ކޮވިޑް 19 ބަލީގެ ސަބަބުން ޗ. ފުށިދޫގެ އާންމު ޙާލަތު އޮތްގޮތް

ސުވާލު:

މިއަދު  ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ޞިއްޙީ ކާރިސާއަކީ ކޮވިޑް -19ގެ ކާރިސާއެވެ. މި ކާރިސާ މުޅިދުނިޔެ ތަޖުރިބާ ކުރަމުން ދާއިރު، ދިވެހިރާއްޖެ ވެސް މި ވަނީ މި ނުރައްކާތެރި ކާރިސާގެ ވަބާގައި ޖެހިފައެވެ. ރާއްޖޭގެ އެކި ރަށްތަކަށް މި ބަލި ފެތުރިފައި ވާއިރު، މި ބަލި ފެތުރިފައި ވާ އެއް ރަށަކީ ޗ. ފުށިދުއެވެ. އެ ރަށުގެ ގިނަ ބަޔަކަށް މި ބަލި ޖެހިފައި ވުމުގެ ސަބަބުން، ސަރުކާރުން ވަނީ އެ ރަށުގެ މީހުން ގެއިން ނިކުމެ އުޅުން މަނާކޮށްފައެވެ. އަދި އެ ރަށަށް ލަފާ ފުރުން ވެސް މަނާ ކޮށްފައެވެ. މި ކަމާ ގުޅިގެން ރަށުގެ ޢާއްމު ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިގޮތުން ޞިއްޙީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތަށް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރައިފައެވެ.  ވީމާ މި ރަށުގެ މިހާރުގެ އާއްމު ހާލަތު އޮތްގޮތް ބަޔާންކޮށްދީ، އަތޮޅު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ތިޔަ ދަރިވަރު  ރިޕޯޓެއް ލިޔާށެވެ!

ތަޢާރަފު

ޗ. ފުށިދޫގައި ކޮވިޑް 19ގެ ބަލިމަޑުކަން ފެތުރި، ފުރަބަންދުކުރުމާ ގުޅިގެން، އެ ރަށުގެ އާންމު ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން މި ރިޕޯޓަކީ ފުށިދޫގެ އާންމު ހާލަތު ދެނެގަނެ، އެ ރަށަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރާނޭ ގޮތްތައް ބަޔާންކޮށް ލިޔެފައިވާ ރިޕޯޓެކެވެ. އެ ގޮތުން މި ރިޕޯޓުގައި ބަލައިލައިފައިވާނީ، ފުށިދޫގެ އިޤުތިޞާދީ ހާލަތާއި އިޖުތިމާޢީ ހާލަތާއި ޞިއްޙީ ހާލަތާއި ތަޢުލީމީ ހާލަތުގެ އިތުރުން އާންމު ދިރިއުޅުމުގެ ހާލަތު އޮތްގޮތުގެ މައްޗަށެވެ. މިއީ އެ ރަށުގެ ކަމާބެހޭ ފަރާތްތަކާ ފޯނުން ގުޅައިގެން ނަގާފައިވާ ބަސްދީގަތުންތަކުންނާއި އޮންލައިންކޮށް ކުރެވުނު ސާވޭތަކުން ލިބުނު މައުލޫމާތުގެ އަލީގައި، ޗ. އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސް، އިރުފާނު އަލީ ލިޔެފައިވާ ރިޕޯޓެކެވެ.

އިގުތިޞާދީ ހާލަތު

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ފުށިދޫގެ އިޤުތިޞާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މި ކަމާ ގުޅިގެން، އެ ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ 10 ފަރާތަކާ ސުވާލުކުރުމުން، އެ ފަރާތްތަކުން ހާމަކުރިގޮތުގައި، ކޮވިޑުގެ މި ވަބާއާ ގުޅިގެން، އެ މީހުން ކުރަމުން އައި ގެސްޓް ހައުސްގެ ވިޔަފާރި ހުއްޓި، އެ ތަންތަން ވަނީ ބަންދުކުރާން ޖެހިފައެވެ. އެ ކަމުގެ ސަބަބުން ރަށުގެ 98 މީހެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. މީގެއިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމުން އާމްދަނީ ހޯދަމުން އަންނަ 30 މީހުން ހިމަނައިގެން ހެދި ސާވޭއަކުން ދެއްކި ގޮތުގައި، އެ ރަށުގައި ކޮވިޑުގެ ބަލިމަޑުކަން ފެތުރޭންފެށުމާއެކު، ގޭގައި ބަންދުވެގެން ތިބޭން ޖެހުމުން، އެބައިމީހުން ކުރަމުން އައި މަސައްކަތް ހުއްޓާލަންޖެހި، އާމްދަނީ ލިބޭނެ މަގުތައް ވަނީ ބަންދުވެފައެވެ. ސާވޭގައި ބަވެރިވި %28 މީހުން ހާމަކޮށްފައިވާ ގޮތުގައި، ރައްކާކޮށްފައި ހުރި ފައިސާކޮޅު ހުސްވެ، ބޭނުންވާ ތަކެތި ފިހާރަތަކުން ވަނީ ދަރަންޏަށް ހޯދާން ޖެހިފައެވެ. މި ކަމާ ގުޅިގެން ރަށު ކައުންސިލްގެ ރައީސާ ގުޅާލުމުން އޭނާ ވިދާޅުވިގޮތުގައި، ކޮވިޑުގެ ބަލިމަޑުކަން ރަށަށް ފެތުރުމާ ގުޅިގެން، ރަށުގެ އިގުތިޞާދީ ހާލަތު ވަނީ، މިއިން ޒަމާނަކު ވެސް ދަށަށް ނުދާހައި ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އާމްދަނީ ލިބޭނެ ގޮތެއް ނެތި، ހާލުގައި ޖެހިގެން 130 މީހަކު ރަށު ކައުންސިލަށް ވަނީ ރިޕޯޓުކޮށްފައެވެ.

އިޖުތިމާޢީ ހާލަތު

ކޮވިޑުގެ ބަލިމަޑުކަން ފުށިދުއަށް ފެތުރި، ފުރަބަންދު ކުރުމުގެ ސަބަބުން، ރަށުގެ އިޖުތިމާޢީ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. އެހެންކަމުން އެ ރަށުގައި ދިރިއުޅޭ 60 އާއިލާއިން 60 މެންބަރުން ހިމަނައިގެން ހެދި ސާވޭއަކުން ދެއްކި ގޮތުގައި، އޭގެތެރެއިން %35 އާއިލާގައި ވަނީ، ފުރަބަންދާ ގުޅިގެން ތަފާތު މައްސަލަތައް އުފެދިފައެވެ. އޭގެތެރޭގައި އެކަކު އަނެކަކުދެކެ ރުޅިއައިސްގެން އަނގައިން ނުބުނެ ތިބުމާއި، ޒުވާބުކުރުމާއި މުދަލަށް ގެއްލުންދިނުން ފަދަ މައްސަލަތައް ފާހަގަކޮށްފައި ވެއެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ %85 މީހުން ހާމަކުރިގޮތުގައި، މި ފަދަ މައްސަލަތައް އުފެދެންފެށީ، އެއް ތަނެއްގައި ގިނަ ބަޔަކު ބަންދުވެފައި ގިނަ ދުވަހު ތިބެންޖެހުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން އެ ރަށު ފުލުހުންގެ އިދާރާއާ ގުޅުމުން މައުލޫމާތު ދެއްވިގޮތުގައި، ފުރަބަންދުގެ ދަތި ދުވަސްތައް ފެށުނު ފަހުން، އާއިލީ މައްސަލަތައް އެ ރަށުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ އެ ބާވަތުގެ 85 މައްސަލައިގެ ތެރެއިން %95 މައްސަލައަކީ، ގިނަ ބަޔަކު އެއްތަނެއްގައި ބަންދުވެފައި ތިބެންޖެހުމުން އުފެދިފައިވާ މައްސަލަތަކެވެ. މިއީ ފުރަބަންދުގެ ކުރިން، މި ފަދަ މައްސަލަތައް ހުށަހެޅިފައިވާ މިންވަރާ އަޅައިބަލާއިރު %77ގެ އިތުރުވުމެކެވެ.

ޞިއްޙީ ހާލަތު

ފުރަބަންދާ ގުޅިގެން ފުށިދޫގެ ޞިއްޙީ ހާލަތު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މި ކަމާ ގުޅިގެން އެ ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން ކޮވިޑު ބައްޔަށް ފައްސިވެ، އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ގެންދާ 20 މީހުންނާ ސުވާލުކުރުމުން، އޭގެތެރެއިން %90 މީހުން ބުނެފައި ވަނީ، އެ މީހުންނަށް ހޮސްޕިޓަލުން އެ ކަށީގެންވާ ފަރުވާ ލިބެމުން ނުދާކަމަށެވެ. އެ ގޮތުން ގަޑިން ގަޑިއަށް ބޭސް ނުލިބުމާއި ހުމާއި ޕްރެޝަރު ވެސް ގަވާއިދުން ނުބަލާކަމަށް އެބައިމީހުން ބުނެފައިވެއެވެ. ދާއިމީ ބަލިބައްޔަށް ފަރުވާ ހޯދަމުން އަންނަ 25 މީހުންނާ ސުވާލުކުރުމުން، އޭގެތެރެއިން 20 މީހުން ބުނެފައިވަނީ، ކޮވިޑުގެ ބަލިމަޑުކަން ރަށަށް ފެތުރޭންފެށިފަހުން، ރަށު ހޮސްޕިޓަލުން އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށެވެ. މި ކަމާ ގުޅިގެން އެ ރަށުގެ ހަސްފަތާލު ހިންގުމާ ހަވާލުވެހުންނެވި މުޙައްމަދު ފާއިޒާ ސުވާލުކުރުމުން، އޭނާ ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަން ރަށަށް ފެތުރެންފެށިފަހުން މިހާތަނަށް 286 މީހަކު އެ ރަށުން ބައްޔަށް ފައްސިވެ، އޭގެތެރެއިން 39 މީހަކަށް އެޑުމިޓްކޮށްގެން ފަރުވާދޭން ޖެހުމުން، ހޮސްޕިޓަލުގެ އެނދުތައް ފުރިގެން، އިތުރު އެނދު ގެނެސްގެން ވެސް މީހުން ބައިތިއްބަން ޖެހިފައިވާ ކަމަށެވެ. މީގެއިތުރުން ޚިދުމަތް ފޯރުވައިދޭނެ ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާވަރުވެ، އެހެނިހެން ބަލިބައްޔަށް ފަރުވާ ހޯދަން އަންނަ ފަރާތްތަކަށް ވެސް އެކަށީގެވާ ޚިދުމަތެއް ނުދެވޭ ކަމަށާއި ބައެއް ބާވަތްތަކުގެ ބޭސްތައް ހުސްވުމުގެ ސަބަބުން ވެސް، ޚިދުމަތްތަކަށް ހުރަސް އެޅެމުން އަންނަ ކަމަށެވެ. މީގެއިތުރުން ފުރަބަންދު ކުރުމުގެ ކުރިއާ އަޅައިބަލާއިރު، ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަން އަންނަ ފަރާތްތަކުގެ އަދަދު %45 އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާންމު ދިރިއުޅުމުގެ ހާލަތު

ފުރަބަންދުގެ ސަބަބުން ފުށިދޫގެ އާންމު ދިރިއުޅުމުގެ ހާލަތު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މި ކަމާ ގުޅިގެން ރަށުގެ ވިޔަފާރިވެރިންގެ ތެރެއިން 10 މީހަކާ ސުވާލުކުރުމުން، އޭގެތެރެއިން 9 މީހުން ބުނިގޮތުގައި، ފުރަބަންދާ ގުޅިގެން ދަތުރުފަތުރުކުރުން ހުއްޓިފައި އޮތުމުގެ ސަބަބުން، ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރަށަށް ގެނައުމުގައި ވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ. މީގެސަބަބުން ކާބޯތަކެތީގެ އެތައް ބާވަތްތަކެއް މިހާރު ވެސް ހުސްވެފައި ހުރި ކަމަށް 5 ވިޔަފާރިވެރިން ބުނެފައިވެއެވެ. މިކަމާ ގުޅިގެން ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން 70 މީހުން ހިމަނައިގެން ކުރި ސާވޭއެއްގައި، ކާޑުގެ ބާވަތްތައް ގެއިން އެއްކޮށް ހުސްވެފައިވާ ކަމަށް %20 މީހުން ބުނެފައިވާއިރު، %35 މީހުން ބުނެފައިވަނީ ކާބޯތަކެތީގެ ބާވަތައް އެ ގޭގެއިން ހުސްވަމުން އަންނަކަމަށެވެ. މީގެއިތުރުން ކުޑަކުދިންގެ ކާނާއާއި ނެޕީ ފަދަ ތަކެތި ހުސްވެފައިވާކަމަށް ދިރާސާގައި ބައިވެރިވި %10 މީހުން ބުނެފައިވެއެވެ. ރަށުކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި، ފުރަބަންދާ ގުޅިގެން، ބޯފެން ނުލިބިގެން ރަށުގެ %80 ގެއިން ކައުންސިލަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ކައްކާގޭސް ހުސްވެ، ކެއްކުމަށް ދަތިތައް ކުރިމަތިވެގެން، 45 ގެއަކުން ރިޕޯޓުކޮށްފައި ވެއެވެ. މީގެއިތުރުން ރަށުގެ އާންމު ދިރިއުޅުމުގެ ތަފާތު ދަތިތައް ކުރިމަތިވެގެން، 145 މީހަކު ރަށުކައުންސިލަށް މައްސަލަ ހުށައަޅާފައިވެއެވެ.

ތަޢުލީމީ ހާލަތު

ކޮވިޑްބަލި ފެތުރުމާ ގުޅިގެން ފުށިދޫ ފުރަބަންދުކުރިކަމުގައި ވިޔަސް، އިސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް މާ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައެއް ނުވެއެވެ. އެގޮތުން ރަށު އިސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިގޮތުގައި، ފުރަބަންދު ކުރި ދުވަހުން ފެށިގެން، އިސްކޫލުގެ ހުރިހައި ދަރިވަރުންނަށް ވަނީ، އޮންލައިންކޮށް ކިޔަވައިދޭން ފަށާފައެވެ. މި ކަމުގައި ދަރިވަރުންނާއި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އާދެއެވެ. މިކަމާ ގުޅިގެން އެކި ގުރޭޑުތަކަށް ކިޔަވައިދެއްވާ 15 މުދައްރިސުންނާ ސުވާލުކުރުމުން، އެ ހުރިހައި މުދައްރިސުން ވެސް ފާހަގަކުރެއްވިގޮތުގައި، ގިނަ ދަރިވަރުން ކުލާސްތަކަށް ބަރާބަރަށް ހާޟިރުވެ، ހަވާލުކުރާ މަސައްކަތްތައް މަދު ކުއްޖަކު ފިޔަވައި، ދުވަހުން ދުވަހަށް ނިންމައެވެ. އަދި ޓިއުޓޯރިއަލް ގަޑިތަކުގައި ވެސް ބައިވެރިވެއެވެ. އެހެންނަމަވެސް އިންޓަނެޓްގެ މައްސަލައާހުރެ، ބައެއް ދަރިވަރުންނަށް ބައެއް ކުލާސްތަކަށް ނުވަދެވެއެވެ. މިކަން އިތުރަށް އޮޅުންފިލުވުމުގެ ގޮތުން ގުރޭޑު 8، 9، 10 ގައި ތަޢުލީމު ޙާޞިލުކުރަމުން އަންނަ 40 ދަރިވަރުން ހިމަނައިގެން ހެދި ސާވޭއެއްގައި، %70 ދަރިވަރުން ބުނެފައިވަނީ، ކިޔަވައިދެއްވާ ފިލާވަޅުތައް ރަނގަޅަށް އޮޅުންފިލާކަމަށާއި ނޭނގޭ ތަކެއްޗާއި އޮޅުންއަރާ ބައިތައް އޮޅުންފިލުވަން، ކުރިއަށްވުރެ މިހާރު މާ ފަސޭހަކަމަށެވެ. އިންޓަނެޓުގެ މައްސަލަ ދިމާވާވެގެން ކުލާހަށް ނުވަދެވޭ ފަހަރު އަންނަ ކަމަށް %40 ދަރިވަރުން ބުނެފައިވެއެވެ. އިސްކޫލުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އޮންލައިންކޮށް ކިޔަވައިދީފައި ނެގި ޔުނިޓް ޓެސްޓުގެ ނަތީޖާ، އޭގެ ކުރިން ނެގި ޔުނިޓް ޓެސްޓުގެ ނަތީޖާއަށްވުރެ ދަށްވެފައި ވަނީ އެންމެ %2.34 އެވެ.

ހައްލު

ފުށިދޫ ފުރަބަންދުކުރުމާ ގުޅިގެން، އެ ރަށުގެ އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާތީ، އެ ކަންކަމަށް އަވަސް ހައްލެއް މިވަނީ ގެންނާން ޖެހިފައެވެ. އެގޮތުން ރަށުގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި، ވަޒީފާ ނެތް ފަރާތްތަކަށާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްކުރަމުން އައި ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ފަދަ ޚާއްޞަ އެލަވަންސެއް ހަމަޖައްސައިދީ، ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ލުއިލޯނު ލިބޭނެގޮތް ހަމަޖެއްސުމަކީ މުހިންމު ކަމެކެވެ. މީގެއިތުރުން ޢާއިލީ މައްސަލަތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެފަދަ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު އާންމުން ހޭލުންތެރިކުރުމަށް ޓަކައި ސެޝަންތަކެއް ބޭއްވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ހަމައެއާއެކު ކޮވިޑްބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ޚާއްޞަ ތަނެއް ވަގުތީގޮތުން ނަމަވެސް އަޅައި، އެ ތަނަށް ބޭނުންވާ ޞިއްޙީ އެހީތެރިންނާއި ވަސީލަތްތައް ހަމަކޮށް، ރަށުގެ ޞިއްޙީމަރުކަޒަކީ، އެހެނިހެން ބަލިތަކުގެ މީހުންނަށް ޚާއްޞަ ތަނަކަށް ހަދަން ޖެހެއެވެ. މީގެއިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރަށަށް ގެނެސް، ގޭގެއަށް ފޯރުކޮށްދިނުމަށް ޓަކައި، ޚާއްޞަ ޓާސްކްފޯހެއް ކައުންސިލުން އުފައްދައިގެން، އެ މަސައްކަތް ފެށުމަކީ ވެސް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެކެވެ. އަދި ރަށަށް ދޫކޮށްފައިވާ އިންޓަނެޓްގެ ފެންވަރު މަތިކޮށް، ކިޔަވައިދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަކީ ވެސް ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ. މި ގޮތަށް މި ކަންކަން ކުރެވިއްޖެ ނަމަ، ފުށިދޫއަށް މިއަދު ކުރިމަތިވެފައިވާ ނާޒުކު ހާލަތު، އާންމު ހާލަތަކަށް ބަދަލުވެދާނޭކަމަށް ބެލެވެއެވެ.

Be the first to comment

ޚިޔާލު