ބޮކި ޖަހާފައި އަޑިޔަށް ހިނގައިދާނެ

ރާއްޖޭގެ ކޮންމެ ކަހަލަ މަސައްކަތަކާ ދިމާއަށް ނަޒަރު ހުއްޓާލިޔަސް ފެންނާނެ އެއްގޮތް އެއް ކަމަކީ، އެ މަސައްކަތެއްގައި ބިދޭސީންގެ އަތްތައް ހަރަކާތްތެރިވާ ތަނެވެ. މި ޖަޒީރާ ގައުމުގެ އެއް ކަމެއް ވެސް، އެ ވެރީންގެ ބައިވެރިވުމެއް ނެތި ފުރިހަމަ ނުކުރެވޭނޭކަން، އެންމެން ވެސް މި ދަނީ ޢަމަލުން ދައްކަމުނެވެ. މި ކަމާމެދު ބިދޭސީން ފަޚުރުވެރިވެއެވެ. ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެއީ އަގު ބޮޑު ބަޔެކެވެ. ބޭނުންތެރި ބަޔެކެވެ. އެ ބަޔަކާ ނުލައި ދިވެހީންނަށް، ނޭވާ ވެސް ލެވެން ނެތް ފަދަ އަގުހުރި ބަޔެކެވެ. އެ މީހުން ފަޚުރުވެރިވެލާފައި “އާރުމެން ނެތީ، ދިވެހި މޮރުވަނީ” މިހެން ބުނެލާނެކަންނޭނގެއެވެ.

ދާދި ފަހުން ދުވަހަކު ވަރަށް ހެނދުނާ ފިހާރައަކަށް އެއްޗެއް ގަނެލަން ވަނީމެވެ. އެއީ ދޭތެރެދޭތެރެއިން ވަދެލެވޭ ފިހާރައެކެވެ. އެ ފިހާރައިގައި އާންމުކޮށް ތިބޭނީ ދެ ބިދޭސީއެކެވެ. އެކަކު އިންނާނީ ސޭޓުގެ ޖާގައިގައެވެ. އަނެކަކު ހުންނާނީ އަތްގާތްކޮށްދޭށެވެ. މި ބުނާ ދުވަހު ފެނުނީ ތަފާތު މަންޒަރެކެވެ. ސޭޓުގެ ގޮނޑީގަ އިނީ، ފިހާރައިގެ ވެރިމީހާއެވެ. އޭރު ދެ މީހަކު އަތަށް އެއްޗެހި އަޅައިގެން ކޮށިގަނޑު ކައިރީގައި، އަގު އަދާކުރަން ތިއްބެވެ. ވެރިމީހާގެ ފަރާތުން ފެންނަމުން ދިޔައީ، ފިހާރައަށް ނުފަރިތަކަމާއި އާކަމެވެ. ގިނަ އެއްޗެހީގެ އަގު ވެސް އޭނާއަށް ނޭނގެއެވެ. ޖެހެނީ ސިސްޓަމުން ބަލާށެވެ. މިތާގައި ތިބޭ ސޮރުން ނެތީމާ ވާގޮތޭ ވެސް އެއް ފަހަރު ބުންޏެވެ. އޭނާގެ ވިޔަފާރީގެ މުގޫ އޮތީ، އެ ތަނުގައި ތިބޭ ދެ ބިދޭސީންގެ އަތުގައިކަން އެ ދުވަހު ކަށަވަރުވިއެވެ. އެހެންވީމާ “ބިދެސީން ނެތީ، ސޭޓު ހުލިވަނީ” ނޫން ހެއްޔެވެ؟

ބިދޭސީންގެ އަތް މައްޗަށް މި ފަދަ ކަންކަން ދޫކޮށްލައިގެން ތިބުން އެއީ ރަނގަޅު ގޮތެއް ބާވައެވެ؟ ނޫނެކެވެ. ރަނގަޅު ގޮތެއް ނޫނެވެ. ދިވެހިރާއްޖޭގައި މަސައްކަތް ކުރާން އައިސް ގިނައިން މި އުޅެނީ ބަނގުލަދޭޝް މީހުންނެވެ. ބަންގާޅީންނެވެ. ހޭލުންތެރި ގޮތް ހުރި މީހުން ކޮންމެވެސް ވަރަކަށް ފެނުނަސް، ގިނައީ މާ ބޮޑު އިލްމެއް ލިބިފައި ނެތް، ތަހުޒީބުގެ ކަންފުޅެއް ވެސް ނެތް މީހުންނެވެ. މި ފަދަ ބަޔެއްގެ އަތް މައްޗަށް “ދިރިއުޅުން” ދޫކޮށްލާފައި، ލޯ މަރާލައިގެން ދުރުގައި ތިބޭ ބަޔަކަށް ދިވެހިން ވީމާ، އޭގެ ގެއްލުން އެތައް ގޮތަކަށް ފޯރަފާނެއެވެ. އަމިއްލަ ވިޔަފާރިއަށެވެ. ގައުމުގެ އިޤްތިޞާދަށެވެ. ގައުމުގެ ރީތިނަމާއި ޝަރަފަށް ވެސް މެއެވެ.

މަޖީދީމަގުގައި ހުރި ފައިވާން ވިއްކާ ފިހާރައަކަށް ދިޔަ ދުވަހަކު، އެ ފިހާރައިން ފެނުނު މަންޒަރެއް، ގާތް މިތުރަކު ކިޔައިދިނެވެ. އެ ފިހާރައިގައި ތިބީ، ދެ ބިދޭސީއަކާއި ދިވެހި އަންހެން ކުއްޖެކެވެ. އަންހެން ކުއްޖާ އިނީ ކޮށިގަނޑުގައެވެ. އެ ދުވަހު އެ ފިހާރައަށް ވަނުމާއެކު، އޭނާގެ ކަންފަތުގައި ފުރަތަމަ ވެސް ޖެހުނީ، ދެ މީހެއްގެ ރުޅިވެރި ޒުވާބެއްގެ އަޑެވެ. ރަނގަޅަށް ބަލައިލިއިރު، ޒުވާބު ފަށައިގެން މި އުޅެނީ ފިހާރައިގައި ތިބި ދެ ބިދޭސީންނެވެ. އެތަނުން އެކަކު ރުޅިއައިސްގެން ތުރުތުރުއަޅައެވެ. އަނެކާގެ ގަޔަށް ބޮލަށް އަރައިގެންފާނޭހެން ހީވާ ފަދަ ދަނޑިވަޅު ވެސް އައެވެ. ކިޔާ އެއްޗެއް ކިޔަނީ އެ ވެރިންގެ ބަހުންނެވެ. އޭރު އެ ފިހާރައިގައި އެހެން މީހަކު ވެސް ވިޔަފާރިކުރަން ވަދެ ހުއްޓެވެ. ކޮށިގަނޑުގައި އިން ފުރާއުމުރުގެ އަންހެން ކުއްޖާއަށް އެ ދެ މީހުން މައިތިރިއެއް ނުކުރެވުނެވެ. މީ ފިހާރައެކޭ، މި ތަނުގައި ކަސްޓަމަރުން އެބަ ތިއްބޭ ބުނުމުން ވެސް، ރުޅިވެރިކަމަށް ސަވާރުވެ ތިބި ދެ މީހުން، ދަތުރުގެ މިސްރާބަކަށް ބަދަލެއް ނުގެނެއެވެ.

ވިޔަފާރިކުރާން ހުންނަ ފިހާރަތަކުން މި ފަދަ މަންޒަރުތައް ފެނުމަކީ، ވިޔަފާރިކުރަން ދާ މީހުން ރުހޭނެ ކަންކަމަކަށް ނުވާނެއެވެ. ބައެއް މީހުން ފިހާރަފިހާރައަށް ދާއިރު، ދަރިން ނުވަތަ ޢާއިލާގެ މީހުން ގޮވައިގެން ވެސް ދެއެވެ. އެ ފަދަ ހާލަތްތަކުގައި، މި ފަދަ މަންޒަރުތައް ފެންނާކަށް އެކަކު ވެސް ބޭނުމެއް ނުވާނެއެވެ. އަދި ޚާއްޞަކޮށް، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރެވޭތޯ މަސައްކަތްކުރާ މަންމައިންނާއި ބައްޕައިން އެއްގޮތަކަށް ވެސް މި ފަދަ ކަންކަން ދެކޭކަށް ބޭނުމެއް ނުވާނެއެވެ.

ދިވެހިރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. މި ގައުމުގައި ހުންނަ ރީތިރީތި ފިހާރަތަކުން ފެންނާނީ ވެސް، އެ ފަދަ ހިތްފަސޭހަ މަންޒަރުތަކެއް ކަމަށް، އެ މީހުން އުއްމީދުކުރާނެއެވެ. އެހެންނަމަވެސް މިއިން ފިހާރައަކަށް ވަންނަ ވަގުތު، ކޮށިގަނޑުގައި އިންނަ މީހާގެ މޫނުމަތިން ފެންނަ ބަނަކަމާއި ދެން ތިބޭ މީހުންގެ ހަރަކާތްތަކުން ފެންނަ ނާތަހުޒީބީ ސިފަތަކުގެ ސަބަބުން، ފިހާރައިގެ ރީތިކަން ނެތި ދިޔައީއެވެ. ގައުމުގެ މަލަމަތީގައި ހުތުރު ލައްގަނޑެއް ޖެހުމަކީ ވެސް ވެދާނެކަމެވެ.

ފިހާރަފިހާރައިން މި ފަދަ ނާތަހުޒީބު އަމަލުތައް ފެނުމަކީ، އޭގެސަބަބުން ވިޔަފާރިއަށް ވެސް އެޅޭ ވަރަށް ބޮޑު ހުރަހަކަށް ވެދާނެއެވެ. މި ފަދަ އަމަލުތައް ފިހާރަތަކުގައި ތަކުރާރުވާ ނަމަ، އެ ފިހާރައަކަށް ވަންނާން ބޭނުންވާ މީހުންގެ އަދަދު، ވަރަށް ބޮޑުތައް ދަށަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ މީހުން ސިފަކުރާނީ އެއީ ބޮލަށް އުނދަގޫ، ނުވަތަ ވަންނަން ކަމުނުދާ ތަނެއްގެ ގޮތުގައެވެ. އެ ތަނުގައި ތިބޭ ބިދޭސީންނަށް މި ކަން މާ ބޮޑު މައްސަލައަކަށް ނުވެދާނެއެވެ. ހުރިހާ ގެއްލުން އިހުސާސްކުރާންޖެހޭ ފަރާތަކަށް ވާނީ ތަނުގެ ވެރިފަރާތެވެ.

ކަން އޮތް މަގަކީ މިއީ ކަމުގައި ވާއިރު، ބިދޭސީން ގެންގުޅޭ މީހުން، އެ މީހުންގެ އަތް މައްޗަށް ތިމާގެ ވިޔަފާރީގެ މުގޫ ދޫކޮށްލާފައި ނުބާއްވާށެވެ! އެ މީހުން ކަންކުރާ ގޮތް ގާތުން ބަލާށެވެ! އެހެންނޫނީ ހީ ވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންތައް ތަޖުރިބާކުރާން ޖެހިދާނެއެވެ. އެތައް މަސައްކަތެއް ކޮށްގެން ޖަމާކުރެވުނު ފައިސާކޮޅުން، ނުހަނު ފޮނި އުއްމީދާއެކު ފެށި މަސައްކަތް، ބޮކި ޖަހާފައި އަޑިޔަށް ހިނގައިދާނެއެވެ. މިއީ ބައެއް މީހުން ތަޖުރިބާ ކޮށްފައި ވެސް ހުރި ކަންކަމެވެ. ވަގުތު ފާއިތު ނުވަނީސް، ހޭއަރައި ސަމާލުވާށެވެ!

ނޯޓް: މިއީ 6 ފެބުރުވަރީ 2022 ގައި ސަން އޮންލައިންގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.

Be the first to comment

ޚިޔާލު