ސައިކަލް ލައިސަންސް

މީގެ ހައެއްކަ އަށެއްކަ އަހަރު ކުރިއަށް ޖެހިލައިފި ނަމަ، މާލޭގެ މަގުތަކުގައި ރަސްކަން ކުރާތަން ފެންނާނީ ފިރިހެނުންނެވެ. ބައިސްކަލެއް، ސައިކަލެއް، ކާރެއް ވިޔަސް ދުއްވާން އިންނާނީ ފިރިހެނެކެވެ. އަންހެނަކަށް ޖާގަ ލިބޭނީ ފަހަތުންނެވެ. އެހެންނަމަވެސް މިއަދު މަންޒަރު މި ވަނީ ބަދަލުވެފައެވެ. މާލޭގެ މަގުތަކުގައި ފިރިހެނުން ރަސްކަން ކުރާއިރު، އަންހެނުން އަންނަނީ ރަނިކަން ކުރަމުންނެވެ. ސައިކަލާއި ކާރު ދުއްވާ އަންހެނުން މަދެއް ނޫނެވެ. ޓެކްސީ ކުރާތަން ވެސް މަދުމަދުން ފެނެއެވެ.

ސައިކަލުތަކުގެ ކުރީ ޝީޓުތަކަށް އަންހެނުން އެރުން ވީ، ލިބުނު ވަރަށް ބޮޑު ލުއި ފަސޭހައަކަށެވެ. އެހެންނަމަވެސް މަގުތަކުގެ ހާލަތު…….. އެ ވާހަކަ ބާއްވާފައި އެހެން ވާހަކައަކަށް ޖާގަ ހުސްކޮށްލާނަމެވެ. އަހަރެންގެ އެކުވެރި އަންހެނަކު ސައިކަލު ދުއްވާން ފަށައިގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ. އަދިވެސް ލައިސަންސް އަތަށް އަރާވަރެއް ނުވެއެވެ. އެހެން އެ ވަނީ، އޭނާއަށް އެ ކަމާ އުޅެންވާ ވަރަށް ނޫޅެވޭތީއެވެ. އެހެންނޫން ނަމަ، މިހާރު އޭނާ ސައިކަލެއް ގަނެގެން ދުއްވާދުއްވާ ބައު ވެދާނެއެވެ. މި ކަހަލަ އެއްޗެހި ކިޔައި ބަޔެއް ފަހަރު އޭނާއާ ދިމާކޮށް ވެސް ހަދަމެވެ.

ދާދި މިދާކަށް ދުވަހު މެންދުރު ކުރީގެ ވަގުތު، އަމީނީ މަގުން އިރަށް ގޮސް، ސްޓެލްކޯއާ އަރައި ހަމަވިތަނާ، މަގުގެ އެއް ފަރާތަށް ކާރެއް މަޑުކޮށްލުމުން ބަލައިލި އިރު، ކާރާ ދިމާއަށް އޭނާ އަންނަ ތަން ފެނުނެވެ. ހުރީ ވަރުގެ ކޮޅަށް ނަލަހެދިލައިގެންނެވެ. އަހަރެން ފެނުމުން، އޭނާ ގާތަށް އައީ ހިންޏެވެ. ކޮންތާކަށް ދަނީހޭ އަހައިލުމުން، ހިނިއައިސްފައި ހުރެ، ތިޔަރީ ޓެސްޓު ހަދަން ދަނީ ކަމަށް ބުނެފައި ކާރުގެ ދޮރު ހުޅުވައިލިއެވެ. އޭނާ ހިނިއައިސްފައި ހުރި ވަރުން، އަހަރެން ގާތަށް ވެސް ހިނިއައެވެ. އެހެންނަމަވެސް އޭނާ ކާރަށް އެރުމުގެ ކުރީން “ގުޑް ލަކް” އޭ ބުނެލީމެވެ.

މިއަދަކީ ކުޑަ ދުވަހެއް ނޫންތާއޭ ހިތަށް އެރިއެވެ. މިހާރު އެ ނައްޓައިލީ ތިޔަރީ ޓެސްޓަށެވެ. ފާސްވެއްޖިއްޔާ ދެން އޮންނާނީ ދުއްވުމެވެ. އެހައިހިސާބުން ލައިސަންސް ލިބޭނެއެވެ. އެތައް ޒަމާނަކު ދެކެމުން އައި ހުވަފެނެއް ޙަޤީޤަތަކަށް ވާނެއެވެ. އަނެއްކޮޅުން ވަރަށް ބޮޑު ލުޔަކަށް ވެސް އޭނާއަށް ވާނެއެވެ. މި ކަހަލަ ޚިޔާލުތަކެއްގައި އިނދެ އަހަރެން އެ ދިޔަ ތަނަކަށް ގޮސް އެކުރިކަމެއް ކޮށްފީމެވެ.

އޭގެ ދެތިން ދުވަސްފަހުން އޭނާއާ ދިމާވެގެން އަހައިލުމުން އެނގުނީ، އެ ދުވަހު ތިޔަރީ ޓެސްޓުން ފާސްވިކަމެވެ. އަހަރެން އޭނާގެ އެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ތަހުނިޔާކީމެވެ. ދެން އޮތީ ދުއްވުމުގެ ޓެސްޓު ދޯއޭ އަހައިލުމުން ބުންޏެވެ.

“ތިހެން ބުނީމާ ވެސް މޭ ތެޅެން ފަށައިފި. އެ ދުވަހަކުން ކިހިނެއްވާނެ ބާވައޭ މިހާރު ވެސް ހިތަށް އަރާ. އެތައް ބަޔެއްގެ ތެރޭގައި މަށަށް އެކަން ވާނެބާއޭ ވެސް ހިތަށް އަރާ.”

ކޮންމެއަކަސް އޭނާގެ ބޮޑު އިމްތިހާނާ ކުރިމަތިލުމުގެ ވަގުތު އައިސް ކުޑަތަން ވެއްޖެއެވެ. އެ ދުވަހު އޭނާއަކާ ދިމައެއް ނުވެއެވެ. އެހެން މީހެއްގެ ފުށުން އެނގުނު ގޮތުގައި، އޭނާ އެ ދުވަހު ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެ، ހާސްވެފައެވެ. ބިރުގަތްވަރުން ކޮންމެވެސް ވަރަކަށް ހުން ވެސް އައިސްފައެވެ. އެ ވާހަކަ އަޑުއަހާފައި ހިތަށް އެރިއެވެ. އަނެއްކާ ކިހައި ވަރަކުން ދާނެ ބާވައެވެ؟

ޖެހިގެން އައި ދުވަހު ގުޅާލައިފައި، ދުއްވުމުގެ ޓެސްޓު ދިޔައީ ކިހިނެއްތޯ އަހާލުމާއެކު، ފެށީ ހޭށެވެ. ހީނހީނފައި، އެއީ ވާ ޓެސްޓެކޭ ބުނެފިއެވެ. އަހަރެން ބުނީމެވެ. އެހެންވިއްޔާ ތި ވާހަކަ އިހަށް ބާއްވާށެވެ. ތި ވާހަކަ ދައްކާންވާނީ ދިމާވެގެންނެވެ. އޭނާގެ ވާހަކައާއި ރާގު ހުރި ގޮތުން އެއީ ސަހަލު ކަމެއް ނޫންކަން އަހަންނަށް އެނގުނެވެ. އޭނާ އެކަމަށް އެއްބަސްވެ، ފޯނު ބޭއްވިއިރު ވެސް، ހުނުމަކަށް ހުއްޓުމެއް ނާދެއެވެ. ދެ ދުވަހެއް ފަހުން އޭނާއާ ބައްދަލުކުރީމެވެ. އޭނާ ކިޔައިދިނެވެ.

ހަވީރު ފިނިޖެހެމުން އައި ވަގުތެވެ. ދުއްވުމުގެ ޓެސްޓު އޮތް ތަނުގައި މީހުން މަދެއް  ނޫނެވެ. އޭނާ ހުރީ ތަންކޮޅެއް ފަހުން އޭނާއަށް ޖެހޭތޯ ހިތާހިތުން ދުޢާ ކޮށްލަކޮށްލައެވެ. އެހެންނަމަވެސް ކަންދިމާކުރި ގޮތުން، އެންމެ ފުރަތަމަ ދުއްވަން ޖެހުނީ އޭނާއަށެވެ. އަލްފަބެޓިކް އޯޑަރު ޖެހި ސަކަރާތެއް ކަންނޭނގެއެވެ. ކޮންމެއަކަސް ހަތަރެސްފައި ފިނިވެ، ދާ ހިއްލާފައި ހުރެ، “އަށެއް” އަޅައިލައިފިއެވެ. ދެން އޮތީ ދުއްވުމެވެ. އެންމެން އަށެއް އަޅައި ނިމުމުން، މި ފަހަރު ވެސް “ކުޅިފަސް” ލިބުނީ އޭނާއަށެވެ.

ޓެސްޓުކުރަން އައިސް ހުރި މީހާ ފަހަތުގައި ބައިންދައިގެން، ތެޅިތެޅި އޮތް ހިތަކާއެކު ނައްޓާލައިފިއެވެ. ނަސީބަކުން ދެން ވީ، ކަނޑުވީމާ ވާގޮތެވެ. އޭނާ ބުނި ގޮތްގޮތަށް ބުނި މަގުތަކުން، ވަކި ހިސާބަކަށް ދިޔަތަނާ އެންގީ، މަގުގެ ކަނާތްފަރާތުގައި ޕާކުކޮށްލުމަށެވެ. ޖެހުނީ “ޔޫޓަރން” އެއް ނަގާށެވެ. އެހެންކަމުން ޕާކުކުރުމަށް ޓަކައި އަނބުރައިލައިފިއެވެ. އެ ވަގުތު ވީ ނުވީއެއް ނޭނގި، ވުސްޖަހާފައި ސައިކަލު ދުއްވައިގެންފިއެވެ. ބޮޑު ބިރެއް ފެނިގެން ދުވެގަތް ކަހަލައެވެ. އެ ދިޔަގޮތަށް ގޮސް، ދިހަ ވަރަކަށް ފޫޓު ދުރުގައި އޮތް ޕިކަޕެއްގައި ޕައްކިޔާފައި ޖެހިއްޖެއެވެ. އެއާއެކު އަރިއަޅާލައިފިއެވެ. ހަމަ އެ ސިކުންތުގައި ސައިކަލާއެކު ވެއްޓި ޖެހިއްޖެއެވެ. ފަޔަށް ތަދުވި ނަމަވެސް، އޭނާއަށް ފުރަތަމަ ވެސް ބަލައިލެވުނީ، ފަހަތުގައި އިން މީހާގެ ހާލަކީ ކޮބައިތޯއެވެ.

ކަމަކުދާކަށް ނެތެވެ. އެ ފަކީރު އޮތީ މަގުމަތީގައި އިދިފުށަށެވެ. ދެއަތް ދެ ފަރާތަށް ވެއްޓި، ދެ ކަކޫ މައްޗަށް ހިއްލިފައެވެ. ގަތް ބިރެއްގެ ބޮޑުކަމުން، ދެ ފައި ފިނިވެގަތެވެ. އަނެއްކާ އޭނާއަށް ކަމެއްވީ ބާވައެވެ؟ އަވަސް އަވަހަށް ތެދުވަށް އުޅެނިކޮށް، ތަންކޮޅެއް ދުރުގައި، އެ ސަކަރާތްގަނޑު ބަލާން ހުރި ދިވެއްސަކު، ދުވެފައި އައިސް ވެއްޓިފައި އޮތް މީހާ ނަގައިފިއެވެ. ބިދޭސީއަކު އައިސް، ސައިކަލު ނަގައިފިއެވެ.

“ކިހިނެއް ތި ހެދީ؟” ފަހަތުގައި އިން މީހާ ނަގައި ކޮޅަށް ބެހެއްޓުމުން، ބުރަކަށީގައި އަތް އުނގުޅާން ހުރެފައި އަހައިލިއެވެ. ނަސީބަކުން، އޭނާއަކަށް މާ ބޮޑުކަމެއް ނުވެއެވެ.

އެހައި ހިސާބުން ފަހަތުގައި އިން މީހާ އެރީ ކުރިއަށެވެ. އޭނާއަށް އަރަން ޖެހުނީ ފަހަތަށެވެ.

“މީނާއަށް ރަނގަޅަށް ދުއްވަން ދަސްކޮށްދީ! އެހެރީ މަ ވެސް ވައްޓައިލާފަ.” ޓެސްޓުކުރަން އުޅުނު މީހާ، ދުއްވަން ދަސްކޮށްދިން މީހާގެ މޫނަށް ބަލައިލީ، ސީރިޔަސް ނަޒަރަކުންނެވެ.

ހީނހީނފައި މި ވާހަކަ ކިޔައިދީ ނިމުނު އިރު، އޭނާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. ކުރާނީ ކީއްހެއްޔެވެ؟ އެހައި ޒަމާންކޮށްފައި، ދިޔަ ދުވަހު ވެސް ވީ ވަރެވެ. އޭނާ އަނެއްކާ ވެސް ފަރިތަކުރާން ފަށައިފިއެވެ. ޓެސްޓު ކުރަން އަންނަ މީހާ ވައްޓާނުލައި، ދުއްވޭ ވަރަށް ފަރިތަކުރެވޭ ތޯއެވެ.

Be the first to comment

ޚިޔާލު