ބިދޭސީ ލޭބަރުންގެ ވާހަކަ

ސައިކަލުގެ ތެޔޮ ބަދަލުކޮށްލާން ޖެހުނަސް، މަރާމާތެއް ކޮށްލަން ޖެހުނަސް، އާންމުކޮށް ގޮސްއުޅެނީ އެއް ގަރާޖަކަށެވެ. ގެއާ ކައރި ސަރަޙައްދެއްގައި ހުންނަ ގަރާޖަކަށް ވީމައެވެ. ޚިދުމަތް ވެސް ގޯހެއްނޫނެވެ. އެ ތަނުގައި އުޅޭ ބިދޭސީ ތިން މީހުން ވެސް މިހާރު ރައްޓެއްސެވެ.

އެއް ދުވަހަކު އިރުއޮއްސުމާ ދާދި ކައިރިވެފައިވަނިކޮށް ދިމާވި ކަމަކުން، ސައިކަލުން ފާޑެއްގެ އަޑެއް ކިޔަން ފަށައިފިއެވެ. އެއީ ބުރާސްފަތި ދުވަހެވެ. ޖެހިގެން އޮތީ ހުކުރުދުވަހެވެ. ގަރާޖު ބަންދުވާނެއެވެ. އެކަމަކު އެ ރެއަކީ، ވަރަށް ގިނަ ތަންތަނަށް ދާންޖެހިފައި އޮތް ރެއަކަށްވާތީ، އެ ވަގުތު ސައިކަލު ދޫކޮށްލެވޭކަށް ވެސް ނެތެވެ. ގަރާޖަށް ގޮސް އެތަނުގައި އިސްކޮށް އުޅޭ “ސޮރާ” ވާހަކަ ދައްކާލުމުން، ވަރަށް ރަނގަޅު ގޮތަކަށް އެ ކަން ހަމަޖެހޭގޮތް ވެއްޖެއެވެ. އެ ރޭގެ ދަތުރުތައް ނިންމާލާފައި، ގުޅައިލާށޭ ބުނެފައި އޭނާ ދިނީ ފޯނު ނަންބަރެވެ.

އެގާރަ ގަޑި ބައި އެހައިކަންހާއިރު ގުޅާލައިފީމެވެ. ބުނީ ސައިކަލު ހިފައިގެން ގަރާޖު ކައިރިއަށް އައުމަށެވެ. ދިޔައިރު އޭނާ ހުރީ މަގުމަތީގައެވެ. މަސައްކަތް ނިންމާލައިފައި ފެންވަރާލައިގެންނެވެ. މުންޑެއް އަނދެގެން ގަޔަށް އެއްޗެއް ނުލައެވެ. އޭނާ ފެނުމުން ފިރަތަމަ އަޅުގަނޑު ހީކުރީ، ކޮޓަރީގައި ނިދަން އޮވެފައި، ގަރާޖުކައިރިއަށް އައީ ކަމަށެވެ. އެހެންނަމަވެސް ގަރާޖު ތެރެއިން ފެނުނީ، މުޅިން ތަފާތު މަންޒަރެކެވެ. ދުވާލު ކަލުތެލާއި އޭތި މީތިން ތަތްތެޅިފައި އޮންނަ ތަޅުންގަނޑު ސާފުކޮށްލާފައި، އެ ތަނުގައި ކުނާ އަޅައިގެން އަނެއް ދެ މީހުން ނިދާފައި ތިބި މަންޒަރެވެ. ނިކުމެ ހުރި މީހާގެ ޖާގަ ހުހަށް އޮތެވެ. އޭނާ ސައިކަލު ގަރާޖަށް ވެއްދީ، އަޅުގަނޑު އެ ތަނުގައި ހުއްޓައެވެ. ގެންގޮސް ބެހެއްޓީ އޭނާ ނިދަން އަޅާފައި އޮތް ކުނަލުގެ ކައިރީގައެވެ. އެހެން ތަންކޮޅެއް ނުވެސް ނެތީއެވެ.

ފެނުނު މަންޒަރުގެ ސަބަބުން، އަޅުގަނޑުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ބިދޭސީންނެއް ކަމަކު އެއީ ވެސް އަޅުގަނޑުމެން ކަހަލަ އިންސާނުންނެވެ. ދުވާލުދާ ހަތަރުދަމު ކަޅުތެލުން ކަޅިވެގެން ތިބެ މަސައްކަތް ކުރުމެވެ. ރޭގަނޑު ކަޅުތެޔޮތަކުގެ ތެރޭގައި ނިދުމެވެ. މިއީ ހަމައެކަނި އެ ގަރާޖުގައި އުޅޭ ތިން މީހުންގެ ހާލެއް ނޫނެވެ. ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ ބިދޭސިން އުޅޭ ހާލެވެ. އެ މީހުން ލައްވާ އިންތިހާއަށް ބުރަ މަސައްކަތް ކުރުވައެވެ. ގެންގުޅެނީ ވަރަށް ނިކަމެތި ހާލުގައެވެ.

ބައެއް ފަހަރު އިންސާނުން ދިރިއުޅެން ހެޔޮނުވާ ފަދަ ތަންތަނުގައި ވެސް އެ މީހުން ދިރިއުޅޭތަން ފެނެއެވެ. ގަބޫލުކުރަން ދަތިވިޔަސް އެއް ކޮޓަރިއެއްގައި ފަނަރަ މީހުން، ވިހި މީހުން ނިދައިއުޅެއެވެ. ހުންނަނީ އެންމެ ފާޚާނާއެކެވެ. ގިނަ ފަހަރަށް ފެން ލިބޭކަށް ނުހުންނާނެއެވެ. ބޭނުންކުރާ އަންނައުނު ފަދަ އެއްޗެހި ވެސް ބަހައްޓާނެ ވަކި ޚާއްޞަ ތަނެއް، އެއްޗެއް ނުހުންނާނެއެވެ. ތަނުން ދޮވާ ނުބައި ވަހުން، މީހަކަށް ނޯއް ދަމާލަން ކެރޭވަރެއް ނުވާނެއެވެ. ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ވެސް ކިހައި ބޮޑުވާނެ ހެއްޔެވެ؟ ތަނަށް ނުތަކާ ވަރަށް މީހުން އުޅެންވީމާ ވާނީ ވެސް އެކަހަލަ ގޮތެކެވެ. އަނެއް ކޮޅުން ހަ ފަރާތުން ދަގަނޑު ޓިނު ޖަހާފައި ހުންނަ، ކުދިކުދި ކޮންޓީނާ ފަދަ ތަންތަނުގެ އުދާސްގަނޑުގެ ތެރޭގައި އުޅޭ ބިދޭސީން ވެސް، އުޅޭތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ.

މިހެން ލިޔެލައި ދެތިން ފޮޅުވަތަކުން ގިނަ ބިދޭސީން ދިވެހިރާއްޖޭގައި އުޅޭ ނިކަމެތި ހާލު ރަނގަޅަކަށް އިޙުސާސެއް ނުކުރެވޭނެއެވެ. އިޙުސާސް ކުރެވޭނީ އެ ފަދަ ގޮތަކަށް އުޅެން ޖެހުނީމައެވެ. އަޅުގަނޑުގެ ވާހަކައަކީ އެ މީހުން ރާއްޖެއަށް އަންނަނީ ދިވެހީންނަށް ޚިދުމަތް ކޮށްދޭށެވެ. ދިވެހިންނަށް ކުރަން ނުކެރޭ ކަންކަން ކޮށްދޭށެވެ. “ބަންގާޅީން ނާންނަނީ… ރާއްޖެ މަރުވަނީ..” މިއީ މިހާރު ގަބޫލުކުރަން ޖެހިފައިވާ ހަގީގަތެކެވެ. އެހެންކަމަށްވީއިރު މިއީ ދިވެހިންނަށް ކިހައި މުހިންމު ބައެއް ހެއްޔެވެ. މި ފަދަ ބަޔަކަށް ދޭ ޚިދުމަތުގައި ވެސް އެ ގޮތް ހުންނަން ޖެހޭނެއެވެ.

މި ވާހަކަތައް މިހެން ދެއްކުމުން ބަޔަކު ބުނެފާނެއެވެ. އެއީ އެމީހުންގެ ގައުމުގައި މާ އަރާމުގައި އުޅޭ ބައެއް ހެއްޔެވެ؟ ވާރޭ ހިޔާނުވާ ފަންފުރާޅުގެ ދަށުގައި، ކިސަޑުގެ ތަޅުންގަނޑެއްގެ މަތީގައި ނިދައިގެން، އެއް ފަހަރު ކައިފިއްޔާ އަނެއް ފަހަރު ނުކައި އުޅެފައި އައިސް އުޅޭ ބަޔަކަށް، އެ ފަދަ ގަރާޖެއް ވެސް ވާނީ ގަނޑުވަރަކަށެވެ. މިއީ ވެސް ބައެއްގެ ޚިޔާލު ހުރެދާނެ ގޮތެކެވެ. ކަން އެހެން އޮތްކަމުގައި ވިޔަސް، ބަޔަކު ގެންގުޅެންޏާ އެ ބަޔަކަށް ދޭންޖެހޭ އަސާސީ ޚިދުމަތް އެދެވޭ ގޮތުގައި ދެވެން ޖެހޭނެއެވެ

Be the first to comment

ޚިޔާލު