މަދަރުސީ ހަޔާތަށް ފަހު…..

ކޮންމެ އަހަރަކު އެތައް ކުދިބަޔަކު ސްކޫލުގެ އުފާވެރި ޙަޔާތާ އަލްވަދާޢު ކިޔުމަށްފަހު މުޖުތަމަޢުގެ ތެރެއަށް އެބަ ނިކުމެއެވެ. ހަށިފުރާ ނޭވާއެއް ލުމަށްފަހު، ބަލައިލާން ޖެހެނީ ދިރިއުޅުމުގެ މައިދާނާ ދިމާއަށެވެ. އެއީ ހަލަބޮލި މައިދާނެކެވެ. ހީނުކުރާ ކަހަލަ ތަފާތު އެތައްކަމެއް ތަޖުރިބާ ކުރަންޖެހޭނެ މައިދާނެކެވެ. ތަފާތު އެކިއެކި ހުރަސްތަކާއި އަޑިގުޑަންތަކާ ކުރިމަތިލާން ޖެހޭނެ މައިދާނެކެވެ. އުފަލާއި ހިތާމައެވެ. ހިނިތުން ވުމާއި ރުއިމެވެ. ކާމިޔާބާއި ނާކާމިޔާބެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރަންޖެހެނީ ހަނގުރާމައެކޭ ބުނެވެނީ މި ފަދަ ސަބަބުތަކަށް ޓަކައެވެ.

ދިރިއުޅުމުގެ މައިދާނަށް ނިކުންނައިރު، ވިސްނައިލާންޖެހޭ އެތައް ކަމެއް އެބަ ހުއްޓެވެ. އެ ކަންމާމެދު ނުވިސްނައި، މި މައިދާނަށް ނިކުމެވިއްޖެ ނަމަ، ޝައްކެއްނެތް ގޮތުގައި، އެ ހަނގުރާމައިން ވާނީ ނާކާމިޔާބެވެ. ވެއްޓި އިނދަޖެހޭނީ، ތެދުވެ ހިންދެމިނުލެވޭހައި ބޮޑަށެވެ. އެހެންނަވެސް ވިސްނުންތެރިކަމާ އެކު، އެ މައިދާނަށް ނިކުމެ ހަނގުރާމައަށް ފަށައިފި ނަމަ، ހަމަ ކަށަވަރުން ވެސް އެ ކުއްޖަކަށް އޮތީ ކާމިޔާބެވެ.

ސްކޫލު ހަޔާތަށްފަހު، ނުތަވަ ތަޢުލީމީ ހަޔާތަށްފަހު، ތިޔަ ކުދީންގެ ތެރެއިން ގިނަ ކުދީން ކޮންމެވެސް ވަޒީފާއަކަށް ދާނެކަމީ ކަށަވަރު ކަމެކެވެ. ވަޒީފާއަށް ދިޔުމަކީ ނުހަނު މަންފާ ބޮޑު ކަމެކެވެ. ކިޔެވި އެއްޗަކުން ގައުމަށާއި މުޖުތަމަޢަށް ހިއްސާއެއް ކޮށްދެވޭތީ ލިބޭ އުފަލެވެ. ތިމާގެ ފުށުން ގައުމަށް ލާބައެއް ހޯދައިދެވޭތީ އެކަމުގެ ހިތްހަމަޖެހުމެވެ. ހަމައެހެންމެ ގައުމުގެ ދަރިއެއްގެ ކިބައިން ޤައުމަކަށް ޚިދުމަތެއްކޮށްދެވޭތީ ލިބޭ ޝަރަފެވެ.

ވަޒީފާއަށް ދިޔުމަކީ އެއްބަސްވެވޭ ގޮތެއްގެ މަތީން ބަޔެއްގެ ނުވަތަ މީހެއްގެ މަސައްކަތުގައި އެހީތެރިވުމެވެ. އެހެންކަމަށްވާ ނަމަ، މި ކަމުގައި ވިސްނާން ޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. ގަޑިއަށް ފަރުވާތެރިވުމެވެ. ވަޒީފާގެ ގޮތުން ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމެވެ. ވަޒީފާގައި ތެދުވެރިވުމެވެ. ހެދިފައިވާ ޤަވާއިދުތަކަށް އިޙުތިރާމްކުރުމެވެ. އަދިވެސް މިފަދަ އެތައް ކަމެކެވެ. މި ކަންކަމާމެދު ފުންކޮށް ވިސްނައިގެން، ވަޒީފާގައި އުޅޭ ނަމަ، އިސާހިތަކު ވަޒީފާގެ ކުރިއެރުން ލިބި، ތިމާއަކީ އެތައް ބަޔެއްގެ މަގުބޫލުކަން ލިބިފައިވާ، އިހުތިރާމާއި ލޯބި ލިބިފައިވާ ކުއްޖަކަށް ވެގެންދާނެއެވެ.

ދެން އޮތީ އަމިއްލަ ދިރިއުޅުމުގެ އިންފާރުތެރެއެވެ. ޒަވާޖީ ހަޔާތެއް ފެށުމާއި، ދަރީން ހޯދައި ތަރުބިއްޔަތު ކުރުމެވެ. މިއީ ވެސް ބޮޑު ޒިންމާއެކެވެ. ޒަވާޖީ ހަޔާތަށް ޓަކައި ދީންވެރި ޞާލިޙު ބައިވެރިއަކު އިޚުތިޔާރުކުރުމަކީ، އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. ހަމައެހެންމެ، ތިމާގެ ކިބައިން، ތިމާގެ ބައިވެރިޔާއަށް ތެދުވެރިކަމާއި ވަފާތެރިކަން ފެންނާން ޖެހޭނެއެވެ. އަޅައިލުމާއި ލޯބި ދެވެން ޖެހޭނެއެވެ. އޯގާވެރިކަމާއި އިހުތިރާމްކުރުމުގެ ސިފައަށް ރައްކާތެރިވާން ޖެހޭނެއެވެ. ދިރިއުޅުމުގެ ބަގީޗާގައި އުފަލާއި ހިތްހަމަޖެހުމުގެ މާމެލި ފޮޅޭނީ އެގޮތުގައެވެ.

ޒަވާޖީ ޙަޔާތުގެ ފޮނި މޭވާއަކީ، ދެމަފިރީންނަށް ލިބޭ ދަރީންނެވެ. އެ ކުދީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވިއްޖެ ނަމަ، އެ ފޮނިމޭވާ، ތިމާގެ ހަޔާތުގައި ލެވޭ ޒަހަރަކަށް ވެސް ވެދާނެއެވެ. އެހެންކަމުން ރަނގަޅު ގޮތުގައި ދަރީން ތަރުބިއްޔަތު ކުރުމަކީ، ކޮންމެ މަންމައަކާއި ބައްޕައެއްގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއްކަން ހަނދާން ބަހައްޓަން ޖެހެއެވެ. އެ ކަމަށް ޓަކައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ތިމާގެ އަމިއްލަ ހަށިގަނޑުގެ ތަރުބިއްޔަތަށެވެ. ދަރީން ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ދެއްކުމަށްވުރެ، ކާމިޔާބު އެއް ގޮތް ވެސް ނޯންނާނެއެވެ. ދަރީން ލައްވާ ދީނީ ވާޖިބުތައް އަދާކުރުވަން ބޭނުންވާ ނަމަ، ތިމާ އެކަން ކުރާށެވެ! އަދި ދަރީންނަށް އެކައި ކުރުވުމަށް ބާރުއަޅާށެވެ!

އާދޭހެވެ! ދިރިއުޅުން ކާމިޔާބު ކުރެވޭނީ، އެ ކަން ކުރަން ތިމާ ބޭނުންވާ ނަމައެވެ. ބޭނުންވާ ނަމަ، އެ ކަމަށް ހިތްވަރާ އެކު މަސައްކަތް ކުރަންވީއެވެ. ވަޒީފާގެ މައިދާނުގައި ވެސް ހިތްވަރު ކުރާށެވެ! އަމިއްލަ ދިރިއުޅުމުގެ ހަތަރުފާރުން އެތެރޭގައި ވެސް ހިންމަތާއި މިންނަތްކުރާށެވެ! އުފަލާއި ބާއްޖަވެރިކަން އޮތީ އެ ގޮތުގައެވެ. ދުނިޔޭގައި އުފަލެވެ. އާޚިރަތުގައި ދަރުމައެވެ.

Be the first to comment

ޚިޔާލު