އިޚުލާސްތެރިވާށެވެ!

މާލޭގެ ބިމަކީ މިއަދު ރަނަށް ވުރެ އަގު ބޮޑު ބިމެކެވެ. ބިމުގައި ހުރި ފެން ލޮނެވެ. ޖެހިލަން ކަމުނުދާވަރަށް ވަނީ ތަޣަޔަރު ވެސް ވަނީ ވެފައެވެ. ގަހެއް ހައްދާލަން ކަމުދާކަހަލަ ފަސްކޮޅެއް ލިބޭނެ ދިމާއެއް ނެތޭ ބުންޏަސް ރަނގަޅުވާނެއެވެ. އެހެންނަމަވެސް މިއީ ރަނަށް ވުރެ އަގުބޮޑު ބިމެކެވެ. މާލޭގައި ބިންކޮޅެއް ލިބިފައި އޮތް މީހެއް ނަމަ، އެއޮތީ ރަންބިސްއަޅާ ކުކުޅެއް ލިބިފައެވެ. އަތުން ފައިން އިތުރު ކަމެއް ނުކުރިޔަސް، އަނބި ދަރިން ގޮވައިގެން ތަނަވަސް ދިރިއުޅުމެއް އުޅެލެވިދާނެ އެވެ.

ކަން އޮތް ގޮތަކީ މިއެވެ. އަމިއްލަ ބިމެއް ނުވަތަ ބިންކޮޅެއް މާލޭގައި ނެތް އެތައް ބަޔަކު، މި ފަސްގަނޑުގައި ދިރިއުޅެމުން އެބަ ގެންދެއެވެ. ތަންތަން ކުއްޔަށް ހިފައިގެންނެވެ. ލިބޭ އާމްދަނީއާ ނުބައްދަލު ޚަރަދުތައް ކޮށްގެންނެވެ. ކުލި އިންތިހާއަށް ބޮޑެވެ. އާއިލާގެ އެންމެން ރެއާއި ދުވާލު ހޭބޯ ނާރާ މަސައްކަތް ކޮށްގެން ނޫނީ، ގިނަ މީހުންނަށް އަނގައާއި އަތާ އޮންނަނީ ދިމާނުކުރެވިފައެވެ. ދަރިންނަށް ކޮންމެހެން ކޮށްދޭންޖެހޭ ކަންކަން ކޮށް ނުދެވިފައެވެ. މިފަދަ ހާލެއްގައި މީހުން އުޅެމުން ދާއިރު، މިހާރަކަށް އައިސް ކުއްޔަށް ދޭ ތަންތަނުން އެޑްވާންސަށް ނަގާ ފައިސާވެސް އިންތިހާއަށް ބޮޑެވެ.

ގިނަ ތަންތަނުން އެޑްވާންސަށް ފައިސާ ނަގަނީ އެގޮތަށް އެކަން ނުކޮށް ވާން ނެތީމާކަން އެފަރާތްތަކުން ދައްކާ ވާހަކައިން އެނގެއެވެ. ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ބައެއް މީހުންގެ ވިޔާނުދާކަން ބޮޑީއެވެ. އެތައް ދުވަހަކު އުޅެ، ތަން ބާކޮށްލާފައި ދާއިރު، ތިންހަތަރު މަހުގެ ބިލު ނުދައްކާ އޮވެދާނެއެވެ. އެ ބިލްތައް ދައްކަން ޖެހެނީ ތަނުގެ ވެރިފަރާތަށެވެ. އެހެން ބަޔަކަށް އެތަން ދެވެން އޮންނަނީ ބޮޑު ޚަރަދެއްކޮށް، މަރާމާތުތަކެއް ކޮށްގެންނެވެ. އޭގެތެރެއަށް އެއްކަލަ ބިލުތައް ވެސް ވަންނަނީއެވެ. އެޑްވާންސަށް ފައިސާ ނަގަން ޖެހެނީ މިފަދަ ކަންކަން ދިމާވާތީ އެވެ. މަޖުބޫރުވެގެންނެވެ. ރައްކަލަކަށް ޓަކައެވެ.

ދެން އޮތީ އެޑްވާންސަށް ނަގާ ފައިސާގެ ވާހަކައެވެ. އެޑްވާންސަށް ފައިސާ ނަގަނީ، ތަން ދޫކޮށްލާފައި ދާއިރު، ކުއްޔަށް ހިފި ފަރާތަށް އެފައިސާ އަނބުރާ ދިނުމަށް ޝަރުތުކޮށްފައެވެ. މަރާމާތެއް ކުރަން އޮތްނަމަ، ދައްކަންޖެހޭ ބިލެއް އޮތްނަމަ، އެއަށް ކަނޑާފައެވެ. އެހެންނަމަވެސް ގިނަ ފަހަރު ކަންތައްވަނީ އެހެނެއް ނޫނެވެ. ކިތަންމެ ބޮޑު އެޑްވާންސެއް ނަގާފައި އޮތަސް، ތަން ދޫކޮށްލާފައި ދާއިރު، އެއިން އެންމެ ފައިސާފޮއްޗެއް ވެސް ކުއްޔަށްހިފި ފަރާތަށް ލިބޭގޮތެއް ނުވެއެވެ. ނުވަތަ މަދު ފަހަރަކު ނޫނީ ނުލިބެއެވެ.

ދާދި މިދާކަށްދުވަހު ޓީވީ އިން ކީ ޚަބަރެއް އަޑު އަހާފައި ކޮސްވިއެވެ. ކުއްޔަށް ދިނުމަށް ޓަކައި ތަނެއް ހަދާފައި، އެތަން ކުއްޔަށް ދޭން މީހަކު މަސައްކަތް ކުރި ވާހަކައެވެ. އެތަން ދައްކާފައި އެތައް ބަޔަކު އަތުން އޭނާ އެޑްވާންސަށް އެތައް ބައިވަރު ފައިސާއެއް ނެގީޔޯލައެވެ. ޔޯލައެއް ނޫނެވެ. ޙަޤީޤަތެވެ. ފުލުހުންނާ ހަވާލާދީ ކީ ޚަބަރެކެވެ. ހިތަށް އެރިއެވެ. ދިވެހިންނާ ޖެހުނީމާ ކޮންމެ ކަމެއްވެސް މިއޮންނަނީ ހައްދުފަހަނަ އަޅާފައެވެ.

މިއީ ޚަބަރެއްގެ ސިފައިގައި ކިޔަސް، އަޑު އަހާލާފައި ދޫކޮށްލެވޭވަރަށް ވުރެ ސީރިޔަސް މައްސަލައެކެވެ. މާލޭގައި ދިރިއުޅޭ މީހުންގެ ތެރޭގައި ގިނަވާނީ ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުންނެވެ. އިރުއިރުކޮޅުން ތަނަކަށް ބަދަލުވާން އޮންނަނީ ޖެހިފައެވެ. އެޑްވާންސަށް ފައިސާ ދައްކަން ނުޖެހޭތަނެއް މަދުވާނެއެވެ. އެހެންނަމަވެސް މިކަހަލަ މީހުންތަކެއް މުޖުތަމަޢަށް އިތުރުވާން ފަށައިފި ނަމަ، އިތުބާރު ކުރެވޭނީ ކާކަށް ހެއްޔެވެ؟ މި ތަނުގައި ދަންނަ މީހުންނަށް ވުރެ ގިނަވާނީ ނުދަންނަ މީހުންނެވެ. އެޑްވާންސަށޭ ކިޔާފައި ފައިސާތަކެއް އަތުން ދޫކޮށްލާއިރު، މިއީ ރަނގަޅަށް ކުރެވޭ ކަމެއްބާވައޭ ހިތަށް އެރުމަކީ މައްސަލައެކެވެ. ތެދުވެރި މީހާއާމެދު ވެސް ކުރެވޭނީ ނުބައި ޝައްކެކެވެ.

ކޮންމެ ކަމެއްވެސް ރާވަނީ ނުވަތަ ހަމަޖައްސަނީ ދެ ފަރާތުގެ މަސްލަޙަތަށެވެ. އެއްވެސް މީހަކަށް އަނެކާއާ ދިމާއަށް އިނގިލި ދިއްނުކުރެވޭނެ ގޮތަކަށް ކަންކަން ކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް ކަންކަމުގައި އިޚުލާސްތެރިކަމެއް ނޯންނަ ކަމަށް ވަންޏާ، ދެން ކުރެވޭނެ ކަމެއް ނޯންނާނެއެވެ. ކިތަންމެ ރަނގަޅަށް ކުރަން އުޅޭ ކަމެއްވެސް، ދާނީ ގޯހުން ގޯހަށެވެ. އެކަކު ދެ މީހަކު، ތިން މީހަކު ކުރާކަމަކުން، އެންމެންނަށް އޭނގެ ބުރަ އުނދަގޫ އުފުލަން ޖެހެންޏާ އެއީ ގޯހެކެވެ.

ނިކަން ވިސްނާލަބަލާށެވެ! ބަޔަކު މީހުން ކަންކުރާ ގޮތުގެ ސަބަބުން، މިއަދު އެންމެންނަށް ވެސް މި އޮތީ އޭގެ ތަކުލީފު ކޮންމެވެސް ސިފައެއްގައި އުފުލާން ޖެހިފައެވެ. ތަނެއް ކުއްޔަށް ހިފާ ނަމަ، ބޮޑު އެޑްވާންސެއް ބަހައްޓަން ޖެހެނީއެވެ. އެ ގޮތަށް ބަހައްޓާ ފައިސާ ލިބޭނޭކަމުގެ ޔަގީންކަމެއް ގިނަ މީހުންނަކަށް ނޯވެއެވެ. ދެން ކުރިއަށް އޮތް ތަނުގައި ޝައްކު އުފެދޭނީ، އެޑްވާންސަށް ފައިސާތަކެއް ދޫކޮށްލާއިރު، ކުއްޔަށް ހިފަން އުޅޭތަން ލިބޭނެކަމާމެދުގައެވެ. އެކަކު އަނެކަކަށް އިޚުލާސްތެރި ވެވޭ ނަމަ، މިފަދަ ވާހަކަތައް މިފަދަ ކޮލަމްތަކުގައި ލިޔާކަށް ނުޖެހޭނެއެވެ.

Be the first to comment

ޚިޔާލު