ރައްކާވެ ތިބިއްޔާ ދަތުރެވެ.

ދާދި ފަހުގެ ރެއެކެވެ. ގާތްގަނޑަކަށް ދިހަ ގަޑި ބައި އެހައިކަންހައި އިރެވެ. އަމީނީމަގުން ގޮސް މާފަންނުކޮޅަށް ހުސްވާ ހިސާބަށް ވުރެ ތަންކޮޅެއް އެއްގަމެވެ. މަގުގެ އެއް ފަރާތެއްގައި ތަންކޮޅެއް ބައި ހެޔޮކޮށް އޮތުމުން ވާނުވާ ބަލައިލުމަށް މަޑުކޮށްލައިފީމެވެ. ފެނުނީ ތަފާތު މަންޒަރެކެވެ. އެހެންޏާ އަދި ނުފެންނަ ކަހަލަ މަންޒަރެކެވެ. ވެދާނޭ ގޮތެކޭ ބުނެ އެއް ދުވަހަކު މީހަކު ބުނި ބުނުމެއް ޙަޤީޤަތަކަށްވެ، ލޮލުގެ ކުރިމައްޗަށް އައީއެވެ.

މީހުންތައް ފުނިޖެހިފައިވާ ތަނަށް ގޮސް ކައިރިކޮށްލި އިރު “ޕަލްސާ” ސައިކަލެއް އެ މީހުންގެ ތެރޭގައި ހުއްޓެވެ. ސައިކަލުގެ އެއް ފަރާތުގައި، އިށީނދެ އިނީ ޒުވާން ފުރައިގެ އަންހެންކުއްޖެކެވެ. އޭރު އެ ތަނުގައި ހުރި ފިރިހެން ކުއްޖަކު، އޭނާ ލައިގެން ހުރި ގަމީސް ބާލައި، އެ އަންހެންކުއްޖާގެ މޭމަތީގައި އަޅައި ނިވާކުރަނީއެވެ. ފަހުން އެނގުނު ގޮތުގައި، އެ ފިރިހެން ކުއްޖާއަކީ އެ ސައިކަލު ދުއްވާން އިން ކުއްޖާއެވެ. މަގުމަތީގައި އިށީނދެ އިނީ، އެ ސައުކަލުގެ ފަހަތުގައި އިން ކުއްޖާއެވެ.

އަދި މިހައި ހިސާބަކުން ވެގެން މި އުޅޭގޮތެއް މުޅިއަކުން ސާފެއްނުވެއެވެ. ތަންކޮޅެއް އެތެރެއަށް ޖެހިލައިފީމެވެ. ދުރުގައި ސައިކަލު ޕާކުކޮށްލާފައި އަހެވެ. މަންޒަރު ފެނުމާއެކު ގައިން ހީބިހި ނަގައިގަންނަގޮތްވިއެވެ. ހިނގައިގެން މި އުޅޭ ހާދިސާގެ ނުރައްކާތެރިކަން ހިތަށް އަރާފައެވެ. މަގުމަތީގައި އިން އަންހެން ކުއްޖާގެ ހެދުމުގެ ފަސްބައި އޮތީ ސައިކަލުގެ ފަހަތު ފުރޮޅުގައި އޮޅި ތާށިވެފައެވެ. އެއްވެ ތިބި މީހުން މަސައްކަތްކުރަމުން ގެންދިޔައީ، އެ ތަނުން ހެދުން ނައްޓައިލެވޭތޯއެވެ. އެހެންނަމަވެސް ތާށިވެފައިވާލެއް ހަރުކަމުން، އެކަން ވާގޮތެއް ނުވެއެވެ.

އިރުކޮޅަކުން ކައިރީގައި ހުރި ގެއަކުން ފޮތިކަފާ ކަތުރެއް ގެނެސްފިއެވެ. އަންހެން ކުއްޖާ ވީއްލުނީ ސައިކަލުގައި ޖެހުނު ހިސާބުން ހެދުން ކަފާލައިގެންނެވެ. އެ އޮތް ރީތި އަގުބޮޑު ހެދުމުގެ ބޭނުން ދިޔައީއެވެ. ނަސީބަކުން އެ އަންހެން ކުއްޖާއަކަށް މާ ބޮޑު އަނިޔާއެއް ވެފައިވާ ކަމަކަށް ނުފެނެއެވެ. އެއީ އެ ކުއްޖާގެ ނަޞީބެވެ. ކަމަކީ ނުރައްކާތެރި ކަމެކެވެ. ކޮންމެ ފަދަ ބޮޑު އަނިޔާއެއް ވެސް ލިބިދާނޭ ފަދަ ކަމެކެވެ.

ރޭގަނޑު ސައިކަލުގައި ފިނިބުރު ޖަހައިލާން ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންގެ އިތުރުން، މެދު އުމުރުގެ ޖޯޑުތަކާއި އެއަށްވުރެ ހަރު ޖޯޑުތައް ވެސް ނިކުމެ އުޅުމަކީ މާލޭގައި ވަރަށް އާންމު ކަމެކެވެ. އެއީ ރަނގަޅު ކަމެކެވެ. ދުވާލުގެ ބުރަ މަސައްކަތަށްފަހު، ހިތްހަމަ ޖައްސައިލުމަށް ޓަކައި ދެމަފިރިން އެކުގައި ނިކުމެ ވައިޖައްސާލައި، ދިރިއުޅުމުގެ ކަންކަމާމެދު ވާހަކަދައްކައިލައި ހަދައިލާން، ހަމަ ވަރަށް ރަނގަޅު ކަމެކެވެ. އެހެންނަމަވެސް މި ގޮތަށް ނިކުމެ އުޅޭއިރު، ވިސްނައިލާން ޖެހޭ ކަންކަން ހުރެއެވެ.

މިހާރުގެ ގިނަ އަންހެނުންނާއި، އަންހެން ކުދީން ލައި އުޅޭ ހެދުން، ފުދޭވަރަކަށް ދިގުކަން ފާހަގަ ކުރެވެއެވެ. ބައެއް އަންހެނުން ސައިކަލުގެ ފަހަތުގައި އިންނައިރު، ލައިގެން އިންނަ މި ދެންނެވި “ދިގުހެދުމުގެ” ފުރަގަހަށް އޮންނަބައި ފަހަތަށް ދޫކޮށްލާފައި އޮންނަ ތަން ގިނައިން ނޫނަސް ފެނެއެވެ. މި ގޮތަށް ދޫކޮށްލާފައި ބޭއްވުމަކީ، ރައްކާތެރި ކަމެއް ނޫނެވެ. އެ ގޮތަށް ފުރަގަހަށް ދޫކޮށްލާފައި އޮންނަ ބައި ފުރޮޅުގައި އޮޅި ތާށިވާގޮތް ވެއްޖެ ނަމަ….

ބާރު އިސްޕީޑުގައި ދުއްވާފައި ދާ ސައިކަލެއްގެ ފުރޮޅުގައި، އެ ގޮތަށް ހެދުމުގެ ފަސްބައި އޮޅިއްޖެ ނަމަ، ދެން ވެދާނޭ ގޮތް ހިތަށް ގެނެސްބަލާށެވެ! ކުއްލިއަކަށް ސައިކަލު މަޑުކޮށްލުމަކީ، ކުރެވޭނެ ކަމަކަށް ގިނަ ފަހަރަކު ނުވާނެއެވެ. ހެދުމަށް ބާރުވެގެން ދާވަގުތު، ސައިކަލުގެ މަތިން މީހާ ނައިޓާލައިގެން މަގުމެދަށް ޖެހުމަކީ ވެސް ހަމަ ވެދާނޭ ގޮތެކެވެ. އެހެން ވެއްޖެ ނަމަ ދެން ލިބޭނޭ އަނިޔާއަކީ ހިތަށް ގެނާން ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެ ރޭ އެ މަންޒަރު ފެނިފައި ގައިން ހީބިހިނަގައިގަންނަ ގޮތްވީ އެހެންވެގެންނެވެ.

ސައިކަލުގައި ބުރުޖަހާލަން ނިކުންނައިރު، މި ކަމަށް ވިސްނާށެވެ. ލައިގެން އިންނަ ހެދުމުގެ ފަހަތަށް އޮންނަބައި، އޮތީ ރަނގަޅަށްތޯ ބަލައި ނުލައި ދުއްވައި ނުލާށެވެ! އެހެން ނޫނީ މި ފަދަ ނުރައްކާތެރި ކަމަކާ ކުރިމަތިލާން، ހަމަ ކޮންމެ މީހަކަށް ވެސް ޖެހިދާނެއެވެ. ދަތުރަށް ފެށުމުގެ ކުރިން ރައްކާތެރި ވުމަށް ޓަކައި އަޅާންޖެހޭ ފިޔަވަޅުތައް އަޅައިގެން ދަތުރަށް ފެށުމަކީ، ރައްކާތެރި ދަތުރަކަށް ޓަކައި ވަރަށް މުހިންމު ކަމެއްކަން، އަބަދުވެސް ހަނދާން ބަހައްޓާށެވެ!

ނޯޓު: މިއީ 5 ޖުލައި 2013 ގައި، ސަން އޮންލައިންގައި އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

Be the first to comment

ޚިޔާލު