އޮޅިގެން ދޯ!

އޮޅިގެން ނުވަތަ ނޭނގުމުގެ ތެރޭގައި ކުރެވޭ ކަންކަމަކީ ހާދަ ތަފާތު އިޙުސާސްތަކެއް ކުރުވާ ކަންކަމެކެވެ. ބާޒާރަށް މަސް ގަންނަން މާރުކޭޓަށް ގޮސް، ތިމާ ގަތް ބޮޑު ކަޅުބިލަ މަސް ބާއްވާފައި، ޖެހިގެން އޮތް ކުޑަ ކުޑަ ރާގޮނޑި ހިފައިގެން ގެއަށް އައިސްފައި ވަނީ ކިތައް މީހުން ބާވައެވެ؟ ސްކޫލަށް ދާންވެގެން ތިމާގެ ޔުނީފޯމު އަލަމާރީގައި އޮއްވައި، ގޭގައި އުޅޭ، އެހެން ކުއްޖެއްގެ ޔުނީފޯމް ލައިގެން ސްކޫލަށް ދިޔައީ ކިތައް ކުދިން ބާވައެވެ؟ ތިމާގެ އަމިއްލަ ބައިސްކަލް ނުވަތަ ސައިކަލް ހަޑިވުމުން، އޭތި ހުރިތާ ބަހައްޓާފައި، އެހެން މީހެއްގެ ވެހިކަލް ފޮހެ އޮފު އަރުވާލީ ކިތައް މީހުން ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ތިމާގެ ސައިކަލް ބަހައްޓާފައި، ޖެހިގެން ހުރި ސައިކަލަށް އަރައި އިސްޓާޓު ނުވެގެން އުޅުނު މީހުންގެ އަދަދެއް ވެސް ހޯދާކަށް ފަސޭހައެއް ނުވާނެއެވެ.

އިރު އަރައި އޮއްސޭ އިރު، މި އޮތް ކުޑަކުޑަ މާލޭގައި ވެސް މިފަދަ ކިތައް ކަންތައް ހިނގާނެބާވައެވެ؟ އަދަދު ކުރާކަށް ފަސޭހައެއް ނުވާނެއެވެ. ޔަގީނުން ވެސް އެނގޭކަމަކީ މިފަދަ އެތައް ކަމެއް ހިނގައި، އެތައް ސަކަރާތެއްގައި އެތައް ބަޔަކު ތާށިވާނޭކަމެވެ. މިއީ ވެސް އެފަދަ ކަމެކެވެ. އޮޅުމެކެވެ. ނޭނގުމުގެ ތެރެއިން ގަނެވުނު ގަނޑެކެވެ. ފުރަތަމަ ގަތީ ގަނޑެވެ. ފަހުން ގަތީ ލަދެވެ.

މިއީ ރަސްމީ ދަތުރެއްގައި ހއ.އަށް ކުރި ދަތުރެއްގައި ހިނގައި ދިޔަ ކަމެއްގެ ވާހަކައެވެ. މި ދަތުރުގައި އަޅުގަނޑުގެ އިތުން ތިން މީހަކު ބައިވެރިވިއެވެ. ދެ އަންހެން ކުދިންނާއި ފިރިހެނެކެވެ. މާނައަކީ ދެ ފިރިހެނުންނާއި ދެ އަންހެން ކުދިންނެވެ. ދަތުރުގެ ބާވަތުންނާއި ކަންކަން ރޭވިފައި އޮތް ގޮތުން އުޅެން ޖެހުނީ، ވަރަށް އަވަދިނެތް ގޮތަކަށެވެ. ދެ ދުވަސް ހޭދަވެގެން ދިޔައީ މީޓިންގއަކަށްފަހު މީޓިންގއެއްގައެވެ. ހުސް ވަގުތެއް ލިބެނީ ހަވީރު ފަހެއް ޖަހައި ފަހުންނެވެ. އެއީ ރައްޓެހިންގެ ރައްޓެހިންނާއި އަލަށް ލިބެމުން ދިޔަ ރައްޓެހިންގެ ގޭގެއަށް ސަޔަށް، ކޮފީއަށް ޒިޔާރަތް ކުރާ ވަގުތެވެ. އަނެއް ކޮޅުން ރޭގަނޑު ވެސް އޮންނަނީ މަސައްކަތެވެ.

ހަމަ ނޭވައެއް ލެވުނީ ފުރަން ހަމަޖެހިފައި އޮތް ދުވަހުގެ ކުރީ ދުވަހު ހަވީރު ފަހެއްގެ ފަހުންނެވެ. ކުރިއަށް އޮތީ ހުސް ރެއެކެވެ. އެހެންކަމުން އަޅުގަނޑުމެން ރާވާފައި އޮތީ، ރަށުތެރެ ބަލައިލުމަށް އެ ރޭ ބުރެއް ޖަހާލަންދާށެވެ. ރޭގަނޑުގެ ނާސްތާ ނިންމާލުމަށްފަހު އަށްގަޑި ބައި އެހައިކަންހައި އިރު ނިކުމެ ބަހައްޓައިފީމެވެ. ރަށުގެ ބޮޑު މަގުން، އިރުން ހުޅަނގަށެވެ. އަޅުގަނޑުމެން ހަތަރު މީހުންނެވެ.   

ވަކި ހިސާބަކަށް ދިޔަތަނާ ބޮޑު ފިހާރައެއް ފެނިއްޖެއެވެ. މާލޭގައި ހުންނަ ކަހަލަ ބޮޑު ޝޮޕިން މާޓެކެވެ. ފިހާރަ ފެނުމުން އަޅުގަނޑުމެން ގޮސް މަޑުކޮށްލީ ފިހާރަދޮށުގައެވެ. ހަތަރު މީހުންނަށް ވެސް އިއްތިފާޤު ވެވުނީ ފިހާރައަށް ވަދެލުމަށެވެ. ބަލައިލުން ފިޔަވައި އިތުރު ބޭނުމެއް އޮވެގެނެއް ނޫނެވެ.

އެއީ ބޮޑު ފިހާރައެކެވެ. ހުރިހައި އެއްޗެއް އެއް ތަނަކުން ލިބެން ހުންނަ ކަހަލަ ބޮޑު ފިހާރައެވެ. ހަނޑޫ ހަކުރުން ފެށިގެން ސެންޓް ސައިބޯންޏާއި އަންނައުނަށް ދާންދެން ހުއްޓެވެ. ބޮޑެތި ހަރުތައް ހުރީ މުދަލުން ފުރި ބަރާވެފައެވެ.

ފިހާރައިގެ ކައުންޓަރުގައި އިނީ އަންހެން ކުއްޖެކެވެ. ވިޔަފާރި ކުރަން އަންނަ މީހުންގެ ޚިދުމަތުގައި ވެސް ތިބީ އަންހެން ކުދިންނެވެ. ތިން ކުދިން ތިއްބެވެ. އަޅުގަނޑުމެން ފިހާރައަށް ވަނުމާ އެކު އެ ކުދިންގެ ފިޔަވަޅަށް ހަރަކާތް އަތުވެއްޖެއެވެ.

ފިހާރައަށް ވަނުމަށްފަހު އަޅުގަނޑުމެން އެކި މީހުންނަށް ހިނގައިގަނެވުނީ އެކި ދިމާއަށެވެ. އަޅުގަނޑަށް ގޮސް މަޑުކޮށްލެވުނީ ލުއި ކާނާ ޕެކެޓުތައް ކައިރީގައެވެ. އެކި އެއްޗިއްސަށާއި އަގުތަކަށް ވަކިވަކިން ބަލައިލުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު، އެހެން ބައިވެރިން ކޮބައިތޯ ބަލައިލި އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން އަޅުގަނޑު ގަސްދުކުރީ، އިތުރު ދިމާއަކަށް ނުގޮސް ފިހާރައިން ނިކުންނާށެވެ. އެއަރ ކޯން ނުޖައްސާ ހުރުމުން ފިހާރަތެރެ އޮތީ، އުދާސްވާގޮތް ވެފައެވެ.

އަޅުގަނޑު ނިކުތްއިރު އަޅުގަނޑުމެން ޓީމުގެ ފިރިހެން ބައިވެރިޔާ ހުރީ ބޭރަށް ނިކުމެއެވެ. އޭނާ އަދި މާ އަވަހަށް ފޫހިވީތާއޭ ހިތަށް އެރިއެވެ. އަޅުގަނޑު ނިކުމެ، އަނެއް ދެ ކުދިން ކޮބައިތޯ އަހަލީމެވެ. ސަމާސާ ގޮތަކަށް ހީނލާފައި ފިހާރަ އެކުގައި ގަނެލަނީ ކަންނޭނގއޭ ބުނެލިއެވެ. ބުނެލި ގޮތުން އަޅުގަނޑު ގާތަށް ވެސް ހިނިއައެވެ.

އަޅުގަނޑުމެން ދެ މީހުން މަޑުކޮށްލައިގެން ވައި އަނގަ ތަޅަން ތިއްބާ އިރުކޮޅަކުން އެ ތަނުން އެއް ކުއްޖަކު ނިކުމެއްޖެއެވެ. އަދިވެސް އަނެއް މަންޖެ ވީ ހިސާބެއް، ކުރާ ކަމެއް ނޭނގެއެވެ. ނިކުތް ކުއްޖާ ގާތު އަހައިލުމުން ބުނީ، ސެންޓުތަކުން ވަސްގަނެ އެއްޗެހި ކޮށްޓަން އެބަ ހުރި ކަމަށެވެ.

“ފިހާރައަކަށް ވަދެވެއްޖިއްޔާ އަންހެންވެރިން ހައްޓަކު ހެއެއް ނުހުންނާނެ!” ދިމާކުރުމުގެ ރާގެއްގައި އަޅުގަނޑު މިހެން ބުނެފައި، ފިހާރައާ ދިމާއަށް ބަލައިލި އިރު އެއްކަލަ މަންޖެ ދެ ފައި އޮޅެމުން އޮޅެމުން، ކަހަލަ ގޮތަކަށް ވަރަށް ބާރަށް އަންނަތަން ފެނިއްޖެއެވެ. ހީވަނީ ފިހާރަތެރެއިން މީހަކު ބިރުގަންނުވާލީމާ ފައިބައިގެން އަންނަހެންނެވެ. ބުޅަލު ބުޑު އުނބުން ޖެހީމާ، ބުޅާ ވެސް ދާނީ މިކަހަލަ ގޮތަކަށް ކަންނޭނގެއެވެ.

ފިހާރައިން ނިކުންއިރު އޭނާގެ މޫނުމަތިން ފެންނަން ހުރީ ބިރުވެރި ކަމަށްވުރެ ބޮޑަށް ލަދުވެތިކަމުގެ ކުލަވަރުހެން ހީވެއެވެ. އޭރު ފިހާރަތެރޭ ތިބި ކުދިންގެ މޫނުމަތިން ފެނަން ހުރީ ލާނެތް ހިނިތުން ވުމެއްގެ ކުލަވަރެވެ. ވީ ކީއްކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. އެނގޭހައި ވެސް ކަމަކީ ކޮންމެވެސް ގަނޑެއް ގަނެފި ކަމެވެ.

“އަވަހަށް މި ތަނުން ދާން ހިނގާ!” ނިކުތްގޮތަށް އޭނާ ހިފީ އަނެއް އަންހެން ބައިވެރިޔާގެ އަތުގައެވެ. އެ ހިފިގޮތަށް ދަމައި ކަހާފައި ކަހަލަ ގޮތަކަށް ގޮވައިގެން ހިނގައިގެންފިއެވެ.

“ކިހިނެއްވީ؟”

އަޅުގަނޑުމެން ކިޔާ އެއްޗަކަށް އަޅައިލުމެއް ނެތެވެ. އެ މަންޖެ ވެސް، މަޑުކޮށްބަލާށޭ! ކިހިނެއް ވީހޭ އަހައެވެ. އެކަމަކު އަޅައެއް ނުލައެވެ. ބަހައްޓާފައި ހުރީ ފިހާރައާ ދުރަށެވެ. މީހާ ހުރީ ދާހިއްލާގޮތް ވެފައެވެ.  އަޅުގަނޑުމެން ދެ މީހުނަށް ވެސް މަޖުބޫރުވީ އެ މީހުންގެ ފަހަތުން ހިނގައިގަންނާށެވެ.

ވިއްސަކަށް ތިރީހަކަށް ފޫޓު ދުރަށް ހިނގުމަށްފަހު އޭނާ ހުއްޓިއްޖެއެވެ. އޭރު އަޅުގަނޑުމެން ތިބީ ވީ ގޮތެއް އޮޅުން ފިލުވާހިތުން ކެތް މަދުވެފައެވެ. އެހެންކަމުން ހުއްޓުމާއެކު  ވެސް ކުރެވުނީ ކުރިން ކުރަމުން ދިޔަ ސުވާލެވެ. ކިހިނެއް ވީހެއްޔެވެ.؟ އަންހެން ކުއްޖާއަށް ހެވެނީއެވެ. އެ ހުނުމުގައި ފޮރުވިފައި ހުރީ ލަދުގަތުމެވެ. ރަތްކެވެ. އޭނާ ހޭވަރުން އަޅުގަނޑުމެން ގާތަށް ވެސް އަންނަނީ ހިންޏެވެ.

“ތި ހުނުން ހުއްޓާލާފައި ވީގޮތެއް ދެން ކިޔައިދެވޭތޯ ބަލަންވީނު.”

ވީގޮތް ކިޔައިދެވޭތޯ އޭނާ ދެތިން ހަތަރު ފަހަރު ފަށައިފިއެވެ. ހިންޏައިގެން ކުރިއަށް ދާގޮތެއް ނުވެއެވެ. އޭރު އަޅުގަނޑު ވެސް ހުރީ ބަނޑުގައި ގޮށްލާން ކައިރިވެފައެވެ. ވީގޮތް އެނގިގެނެއް ނޫނެވެ. އޭނާ އުޅޭ ގޮތުންނެވެ. ބައެއް ފަހަރު އެހެން މީހުން ހޭތަން ފެނުމަކީ ވެސް ހިނިއަންނަ ކަމަކަށް ވެއެވެ.

ކޮންމެއަކަސް އެތައް ހާލަކުން ވީގޮތް ކިޔައިދީފިއެވެ. އެތައް ފަހަރަކު ފަށައިގެންނެވެ. ފަހަރަކު ތަންކޮޅެއް ކިޔައިދީގެންނެވެ. އެކި ފަހަރު މަތިން ކިޔައިދިން ބައިތައް ގުޅުވައިލުމުން ވީގޮތް އެނގިއްޖެއެވެ.

ފިހާރަ ތެރޭގައި މި ދެއަންހެން ކުދިން ތިބީ ކައިރި ކައިރީގައެވެ. އެކި އެއްޗިއްސަށް ބަލާށެވެ. އެހެން ތިބެފައި އެތަނުން އެކަކު ނިކުމެގެން އައިކަން އަނެކަކަށް މި އޮތީ ނޭނގިތާއެވެ. މީނާ ސެންޓުފުޅިތަކަށް ފިތަފިތާފައި އެވަރު ނުވެގެން އެއްފުޅިން ގައިގެ އެތައް މިތަނަށް ސެންޓު ޖެހުމަށްފަހު، ސެންޓުގެ އަގު ބޮޑު ވާހަކައަށް ދާންދެން ދައްކާފައި، ނިކުންނަން ހިނގައިގެންފިއެވެ.

އޭނާ ހިނގައިގަތް އިރު ވެސް އެކުވެރިޔާ އެ ހުރި ފިޔަވަޅުމަތީގައި އެބަހުއްޓެވެ. އެހެންކަމުން އަންނާށޭ ދާން ކިޔާފައި އޭނާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. އެ ކުއްޖާ ވެސް އޭނާއާ އެކު ހިނގައިގެންފިއެވެ. އޭރުވެސް އޭނާގެ ކަޅި ހަރުގަނޑަތަކުން ނައްޓައެއް ނުލެވެއެވެ. އެހެންކަމުން އޭނާއަކަށް ވާނުވާއެއް ނޭނގެއެވެ.

ތަންކޮޅަކަށް އައިސްފައި އެ ކުއްޖާ ގަދަހަދާލައިފިއެވެ. ކިހިނެއްވީހޭ ކިޔާފައި ރަނގަޅަށް ބަލައިލެވުނު އިރު………. ސުބުޙާނަﷲއެވެ. ހިފައިގެން މި ހުރެވުނީ އެ ފިހާރައިގެ ސޭލްސް ގަރލަކަށް އުޅޭ ކުދިންގެ ތެރެއިން ކުއްޖެއްގެ އަތުގައެވެ. ހުރެވުނުތަން ވެސް ނޭނގުނެވެ. އަތަށް ކައްޓެއް ހެރުނު ކަހަލައެވެ. އަވަސް އަވަހަށް ދޫކޮށްލައިފިއެވެ. އޭރު ފިހާރައިގައި ތިބި ހުރިހައި ކުދިން ކަހަލަ ގޮތަކަށް ހިނިއައިސްފައި ބަލަންތިބީ……… ހަމަ ސީދާ މޫނަށެވެ. ގަތް ލަދެއް ބުނަންވެސް ނޭގުނެވެ. ހިނގައިގަނެވުނު އިރު ދެފައި ވެސް ހީވަނީ ޓަނަކަށްވުރެ ބަރުހެންނޯލައެވެ. އޮޅުނަސް ބޮޑުވަރެވެ.

Be the first to comment

ޚިޔާލު