ކިތަންމެ ރީއްޗަސް އަތްނުލާށެވެ!

މިދިޔަ ރަމަޟާން މަހުގެ 27 ވަނަ ދުވަހެވެ. ދުވަހަކީ ހުކުރު ދުވަހެކެވެ. އޭނާ ހުކުރަށް ދިޔައީ އިސްލާމީ މަރުކަޒަށެވެ. ހުކުރުކޮށް ނިމިގެން މިސްކިތުން ފައިބައި ބަލައިލިއިރު، އޭނާ އަރައިގެން ދިޔަ ބޫޓެއް ބެހެއްޓި ތަނަކު ނެތެވެ. ވަށައިގެން އެކި ދިމަދިމާއަށް ކަޅި ހިންގައިލިއެވެ. ބޫޓު ފެނޭތޯއެވެ. ނުފެނުނެވެ. އެ ތަނުގައި އެތައް ފައިވާނަކާއި ބޫޓެއް ހުރުމުން، ގޮތް ނިންމާކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އަނެއްކާ ވެސް ދެތިން ފިޔަވަޅެއް ކުރިއަށް އަޅައިލުމަށް ފަހު، ބޫޓު ފެނޭތޯ މަސައްކަތް ފެށިއެވެ.

އިރުކޮޅަކުން އޭނާ ގާތަށް އައިސް މަޑުކޮށްލީ، ޒުވާން ފުރައިގެ ސޮރެކެވެ. އޭނާ އަހައިލީ ތި އުޅެނީ ކޯއްޗެއް ހޯދަންތޯއެވެ. އޭނާ ވަގުތުން ބުނެފިއެވެ. މި އުޅެނީ މި ތަނުގައި ބެހެއްޓި ބޫޓު ނުފެނިގެންނެވެ. ހަމަ ބުނާއިރަށް އެ ސޮރު ބުނެފިއެވެ. ފުލުސް އޮފީހުގައި ތިޔަ ބޫޓު އެބަހުއްޓެވެ. އެ ސޮރާ ދިމާއަށް އޭނާއަށް ބަލައިލެވުނީ، ސުވާލުން ފުރިފައިވާ ނަޒަރަކުންނެވެ. މީގެ ކުރިން ފުލުސް އޮފީހަށް ގެންގޮސް ހައްޔަރުކުރަނީ މީހުންނެވެ. ފައިވާނާއި ބޫޓާއި އަންނައުނު ފަދަ ތަކެތި ގެންގޮސް، ބިޑިއަޅުވައި ހައްޔަރު ކޮށެއް ނޫޅެވެ.
“ފުލުސް އޮފީހުގައޭ؟”

ހައިރާންވެ އަންތަރީސްވެފައި ހުރެ، އޭނާއަށް މި ސުވާލު ކޮށްލެވުނީ، އެ ސޮރު ބުނި ބުނުމަށް އިތުބާރު ނުކުރެވި ހުރެއެވެ. ގަބޫލުކުރާން ފަސޭހަ ނުވެގެންނެވެ. އެހެންނަމަވެސް ކަންވީ އެސޮރު ހަމަ ބުނިހެންނެވެ. ބޫޓު ހުރީ ފުލުސް އޮފީހުގައެވެ. އެހެންނަމަވެސް ބޫޓު އެކަންޏެއް ނޫނެވެ. ބޫޓާއެކު ޒުވާންފުރައިގެ “ބަލި ކުއްޖަކު” ވެސް އިނެވެ.

ކަންވީގޮތް އެނގުނީ ރަތްދަކަ އަވީގައި، ފައި ފިއްސައިގެން ގޮސް، ފުލުން އޮފީހަށް ވަނުމުންނެވެ. އެ ތަނުގައި ހައްޔަރުކޮށްފައި އިން ސޮރު، އެ ބޫޓަށް އަރައިގެން ދާން އުޅެނިކޮށް، އެ ތަނުގައި ހުރި ފުލުހަކަށް ޝައްކު ވެގެން، އެ ސޮރު ފުލުސް އޮފީހަށް ގެންދިޔައީއެވެ. ބޫޓު ހޯދަނިކޮށް ފުލުސްއޮފީހުގައި ބޫޓު ހުރި ވާހަކަ ބުނީ މި ބުނި ފުލުސްމީހާއެވެ.

ކޮންމެއަކަސް ފުލުސް އޮފީހަށް ދިޔުމުން، އޭނާއަށް ބޫޓު ލިބިއްޖެއެވެ. ވަގުކަލޭގެއަށް ހެދިގޮތެއް ނޭނގެއެވެ. “ނަސޭޙަތް” ދީފައި އެއް ދުވަހެއްކަމަށް ދޫކޮށްލީކަމެއް، ނޫނީ ހައްޔަރުކުރީ ކަމެއް ނޭނގެއެވެ. އެހެންކަމުން އެ ވާހަކަ މިހައި ހިސާބުން ބޭއްވީއެވެ.

މާލޭގެ މިސްކިތްތަކުން ފައިވާނާއި ބޫޓު ގެއްލުމަކީ، މީގެ އަހަރުތަކެއް ކުރީން، ހަމަ ގައިމުވެސް ވަރަށް ޢާންމު ކަމެކެވެ. ފައިވާނެއް ނުވަތަ ބޫޓެއް ނުގެއްލޭ ނަމާދެއް، ފާއިތުވާނީ މަދު ފަހަރަކުއެވެ. ބައެއް ފަހަރު، ތިން ހަތަރު މީހުން ހުސްފައިގައި ނިކުންނަތަން ވެސް ފެނެއެވެ. އެހެންނަމަވެސް ކުރިއާ އަޅައިބަލާއިރު މިހާރު އެ މަންޒަރު ފެންނަލެއް މަދެވެ. ނަމަވެސް އެ ބަލި މުޖުތަމަޢުން ފިލައިގެނެއް ނުދެއެވެ.

ކަމަކީ ވައްކަމެކެވެ. ﷲގެ ގެކޮޅަށް އަރައި، އެކަލާނގެއަށް ސަޖިދަކޮށްފައި ނިކުމެ، އެކަލާނގެ ހަރާންކުރައްވާފައިވާ ބޮޑު ފާފައަކަށް އަރައިގަނެ، މީހެއްގެ މުދަލެއް، ތިމާގެ ޙައްޤަކަށް ހަދައިގެން ނިކުމެގެންދާއިރު، ބިރު ނުގަންނަނީ ތާއެވެ؟ ގެއަކަށް ވަދެ މީހެއްގެ ފޯނެއް ނުވަތަ އެހެން ވެސް މުދަލެއް ވަގަށް ނެގުމަށްވުރެ، މީގެ ނުބައިކަން ބޮޑެވެ. ވައްކަން މި ކުރެވެނީ މިސްކިތުންނެވެ. މިސްކިތަށް އަޅުކަމަށް އަރައި ހުރި މީހެއްގެ މުދަލުންނެވެ. އަނެއްކޮޅުން ވައްކަން ކުރި މީހާ، މިސްކިތުން މި ފައިބަނީ ނަމާދުކޮށްގެންނެވެ. އަޅުކަމަށްފަހު ޒިކުރާއި ތަސްބީޙައިގެ ބަދަލުގައި، ބޮޑު ފާފައެއް ކޮށްލައިގެން ދިޔުން މާ ގޯހެއް ނޫން ހެއްއެވެ؟

މިސްކިތުން ފައިބާއިރު ބޫޓުތަކާއި ފައިވާންތަކުން އެ ސަރަޙައްދު އޮންނާނީ ފުރިފައެވެ. ވަރަށް އަގު ބޮޑު މޮޅު ބޫޓާއި ރީތި ފައިވާން ވެސް ފެންނާނެއެވެ. އެހެންނަމަވެސް އެއީ ތިމާ އަރައިގެން ދިޔަ ފައިވާން ނުވަތަ ބޫޓަށް ނުވާ ނަމަ، އެއާ ގާތް ނުވާށެވެ! ކިތަންމެ ބޭނުން ވިޔަސް، ކިތަންމެ އަރާހިތް ވިޔަސް ނާރާށެވެ! އެއީ ކުރެވޭ ވައްކަމެކެވެ. ވައްކަމަކީ ފާފައެކެވެ. ފާފަކުރުމުން ކޮންމެވެސް އެއް ދުވަހަކުން އޭގެ ސަޒާ ލިބޭނެއެވެ. މިއަދު ރީތި ބޫޓަށް އަރައިގެން، ހެވިފައި ހުރިނަމަވެސް، އެ ދުވަހުން ޖެހޭނީ ރޯށެވެ. އެހެންވީމާ ކިތަންމެ ރީއްޗަސް އޭގައި އަތް ނުލާށެވެ!

ނިމުނީ

ނޯޓު: މިއީ 26 އޮގަސްޓް 2014 ގައި ސަން އޮންލައިންގައި އަޅުގަނޑު ލިޔުނު ލިޔުމެކެވެ.

Be the first to comment

ޚިޔާލު