އަޅުގަނޑުގެ ހަޔާތުގައި… ޒަޢީމާ

ދަންނަ ނަންތަކުގެ ލިސްޓުގައި، ވަކި ނަމެއް މާ ގިނައިން ހުރިހެން ހީވެގެން ގުނާލައިފީމެވެ. ހަ ނަން ހަމަވިއެވެ. ހިތަށް އެރިއެވެ. އެއް ނަމެއް ކިޔާ ހަ މީހުން، މި ލިސްޓުގައި ހިމެނުމަކީ، ދައްކައިލާން ހަމަ ރަނގަޅު ވާހަކައެކެވެ. މި ބުނާ ނަމަކީ “ޒަޢީމާ”އެވެ. ހަޔާތުގެ އެކި ހިސާބުން ބައްދަލުވެ، އެކުވެރިކަން އުފެދިފައިވާ، އެކި ރަށްރަށުގެ ޒައީމާއެވެ. އެހެންކަމުން މި ލިޔުމުގައި ހިމަނައިލާން ގަސްތު މި ކުރަނީ، މި ފަރާތްތަކުގެ ވާހަކަތަކެވެ. އެހެންނަމަވެސް އެ ފަރާތްތަކުގެ ޒާތީ މަޢުލޫމާތުތަކެއް ނޫނެވެ. އެ ފަރާތްތަކާ އަޅުގަނޑާ ދެމެދު އޮތް ގުޅުމާއި އެ ފަރާތްތަކާ މެދު އަޅުގަނޑު ދެކޭ ގޮތެވެ. ހުށަހަޅަމުން ގެންދާނީ، އަޅުގަނޑާ އެކުވެރިކަން އުފެދުނު ދުވަސްވަރުގެ ތަރުތީބުންނެވެ.

ފުރަތަމަ ފާހަގަކޮށްލާނީ 1990 ވަނަ އަހަރު އެކުވެރިކަން އުފެދުނު، މ. މުލަކަށް ނިސްބަތްވާ ޒައީމާގެ ނަމެވެ. މިއީ އަޅުގަނޑާއެކު ފަށާތަޢުލީމުގެ މުދައްރިސްކަމުގެ ކޯހުގައި އުޅުނު، ކޯހުގެ އެކުވެރިއެކެވެ. ވަރަށް މަޖާ، އެކުވެރި މިޒާޖެއްގެ ކުއްޖެއްގެ ގޮތުގައި ކޯހުގެ ތެރެއިން ފެނުނު އެކުވެރިއެކެވެ. އަދި އެހައިމެ ހުނަރުވެރި ކުއްޖެއް ވެސް މެއެވެ. (ކުއްޖެކޭ މި ދަންނަވަނީ އޭރުގެ ތަސްވީރަށް ބަލާފައެވެ.) އެއް ކުލާހެއްގައި އުޅުމުގެ އިތުރުން، އޭރު އޮތް ހަވާސް ޝޯތަކުގައި، އެކުގައި ތަމްސީލު ވެސް ކުޅެވުނެވެ. އޮލިމްޕަހުގެ އިސްޓޭޖުގައި، އެއް ތަމްސީލެއްގައި އެއީ އަޅުގަނޑުގެ އަނތްބެކެވެ. އަނެއް ތަމްސީލެއްގައި މަންމައެކެވެ. ކޯސް ނިމުނު ހިސާބުން ނުފެނި އެތައް ދުވަހެއްކޮށްފައި، 2007 ވަނަ އަހަރު އަނެއްކާ ވެސް ބައްދަލުވިއެވެ. މި ފަހަރު ޑިގްރީ ކޯހުން، ކޯހުގެ ބައިވެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކުރިން ހުރި މަޖާ މިޒާޖެއް، އޭނާގެ ކިބައަކުން މި ފަހަރު އަޅުގަނޑަކަށް ނުފެނުނެވެ. ނަމަވެސް އެކުވެރިކަމާއި ގާތްކަމަކަށް ބަދަލެއް ނާދެއެވެ. މިއަދު އޭނާއާއި އަޅުގަނޑާ ދިރިއުޅެމުން މި ދަނީ، އެއް އިމާރާތެއްގެ އެއް ފަންގިފިލާގައެވެ. އޭނާއަކީ ޒިންމާދާރުކަމާއެކު މަސައްކަތްކުރަމުން އަންނަ، ވަރަށް ހުނަރުވެރި އެހައިމެ ގާބިލު މުދައްރިސާއެކެވެ.

ދެވަނަ ޒައީމާއެއްގެ ގޮތުގައި ގެންނާން މި ޖެހެނީ، 1991 ވަނަ އަހަރު އަޅުގަނޑުގެ ދަރިވަރެއްގެ ގޮތުގައި ފެނުނު ޒައީމާއެކެވެ. އދ. މަހިބަދުއަށް އުފަން މި ދެންނެވި ދަރިވަރަކީ، އޭރު ގުރޭޑު 3 ގައި އަޅުގަނޑު ކިޔަވައިދިން ދަރިވަރެކެވެ. އަޚުލާޤު ރަނގަޅު، މަޑުމައިތިރި، ތޫނުފިލި ދަރިވަރެކެވެ. އޭނާ ފަހުން ވީ، އާއިލީ ކުއްޖަކަށެވެ. އޭނާ ސްކޫލު ތައުލީމު ނިންމައި، މަތީ ތައުލީމު ހާޞިލުކުރުމަށް މާލެއަށް އައިސް އިނީ، އަޅުގަނޑުމެންގެ ގޭގައެވެ. ވަރަށް ހިތްހެޔޮ، ހިތްތިރި ކުއްޖެކެވެ. އަޅުގަނޑުގެ އާއިލާއާ ވަރަށް ގާތްކަން ބަހައްޓާ ކުއްޖެކެވެ. މިހާރު އޭނާއަކީ އަނތްބެކެވެ. މަންމައެކެވެ. މަހިބަދޫ ހޮސްޕިޓަލުގައި، ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން އަންނަ، ހަރުދަނާ އަންހެން ދަރިއެކެވެ.

ތިންވަނައަށް ފާހަގަކޮށްލާނީ، އަޅުގަނޑުގެ ގާތް މިތުރެއް ކަމަށްވާ، އަލީ ޒާހިރުގެ އަނތްބެއްގެ ގޮތުގައި ތަޢާރަފުވި ޒައީމާގެ ނަމެވެ. އޭނާގެ ބަހުން ނަމަ “ޒައީ” އެވެ. ޒައީ ނިސްބަތްވަނީ، ބ. އޭދަފުށްޓަށެވެ. ޒައީ އަޅުގަނޑަށް ފުރަތަމަ ފެނިފައި ވަނީ، 1995 ނުވަތަ 1996 ހިސާބުގައެވެ. އެހައިތަނުން ފެށިގެން، އެކުވެރިއެއްގެ ގޮތުގައި އޭނާ ވަނީ ހިމެނިފައެވެ. އެހެންނަމަސް ދިމާވަނީ ވަރަށް މަދުންނެވެ. އެ ދެމަފިރިންނަށް މާލެއަށް އާދެވޭ ފަހަރުފަހަރުއެވެ. ފޯނު އާންމުވި ހިސާބުން، ދޭތެރެދޭތެރެއިން ގުޅާލައި، ހާލު ބަލައިލާ ހަދަމެވެ. ޒައީ ވެސް ގުޅާނެއެވެ. ޒައީއަކީ ވަރަށް މަޖާ، އެކުވެރި މިޒާޖެއްގެ މީހެކެވެ. ވާހަކަ ގިނަވެފައި، ދޭތެރެދޭތެރެއިން މަޖާ ހިނިގަނޑުގަނޑު ޖަހައިލާނެއެވެ. އަބަދު ވެސް ޝަކުވާއަކަށް އޮންނާނީ، އެ ރަށަށް ނުގޮސްގެން ކުރާ ޝަކުވާއެވެ. ދާނަމޭ ބުނަމެވެ. އެކުވެރިކަމުގެ ދުވަސްތަކަށް ގުނަމުން ގޮސް، ރިހިޔޫބީލް ފުރުނުއިރު ވެސް، ދެވޭގޮތެއް އަދި ނުވެއެވެ.

މިހާރު ސޮއްސައިލާން މި ޖެހެނީ 1998 ވަނަ އަހަރާ ހަމައަށެވެ. ސާނަވީ މުދައްރިސްކަމުގެ ކޯހުގެ އުފާވެރި ހަނދާންތަކާ ހަމައަށެވެ. އެ ކޯހުން ވެސް ޒައީމާއަކާ ދިމާވިއެވެ. މި ފަހަރު ޅ. ނައިފަރު ޒައީމާއެކެވެ. އަޅުގަނޑުމެންގެ ކޯހުގެ އެންމެންގެ ޒައީމައްތައެވެ. ވަރަށް އެކުވެރި އެހައިމެ ހިތްހެޔޮ މިޒާޖެއްގެ ދައްތައެއް ފަދަ މީހެކެވެ. ޚިޔާލު ތަނަވަސް، މައުލޫމާތު މުއްސަނދި މުދައްރިސާއެކެވެ. ކޯހުގައި ކިޔަވައި އުޅުނު އިރު ވެސް، ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނެވެ. ކޯހުގެ އުފާވެރި، އެއް އަހަރަށްފަހު، ޒައީމައްތަ ދިޔައީ ރަށަށެވެ. އޭގެ ފަހުން 2005 ވަނަ އަހަރު، ސްކޫލުގެ ރަސްމީ ދަތުރެއްގައި، ނައިފަރަށް ދިޔުމުގެ ފުރުސަތު ލިބިގެން އެ ރަށަށް އަޅުގަނޑު ދިޔައީމެވެ. މަދުރަސަތުލް އިފްތިތާޙުގައި، މަތީސާނަވީއަށް ކިޔަވައިދޭން ފެށި ދުވަސްވަރު، އެ އިސްކޫލުގެ މުދައްރިސުންނަށާއި ދަރިވަރުންނަށް ސެޝަންތަކެއް ނެގުމަށެވެ. އެ ދަތުރުގައި ޒައީމައްތައާ ބައްދަލުވިއެވެ. ވަރަށް ހެޔޮކޮށް ހިތިއެވެ. ގާތް މެހުމާންދާރީއެއް އަދާކުރިއެވެ. އޭގެފަހުން ވެސް، މަދުމަދުން ދަތުރުވަރުވަރުގައި މާލެއިން ބައްދަލުވެއެވެ. އެފަދަ ކޮންމެ ފަހަރަކު ވެސް، ޒައީމައްތަގެ ފަރާތުން ފެންނަނީ، ގާތްކަމާއި ހިތްހެޔޮކަމެވެ. އޭނާއަކީ މިހާރު ވެސް ނައިފަރު މަދުރަސަތުލް އިފްތިތާޙުގެ ދިވެހި މުދައްރިސާއެކެވެ.

ސާނަވީ މުދައްރިސްކަމުގެ ކޯހުން އެހެން ޒަޢީމާއަކާ ވެސް ބައްދަލުވިއެވެ. އެއީ ސާނަވީ މުދައްރިސްކަމުގެ އިސްލާމް ކޯހުގެ ދަރިވަރެއްގެ ގޮތުގައި އުޅުނު، ގއ. ކޮލަމާފުށްޓަށް އުފަން ޒައީމާއެކެވެ. އެއީ ވަރަށް ނިއަނެތި، ހިތްތިރި، އެހައިމެ ގާތްކަން ބެހެއްޓި ޒައީމާއެކެވެ. އަބަދުވެސް މޫނުމަތިން ފެންނާނީ، އުފާވެރި ހިނިތުންވުމެކެވެ. ކޯހުގެ ދުވަސްވަރު، ލިބޭ ހުސް ގަޑިތަކުގައި ދޭތެރެދޭތެރެއިން ދިމާވެއެވެ. ދިމާވާ ކޮންމެ ފަހަރަކު، ވަރަށް ގާތްކޮށް ވާހަކަދައްކާ އުޅެއެވެ. ކިޔެވުމާ ގުޅޭ ވާހަކަތަކާއި ދިމާވެފައި ހުންނަ މަޖާ ވާހަކަތަކެވެ. ކޯސް ނިމުނު ހިސާބުން، އޭނާ ދިޔައީ ރަށަށެވެ. އޭގެފަހުން ބައްދަލުވަނީ މަދުމަދުންނެވެ. އޭނާ މާލެއަށް އަންނަ ދަތުރުވަރުވަރުގައެވެ. ބައްދަލު ނުވާތާ ދުވަސްތަކަކަށްފަހު، ދާދި މިދާކަށް ދުވަހު ބައްދަލުވިއެވެ. ވާހަކަ ދައްކާލުމުން އެނގުނީ، ރަށް ދޫކޮށް މިހާރު މާލެއަށް ހިޖުރަކޮށްގެން އުޅޭކަމެވެ. މިއަދު އޭނާގެ ވަޒީފާއަކީ، ދަރިންގެ ކަންކަމާއި އުމުރުން ދުވަސްވެފައި އިން މަންމައަށް ޚިދުމަތްކުރުމެވެ. ގޭގައި އިނދެ ކުރެވޭ ކަހަލަ މަސައްކަތްތައް ކޮށްގެން އާމުދަނީ ވެސް ހޯދައެވެ.

މި ފަހަރު މި އޮތީ އެންމެފަހުން އެކުވެރިކަން އުފެދުނު ޒައީމާގެ ވާހަކައެވެ. އެއީ 2002 ވަނަ އަހަރު ސީއެޗްއެސްއީއަށް ވަޒީފާއަށް ވަންއިރު އެތަނުގެ އޮފީސް މުވައްޒަފެއްގެ ގޮތުގައި އުޅުނު ޒައީމާއެކެވެ. ކ. މާލެއަށް އުފަން ޒައީމާއަކީ، ވަރަށް މަޑުމައިތިރި ބަސްމަދު، ޚުލްޤުރަނގަޅު މީހެކެވެ. ހިނިތުންވެފައިވާ މޫނަކާއެކު ނޫނީ، މީހަކާ ބައްދަލެއް ނުކުރާނެއެވެ. ކަމަކު ޖެހިގެން އޮފީހަށް ދާ ކޮންމެ ފަހަރަކު ވެސް، ވަރަށް އޯގާވެރިކަމާއި ހިތްހެޔޮކަމާއެކު، އެ ކަމެއް ކޮށްދެނީ، އަނެކާގެ ހިތަށް ވެސް ފިނިކަން ލިބޭ ފަދަ ގޮތަކަށެވެ. ސީއެޗްއެސްއީގެ ވަޒީފާއިން އޭނާ ބަދަލުވީ، ވިލާ އިންޓަނޭޝަނަލް ހަޔަރ ސްކޫލަށެވެ. މިހާރު ވެސް ދޭތެރެދޭތެރެއިން  ބައްދަލުވެއެވެ. ބައްދަލުވާ ކޮންމެ ފަހަރަކު ވެސް، ގާތްކަމާއި އެކުވެރިކަމާއެކު ވާހަކަ ދައްކައި، ހާލުއަހުވާލު އަހައިލައި ހަދައެވެ. ކުރިއެކޭ އެއްވެސް ތަފާތެއް ނުފެނެއެވެ. ވަޒީފާގެ މާޙައުލު ބަދަލުވިޔަސް، ގާތްކަމަކަށް ބަދަލެއް ނާދެއެވެ.

އަޅުގަނޑުގެ އާއިލާގައި ވެސް ޒައީމާއެއް އުޅެއެވެ. އެހެންނަމަވެސް މިއީ އެކުވެރި ޒައީމާތަކަށް ޚާއްޞަކޮށްލި ފޮޅުވަތްތަކެއް ކަމަށްވާތީ، ކޮއްކޮގެ ވާހަކަ ދޫކޮށްލީއެވެ. މިހާރު ޒައީމާ ކިޔައި، އައު އެކުވެރިއެއް އުފަންނުވާތާ އަހަރުތަކެއް ވެއްޖެއެވެ. ޒައީމާ ކިޔައި ދަރިވަރުންނާ ދިމާވެއެވެ. އެ ނަންތައް ވެސް ދޫކޮށްލީ، އެއީ އެކުވެރީންކަމަށް ނުބަލާތީއެވެ. ދަރިވަރުންކަމަށް ދެކޭތީއެވެ. އެ ކުދީން ތިބޭނީ ވެސް ދަރިވަރުންގެ ގޮތުގައެވެ. އޭގެތެރޭގައި ވެސް ވަރަށް ގާތްކަން ބަހައްޓާ ދަރިވަރުން އުޅެއެވެ. ގާތްކަން ބަހައްޓާ ދަރިވަރުންގެ ތެރޭގައި ވެސް، ޒައީމާއެއް އެބަ އުޅެއެވެ. ޒިންމާދާރު ވަޒީފާއެއްގައި، އުފާވެރި ދިރިއުޅުމެއް ފަށައިގެންނެވެ. އެހެންނަމަވެސް އޭނާއަކަށް ވެސް މި ލިޔުމުން ޖާގައެއް ނުދޭނަމެވެ.

ނިމުނީ

Be the first to comment

ޚިޔާލު