އޮޑިމަތި ޕާޓީ

ތަޢާރަފު:

    ކޮވިޑާގުޅިގެން ގޭގައި ތާށިވެފައި ތިބެތިބެ، މާލޭގައި އުޅޭ ގިނަ މީހުން ތިބީ އަވަދިވާވަރުވެފައެވެ. މީގެތެރޭގައި ވަކިން ބޮޑަށް ފާހަގަކޮށްލެވޭ ބަޔަކު ފެނެއެވެ. އެ މީހުން މިހާރު ބޭނުންވަނީ ބޮނބިއަރިއަކަށް އަރައިގެން ނަމަވެސް މާލޭގެ ތޮށިން ބޭރުވާށެވެ. ދެން ވާނީ ވެސް އެކަހަލަ ގޮތެކެވެ. އެ ވެރީންނަކީ އާންމު ހާލަތުގައި، މަދުވެގެން މަހަކު އެއް ފަހަރު ކޮންމެވެސް ރަށަކަށް ދަތުރެއް އަޅަމުން އަންނަ ބަޔެކެވެ. މި ދައްކަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ކިޔަވައިދޭ ލެކްޗަރާއިން ކޮޅެއްގެ ވާހަކައެވެ.

ކޮންމެއަކަސް މި ވެރީން މާލެއިން ބޭރުވާނެ ގޮތަކާމެދު މަޝްވަރާކުރާން ފަށައިފިއެވެ. ފުރަތަމަ ރޭވީ މާލެ ކައިރީ އޮތް ފިނޮޅަކަށް އެއް ދުވަހުގެ ދަތުރަކު ދާށެވެ. ވަރަށް ރަނގަޅަށް ރާވާލައިފިއެވެ. ދާނެ ތާރީޚު ވެސް ކަނޑައެޅިއެވެ. އެހައިހިސާބުން ބަޚަބަރެވެ. ދަތުރޭ، ފިނޮޅޭ ކިޔައިގެން އަކުރެއް އަޅައިލާނެ މީހަކު ވެސް ނުވެ އޮއްވާ، ކަނޑައެޅި ތާރީޚު ފާއިތުވެއްޖެއެވެ. ދެން ރޭވީ ފަޅުރަށަކަށް ދަތުރު ދާށެވެ. ދާނެ ދުވަހާއި ދާނެ މީހުން ވެސް ކަނޑައަޅައި ނިންމިއެވެ. އެ ދަތުރު ވެސް ވީ ފައްކާ ސައިބޯނި ބޮތްކަކަށެވެ. އެހެންނަމަވެސް މި ވަރަކުން ވެސް ހުއްޓައެއް ނުލިއެވެ. ވަރަށް ކުއްލި ގޮތަކަށް ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ. މި ފަހަރު ރާވައިލީ މަސްދަތުރެކެވެ. މަހަށް ދާނެ ހެޔޮވަރުގެ ލޯންޗެއް ހިލޭ ލިބިފައި އޮތުމުންނޯލައެވެ.

ހިތަށް އެރިއެވެ. މި ފަހަރު ކިހައިވަރަކުން ދާނެ ބާވައެވެ؟ މި ދަތުރު ނިމިގެންދާނީ ކޮން ގޮތަކަށް ބާވައެވެ؟ އެނދުމަތީގައި ދެ ފެއި ދަމަދަމާފައި ނިދާން ތިއްބާ ބާވައެވެ؟ އެހެންނަމަވެސް މި ފަހަރު ފެންނާން ފެށީ ތަފާތު މަންޒަރެކެވެ. ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވާން ފަށައިފިއެވެ. މަސްދަތުރުގައި ދާން ބޭނުންވި އެންމެން ހިމެނޭ ގޮތަށް “މަސްދަތުރު”ގެ ނަމުގައި ވައިބަރު ގުރޫޕެއް ހަދައިގެން ކަންކަން ރާވާން ފަށައިފިއެވެ. ދަލުބޭރުން ޖެހުނު ކޮރަކައްޔެއް ފަދައިން އަހަރެން ވެސް ވަނީ، އެ ގުރޫޕުގައި ހިމެނިފައެވެ.

ދަތުރަށް ތައްޔާރުވުން:

ވައިބަރު ގުރޫޕު ފިސާރި ރަނގަޅަށް ހިނގައިގެންފިއެވެ. ހިނގައިގަތީއެއް ވެސް ނޫނެވެ. ފަތުއަޑު ކިޔާފައި ދުއްވައިގަތީއެވެ. ގުރޫޕުތެރޭގެ މައިގަނޑު ވާހަކައަކަށް އޮތީ، ކާބޯތަކެތި ހޯދައި އެއްކުރާ ވާހަކައެވެ. އެކި މީހުންނަށް އެކި ބާވަތްތައް ބަހާލައިގެންނެވެ. ރޮށްޓާއި ކުޅިބޯކިބަލާއި ވަޅޯމަހާއި ކުޅިފާރޮށްޓާއި ފޮނިފާރޮށްޓާއި ކަދުރާއި މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. އެތައް ބާވަތެކެވެ. ދެ ދުވަސްވެގެން ދިޔައިރު ވެސް، ކާތަކެތި އެއްކުރާ ވާހަކަ ނޫން ވާހަކައެއް ގުރޫޕުގައި ނުދައްކައެވެ. އެން ހޯދާ ވާހަކައެއް، މަސްބާނާނެ ނަނު ހުރިތޯއެއް ނުބަލައެވެ. އެންމެފަހުން ވައިބަރު ގުރޫޕުގެ ނަމަކަށް ވެސް “އޮޑިމަތީ ޕާޓީ” ކިޔައި ނަން ހަރުކޮށްފިއެވެ.

މަސް ދަތުރު ހަމަޖެހިފައި އޮތީ އެ ހަފުތާގެ ހުކުރު ދުވަހަށެވެ. ރާވާފައި އޮތީ ހުކުރުން ފައިބައިގެން 2 ޖަހާއިރު ނައްޓައިލާގޮތަށެވެ. ހުކުރުވިލޭރޭ ދިހައެއް ވެސް ޖެހިފަހުން، އެންމަސް ހޯދަންޖެހޭކަން އެނގިގެން، ދަތުރުގެ އާރުކާޓީއަކަށް ހުރި ހަމީޒާ، ދަތުރުގެ ބައިވެރިންނަށް ގުޅައި، އެންމަސް ހޯދާންޖެހޭ ވާހަކަ ދައްކާން ފަށައިފިއެވެ. އެއާއެކު ކާތަކެތި ޖަމާނުވެދާނެތީ އެކަމައިގެން އުޅުނު އެންމެން ހަމަބިމަށް ފައިބައިފިއެވެ. އެންމަސް ގަންނާން ނުލިބިދާނެތީ ކަންބޮޑެވެ ތެޅިގެންފިއެވެ. އެ ފަދަ ތަކެތި ވިއްކާ ގިނަ ފިހާރަތައް، ހުކުރުދުވަހު މެންދުރުކުރީގައި ނުހުޅުވާނެކަން އެންމެނަށް ވެސް އެނގެއެވެ. ކަން ވީ ވެސް އެހެންނެވެ. މެންދުރުކުރީގެ ވަގުތުގައި، ފިހާރަތަކަށް ދުއްވާދުއްވާ ވެސް އެންމަހެއް ނުލިބުނެވެ. މެންދުރުފަހުގެ ވަގުތުގައި ވެސް، އެކަމެއްގައި އުޅެވުނެވެ. ނުލިބުނެވެ. އެހެންކަމުން މަސްދަތުރު ކާމިޔާބުވާނޭކަމާމެދު ޝައްކުގެ ނަޒަރަކުން ބެލެވޭން ފެށިއެވެ. މެންދުރުފަހު ބަދަރުމައްޗަށް ޖަމާވާންފެށީ، މި ކަމުގެ ޝައްކުމަތީގައި ތިބެއެވެ. ލޯންޗުގައި އެންމަސް ހުރިކަން އެނގުނީ، މާ ފަހުންނެވެ. އެހައި ހިސާބުން އެންމެންނަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ދަތުރަށް ފުރުން

ދުވަހަކީ 6 ނޮވެންބަރު 2020 ވީ، ހުކުރު ދުވަހެވެ. މެންދުރުން އަނބުރާ ދޭއްޖެހިއިރު، މާލޭ ދެކުނުފަރާތު ލޯޗުތައް ހުންނަ ސަރަޙައްދަށް މަސްދަތުރުގެ ބައިވެރިން ޖަމާވާން ފަށައިފިއެވެ. އެންމެ ފުރަތަމަ އައީ ހުޅުމާލޭގައި އުޅޭ ދެ ބައިވެރިންނެވެ. ހަމީޒާއާއި އިހުސާނާއެވެ. އޭގެފަހުން އަހަންނާއި ޝިއުނާއެވެ. އިރުކޮޅަކުން ސުއާދާއި އޭނާގެ ފިރި ޝާޒާއި، އެ ދެމަފިރިންގެ ދެ ދަރިންގެ އިތުރުން، ނީނާ ވެސް އަތުވެއްޖެއެވެ. ލޯންޗުގެ ވެރިފަރާތްކަމަށްވާ ޝަފީޤާއި އޭނާގެ އަންހެނުން ނާދިޔާ ވެސް އަތުވެއްޖެއެވެ. މިހާރު ނާންނަނީ ރިޔާޒު އެކަންޏެވެ. އޭނާ ވަކި ހިސާބަކަށް އައިތަނާ، ފެންކޭހެއް ގަންނާން ޖެހުނީއެވެ.

މީހުން ހަމަނުވާތީ މަގުގެ އެއްފަރާތު ހިޔަލުގައި މަޑުކޮށްލައިގެން، އެކިއެކި ވާހަކަ ދައްކައި، ހީނ ސަމާސާކުރުމާއި ފޮޓޯނެގުމުގައި ވަގުތު ހޭދަކުރަން ތިބިއިރު، އިހޫ ދައްކަނީ، މަހަށް ގޮއްސަ މޫދަށް އެރޭ ވާހަކައެވެ. ނީނާ ކޮށްލީ އަދި މާ މޮޅު ސުވާލެކެވެ

“ތާސްބަޔެއް ނުގެންނަމުތަ؟”

ހިތަށް އެރިއެވެ. މި ތިބީ މަސްދަތުރެއް ރާވައިގެން މަހަށް ފުރަން ނިކުމެއެވެ. ދަތުރުދާން ނިކުމެއެއް ނޫންވިއްޔާއެވެ. މޫދަށް އެރޭ ވާހަކައާއި، ތާސްކުޅޭ ވާހަކަ ދައްކަންފެށީމާ، މަސްދަތުރު ދަންނަ މީހުންގާތަށް ހިނިއަންނާނެތާއެވެ.

މަސްދަތުރުދާން ހަމަޖެހިފައި އޮތީ، “ފިއުޝަން 5” ނަމަކަށް ކިޔައި، ތިރީހަކަށް ފޫޓުގެ ފައިބަރު ލޯންޗެއްގައެވެ. ކަންނެލި އޮޑިއެއްގެ ކިއްސަރަށް ބަނދެފައިވާ އެ ލޯންޗަކީ،މަސްވެރިކަމަށް ވަރަށް ފައްކާ ލޯންޗެކެވެ. އިންބޯޑު އިންޖީނެއް އަޅާފައިވާ އެ ލޯންޗުގައި މަސްބާނާނެ ނަނާއި، ބާނާ މަސް އަޅާނެ އައިސް ފޮށްޓަކާއި މަސްކައްކައި ފިހެ ހެދޭގޮތަށް އުނދުނާއި ގްރިލް ވެސް ހުއްޓެވެ. އެއީ މަސްވެރިކަމަށް ހަމަ މަރެކެވެ.

އެ ތަނުގައި އެހެން ތިއްބާ ގަޑިން 2:40 ހިނގައިފިއެވެ. އެހައިތަނުން އެންމެންނަށް އެއްބަސްވެވުނީ ލޯންޗަށް އެރުމަށެވެ. ލޯންޗު ނައްޓައިލީ، 2:50 އެހައިކަންހައި އިރު، ފެންކޭސް ހިފައިގެން، ރިޔާޒު އައިސް ލޯންޗަށް އެރުމުންނެވެ. ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގާޅު އަންވަރާއެކު މި ދަތުރުގައި ޖުމުލަ 13 މީހުން ބައިވެރިވިއެވެ. 5 ފިރިހެނުންނާއި ކުޑަ 2 ކުދިންނާއި 6 އަންހެނުންނެވެ.

ލޯންޗުގެ ފަޅުވެރިއަކަށް ހުރި އަންވަރު ލޯންޗުގެ ވާ މޮހާލައިފިއެވެ. ދުއްވަން އިނީ، ލޯންޗުގެ ވެރި ފަރާތްކަމަށްވާ ޝަފީޤެވެ. އޭނާ އިންޖީނު އިސްޓާޓުކޮށް ލޯންޗު ބޭރުކޮށްފިއެވެ. އެއަށްފަހު، މާލޭގެ ދެކުނު ފަރާތު ނެރުން ނިކުމެ މިސްރާބުޖެހީ، މާލޭގެ ހުޅަނގު ފަރާތުން ސީދާ އުތުރަށެވެ.

ދުވަހަކީ ކަނޑު މަޑު، ވައި ވެސް މަޑު ދުވަހެކެވެ. އުޑުމަތި ކޮންމެވެސް ވަރަކަށް ބަނަކޮށް އޮތް ދުވަހެއްކަމުން މާ ގަދަ އަތްވެއް ނުދެއެވެ. ދަތުރުކޮށްލަން ވަރަށް ހިތްގައިމު ރީތި ދުވަހެކެވެ. އެހެންކަމުން ލޯންޗުތެރޭގައި އެންމެން ވެސް ތިބީ، ވަރަށް އުފާވެރި މޫނަކާއެކުގައެވެ. އެކި މީހުން އެކިތަނުގައި ޖައްސާލައިގެންނެވެ. ޝިއުއާއި ނާދިޔާ ތިބީ، ހިޔާގަނޑުގެ ތެރޭގައި ހުރި ރަތްކުލައިގެ ބޮޑު އައިސް ފޮށްޓެއްގެ މަތީގައެވެ. އަހަރެން ހުރީ އެތާ ކައިރީގައި ކޮޅަށެވެ. ނީނާއާއި އިހޫ ތިބީ، ނަނުތައް އަޅާފައި ހުރި ޕްލާސްޓުކް ފޮށްޓެއްގެ މަތީގައެވެ. ރިޔާޒު ހުރީ އެތާ ކައިރީގައި ކޮޅަށެވެ. ސުވާދާއި އޭނާގެ އާއިލާ ތިބީ، ރިޔާޒު ހުރި ދިމާގައި އިށީނދެއެވެ. ހަމީ އިނީ، އިންޖީނުގެ މަތީގައެވެ. އަންވަރު އެކަނިމައި އެކަނި ކޮޅުފަސްކޮޅުގައި އިށީނދެލައިގެން އިނެވެ.

ލޯންޗު ނައްޓާލުމާއެކު، ޝަފީޤު އެންގީ ވަދުނަނު ދޫކުރުމަށެވެ. އެހެންކަމުން އަހަންނާއި ޝާޒާ ދެ މީހުން ދެ ނަނު ނަގައި، ދެ ފަރާތަށް ދެ ނަނު ދޫކުރީމެވެ. ލައްޓިއެއް ރާގޮނޑިއެއް އެއްޗެއް ޖެހޭތޯއެވެ. އަހަރެން ނަނު ދޫކޮށްގެން ހުއްޓާ، ހަމީ ގޮވައިލުމުން ގޮސް، އޭނާގެ ގާތުގައި އިންޖީނުގެމަތީގައި އިށީނނީމެވެ. ލޯންޗު އޭގެ ހަލުއި ދުވެލީގައި ދަތުރުކުރަމުން ދެއެވެ. އެންމެން ސަމާސާ ވާހަކަތައް ދެއްކުމުގައްޔާއި ފޮޓޯނެގުމުގައި މަޝްޣޫލުވެ ތިއްބެވެ. ލޯންޗުތެރެ ގުގުމާފައި އޮތީ، ސަމާސާ ވާހަކަތަކާއި ހުނުމުގެ އަޑުންނެވެ.

ކުރިން ވެސް ފާހަގަކުރިހެން މި ދަތުރަކީ، މަސްވެރިކަމަށް ރޭވި ދަތުރެއްކަމަށް ވިޔަސް، ދަތުރުގެ ބައިވެރިން ތައްޔާރުވީ ކާތަކެތި އެއްކުރާށެވެ. އެކަން ދަތުރަށް ފެށުމާއެކު ފެންނާން ފަށައިފިއެވެ. ފުރިތާ ވިއްސަކަށް މިނެޓު ފަހުން ކުއްލިއަކަށް ފެނުނީ، އިހުސާނާ ބޮޑު ކުޅިބޯކިބަލެއް ނެގިތަނެވެ. އެންމެ ބޯކިބަލެއް ވެސް ނޫނެވެ. ދެ ބޯކިބަލެވެ.  ފޮތިފޮއްޗަށް ބައިކޮށްފައިވާ ދެ ބޯކިބާ، ނަގައި ބަހާންފެށިއެވެ. ފަހަރަކު މީހަކަށް ފޮއްޗެއް ދެމުން ގޮސް، އަހަންނާ ދިމާއަށް ވެސް ދިއްކޮށްލައިފިއެވެ. އަހަރެން ހުރީ، ހުކުރުން ފައިބައިގެން އައިސް، ވަރަށް ރަނގަޅަށް ކައިގެންނެވެ. އެހެންނަމަވެސް ބޯކިބާފޮތި ދިއްކޮށްލުމާއެކު، ލަހެއްފަހެއް ނެތި ހިފައިފީމެވެ. މި ބޯކިބަލަކީ ހަމަ ރަނގަޅަށް ވެސް ކުޅިބޯކިބަލެކެވެ. ކުޅިއަސް މީރެވެ. އިހޫގެ ރެސިޕީ ފައްކަލެވެ. ޖެހިލުމެއް ނެތި، ތިން ފޮތި ކައިލެވުނެވެ. މެންދުރު ރަނގަޅަށް ނުކައި ހުރި ނަމަ، ކިހައިވަރެއްވީސް ބާވައެވެ؟

އިހޫގެ ހަރަކާތްތަކަށް ބަލަން ސުވާދަކަށް މަޑަކުން ނީނދެވުނެވެ. އޭނާ އައީ އައިސްކޮފީ ގިރައިގެން ހިފައިގެންނެވެ. ވަގުތުން ކޮފީ ފުޅިނަގައި، ތަށިތަށްޓަށް އަޅައި، ފަހަރަކު މީހަކަށް ދޭން ފަށައިފިއެވެ. ފުރިތާ ވިއްސަކަށް މިނެޓުތެރޭގައި ކެއުމުގެ އެއްބުރު ދުއްވާލައިފިއެވެ. ފެންބޮއި ދުފާހަދާލައިގެން، އެކި މީހުން އެކި ވާހަކައަށް ގެއްލިއްޖެއެވެ.

އެކިއެކި މަޖާ ވާހަކަތަކުގައި ތިބެފައި 4 ޖަހައި އެހައިކަންހައި އިރު، އަނެއްކާ ވެސް ކެއުމުގެ ބުރެއް ފަށައިފިއެވެ. މި ފަހަރު ފޮނިފާރޮށްޓާއި ވަޅޯމަހުގެ ބުރެކެވެ. ގަޑިއެއްހައި އިރުގެ ތެރޭގައި ދެ ބުރު ދުއްވައިލީއެވެ. ފެން ބޮއި ދުފާ ނިންމާލިތަނާ ކަހަލަ ގޮތަކަށް، ނަނުތައް ތައްޔާރުކުރަން (ބުޅިއާއި ބަރިނެތް ނަނުތަކުގައި އެ ތަކެތިލުމަށް) އަންވަރުގާތުގައި ބުނާށޭ ޝަފީޤު ބުނެފިއެވެ.

އަހަރެން ކުރިއަށް ޖެހިލައި، ނަނުތައް އަޅާފައި ހުރި ބޮޑު ޕްލާސްޓުކް ފޮށި ހުޅުވާލައިފީމެވެ. އޭގައި ހުރި ބަރިއާއި ބުޅި ނެތް ނަނުތައް ނަގައިގެން، ކޮޅުފަސްކޮޅުގައި އިން އަންވަރާ ހަވާލުކޮށްފައި އެނބުރި އައި އިރު، ނީނާ ހުރީ، އެ ފޮށިން ނަނެއް ނަގައިގެންނެވެ. އެއީ ހެޔޮވަރު ބުޅިއެއްގެ އިތުރުން ބަރި ވެސް ލާފައިވާ ނަނެކެވެ. އަހަރެން އައިސް ހުއްޓުމާއެކު، އެ ނަނު ދިއްކޮށްލައިފައި، މީގައި އެމެއް އަޅައިދޭށޭ ބުނެފިއެވެ. އޭރު ލޯންޗު ހަލުއި ދުވެލީގައި ކުރިއަށް ދެއެވެ. މަންޒިލް ވީ ކިހައި ހިސާބެއްގައިކަމެއް އަހަރެމެން އެކަކަށް ވެސް ނޭނގެއެވެ. ދެން ނީނާ މި އުޅެނީ ކޮން އެމެއް އަޅާން ބާވައެވެ؟ އަހަރެން ގާތަށް ހިނި އައެވެ. ބުޅިގައި އެން އެޅުމަކީ އަދި މާ ފަހުގެ ކަމެއްތާއެވެ.

އަހަރެންގެ ގާތުގައި، އެމެއް އަޅައިދޭށޭ ނީނާ ބުނުމާއެކު، ހަމީއާއި އެތަނުގައި ދެން ތިބި މީހުންގެ ގާތަށް ވެސް އައީ، އަމަށަކު ހިންޏެއް ނޫނެވެ. ނީނާއަކީ އަލަށް މަހަށް އައިސް އުޅޭ މީހެކެވެ. އެ މަކީ ކޯޗެއްކަމެއް، މަސް ބާނަނީ ކިހިނެއްކަމެއް، އޭނާއަކަށް ނޭނގެއެވެ. ނަނުގައި ބުޅިއާއި ބަރިލާން ޝަފީޤު ބުނި އަޑުއަހާފައި ، އޭނާއަށް ހީވީ، މިހާރު ނަނުގައި އެން އަޅާން ޖެހުނީ ކަމަށެވެ. އެހެންވެ އޭނާގެ ނަނުގައި “އެމެއް ލާން” އަވަހަށް އެދުނީއެވެ. އަލަށް މަހަށް ދިޔަ މީހާގެ ވާހަކަ ނީނާއަށް ކިޔައިދޭން އެބަ ޖެހެއެވެ.

މަސް ބާނަން ފެށުން

ނަނުތައް ތައްޔާރުކުރިތާ، މާ ގިނައިރެއްނުވިއެވެ. ލޯންޗުގެ ހަރު ދުވެއްޔަށް މަޑުޖެހުމެއް އަތުވެއްޖެއެވެ. ލޯންޗުގެ ފަޅުވެރިއަކަށް އުޅޭ އަންވަރު، އަވަސްއަވަހަށް ދިރުނބާކޮޅަށް ހިނގައްޖެއެވެ. އޭރު ގާތްގަނޑަކަށް ތިރީހަކަށް ސާޅީހަކަށް ފޫޓު ދުރުން ހޭލާތަން ފެނެއެވެ. ގަޑިން ހަވީރު 4:30 ވަނީއެވެ. އަހަރެން މަޑުމަޑުން ކުރިއަށް ޖެހިލައި، ޝަފީޤުގާތު މިއީ ކޮން ނަމެއްކިޔާ ފަރެއްތޯ އަހައިލީމެވެ. އޭނާއަކަށް ވެސް ފަރުގެ ނަމެއް ނޭނގުނެވެ. ބުނީ ކޮއްދިއްޕަރު ކައިރީގައި އޮންނަ ފަރެއް ކަމަށެވެ. ވަރަށް ރަނގަޅަށް މަސް ގަންނަ ސަރަޙެއްދެއްކަމަށް ވެސް ބުންޏެވެ.

ލޯންޗު އެޅުމާއެކު ކޮންމެ މީހަކު ނަނެއް ނަގައިގެން، އެކި މީހުން އެކި ދިމާއަށް ޖެހިލައިފިއެވެ. އަހަރެން މަޑުކޮށްލީ ކޮޅުފަސްކޮޅު ވައިދަށް ފަރާތުގައެވެ. އަހަންނާ ޖެހިގެން ހުރީ ހަމީއެވެ. ހަމީއާ ޖެހިގެން ޝިއުއެވެ. ޝިއުއާ ޖެހިގެން ނާދިޔާއެވެ. އަނެއް ފަރާތުގައި ސުވާދުގެ ދެމަފިރިންނާއި ދެ ދަރީންނެވެ. އިހޫއާއި ނީނާއާއި ރިޔާޒު ދިޔައީ ދިރުނބާކޮޅަށެވެ. ނަނުގައި އެންގަނޑު އަޅައިދީ އަތްގާތްކޮށްދޭ މީހެއްގެ ގޮތުގައި، އަންވަރު ހަރަކާތްތެރިވާން ފެށިއެވެ. ޝަފީޤުގެ އެހީތެރިކަން ވެސް ވަރަށް ރަނގަޅަށް ލިބެމުން ދިޔައެވެ.

އެންމެ ފުރަތަމަ މަހެއް ގަތީ، ހަމީގެ ނަނުގައެވެ. މަސް ގަތުމާއެކު، އޭނާއަކަށް ނަނުގައި ހިފަހައްޓައެއް ނުލެވުނެވެ. ވަގުތުން، އަހަރެން އެއްލައިގެން ހުރި ނަނު ދޫކޮށްލާފައި، އެ ނަނުގައި ހިފައި، ދަމާން ފަށައިފީއެވެ. މާ ބޮޑަކަށް ވާނެއް ނުކުރެއެވެ. ނުހަނު ފަސޭހަކަމާއެކު މަސް ގެނެސް ލޯންޗަށް އަރުވައިފީމެވެ. އެއީ ގާތްގަނޑަކަށް ފޫޓެއް ހުންނަ ވަރުގެ ފިލޮޅެކެވެ.

މަސް ގެނެސް ލޯންޗަށް އެރުވުމާއެކު، އެއްކަލަ ހަމީ އުފަލުން ވަރެއް ނެތެވެ. މި ދަތުރުގެ ފުރަތަމަ މަސް އޭނާއަށް ބޭނުނުމުގެ ނަސީބު ލިބުނީޔޯލައެވެ. ވަގުތުން މަހާއެކު ފޮޓޯ ނަގާން ގޮވާންފެށިއެވެ. އެކަމަކު އެއީ އޭނާއަށް އޮތް ޝަރަފެއް ބާވައޭ ހިތަށް އަރައެވެ. ރަނގަޅެވެ. މަސް ގަތީ އޭނާ ހިފައިގެން ހުރި ނަނުގައެވެ. ނަނުގައި އެންކޮޅު އަޅައިދިނީ އަހަންނެވެ. މަސް ގަތުމާއެކު، ނަނުގައި ހިފައި، ދަމައި ގެނައީ އަހަންނަނެވެ. ލޯންޗަށް މަސް އެރުވީ އަހަންނެވެ. މަހުގެ ބުޅިނައްޓުވައި އައިސްފޮށްޓަށް ލީ އަހަންނެވެ. އެހެން އޮތް ކަމެއްގައި، އޭނާ އެހެރަ އުޅޭ ގޮތެކެވެ. ކުރާ އުފަލެކެވެ. މަހެއް ބޭނިގެން ނަށައި ނަގަނީއެވެ.

ހަމީގެ ނަނުގައްޔާއި، ޝިއުގެ ނަނުގައްޔާއި، އަހަރެންގެ ނަނުގައި އެންކޮޅު އަޅަނީ އަހަންނެވެ. ބައެއް ފަހަރު ޝަފީޤު ވެސް އަޅައިދެއެވެ. ނާދިޔާގެ ނަނުގައި އެންކޮޅު އަޅައިދެނީ މުޅިން ވެސް ޝަފީޤެވެ. އެއް ފަހަރަކު ނާދިޔާގެ ނަނުގައި ޝަފީޤު އެންކޮޅު އަޅަނިކޮށް އަހަންނަށް ފެނުނެވެ. އެމަކަށް ގެންގުޅުނީ ކަނޑުމަހުގެ ބަނޑައިދުލެވެ. ކޮންމެ ބަނޑައިދުލެއް އޮންނަނީ، ދެ ފަޅިއަށް ފަޅާލައިފައެވެ. އެ ފަހަރު ޝަފީޤު އެޅި އެންކޮޅު އަޅައި ނިމުނުއިރު، ބަނޑައިދޫފަޅި އޮތީ އެއްވެސް ބަނޑިއެއް ރުލެއް ނެތި ރީތިކޮށް ތެދަށެވެ. އަހަރެން އެއްކޮޅު އަޅާއިރު ބަނޑައިދޫފަޅި އޮންނަނީ، ބުޅިއަށް އެމުނި އޮޅިފައެވެ. ހިތަށް އެރިއެވެ. ނަނުގައި މަހެއް ނުޖެހިގެން މި އުޅެނީ، އެންކޮޅު އެޅޭގޮތަކުން ކަންނޭނގެއެވެ.

ހަމަ އެ ވަގުތު ހަމީ ނަނުދަމާ ނަގައިފިއެވެ. އޭނާގެ ނަނުގައި އެންކޮޅެއް އަޅާން ޖެހިއްޖެއެވެ. އަހަރެން މި ފަހަރު ހަމީގެ ނަނުގައި އެންކޮޅު އެޅީ، ބަނޑައިދޫފަޅި ތެދަށް ދިގުދެމިލައިގެން އޮންނަ ގޮތަށެވެ. ހަމީއަކަށް މި ގޮތެއް ކަމަކު ނުދިޔައެވެ. އޭނާ ވަގުތުން ބުނެފިއެވެ. ތި ގޮތެއް ކަމަކު ނުދާނެއެވެ. ރަނގަޅަށް އޮޅައިލާށެވެ. އޭނާއަށް ކަމުދަނީ ކުރީން ވެސް އަޅާގޮތަށް، ބުޅީގައި ބަނޑައިދޫފަޅި އޮޅައިލީމައެވެ. އަހަރެން ބުނެފީމެވެ. ނޫނެކެވެ. ދެންމެ ޝަފީޤު އެޅީ މި ގޮތަށެވެ. އޭނާ ކުރު ނުކުރުމުން، ކައިރީގައި އިން އަންވަރަށް ގޮވާލައިފައި، ހަމީގެ ނަނުގައި އެންކޮޅު އަޅާފައިވާ ގޮތް ދައްކާލަމުން، އެން އަޅާނީ މިހެންހޭ އަހައިލީމެވެ. އަނގައިން ބަހެއް ބުނާކަށް އަންވަރު ނުހެދިއެވެ. އެން އަޅާގޮތް އަތުގެ އިޝާރާތުން ދައްކާލީއެވެ. މި ފަހަރު ވެސް އެންކޮޅު އެޅިފައި މި އޮތީ މުޅިން ރަނގަޅަށް ނޫނެވެ. އަޅާން ޖެހެނީ ބަނޑައިދޫގެ ފަލަކޮޅު ބޭރަށްވާ ގޮތަށެވެ. ހަމީ ހޭންފެށިއެވެ. މަސް ނުގަންނަ ސަބަބު މި އެނގުނީ އަދި ކިރިޔާ ނޫންހޭ ކިޔާފައެވެ. އެންކޮޅު ބަދަލުކޮށްލާފައި ދޭ އިރަށް އޭނާ މޫދަށް ނަނު ވައްޓާލައިފިއެވެ.

ހަމީ މަސް ބޭނިތާ މާ ގިނައިރެއް ނުވެ، ދިރުނބާކޮޅަށް ގިޔާމަތެއް ލައިގެންފިއެވެ. ވީ ކީއްތޯ ބަލައިލިއިރު، އިހޫގެ ނަނުގައި މަހެއް ގަތީއެވެ. އުފަލުން ތިބެ، ދަމާ ނެގިއިރު، ބޮޑު މުރަކަގަނޑެކެވެ. އެންމެން ޕަކަޕަކައަޅާފައި ހޭންފެށިއެވެ. އެއީ މި ފަހަރު އިހޫއަށް ވީވަރެވެ.

މާ ގިނަ އިރުތަކެއްނުވެ، އަނެއްކާ ވެސް ދިރުނބާކޮޅުން، ޒީލަ އަޑަކުން ހަޅޭއްލަވައިގަތް އަޑު އިވިއްޖެއެވެ. ހީވީ ކުއްލިއަކަށް ކަނޑުން ނުބައި ސިފައެއްގެ މަޚުލޫޤެއް އަރައި، ދިރުނބާކޮޅުގައި ތިބި މީހުން ރޮލައިހިފައި ކާންފެށިހެންނެވެ. އަވަސް އަވަހަށް އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް، ވީ ކީއްތޯ ބަލައިލެވުނެވެ. އޭރު ގޮވާއަޑު އިވެނީ “މި އޮތީ ގަނެފައި، މި އޮތީ ގަނެފައި” މިހެންނެވެ. އެއީ ނީނާގެ އަޑު ފިޔަވައި ދެވަނަ މީހެއްގެ އަޑެއް ނޫނެވެ. އާއެކެވެ. ނީނާގެ ނަނުގައި މަހެއް ގަތީއެވެ. އާދައިގެ ކުޑަކުޑަ މަހެއް ހެނެއް ހިޔެއް ނުވެއެވެ. ވާންކުރާވަރުން ނީނާއަކަށް ނުދެމެއެވެ. ކައިރީގައި ހުރި ރިޔާޒަށް ޖެހުނީ އެ ނަނުގައި ހިފާށެވެ. ދަމާ ނެގިއިރު، ކައިވަތެއް ވެސް ހަމަނުވާ ކުޑަކުޑަ ދަތްފުކުރޮނޑެކެވެ.

ނީނާއަކަށް އެއީ ކޮން ނަމެއް ކިޔައި، ކޮންކަހަލަ މަހެއްކަމެއް ވެސް ނޭނގެއެވެ. އޭނާ ހުރީ މަހެއް ބޭނުނީތީ އުފަލުން ފުރިފައެވެ. ލޯންޗުން ކޮންމެވެސް މީހަކު، ތީ ކާ ވައްތަރުގެ މަހެއް ނޫނޭ ގޮވައިލުމުން، އެއީ ތެދެއްތޯ އޭނާ ވަގުތުން އަހަންފެށިއެވެ. އެ އޮތް ވަރުން ބޭނި މަސް، ކާންކަމުނުދާ ކަހަލަ މަހަކަށް ވާކަށް، އޭނާ ވެސް ބޭނުމެއް ނުވާނެތާއެވެ. ތިޔައީ ވަރަށް މީރު މަހެކޭ، ފިހެލައިގެން ކާން ތި ވަރެއް ނޯންނާނެއޭ ބުނުމުން، އޭނާގެ ނުތަނަވަސްކަން ވެރިވި ހިތަށް ފިނިކަން ލިބި، ހަމަޖެހުނެވެ.

ރިޔާޒަކަށް ރޮނޑުން ބުޅި ނެއްޓޭ ގޮތެއް ނުވިއެވެ. ޖެހުނީ އަންވަރަށް ގޮވާށެވެ. އޭނާ ނުހަނު ފަސޭހަކަމާއެކު ބުޅި ނައްޓުވާލައިފިއެވެ. އުމުރުން މިހާތަނަށް ދިޔައިރު ބޭނުނު ހަމައެކަނި މަހަށް ފަޚުރުވެރިކަމާއެކު ނީނާ ބަލަން ހުއްޓާ، އެއްކަލަ އަންވަރު، މަހުން ބުޅި ނައްޓާލުމަށްފަހު މޫދަށް ހޫރާލައިފިއެވެ. މި މަންޒަރު ފެނިފައި ނީނާ ފަކީރަށް ހީވީ، އަންވަރު އައިސް، އޭނާގެ ހިތް ވެސް، ގުޅަވަށާފައި މޫދަށް ހޫރާލިހެންނެވެ. ވީ ދެރައިންނާއި ކުރި އަސަރެއްގެ ބޮޑުކަމުން، ނީނާ ގާތަށް އައީ ރުޅިއެވެ، ދުވަހަކު ވެސް އަންވަރާ އަނގައިން ނުބުނާނެކަމަށާއި ކަމަކު ވެސް ނުބުނާނޭކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރާން ފެށިއެވެ. އެކަން އެންމެންނަށް ވެސް ވީ މަޖަލަކަށެވެ. އެ މަޖަލުގައި ބައިވެރިވުމުގެ ގޮތުން ޝަފީޤު ގޮވައިލިއެވެ.

“އަންވަރު! ހަމަ މިހާރު މޫދަށް ފުންމާލައިގެން ގޮސް އެ ރޮނޑު ނަގާ!”

ކޮންމެއަކަސް ނީނާގެ ރޮނޑު ނަގާނެ މީހަކު ނުވެ އޮޔަށް ވަޔަށް އޮވެ ގޮސް ލޮލުކޮޅަށް އޮބާލައިފިއެވެ.

މި ފަހަރު އައިސް އަޅައިގެން މި ތިބެވުނީ މާ ކަމުދާ ތަނަކު ނޫނެވެ. ނަނު އެއްލައިގެން ތިބެތިބެ، މަހެއް ގަންނާކަށް ނޫޅެއެވެ. ކުދިކުދި ރޮނޑު އައިސް އެންކޮޅު ކޮށަކޮށައިގެން ކައިލުން ފިޔަވައި އެހެންކަމެއް ނެތެވެ. އެހެންކަމުން ފިލިކޮށްލުމުގެ ޚިޔާލެއް އައިސްގެން، އަންވަރަށް ގޮވާލާފައި ފިލިކޮށްލަން ޝަފީޤު ބުނެފިއެވެ. އަންވަރު ކޮޅުފަސްކޮޅަށް ގޮސް، އައިސް ފޮށިން ރިންމަސްތަކެއް ނަގައި، ކުދިކޮށް ކޮށައި މޫދަށް އުކާން ފެށިއެވެ. އަންވަރު ފިލިކުރި ހުރިހައި މަހެއް އުކީ ލޯންޗުގެ ވައިމަތީ ފަރާތަށެވެ. ހަމީ ހުރީ ވައިދަށް ފަރާތުގައެވެ. ކޮށި ހުރިހައި މަހެއް ވައިމަތީ ފަޅިއަށް އުކައި އެ ފަޅި ފިލިކުރާތަން ފެނިފައި، އެ ގޮތް ހަމީއަކަށް ކަމަކު ނުދިޔައެވެ. ވާނީ ވެސް އެހެންތާއެވެ. އެ ފަޅީގައި އުޅޭ ހުރިހައި މަހެއް، ހަމީގެ ނަނު ދޫކޮށްލާފައި ދާނީ ފިލިކުރި ފަޅިއަށް ވިއްޔާއެވެ.

“ހުރިހައި އެއްޗެއް ތި ފަރާތަށްތަ އުކަނީ؟ މި ފަރާތަށް ވެސް އުކާބަލަ!” ހަމީ ވަގުތުން ގޮވައިލިއެވެ.

ވައިމަތީފަރާތާއި ވައިދަށް ފަރާތް އެނގޭ މީހުން ގާތަށް މި ކަމާ ހިނިއައެވެ. އަންވަރު ވެސް ލާނެތްގޮތަށް ހިނިއައިސްފައި އިނދެ، ހުރިހައި އެއްޗެއް އެ ފަޅިއަށް އުކައި ހުސްކޮށްލައިފިއެވެ. ހަމީ ބުނި އެއްޗެއް އިވޭކަމަށް ވެސް ނުހަދައެވެ. ބުނެލި ކަހަލައެވެ. މޮޔައިން ދައްކާ މޮޔަ ވާހަކައަކަށް، މަށެއް އަޅައެއް ނުލާނަމެވެ.

އެ ތަނުގައި ގާތްގަނޑަކަށް 45 ވަރަކަށް މިނެޓު ހޭދަވިއިރު، ބޭނުނީ އެންމެ 4 މަހެވެ. އޭގެތެރޭގައި ނީނާ ބޭނި ރަނެއްމަލެއް ފަދަ ދަތްފުކުރޮނޑު ވެސް ހިމެނެއެވެ. ކުދިކުދި ރޮނޑު ގިނަވެފައި، މަސް ނުގަންނާތީއާއެކު، އެންމެންނަށް ވެސް އިއްތިފާޤުވެވުނީ، އެ ތަނުން ލޯންޗު ނެގުމަށެވެ. އެހެން ދިމާއަކަށް ދިޔުމަށެވެ. މަސްވެރިކަން ތަންކޮޅެއް ރަނގަޅު ދިމާއަކަށެވެ. އެހެންކަމުން، ނަނުތައް ނަގައި އޮޅާލައިގެން 4:45 އެހައިކަންހައިއިރު، އަނެއްކާ ވެސް ލޯންޗު ދުއްވާލައިފިއެވެ. ދިމާ އުތުރަށެވެ.

ލޯންޗު ދުއްވާލުމަށްފަހު، އަންވަރަށް ޝަފީޤު އެންގީ، ނަނުތަކުގައި ހުރި ކުދި ބަރިތައް، ބޮޑެތި ބަރިތަކަށް ބަދަލުކުރުމަށެވެ. މި ފަހަރު މި ދަނީ އަޑިއަށް ފައްތާށެވެ. ސީދާ ފިލޮޅު ބާނާށެވެ. އެ ވިސްނުމުގައި، ބައިގަޑިއެއްހައި އިރު ދުއްވުމަށްފަހު، 5:15 އެހައިކަންހައިއިރު، ލޯންޗުގެ ދުވެލި މަޑުކުރާން ފަށައިފިއެވެ. ލޯންޗުގެ ދުވެލި ރަނގަޅަށް މަޑު ވެސް ނުވަނީސް، ނަނު އެއްލަންވީތޯ ނީނާ ސުވާލުކުރިއެވެ. އޭނާ ހުރީ، ރޮނޑެއް ބޭނިގެން، މަސްބޭނުމަށް ވަރަށް ބޮޑަށް ދެވިހިފާފައެވެ.

މި ފަހަރު ލޯންޗު އަޅާކަށް ނުހަދައެވެ. ކަނޑުމެދަށް ދޫކޮށްލާފައި ބާއްވައިގެން ނަނުފެއްތީއެވެ. ފުރަތަމަ ދިހަވަރަކަށް މިނެޓުގެ ތެރޭގައި، ދެތިން މަސް ބޭނުނެވެ. އަހަރެން ވެސް އެއް މަސް ބޭނީމެވެ. ފަހުން ކޮށައިލާނެ މަހެއް ވެސް ނުވިއެވެ. އެހެންކަމުން އެންމެންނަށް ވެސް ލިބެމުން އައީ ފޫހިކަމެވެ. ވީ ފޫހިން އިހޫ ނަނު އޮޅައި ވެސް ލައިފިއެވެ. އެހެންކަމުން މިކަމާ ކަންބޮޑުވެގެން، ރަނގަޅު ހައްލެއް ޝަފީޤަށް ނާދިޔާ ހުށައެޅިއެވެ. ކޮން ފަދަ ހައްލެއްކަމަށްތޯއެވެ. މަސްވެރިކަން ރަނގަޅުވޭތޯ ފިލިކޮށްލުމުގެ ޚިޔާލެވެ. ކުރީ ފަހަރު ފަރުކައިރީގައި ތިބެފައި ވެސް ފިލިކުރިއެވެ. އެތަން  ނާދިޔާއަށް ވަނީ ފެނިފައެވެ. އޭނާއަށް ނޭނގުނީ މި ތިބެވުނީ މާކަނޑުގައިކަމެވެ. ފިލިކުރުމަކީ ފަރުފަރާއި ގިރިގިރިއާއި ހާހަލުގައި މަސްބާނަން ތިބޭއިރު ކުރާ ކަމެއްކަމެވެ.

“މާ ކަނޑަކަށް ފިއްޔެއް ނުކުރާނެ!” ނާދިޔާގެ އެ ހުށަހެޅުމަށް މަޑުމައިތިރިކަމާއި ލޯތްބާއެކު ޝަފީޤު ބުނެލިއެވެ. ހީވަނީ އައި ހިނިގަނޑު، އެތެރެއަށް ހިންދައިލީ ހެންނެވެ. އެހެންނަމަވެސް ދެން ތިބި މީހުންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

“ފިލިކޮޅެއް ދީފައި ކޮންމެވެސް މީހަކު ކަނޑުއަޑިޔަށް ފޮނުވަމާ!” ނާދިޔާގެ އެ ބުއްދިވެރި ޚިޔާލު އިވިފައި، ހިނިއައިވަރުން އަހަންނަށް ބުނެވުނެވެ.

މި ފަހަރު މަޑުކޮށްގެން ތިބި ތިބުމުގައި، އަދި ވަރަށް އުފާވެރި މަންޒަރެއް ފެނިގެން ދިޔައެވެ. ގާތްގަނޑަކަށް 5:40 އެހައިކަންހައިއިރު، ސުއާދުގެ ކުޑަދަރިފުޅު (މުންމު) އެއްލައިގެން ހުރި ނަނުގައި މަހެއް ޖެހިއްޖެއެވެ. އެއާއެކު މުންމުއަށް ލިބުނީ، އާދަޔާޚިލާފު އުފަލެކެވެ. ވާނީވެސް އެހެންތާއެވެ. ދަތުރަށް ފުރީއްސުރެ މަހެއް ބޭނޭތޯ، ބައްޕަގެ އެހީއާއެކު މުންމު އައީ މަސައްކަތް ކުރަމުންނެވެ. އެހެން އުޅެއުޅެ ހުއްޓާ، ނަސީބު އައިސް އަތުގައި ހިފީއެވެ. ކިހައި އުފަލެއް ވާނޭ ހެއްޔެވެ؟

ބައްޕަގެ އެހީއާއެކު މުންމު ނަނު ދަމާން ފަށައިފިއެވެ. ފެނުން މައްޗަށް މަސް ހިއްލައިލުމާއެކު، ނަނުގައި ގެންފައި އޮތް ކުޑަކުޑަ ރޮނޑު ފެނިފައި، ލިބުނު އުފަލެއްގެ ބޮޑުކަމުން، މުންމުއަށް އުޅެވުނު ގޮތް ސިފަކޮށްދޭނެ އިބާރާތެއް ހިތަކަށް ނައެވެ. މޫނުމަތީން ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. މީގެކުރީގައި މަޑުފުށްކޮޅެއްހެން ހުރި މުންމުގެ އަޑު ވެސް އިންތިހާއަށް ބާރުވިއެވެ. އިރުކޮޅަކުން ފެނުނީ، އިންޖީނުގޭގެ މަތީގައި އިން ސުއާދުގެ ގާތަށް މުންމު އައިސް، މަސް ގަތްގޮތާއި ބޭނިގޮތް، ތަފުސީލުކޮށް ކިޔައިދޭން ފެށި މަންޒަރެވެ. އެންމެ ފަހަރަކު ނޫނެވެ. އަތުގެ ހަރަކާތާއެކު ތިން ހަތަރު ފަހަރު، ކިޔައިދެމުން ގެންދިޔައެވެ. އެގޮތަށް ކިޔައިދެމުން ގެންދާއިރު، މުންމުގެ މޫނުމަތީގައި ހިފާފައި ހުރީ އުފާވެރިކަމުގެ ރަތްކަމެވެ.

ކޮންމެއަކަސް މި ފަހަރު މި ތިބެވުނުތަން ވެސް މާ ކަމުދާ ތަނަކަށް ނުތްވެވެ. ދޫކޮށްފައި ހުރި ނަނުތައް ދަމައި ނަގައިގެން، އެހެން ދިމާއަކަށް ނައްޓާލަން ތައްޔާރުވާން ފަށައިފިއެވެ. އޭރު ގަޑިން 5:58 އެވެ. ލޯންޗުގެ އިންޖީނު އިސްޓާޓުކޮށް، އަނެއްކާވެސް އުތުރަށް ދުއްވާން ފަށައިފިއެވެ. އިރުއޮއްސި ޖައްވަށް އަނދިރިކަން ވެރިވާން ފެށުމާއެކު، ލޯންޗުގެ ލައިޓްތައް ދިއްލާލައިފިއެވެ. އެހައިތަނުން ދެން ފެށުނީ ކުޅިފާރޮށްޓަށް އިންސާފުކުރުމުގެ ބުރެކެވެ.

މި ފަހަރު މާ ގިނައިރު ދުއްވާކަށް ނުހަދައެވެ. ފަޅެއްގެ ދަށުގައި ލޯންޗު އަޅައިފިއެވެ. އެންމެން ނަނުތައް ނަގައިގެން އެކި ދިމަދިމާއަށް ބެހިލައިފިއެވެ. މަސް ނުގަންނާތީ ވީ ފޫއްސެއްގެ ސަބަބުން، މި ފަހަރު ނާދިޔާ ނަނެއްގައި އަތްވެސް ޖައްސައިނުލިއެވެ. އެހެންނަމަވެސް ކުރިން ފޫހިވެގެން ނަނު އޮޅައިލި އިހޫ، އަނެއްކާ ވެސް ނަނެއް ނަގައި އެއްލާން ތައްޔާރުވިތަން ފެނުނެވެ. މި ފަހަރު އަހަރެން ހުރީ ވައިމަތީ ފަރާތުގައެވެ. އަހަރެންނާ ޖެހިގެން ހުރީ ޝިއުއެވެ. ޝިއުއާ ޖެހިގެން އިހޫއެވެ. އެ ދެ މީހުންގެ ނަނުގައި އެންކޮޅު އަޅައިދީފައި، އަހަރެންގެ ނަނުގައި އެންކޮޅެއް އެޅުމަށްފަހު އެއްލައިފީމެވެ.

މި ފަހަރު މި ޖެއްސުނީ ތަންކޮޅެއް ރަނގަޅު ތަނެއްގައެވެ. ނަނު އެއްލުމާއެކުހެން ކޮށަން ފަށައިފިއެވެ. އެންމެން ވެސް ކިޔާ އަޑު އިވެނީ “އެބަ ކޮށާ، އެބަ ކޮށާ” މިހެންނެވެ. އިސާހިތަކު ނަނުތަނުގައި، މަސް ގަންނާން ފަށައިފިއެވެ. ހަނދާންވާގޮތުން އަހަރެން އާދައިގެ ކުޑަ 2 ރަތްމަހާއި 1 ފިލޮޅާއި 3 ގިނިމަސް ބޭނީމެވެ. ޝާޒު ވެސް ދެތިން މަސް ބޭނިއެވެ. އޭގެތެރޭގައި އާދައިގެ ދެ ތޮޅިއާއި ކުޑަ ފާނައެއް ވެސް ހިމެނެއެވެ. އެންމެ ބޮޑު މަހެއް ބޭނީ ޝިއުއެވެ. އެއީ ގާތްގަނޑަކަށް ދެ ފޫޓު ހުންނަވަރުގެ ބޮލިކެއެކެވެ. ދެން އެންމެ ބޮޑު މަހެއް ބޭނީ ހަމީއެވެ. ދޮޅު ފޫޓުވަރުގެ ފޮނިޔަމަހެކެވެ.

ކުއްލިއަކަށް އިހޫގެ ނަނުގައި މަހެއް ގަނެފިއެވެ. ވާންކޮށްލިވަރުން، އިހޫ ހަޅޭއްލަވައިގަތެވެ. ޝިއުއަކަށް ނުހުރެވުނެވެ. ވަގުތުން އޭނާގެ ނަނު ދޫކޮށްލާފައި، އިހޫގެ ނަނުގައި ހިފައިފިއެވެ. ދެ ވެރިން އުންކާރުދެމުން ނަނަށް ދަމާންފެށިއެވެ. އަހަރެން ވެސް ވަރަށް ޝައުޤުވެރިކަމާއެކު އެ ދިމާއަށް ބަލަން ހުރީމެވެ. ދަމާގޮތުން އެއީ މާ ކުޑަ މަހެކޭ ހިއެއް ނުވެއެވެ. އެހެންކަމުން މަހުގެ ސައިޒު ދެކެލާހިތުން، ކެތްމަދުވެފައި ހުއްޓާ ފެނުން މައްޗަށް މަސް ހިއްލިއްޖެއެވެ. ސަހަރޯއެވެ! އެ ދެ މީހުން ދަރެއްބަނދެގެން ތިބެ، ނަގައި ލޯންޗަށް އެ އެތެރެކޮށްލީ ބޮޑު މުރަކަގަނޑެކެވެ. އެއާއެކު ލޯންޗުތެރޭގައި ގުގުމައިލީ އެންމެންގެ ބާރު ހުނުމުގެ އަޑެވެ. އިހޫއަކަށް ތި ނޫން ވަރެއް ނުވިއެއް ނޫންހޭ ކިޔަމުން ދަނިކޮށް، އޭނާ އެންމެފަހުން މަހެއް ބާނައިފިއެވެ. މިހައިހިސާބަށް ދިޔައިރު ވެސް ސުމަކުން ނާރައިގެން އެކަކު އުޅޭތަން ފެނެއެވެ. އެއީ ރިޔާޒެވެ. އޭނާއަކަށް ހަމަ އެކަތި ވެސް ބޭނޭގޮތެއް ނުވެއެވެ. އެހެންކަމުން އެކި ގޮތްގޮތަށް އޭނާއާ ދިމާކުރާ އަޑު ވެސް ލޯންޗު ތެރެއިން އިވެމުންދިޔައެވެ.

އިރުކޮޅަކުން ސުމެއް ނުކެނޑިގެން މާޔޫސްވެފައި ހުރި ރިޔާޒު، ކައިވަތެއް ވެސް ހަމަނުވާ ރީނދޫމަހެއް ނަގައި ލޯންޗަށް އަރުވައިފިއެވެ. މަސް ކިތަންމެ ކުޑަޔަސް، އޭނާއަށް އެ މަސް ވީ ވަރަށް އަގުހުރި މަހަކަށެވެ. އަޑުގެ ކޮޅަށް ސުމެއް ކެނޑިއްޖެއޭ ގޮވައިލި ގޮތުން ހީވީ، ހަނގުރާމައިގެ މައިދާނުގައި ބަލިވަމުން ދިޔަ ފަހުލަވާނަކަށް، ވަރަށް ކުއްލިގޮތަކަށް ބޮޑު ފަތަޙައެއް ލިބުނުހެންނެވެ. އޭނާއަށް ލިބުނު އެ ބޮޑު ކާމިޔާބުގައި، އަހަރެމެން އެންމެން ވެސް އުފަލާއެކު ބައިވެރިވީމެވެ.

މަސްފިހަން ފެށުން:

މަސްދަތުރު ރޭވީ، ބޭނޭ މަސް ލޯންޗުގައި ކައްކައިގެން ކާ ގޮތަށެވެ. އެހެންކަމުން ގަޑިން ހަތްގަޑި ސާޅީސް ފަހެއް އެހައިކަންހައިއިރު، މަސްފިހުމުގެ މަސައްކަތައިގެން އުޅެގަތެވެ. އަންވަރު މަސްކަނޑަންފެށިއެވެ. އޭރުވެސް މަސްބޭނުން ކުރިއަށް ދެއެވެ. އެންމެން ނަނު ނެގިއިރު ވެސް، އަހަރެން އުޅުނީ މަހެއް ބޭނޭތޯއެވެ. އެންމެފަހުން އަހަރެން ބޭނި ދެ މަސް ބޭނީ، އެހެން މީހުން ނަނު ދެމިފަހުންނެވެ. އަހަރެން ނަނު ނެގީ، ލޯންޗު ނައްޓާލަން އުޅުމުންނެވެ. ނަގިލި ނަގައި، ލޯންޗު މާލެއާ ދިމާއަށް މިސްރާބުޖެހީ، 8:25 ގައެވެ. މި ދަތުރުގައި މުޅި ޖުމުލަ 26 މަސް ބޭނުނެވެ.

މަސްކަނޑައި ނިމުމާއެކު، މަސް ފިހުމުގެ މަސައްކަތް ފަށައިފިއެވެ. ދެ ބުރަކަށް ބަހާލައިގެން މަސް ފިހުނުއިރު، ފުރަތަމަ ބުރުގައި ފިހުނީ 9 މަހެވެ. ދެވަނަ ބުރުގައި 7 މަހެވެ. މަސްފިހުމުގެ އެދުރަކީ ޝާޒެވެ. އޭނާގެ ފާޑުވެރިކަމާއި ކުޅަދާނަކަމަށް ދަތުރުގައި ބައިވެރިވި އަންހެންވެރިން ވަރަށް ބޮޑަށް ތަޢުރީފުކުރަމުން ގެންދިޔައެވެ. އެ އަޑު ސުއާދު އަހަމުން ގެންދިޔައީ، ހޮވުނު ހޮވުން ރަނގަޅުކަމުގެ އިހުސާސް ކުރަމުން، ފަޚުރުވެރިކަމާއެކުގައެވެ.

ފުރަތަމަ ބުރުގެ 9 މަސް ފިހެނިމުނުއިރު، އެ ހުރިހައި މަހެއް ކައި ހުސްވެއްޖެއެވެ. ފިހެވޭވަރަށް ކަމުން ގެންދިޔުމުގެ ސަބަބުންނެވެ. ބައެއް މީހުން ކެއީ، މަހާއި ރޮށްޓެވެ. އަނެއް ބަޔަކު ކެއީ، މަހާއި ޕާނެވެ.  ދެ ވަނަ ބުރުގެ މަސްތައް ފިހެވުނުއިރު، މާލެއަށް ލެފޭން ވަރަށް ކައިރިވެއްޖެއެވެ. އެހެންކަމުން މަސްތައް ފިހެނިމުމުން، އުނދުން ނިވާލާފައި ބެހެއްޓީއެވެ.

މާލެއަށް ލެފުނީ ގާތްގަނޑަކަށް 10:40 އެހައިކަންހައި އިރުއެވެ. އޭރު ބާކީ ހުރި މަސްތައް އަންވަރު ހުރީ ކަނޑައި ނިންމައި ސާފުކޮށްފައެވެ. އެހެންކަމުން ދެ ވަނަ ބުރު ފިހުނު މަސްތަކާއި، ނުފިހެ ރޮލަށް ހުރި މަސްތައް، ބޭނުންވި މީހުންގެ މެދުގައި ބަހާލައިގެން، އެންމެން ލޯންޗުން ފޭބީ، ކުރެވުނު އުފާވެރި މަސްދަތުރުން ހިތަށް ލިބުނު ހަމަޖެހުމާއި އުފާ އިހުސާސްކުރަމުންނެވެ. މި ފަދަ އިތުރު މަސްދަތުރަކަށް އުއްމީދު ވެސް ކުރަމުންނެވެ.

ނިމުނީ

Be the first to comment

ޚިޔާލު