ރާތާގާބަރީގެ ދަށް މިންގަނޑަށް ވެއްޓުން

ގިނަމީހުން ގަބޫލުކުރާ ގޮތުގައި އަދަބީ ލިޔުންތަކުން އެ ބައެއްގެ އޭރުގެ މުޖުތަމަޢު ފެންނާނެއެވެ. އެ މުޖުތަމަޢެއްގައި މީހުން ދިރިއުޅެމުން އައިސްފައިވާ ގޮތްތައް ސިކުނޑީގެ ލޮލަށް ތަޞްވީރުވަމުން އަންނާނެއެވެ. އެއްބަޔަކު އަނެއްބަޔަކާ އޮންނަ ގުޅުމެވެ. އާދަކާދައާއި ސަގާފަތެވެ. ބަސްމަގު ހުންނަގޮތާއި އަދިވެސް މިފަދަ އެތައް ކަމެކެވެ.

މި ދެންނެވި ފަދަ އަދަބީ ލިޔުންތައް ދިވެހި ފޮތް އަލަމާރިތަކުން ވެސް ފެންނާން އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނޭ އިހުގެ ލިޔުންތަކުން އޭރުގެ މުޖުތަމަޢު ފެނެއެވެ. ދިވެހިންގެ ކިބައިގައި ހުރި ރީތި ސިފަތަކެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ، އެއްބަޔަކު އަނެއް ބަޔަކާ މުޢާމަލާތުކުރާ ގޮތެވެ. އެ ލިޔުންތައް ހެކިދޭގޮތުން ނަމަ ދިވެހިން އިހުޒަމާނުގައި އާންމު މުޖުތަމަޢުގައި، އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކާފައި ހުރީ، ކަންފަތަށް ފަސޭހަ، ރީތި ބަސްތަކަކުންނެވެ. ހުތުރު ބަސްތަކާއި ބޭއަދަބީ އިބާރާތްތަކަށް ފުރުޞަތު ނުދީއެވެ.

އިހުގެ މުޖުތަމަޢު އަޅުގަނޑުމެންނަށް ފެންނާން އޮތީ އޭރުގެ ލިޔުން ތަކުންނެވެ. މީހަކު ބުނެފާނެއެވެ. އެއްވެސް މީހަކު ލިޔުމެއް ލިޔާއިރު، އެ ތަނެއްގައި ހުރި އުނި ކަންކަމުގެ ވާހަކައެއް ނުލިޔާނެއެވެ. ނެތް ފެންވަރުން ވެސް ލިޔާނީ މޮޅަށެވެ. އެ ފަދަ ބުނުމަކަށް ދޭން އޮތް ޖަވާބަކީ، މީހަކު އެހެންވެސް ހަދާފާނެއެވެ. އެކަމަކު އެންމެން އެ ގޮތަކަށް އެ ކަމެއް ނުކުރާނެއެވެ. ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ވާހަކަތަކަށް ބަލައިލުމުން، އުފަލުން ހިތް ފުރެއެވެ. “ރިވާޔަތު މޫސާ ވަ ޒުލޭޚާ” “ނުޢުމާނު ވަ މަރްޔަމް” “ދޮންބީފާނު ވާހަކަ” ފަދަ ވާހަކަތަކުން ދިވެހިންގެ އޭރުގެ އިހުތިރާމީ ބަހުރުވަ ފެނެއެވެ.

ދެން ވިސްނައިލަންވީ މިއަދުގެ “ފަޚުރުވެރި” މުޖުތަމަޢަށެވެ. މައްސަލަތައް ބައިވަރެވެ. އޭގެތެރެއިން ވެސް ފާހަގަކުރެވޭ އެއްކަމަކީ، ވާހަކަ ދައްކާ ގޮތެވެ. އަޑުއަހާލަން ފަސޭހަ ހެއްޔެވެ؟ ގާތް ރައްޓެއްސަކާ އަނގައިން ބުނެލާ މިހާ ވެސް، ބޭނުންކޮށްލާ އިބާރާތް ކަންފަތުގައި ޖެހުމާއެކު ކަންފަތް ހިރުވައިގަނެވެ. އެ ތަނެއް ދޫކޮށް އަވަހަށް ދިޔުން ނޫން ގޮތެއް ނޯވެއެވެ. އެކަމަކު ކޮންމެ ކޮންމެ މާޙައުލަކީ، އެހާ ފަސޭހައިން ދޫކޮށްލެވޭނެ މާޙައުލަކަށް ނުވެއެވެ. ފެރީއެއްގެ ތެރޭގައި ތިއްބާ، ނޫނީ ބަހެއްގެ ތެރޭގައި ތިއްބާ ވެސް، މި ދެންނެވި ހިރުވުންގަނޑު ކުރިމަތިވެދާނެއެވެ. އޭރު ގާތުގައި އިންނާނީ މަންމައެވެ. ބައްޕައެވެ. އެއްބަނޑު ތިމާގެ މީހެކެވެ. ދަރިއެކެވެ.

މި ވާހަކަ މި ގޮތަށް ލިޔުމުން ހިތަށް އަރައިފާނެއެވެ. ތިޔައީ މުޅި މުޖުތަމަޢަށް ނިސްބަތް ކުރަންޖެހޭ ވާހަކައެއް ނޫނެވެ. ވަކި ބަޔަކު އުޅޭގޮތެކެވެ. ރަނގަޅު ވާހަކަ އެކެވެ. އެއްވެސް ކަމެއް އެންމެނެއް ނުކުރާނެއެވެ. އެކަމަކު މި ދެންނެވި ގޮތަށް ދަށް ފެންވަރުގެ ބަހުރުވައިން މުޢާމަލާތު ކުރާ މީހުން، މިއަދުގެ މުޖުތަމަޢުގައި މަދެއް ނޫނެވެ. ޒުވާނުންނާއި ހަރުމީހުންނާއި ދުވަސްވީ މީހުންގެ ދުލުކުރީގައި ވެސް ބޭއަދަބީ ފެންވަރުގެ ލަފުޒުތަކާއި އިބާރާތްތައް ލިޔެވިފައި ހުންނަލެއް މަދެއް ނޫނެވެ.

މި ފަދަ މީހުން ދެކެނީ އެއީ ވަރަށް މޮޅުކަމެއް ކަމަށެވެ. ގިނަ ބަޔެއްގެ ރުހުމާއި ތާޢީދު ލިބޭނެ ކަމެއް ކަމަށެވެ. ބައެއް ފަހަރު އެ ކަން ވަނީ ވެސް އެކަހަލަ ގޮތަކަށެވެ. ހަޑިހުތުރު ބަހުރުވައިން، ހަޅޭއްލަވާގޮތަށް މީހަކު ވާހަކަ ދައްކާ ނަމަ، އެ ވާހަކައަކަށް ސަމާލުކަން ދޭމީހުން ގިނަވެއެވެ. ކަންފަތް ހިރުވާ ފަދަ ބުނުންތަކާ ގުޅިގެން ޖަހައިލާ ހިނިގަނޑު ބާރުވެއެވެ. ވާހަކަދައްކާ މީހާއަށް ލިބޭ ހިތްވަރު އިތުރުވެއެވެ. ދުލަށް ގެންނަ އެ ފަދަ ލަފުޒުތަކުގެ ބުރަދަން ބޮޑު ކުރެއެވެ.

އެކަމަކު ދަންނަވަންތޯއެވެ. މިއަދުގެ މުޖުތަމަޢު އެ ފަދަ ކަންކަން ބަލައިގަންނަމުން ދާހެން ހީވިޔަސް، އެއީ ވަރަށް ދަށްފެންވަރުގެ ކަމެކެވެ. އެކަމުގެ ސަބަބުން ވެއްޓޭނީ އެހެން މީހެއްގެ އަގެއް ނޫނެވެ. ހަމަ ތިމާގެ އަގެވެ. ރީތި ގަމީހަކާއި ފަޓުލޫނެއް ލައިގެން، މޮޅު ފައިވާނަކަށް ނުވަތަ ބޫޓަކަށް އަރައިގެން ހުއްޓަސް، ކިތަންމެ މައްޗަށް ކިޔަވައިގެން ހުއްޓަސް، އެހެން މީހުން ތިމާ ކިރައިލާނީ ރާތާގާބަރީގެ އެންމެ ދަށް މިންގަނޑުންނެވެ. އަންނަން އޮތް ޖީލުތަކަށް މިއަދުގެ ޖީލު ފެންނާނީ، މިއަދުގެ ޖީލަށް އިސްވެ ދިޔަ ޖީލު ފެނުނު ސިފައަކަށް ނޫނެވެ.

Be the first to comment

ޚިޔާލު