ކްލިނިކް؟ ސެލޫން؟ ސުޕާ…

ބަލިވެގެން ޑޮކްޓަރަށް ދައްކާލުމުގެ ބޭނުމުގައި އެއް ދުވަހަކު ކުލިނިކަކަށް ވަދެއްޖައީމެވެ. ނަން ބޯޑުގައި އިނގިރޭސި އަކުރުން “ކްލިނިކް” ޖަހާފައި އޮތްތަން ފެނިގެންނެވެ. ވަންއިރު ކުރިމަތީގައި ހުރީ ބޮޑު، އުސް ކައުންޓަރެކެވެ. ކައުންޓަރާ ކުރިމަތި ވާގޮތަށް ބޭރު ފަރާތުގައި ތިން ހަތަރު ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. އެއް ގޮނޑި ފިޔަވައި، އަނެއް ތިން ގޮނޑީގައި މީހުން ތިއްބެވެ. ދެބައި އުމުރަށް ވުރެ މައްޗަށް ގޮސްފައި ތިބި ތިން ފިރިހެނުންނެވެ. އެއީ ވެސް ޑޮކްޓަރަށް ދައްކަން އައިސް ތިބި މީހުން ކަމަށް ވެދާނެއެވެ.

އެ މީހުންނަށް މާ ބޮޑު ސަމާލުކަމެއް ދިނުމެއް ނެތި، ކައުންޓަރާ ދިމާއަށް ޖެހިލައިފީމެވެ. ކައުންޓަރުގައި އިނީ ލޯކުޑަ، ހަންއަލި، އިސްތަށިގަނޑު ފަން، ޒުވާން އަންހެން ކުއްޖެކެވެ. ކައުންޓަރު ކައިރިއަށް ހުއްޓުމާއެކު، ކޮށި އިނގިރޭސި ބަހުން، އޭނާ ބުނީ މި ވަގުތު ފުލްކަމަށާއި ވިއްސަކަށް މިނެޓް ފަހުން “ފްރީ” ވާނެކަމަށެވެ. އެއަށްފަހު ދިއްކޮށްލީ، ތަނުންދޭ ޚިދުމަތްތައް އަގާއެކު ލިޔެފައި އޮތް، ލެމިނޭޓް ކުރި ގަނޑެކެވެ.

ޚިދުމަތްތަކަށް ބަލައިލިއިރު، ބޭނުންވެގެން އައި ފަރުވާއެއް އެ ތަނުން ލިބޭކަށް ނެތެވެ. ކައުންޓަރުމަތީގައި ގަނޑު ބާއްވާފައި، ނިކުތުމަށް ޓަކައި އެޅުނީ ދެތިން ފިޔަވަޅެކެވެ. “ކަލޭ ވެސް މިހާރު މި ކަހަލަ ތަންތަނަށް ވަންނަންފެށީހޭ؟” ފަހަތުން މީހަކު ބުނެލި އަޑަށް އެނބުރި ބަލައިލި އިރު، ފެންނަން ހުރީ ރައްޓެއްސެކެވެ. ވާނުވާ އެނގުނީ އެކުވެރިޔާގެ ފުށުންނެވެ. ކުލިނިކެއް ކަމަށް ހީކޮށް، ސިއްހީ ފަރުވާއެއް ހޯދަން މި ވަދެވުނީ “މަސާޖު ޕާލާ” އަކަށެވެ.

މިއީ އަތޮޅުތެރޭގެ ރަށަކުން މާލެ އައިސް އުޅުނު ދަތުރުވެރިއަކަށް އެއް ދުވަހަކު ދިމާވި ކަމެކެވެ. އޭނާގެ ނަޒަރުގައި، މަސާޖު ޕާލާއެއް މާލޭގައި ހުރުމަކީ މައްސަލައެއް ނޫނެވެ. އަޅުގަނޑު ވެސް އޭނާގެ ޚިޔާލަކާ ދެބަހެއް ނުވާނަމެވެ. މަސާޖަކީ ވެސް ސިއްހީ “ފަރުވާ” އެކެވެ. ބުރަކޮށް މަސައްކަތުގައި އުޅޭ މީހުން، ހަށިގަނޑު “ރިލެކްސް” ކޮށްލަން މަހަކު އެއް ފަހަރުހެން ކޮށްލަން ހަމަ އެންމެ ރަނގަޅު ކަމެކެވެ.

ސުވާލަކީ މާލޭގައި “ކުލިނިކް” ނުވަތަ “ސެލޫން” ނުވަތަ ސްޕާ” ގެ ނަން ބޯޑު ޖަހައިގެން ހިންގާ ގިނަ ތަންތަނުން ދެވެނީ އެތަނާ ގުޅުން ހުރި ޚިދުމަތް ހެއްޔެވެ؟ ނުވަތަ ޙަޤީޤީ މަސާޖު ހެއްޔެވެ؟ އެ ތަންތަނަށް ވަންނަ މީހުން ވަންނަނީ މި ދެންނެވި ގޮތަށް ހަށިގަނޑު “ރިލެކްސް” ކޮށްލުމުގެ މަގުސަދުގައި ހެއްޔެވެ؟ ނޫނެކެވެ. ކަން ހިނގާ މަގަކީ އެއީ އެއް ނޫނެވެ. އެ ފަދަ ތަންތަނުގެ އެތެރޭގެ މާޙައުލު އެއަށްވުރެ މާ ހުތުރެވެ. މުޑުދާރެވެ. މިއީ މައްސަލައެކެވެ. ވަރަށް ބޮޑު މައްސަލައެކެވެ.

މައްސަލަ ކިތަންމެ ބޮޑަސް، ކަން ކިތަންމެ މުޑުދާރަސް، ފުރިބާރުވެފައިވާ މި މާލޭގައި އެ ފަދަ “ކުލިނިކް”ތަކާއި “ސެލޫން”ތައް އިތުރުވަމުން އަންނަނީ އިންތިހާއަށެވެ. މިއިން ކޮންމެ ތަނަކީ، ސަރުކާރުގެ ހުއްދައާ އެކު ހިންގަމުން ގެންދާ ތަންތަނެވެ. އެހެންނަމަވެސް ހުއްދަ ދީފައި އޮންނާނީ، ވަޙުޝީ އަމަލުތަކަކަށް ނޫންކަން ކަށަވަރެވެ. އެހެންކަމަށްވާއިރު އެ ފަދަ އަމަލުތައް ތަނުގެ ތެރޭގައި ފާޅުކަން ބޮޑު ގޮތަކަށް ހިންގެންވީ ކީއްވެގެން ހެއްޔެވެ؟ ކަމާބެހޭ ފަރާތްތަކުން ޒިންމާ ނުނެގެންވީ ކީއްވެގެން ހެއްޔެވެ؟

ކުލިނިކްގެ ނަމުގައި ނުވަތަ ސެލޫންގެ ނަމުގައި ހިންގަމުން ގެންދާ ގިނަ މަސާޖުޕާލާތަކުން ލިބެން ހުންނަ ޚިދުމަތްތަކަކީ މި ތަންތަނުން ޚިދުމަތް ހޯދާ މީހުން ބުނާގޮތުން ނަމަ، ނާސިގެތަކުން ވެސް ލިބޭނެ ޚިދުމަތްތަކެވެ. މި ވާހަކަ ގަބޫލު ކުރެވެއެވެ. ދޭތެރެ ދޭތެރެއިން މި ފަދަ ތަންތަން ބަންދުކުރާ ވާހަކަ އަޑު އިވޭއިރު، އެ ފަދަ ކޮންމެ ތަނެއް ވެސް ބަންދު ކުރަނީ، ތަނުގެ އެތެރޭގައި ބަދުއަޚުލާޤީ ޢަމަލު ހިންގަމުން ގެންދަނިކޮށްކަމަށް ނޫސްތަކުން ފެންނާތީއެވެ. އެހެންކަމުން އަޅުގަނޑުމެންގެ އިސްލާމީ ވެށީގައި ގިނަވަމުން، މަގުބޫލުކަން ލިބެމުން މި އަންނަނީ، ލައިސަންސް ލިބިގެން ހިންގާ ނާސިގެތަކެއް ނޫން ހެއްޔެވެ؟

މި ފަދަ ކަންކަމަކީ ހީކުރާ ވަރަށްވުރެ މާ ނުރައްކާތެރި ކަންކަމެވެ. ބަދުއަޚުލާޤީ އަމަލުތައް މުޖުތަމަޢުގައި އިތުރުވެ، އިންސާނުން ޖަނަވާރުންގެ ގިންތީގައި ހިމެނެމުން ދާއިރު، މި ފަދަ ކަންކަން މުޖުމަތަމަޢުގައި އަށަގަނެ ފެތުރެމުން ދާތަން ދެކެން ތިބެން ހެޔޮވާނެ ބާވައެވެ؟ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަދު މި ފަދަ މަސާޖުޕާލާތައް ހުރީ ހަމަ އެކަނި މާލެއަކު ހުޅުމާލެއަކު ނޫނެވެ. އަތޮޅުތަކަށް ވެސް މި “ރޯގާ” ފެތުރޭން ފަށައިފިއެވެ. މިއީ ކިތަންމެ ކުޑަކުޑަ ކަމެކޭ ހީވިޔަސް، ކުޑަ ކަމެއް ނޫނެވެ. ބިރުހުރި ކަމެކެވެ. މިއަދުން މިއަދަށް ހުއްޓުވަން ޖެހިފައިވާ ނުރައްކާތެރިކަން ބޮޑު ކަމެކެވެ.

Be the first to comment

ޚިޔާލު