ބިރުހުރި ކަމެއް

މިފަހަރު ކޮލަމް ފަށާހިތްވަނީ ދާދި މިދާކަށް ރެއަކު ފެނުނު މަންޒަރެއްގެ ވާހަކައިންނެވެ. އެ ރޭގެ އިރާކޮޅުގެ ވަގުތެވެ. ރައްޓެއްސަކާ ވާހަކަ ދައްކައިލާން، ގެއެއްގެ ދޮރާށިދޮށުގައި މަޑުކޮށްލައިގެން ހުރި ވަގުތެކެވެ. ގެ ހުރީ ހަނި ގޯޅިއެއްގައެވެ. ކާރު ލޮރީ ފަދަ، ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ވަނުން މަނާ ގޯޅިއެކެވެ. އެ ގޯޅިއަށް ވަނުމަށް ހުއްދަކުރެވިފައި ވަނީ، ސައިކަލު ބައިސިކަލު ފަދަ އުޅަނދުފަހަރަށެވެ.

އިރުކޮޅަކުން ފެނުނީ، ޖެހިގެން ހުރި ގޭގެ ދޮރާށި ހުޅުވުނު ތަނެވެ. ހުޅުވުނު ދޮރާށިން ނިކުންނަތަން ފެނުނީ ސައިކަލެކެވެ. އެއަށް ސަވާރުވެގެން އިނީ ޒުވާނެކެވެ. އޭނާ ސައިކަލު ނެރެ، އެ ހަނި ގޯޅީގެ ހުރަހަށް ސައިކަލު ބެހެއްޓުމަށްފަހު، ހިނގައިގަތީ އެ ގޯޅީގައި ހުރި ފިހާރައަކާ ދިމާއަށެވެ. ފިހާރަ ހުރީ ތިން ގެ ދޫކޮށްފައެވެ. ޒުވާނާގެ ޚިޔާލެއް ފިކުރެއް ނެތެވެ. ސައިކަލު ބެހެއްޓިފައި މި ހުރީ ހަނި ގޯޅިއެއްގެ ހުރަހަށްކަމެއް ހަނދާނެއްނެތެވެ. ނޫނީ އެކަން، މާ ބޮޑު ކަމަކަށް ނުވަނީއެވެ.

ޒުވާނާއަށް ގޮސް ފިހާރައަކަށް ނުވަދެވެއެވެ. ހުރަސްކޮށްފައި ހުރި ސައިކަލާ ހަމައަށް އެހެން ސައިކަލެއް އައިސް މަޑުކޮށްފިއެވެ. ހުރަސްކޮށްފައި ހުރި ސައިކަލުގެ ސަބަބުން ދެވޭނެ އެއްވެސް ޖާގައެއް ނެތިގެންނެވެ. ގިނައިރެއް ނުވެއެވެ. ދެވަނަ ސައިކަލު ވެސް އައިސް އެ ހިސާބަށް މަޑުކޮށްފިއެވެ. ތިންވަނަ ސައިކަލު ވެސް އަތުވެއްޖެއެވެ. އިސާހިތަކު ސައިކަލުތައް ފުރާލައިފިއެވެ. ބަރުގޮނު އަޅާން ވެސް ފަށައިފިއެވެ. ފިހާރައަށް ވަން ޒުވާނާއަށް ވެސް އަޑު އިވޭނޭކަން ކަށަވަރެވެ. ބައެއް މީހުން ނުރުހިފައި، އެ ކަމާ ބަސްބުނާ އަޑު އިވެއެވެ. އޭނާއަށް ކަހަރުވަކެކޭ ވެސް ހީވާހެނެއް ހިއެއް ނުވެއެވެ.

ގާތްގަނޑަކަށް ތިން ހަތަރު މިނެޓެއް ފަހުން، އެއްކަލަ ޒުވާނާ ފިހާރައިން ނިކުތްތަން ފެނިއްޖެއެވެ. ސުޕާރީއެއް އަނގައަށް ލުމަށްފަހު، ދެ ދަތްޕިލައިން ފިއްތާލައި، ހުސްޕެކެޓް ދަމައިގަނެ، މަގުމައްޗަށް އެއްލާލައިފިއެވެ. މަގުމަތީގައި ފުނިޖެހިފައި ހުރި ސައިކަލުތަކާއި އަޅަމުންދިޔަ ބަރުގޮނުގެ އަޑު، އޭނާ އަކަށް މާބޮޑު ކަމަކަށް ނުވިއެވެ. އޭނާގެ ސަބަބުން ކަމެއް ގޯސްވެފައިވާހެން ވެސް ހީނުވެއެވެ. ވަރަށް ހަމަޖެހިލައިގެން ހުރެ، އައިސް ސައިކަލަށް އަރައި، އިސްޓާޓުކޮށްލައިފިއެވެ. ފަހަތުގައި ފުނިޖެހިފައިވާ ސައިކަލުތަކަށް ބެލުމެއް ނެތި، މުށްގަނޑަށް ފެލާލައިފިއެވެ. ވައިރޯޅިއެއް ފައިބައިގެން ދިޔަހެން އެ ދިޔައީއެވެ.

ބަސްހުއްޓި ބުނާނޭ އެއްޗެއް ނޭނގިފައި ހުރެވުނެވެ. މިއީ ގައުމުގެ ހާލަތު މިއަދު ދަތުރުފަށައިގެން އުޅޭ މިސްރާބޭ ހިތަށް އެރިއެވެ. މި ދާވަރުން ދާ ނަމަ، މާދަމާގެ ހާލަތަކީ ކޮބައި ބާވައެވެ؟ މީހަކަށް ބެލުމެއް ނެތެވެ. އަނެކާއަށް ވާނެ، ނުވަތަ ވެދާނެ ދައްޗަކަށް ތުރާލަކަށް ވިސްމުނެއް ނެތެވެ. ތިމާ ބޭނުން ގޮތަކަށް ތިމާއަށް އުޅެވޭން ޖެހޭނެއެވެ. ވިސްނުން ހުރީ މި ފަދަ ގޮތަކަށެވެ. އެއްޗެއް ބުނެފި މީހަކާ ދިމާއަށް، ވަށިވަށީން ދޭންވީއެވެ. މި ވަރުން އަދި ނިންމާލުމުގެ ބަދަލުގައި، ބަސްބުނި މީހާ ނިންމާލައި ފަހަރުވެސް އައިސްފައި އެބަހުއްޓެވެ.

ގައުމަކީ ތަރައްޤީވަމުން އަންނަ ގައުމެއްކަމަށް ވިޔަސް، ގައުމުގައި ދިރިއުޅޭ މީހުންގެ ބޭރުފުށަށް ބަލައިލާއިރު، އެންމެ ތަރައްޤީވެފައިވާ ގައުމަކުން ފެންނާނޭ އެންމެހައި ކުލައެއް ފެނެއެވެ. އެންމެ ޒަމާނީ ފޭރާމެވެ. ފަހުގެ ފައިވާނާއި ބޫޓެވެ. އަގުބޮޑު އަތަރާއި ސެންޓެވެ. މޮޅު ފޯނާއި ލެޕްޓޮޕެވެ. ހިތްގައިމު ސައިކަލާއި ކާރެވެ. މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. ހުޅަނގުގެ ތަހުޒީބު ގައުމަކުން ފެންނާނެ އެންމެހައި ކުލަތައް، ބޭރުފުށުގައި އަންނަނީ ޖެހެމުންނެވެ. ވަތުބަތާނައަށް ބަލައިނުލެވޭ މީހަކަށް ގައުމު ފެންނާނީ، ތަރައްޤީ އިން ފެންވަރަމުން އަންނަ، ތަހުޒީބު ބަޔަކު ދިރިއުޅޭ ގައުމެއްގެ ސިފައިގައެވެ.

ދެން އޮތީ އަނެއް ފަރާތެވެ. ކިބަޅި ފަރާތެވެ. އުޅޭ އުޅުމެވެ. މި ފަރާތަށް ބަލާލައިފި މީހަކަށް، މިއީ އެއްކަލަ ތަހުޒީބީ ނަސްލު ދިރިއުޅެމުން އަންނަ ގައުމު ބާވައޭ ހިތަށް އަރާނެއެވެ. އުޅޭކަށް ވަކި ގޮތެއް ނެތެވެ. ކުރާކަށް ވަކި ކަމެއް ނެތެވެ. ހިތަށް އަރައިފި ނަމަ، ހަމަ ކޮންމެ ފަދަ ކަމެއް ވެސް ކުރާންވީއެވެ. ކުޑަކުއްޖަކަށް އޯގާވެރިވުމެއް ނެތެވެ. ބޮޑު މީހަކަށް އަދަބު އިޙުތިރާމު ކުރުމެއް ނެތެވެ. ވެރިއަކަށް ކިޔަމަންވުމެއް ނެތެވެ. ގާނޫނަކަށް ބޯ ލެނބުމެއް ނެތެވެ. އެ ވަގުތު ކަންކުރާން ހިތަށް އަރާނީ، އެ ވަގުތު ކަންކުރާން އޮތް އެންމެ މޮޅު ގޮތަށެވެ. މީހެއްގެ މުދަލަށް ގެއްލުން ދޭން ހިތަށް އެރިޔަސް، މީހެއްގެ ފުރާނައާ ކުޅެލާން ހިތަށް އެރިޔަސް، ކަން އޮތީ މި ފަދައިންނެވެ.

މި ފަދަ ކަންކަމާމެދު، ގައުމުގެ ދަރީން، މިހާރަށްވުރެ ބޮޑަށް، ވިސްނައި ފިކުރުކުރާން ވެއްޖެއެވެ. ގައުމުގެ ހާލަތު ވެއްޓެމުން މި ދަނީ، ވަރަށް ނުރައްކާތެރި އަނދަވަޅަކަށެވެ. ވެއްޓުނީމާ ދެން އޮންނާނީ ސަލާމަތް ނުކުރެވިފައެވެ. މި އަނދަވަޅަށް ވެއްޓިފައި ތިބި ދަރީން، މި ފަސްގަނޑުން މިއަދު ވެސް ފެންނަމުން އެބަ ދެއެވެ. އަދަދު އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެހެންކަމުން، ކޮންމެ މަންމައަކާއި ބައްޕައަކު ވެސް، އަޒުމު ކަނޑައަޅާންވީ، ތިމާގެ ދަރިފުޅު، ނުވަތަ ދަރީންކޮޅު، މި އަނދަވަޅަށް ވެއްޓުނަނުދީ، ސަލާމަތްކުރެވޭތޯއެވެ. ހިތްވަރާއި އަޒުމާއެކު، މަސައްކަތްކޮށްފި ނަމަ، ﷲގެ ވާގިފުޅާއެކު، އެކަން ޙާޞިލުވާނެއެވެ.

Be the first to comment

ޚިޔާލު