ، ކިހިނެއްތޯ އަހައިލުމުން ހަމަގައިމު ވެސް ރަނގަޅެކޭ ނުބުނީހެވެ.

Be the first to comment

ޚިޔާލު