ނޭނގި ތިއްބާ އައި ކޮޅިގަނޑެއް ނޫން!

ރައްޓެއްސަކު ކަރަންޓީނުގައި ހުރި ޚަބަރު ލިބިގެން، އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި، ހާލު ބަލައިލަން ގުޅާލައިފީމެވެ. ދެތިން ރިންގާއެކު ފޯނު ނެގިއެވެ. ހާލު އަހައިލުމުން، ރަނގަޅޭ ބުންޏެވެ. މި ގުޅައިލީ ކަރަންޓީނުގައި ހުރި ޚަބަރު އަހައިގެންނޭ ބުނުމުން، އޭނާގެ ހުންނަ ސަމާސާ ގޮތުގައި ބުންޏެވެ. ކަރަންޓީނުގައި ހުރީ މަ އެކަނި ހެއްޔެވެ؟ މުޅި ގައުމު ވެސް މި އޮތީ ކަރަންޓީނުގައި ނޫން ހެއްޔެވެ؟ ސަމާސާ އަކަށް ހަދާފައި ވެސް، އޭނާ އެ އިޝާރާތްކުރީ ކޮން ކަމަކަށްކަން އެނގުނެވެ. އޭނާ އެ އިޝާރާތްކުރީ ގައުމުގައި، ބަލި މަޑުކަން ފެތުރިފައި އޮތް މިންވަރަށެވެ.

އެކުވެރިޔާ ބުނިހެން ގައުމުގެ ބަލިމަޑުކަމުގެ ހާލަތު މިއަދު މި އޮތީ ވަރަށް ގޯހުގައެވެ. އެއް ކަހަލަ ޢަލާމާތްތަކެއް ފެންނަ އެތައް ރޯގާއެއް ގައުމުގައި އެބަ އެނބުރެއެވެ. އެ ގަހު ކޭލެއް، މި ގަހު ކޭލެއް ވަކިކުރާކަށް ނޭނގެވެ. މާލެއެއް އަތޮޅުތެރެއެއް ތަފާތެއް ނެތެވެ. ރައްޓެއްސަކަށް ގުޅާލިޔަސް، ޢާއިލާގެ މީހަކާ ބައްދަލު ވިޔަސް ދައްކަނީ ބަލިމަޑުކަމުގެ ވާހަކައެވެ. ބަލިވެ އުޅޭ ވާހަކައެވެ. ރައްޓެއްސަކު ނޫނީ ތިމާގެ މީހަކު ބަލިވެ އުޅޭ ވާހަކައެވެ. ކަރުގައި ރިއްސާ ވާހަކައެވެ. ގައިގައި ނުވަތަ ބޮލުގައި ރިހޭ ވާހަކައެވެ. ހުންއަންނަ ވާހަކައެވެ. ނުނީ ބަލި މީހަކާ އެއްތާވުމުގެ ސަބަބުން، ކަރަންޓީނުގައި ހުރި ވާހަކައެވެ. މި ފަދަ އަޑުތައް އިވިއިވި މިހާރަކަށް އައިސް ކަންފަތުތެރޭ، އެ ޖުމުލަތައް ގުގުމާފައި ހުންނަ ކަހަލައެވެ.

މިއަދު ހެނދުނު މަގުމަތިން ގާތް އުޚުތަކާ ބައްދަލުވެގެން ހާލުއަހުވާލު އަހައިލީމެވެ. ހިތާމައިން ފޯވެފައިވާ އަޑަކުން، ފުރަތަމަ ވެސް ބުނީ، އިއްޔެއިންސުރެ، މި އުޅެނީ ފިރިމީހާ ވަރަށް ގަދައަށް ހުންނަ އައިސްގެން ކަމަށެވެ. ޓެސްޓު ހަދައިފިންހޭ އެހުމުން ބުނީ، ރޭ ވެސް ޓެސްޓު ހަދަން ގޮސް، ކިއު ދިގުކަމުން ނުހުރެވިގެން އެނބުރި އައީ ކަމަށެވެ. މިއީ މާލެއާއި ރަށްފުށުގެ ގިނަ ބަޔަކު މިއަދު އުޅެމުން އަންނަ ގޮތެވެ. އެތައް ބަޔަކު ތިބީ ބަލި އެނދުގައެވެ. ކަރަންޓީނުގެ ނަމުގައި ގޭ ބަންދުގައި ވީއްލިގެންނެވެ.

އާންމު ފަރުދުންގެ ކަންކަން މި ދަރަޖައަށް ދިޔުމުން، ގައުމީ އުޅަނދު އޮތީ، ފިނިހަކައާ ވެސް ވާދަ ނުކުރެވޭ ފަދަ ހާލަތެއްގައެވެ. އިސްކޫލުތަކުގައި މުދައްރިސުން ހަމައެއް ނުވެއެވެ. ކުލާސްތަކަށް ދަރިވަރުންނަކަށް ނާދެވެއެވެ. މުވައްސަސާތަކުގެ ޚިދުމަތްތައް މަޑުޖެހިއްޖެއެވެ. ކުންފުނިތަކާއި ވިޔަފާރިތަކުގެ މަސައްކަތްތައް ހީނަރުވެއްޖެއެވެ. ހުކުރުކުރާނެ އިމާމުންގެ ދަތިކަން އިހުސާސްކުރާން ޖެހިއްޖެއެވެ. ބައެއް ރަށްރަށުގެ ބައެއް މިސްކިތްތަކުގައި ހުކުރުކުރުން ހުއްޓާލައިގެން އުޅޭ ވާހަކަ ވެސް އަޑުއެހީމެވެ. އިމާމުން ބަލިވެ ނުވަތަ ކަރަންޓީނުގައި ތިބޭން ޖެހުމުން، ހުރިހައި މިސްކިތަށް ހަމަވާވަރު ނުވެގެންނެވެ.

މި ހިތްދަތިކަމުން ގައުމު ފޯކޮށްލާފައި މި ވަނީ، ނޭނގި ތިއްބާ ކުއްލިއަކަށް ވެހިގަތް ކެރިގަނޑެއްގެ ސަބަބަކުން ނޫނެވެ. އުދަރެސް ބައްދަމުންދާ މަންޒަރު ފެންނަމުން ދިޔައެވެ. ނަގަނީ ގަދަ ކޮޅިގަނޑެއްކަން އެނގެއެވެ. މާ ކުރިން ކޮޅިގަނޑުގެ ވައި ވެސް އަންނާންފެށިއެވެ. ރައްކާތެރިވާނޭ ފުރުސަތު ލިބުނެވެ. އެހެންނަމަވެސް މި ކަންކަމަށް ސަމާލުކަމެއް ނުދީ، އެ މީހަކު ކުރަން ތިބި ކަމެއްގައި، އެ މީހަކު ޣާފިލުވެ ތިބީއެވެ. ކޮޅިގަނޑު ލައިގަތް އިރު ވެސް ތިބީ، ހިމާޔަތުގެ ގޮވައްޗަކަށް ވިސްނައި ނުލައެވެ. ފުރަތަމަ ވެހިގަތް ވާރެއިން އެއް ބަޔަކު ފޯކޮށްލިތަން ފެނުނެވެ. ސަލާމަތުން ތިބި މީހުންނަށް ހިޔާވެލާނެ ހޭވެރިކަމެއް ނުވިއެވެ. ނަތީޖާއަކަށް ވެފައި މި ވަނީ، ގައުމުގެ އެތައް ބަޔަކު މި ކޮޅިގަނޑުގައި ޖެހި ހަފުސްވުމެވެ.

މި ފަދަ ކޮންމެ ކޮޅިގަނޑަކާއެކު ގައުމު ފުރަބަންދުކޮށް، އެންމެން ގޭގެއަށް ވައްދައި ބޮޑު ތަޅުއަޅުވައިގެން އަބަދު ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟ އެ ކަމެއް ނުވާނެއެވެ. އެ ފަދަ ކޮންމެ ބަންދުކުރުމަކީ، އެތައް ކަމެއް ބަންދުވެގެންދާ ހިތްދަތި ބަންދެކެވެ. އިޤުތިޞާދީ ދޮރު ބަންދުވެ، އިނދަޖެހުމާ ދިމާއަށް ގައުމު މިސްރާބު ހިފައެވެ. އާމްދަނީ ލިބޭނެ މަގު ބަންދުވެ، އެތައް ބަޔަކު ހާލުގައިޖެހެއެވެ. ނަފުސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރު ވަކީން ބޮޑެވެ. ހިތްދަތި އެތައް ވޭނަކާ ދިމާއަށް، ގައުމާއި ރައްޔިތުން ގޮވައިގެން ހާލަތު ދަތުރުކުރެއެވެ. އެހެންކަމުން އަބަދުވެސް ބަލަންވީ، އެ ފަދަ ބަންދަކަށް ނުގޮސް މި ކަމުން އަރައިގަނެވޭތޯއެވެ.

ގައުމާއި ރައްޔިތުންގެ ސަލާމަތަށް ޓަކައި، ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާން އެބަ ޖެހެއެވެ. ކަންކަން ގޯހުން ގޯހަށް ގޮސް، ލަގަން އަތުން ދޫވުމުގެ ކުރިންނެވެ. ޓެސްޓުހަދާފައި ދުވަހުން ދުވަހަށް ނަތީޖާ އިއުލާނުކުރުމަކުން އަދި ނުފުދެއެވެ. ކަންކަން މިހާރަށްވުރެ ބޮޑަށް ބަލައި މޮނިޓަރ ކުރެވޭން ޖެހޭނެއެވެ. ކަނޑައަޅާފައި އޮންނަ މިންގަނޑުގެ ބޭރުން އެއްވެސް ބަޔަކު ހިނގާ ނަމަ، އެ ބަޔަކު ހަމަ މަގަށް ވެއްދޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނާންވާނެއެވެ. ފިޔަވަޅު އަޅާންޖެހޭ ހާލަތުގައި ފިޔަވަޅު ވެސް އަޅާން ޖެހޭނެއެވެ. ކުލައަކަށް ސައިޒަކަށް ބެލުމެއް ނެތިއެވެ. 

އާންމު ފަރުދުން ވެސް މިހާރަށްވުރެ ބޮޑަށް މި ކަންކަމަށް ސަމާލުވެ ހޭލުންތެރިވާން އެބަ ޖެހެއެވެ. މި ފަދަ ބަލިމަޑުކަމަކުން ރައްކާތެރިވާން އަޅާންޖެހޭ ފިޔަވަޅުތައް ނޭނގޭނެ ހަމަ އެކަކު ވެސް މިހާރަކު ނޫޅޭނެއެވެ. ރޯގާޖެހި، ހުން އައިސް، ކެއްސާ، މި ފަދަ ކަންކަން ވާ ނަމަ، ގެއިން ބޭރަށް ނިކުމެގެން ނުވާނޭކަން އެންމެނަށް ވެސް އެނގެއެވެ. ގޭގައި އެކަހެރިވެ އިނދެ، ޑޮކްޓަރުންގެ މަޝްވަރާއާއެކު ފަރުވާއަށް ފަށާންވީކަން އެނގެއެވެ. ބަލި މީހަކާ ދިމާވެފައިވާ މީހާ، އެހެން މީހުންގެ ރައްކާތެރިކަމަށް ޓަކައި ގޭގައި މަޑުކޮށްލާންޖެހޭކަން އެނގެއެވެ. ބަލީގެ އަލާމާތެއް ފެންނަ ނަމަ، ފަރުވާއަށް އަވަސްވާންޖެހޭކަން އެނގެއެވެ. ހެޔޮހާލުގައި ތިބި މީހުން ވެސް ބޭރަށް ނުކުންނައިރު މާސްކް އެޅުމާއި ގައި ދުރުކަން ބަހައްޓަން ޖެހޭކަން ވެސް އެނގެއެވެ.

ކަން އޮތީ މިހެން ކަމުގައި ވިޔަސް، ގިނަ މީހުންގެ ފުށުން އަދިވެސް ފެންނަނީ ތަފާތު މަންޒަރެކެވެ. އެނގޭ އިރު ވެސް، ނޭނގޭ މީހުން ފަދައިން އުޅޭ ތަނެވެ! އެހެން ނަހަދާށެވެ! މި ހާލަތުން އަރައިގަނެވޭތޯ ސަރުކާރާއި އާންމު ރައްޔިތުން އެކުގައި މަސައްކަތް ފަށަމާ ހިނގާށެވެ! އިންޝާﷲ! ރައްކާތެރި އައްސޭރިއެއް ވަރަށް އަވަހަށް އަތުޖެހޭނެއެވެ.

ނޯޓް: މިއީ 30 ޖަނަވަރީ 2022 ގައި ސަން އޮންލައިންގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.

Be the first to comment

ޚިޔާލު