ބިންގާ ހަރުދަނާ ކުރުން

އިމާރާތެއްގެ އެންމެ މުހިންމު އެއް ބަޔަކަށް ވާނީ އެ އިމާރާތުގެ ބިންގަލެވެ. ބިންގާ ހަރުދަނާ ނުކުރެވިއްޖެ ނަމަ ބޮޑު ބުރައެއް އުފުލައިގެން، އެއަށްވުރެ ބޮޑު ހޭދައެއް ކޮށްގެން، އެތައް ދުވަހަކުން ކުރި ބިނާ ވެގެންދާނީ ބޭނުމެއް ތަނަކަށެވެ. މިއީ ހަމައެކަނި އިމާރާތްތަކަށް އޮތް އުޞޫލެއް ނޫނެވެ. ކޮންމެ ކަމަކަށް ވެސް މި އުޞޫލު ފެތެއެވެ. ކަމެއް ރަނގަޅަށް މޮޅަށް ކުރާން އެދޭ ނަމަ، އެ ކަމެއްގެ ފެށުން ރަނގަޅުކުރާން ޖެހެއެވެ. ވަރުގަދަކޮށް ހަރުދަނާ ކުރާން ޖެހެއެވެ. އެހެންނޫން ނަމަ އެ ކަމެއް އޮންނާނީ ގޯހުން ގޯހަށް ގޮސް، ކުރެވުނު ބުރަ މަސައްކަތް ކަނޑުގައި އެޅި ރޮނގަކަށްވެ ނިމިފައެވެ.

މިއަދަކީ އިއްޔެއެއް ނޫނެވެ. ޒަމާން މި އޮތީ، ހީ ވެސް ނުކުރާހައި ބޮޑަށް ބަދަލުވެފައެވެ. ދުނިޔެ ތަރައްޤީޤެ ރޭހުގައި ކުރިއަރައިގެން މި ދަނީ ފަތުއަޑު ކިޔާފައެވެ. ބަވަނައިގެ ކުލަޖެހިގެން މޮޑެވިފައިވާ މަސްހުނިގަނޑުގެ ތެރޭގައި، މި ކުދިކުދި ޖަޒީރާތައް ވެސް މި ވަނީ، އެއިން ސަލާމަތް ނުވެވޭ މިންވަރަށް ލާމެހިފައެވެ. އެހެންކަމުން އިއްޔެ މި ގަމުގައި ދިރިއުޅުނު މީހުންނަށް ނުފެންނަ، ނީވޭ، އަތް ނުލެވޭ، އެތައް އެއްޗަކާއި ކަމެއް، މިއަދުގެ ޖީލު، މި އަންނަނީ ތަޖުރިބާ ކުރަމުންނެވެ. ސައްތައިން ސައްތަ މުސްލިމު ގައުމަކަށް މިޤައުމު ވާތީ، އެ ކަމަށް ފާރަވެރިވެ، މި ގައުމުގެ ރައްޔިތުން ޝިކާރަ ކުރާން ބަޔަކު ކެހިވެރި، މަޅިކުދި އެތައް ދަލެއް ފަތުރައިގެން، ހެސްކިޔާފައި މަސައްކަތް ކުރާން އުޅޭކަމާމެދު ފިކުރު ކޮށްލާނޭ އަވައްޖެއް ނުވެ ތިބެއެވެ.

އޭގެ ތެރެއިން އެއް ކަމަކީ މިއަދުގެ ޅަޖީލުގެ ބެލެނިވެރިކަމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ތިބެ، ޅަޖީލު ހަލާކުގެ ތެރެއަށް ގަންބައިލާ ގަންބާލުމެވެ. މިހެން ބުނުމުން ހައިރާންކަމެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ހައިރާންވެ އަންތަރީސް ވިޔަސް، ކަން އޮތް މަގަކީ މިއެވެ. މިއަދުގެ ބައެއް މައިން ބަފައިން، އެ މީހުންގެ ދަރީންނަށް، ޅަފަތުގައި ރަނގަޅު ތަރުބިއްޔަތެއްދީ، ހަރުދަނާ ރިވެތި އުޞޫލުތަކާއި ގޮތްފޮތް ދަސްކޮށްދޭންވީ ދުވަހު، އެ ކުދީންގެ ކިބައިގައި އަށަގަންނުވޭތޯ މަސައްކަތް ކުރާތަން ފެންނަނީ، އެ ފަދަ ސިފަތަކާއި އުޅުންތަކަށް ގައުމާއި ދީން ހިތާނުވާ ފަދަ ސިފަތަކެވެ.

އަލިފާނެއް ފެނެއް ވަކިކުރާން ނޭނގޭ އުމުރުގެ ތުއްތު ކުދީންގެ ބޯ، އެ ކުދީންގެ މައިން ބަފައިން ރީތިކަމަކަށް ނުވަތަ މޮޅުކަމަކަށް ހަދައިގެން ދިގުކޮށްފައި ހުންނަތަން މިއަދުގެ މުޖުތަމައުން ފެންނަނީ މަދެއްކޮށެއް ނޫނެވެ. ފުރަތަމަ ކަމަކީ މިއެވެ. މިފަދަ ކުދީން ފެނުމުން، އެއީ ފިރިހެން ކުއްޖެއްކަން ނުވަތަ އަންހެން ކުއްޖެއްކަން ދެނެގަންނާން ދަތިވާ ފަހަރު ވެސް އާދެއެވެ. ހަމައެކަނި ބޯ ދިގުކޮށްފައި ބަހައްޓަނީއެއް ނޫނެވެ. އިސްތަށިގަނޑުގައި އެކި ކަހަލަ ކުލަތައް ޖައްސައި “ޒަމާނީ” ކޮށްލާފައި ހުންނަނީ، މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ތިބެ ކަމަށްވާ ނަމަ، އަވަހަށް ދަރިފުޅުގެ ބޯ ކޮށާށެވެ! ކުލަތައް ފިލުވައިލާށެވެ! ފިރިހެން ކުއްޖެއްގެ ސިފަ ދަރިފުޅުގެ ގައިން މީހުންނަށް ދައްކާށެވެ!

ދެން އޮތީ އަންހެން ކުދީންގެ ވާހަކައެވެ. އެ ކުދީނަށް ޖައްސާ ނިކަމެތި ހާލު އަދި މާ ބޮޑެވެ. އެ ކުދީންގެ އަމިއްލަ ބާރެއް އިޚުތިޔާރެއް ނެތި، މަންމަ ދިނީމާ ކައިގެން، ބައްޕަ އުރާލީމާ ކޮނޑުގައި ބޯ އަޅާލަައިގެން އޮންނަހައި ތުއްތު އުމުރުގައި، އެ ކުޑަ ދަރިފުޅުގެ ހަށިގަނޑަށް ހެޔޮވަރުކޮށްލާފައި ހުންނަ ހެދުން ފެނުނީމާ، ލިބުނު ފޮތިކޮޅު ކުޑަކަމުން ހެދުން ރަނގަޅަށް ނުފެހުނީ ބާވައޭ ހީވާހައި ވެސް ހާލު ބޮޑެވެ. އެ ކުދީން މަޑުމަޑުން ބޮޑުވަމުން އަންނަނީ މި ހާލުގައި ތިބެއެވެ. މި ހެން މި ކަން ކުރަނީ އޭގެ ހިތި ނަތީޖާ ނުވިސްނި ތިބެ ކަމަށްވާނަމަ، މިހާރުން މިހާރަށް ވެސް އަންހެން ދަރިފުޅުގެ ހަށިގަނޑު ނިވާވާ ވަރުގެ ހެދުން ލައްވާން ފަށާށެވެ!

ދެން އޮތީ ބަހުގެ ވާހަކައެވެ. ދަރިފުޅަށް ވާހަކަ ދެއްކޭ އުމުރަށް އެޅުމުގެ މާކުރީން ފެށިގެން ވެސް، ދަރިފުޅާ މުޚާތަބުކުރާނީ އިނގިރޭސި ބަހުންނެވެ. ނުވަތަ އިނގިރޭސި ބަހާއި ދިވެހި ބަސް އެކުވެގެން އުފެދިފައިވާ އާ ބަހަކުންނެވެ. ބަސް ދަސްކުރާ އުމުރަށް ދަރިފުޅު އަޅައިގެން އަންނައިރު، އެ ކުއްޖާގެ ކަންފަތަށް ވަންނާނީ، މި ދެންނެވި ފަދަ ލަފުޒުތަކުގެ އަޑެވެ. ކަންފަތް ހޭނި، ދޫ ހަރަކާތް ކުރާން ފަށަނީ އެލަފުޒުތަކާ އެއްގޮތަށެވެ. ނަތީޖާއެއްގެ ގޮތުން، އަމިއްލަ މާދަރީބަސް ވެގެންދަނީ، އެ ކުދީންނަށް ބީރައްޓެހި ބަހަކަށެވެ. މި ކަން މި ގޮތަށް މި ކުރަނީ، އެ ކަމުގެ ސަބަބުން ދަރިފުޅުގެ ކުރިމަގަށް ކުރާނޭ ނޭދެވޭ އަސަރު ނޭނގި ތިބެ ކަމަށްވާ ނަމަ، އަވަހަށް ތިޔަ ގޮތް ބަދަލުކޮށްލާށެވެ! ސާފު ދިވެހި ބަހުން ދަރިފުޅާ މުޚާތަބުކުރާން ފަށާށެވެ!

މިފަދަ ގޮތް ގޮތަށް ކުޑަދަރިފުޅުގެ ތަރުބިއްޔަތުގެ ބިންގާ އަޅައިދޭން ފަށާ މައިން ބަފައިން، މި މުޖުތަމަޢުން މިހާރަކަށް އައިސް ފެންނަ މިންވަރު، އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިއީ ތިމާމެންގެ ކިބައިގައި ތަހުޒީބުގެ ކުލަ ޖެހިފައިވާ މިންވަރާއި، އިލްމީ ޤާބިލުކަން ހުރި މިންވަރު ދެއްކުމުގެ މަޤުޞަދުގައި ކުރާކަމެކޭ ހީވެއެވެ. އެހެންނަމަވެސް މި ފަދަ ކަންކަމުގެ ސަބަބުން، ދަރިފުޅުގެ ކިބައިގައި ޖެހެނީ އެ ފަދަ ކުލައެއް ނޫނެވެ. ދީނާއި ޤައުމާ ދުރުހެލިކުރާ ފަދަ ބިރުހުރި ކުލައެކެވެ. ދަރިފުޅު ބޮޑުވެ މުޖުތަމަޢުގެ ތެރެއަށް ނިކުންނާނީ، މި ސިފަތައް އެއަށްވުރެ ވެސް ބޮޑަށް އަށަގެންފައިވާ ކުއްޖެއްގެ ގޮތުގައެވެ. އެ ދުވަހު އެ ކުއްޖާއަށް މަލާމާތް ކުރާނޭ އެތައް ދުލަކާއި، ނަފުރަތުގެ ބެލުމުން ބަލާނޭ އެތައް ލޮލެއް ވާނޭކަން ކަށަވަރެވެ. އެހެންކަމުން މި ކަންކަމާމެދު ހޭލާށެވެ! ބިންގާ ހަރުދަނާކުރާށެވެ!

Be the first to comment

ޚިޔާލު