ޢިބުރަތްތެރި ވާހަކަ

ސާޅީސް ދީނާރު

މިއީ އިސްލާމީ ތާރީޚުގެ ޞަފުޙާތަކުން، ފެންނާން އޮތް ވަރަށް މުހިންމު، އަދި އެހައިމެ ޢިބުރަތްތެރި ހާދިސާއެކެވެ. މި ހާދިސާއަކީ ޝައިޚް ޢަބްދުލްޤާދިރުލް ޖީލާނީ (ރަޙިމަހުﷲ)ގެ ތެދުވެރިކަމާ ގުޅިފައިވާ އަގުހުރި ހާދިސާއެކެވެ. ވަލީވެރިންގެ ރަސްގެފާނުގެ ނަމުން މަޝްހޫރުވެފައިވާ ޢަބްދުލްޤާދިރުލް ޖީލާނީއަކީ، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ވަރަށް މަތިވެރި އިލްމުވެރިއެކެވެ.

ޢަބްދުލްޤާދިރުލް ޖީލާނީ އުފަންވެވަޑައިގަތީ ފާރިސްކަރަ ނުވަތަ އީރާންގެ ރަށެއްކަމަށްވާ ޖީލާނަށެވެ. އެކަލޭގެފާނު ތުއްޕުޅު އިރު ދިރިއުޅުއްވަމުން ގެންދެވީ ވެސް އެ ރަށުގައެވެ. އެކަލޭގެފާނު ވަރަށް ހަގު އުމުރުފުޅުގައި، އިލްމު އުނގެނިވަޑައިގަތުމަށް ޓަކައި، ބަޣުދާދަށް ހިޖުރަކުރެއްވުމަށް ގަސްދުކުރައްވައި، އެ ދަތުރަށް ތައްޔާރުވެވަޑައިގަންނަވާން ފެއްޓެވިއެވެ.

އެކަލޭގެފާނު ފުރާވަޑައިގަންނަވާން އުޅުއްވުމުން، އެކަލޭގެފާނުގެ މަންމާފުޅު، އެކަލޭގެފާނުގެ ޖުއްބާކޮޅުގެ (ހެދުމުގެ) އެތެރޭގައި، ސާޅީސް ރަން ދީނާރު ރައްކާކުރެއްވިއެވެ. އެކަލޭގެފާނުގެ ދަތުރުގެ ޚަރަދުތަކަށެވެ. މަންމާފުޅު އެކަން ކުރެއްވި ގޮތަކީ، ޖުއްބާގެ އެތެރޭގައި ދީނާރުތައް ބަހައްޓަވައި ފޮތިއަޅުއްވައި ފެއްސެވީއެވެ. ވަގުންނާއި ފޭރޭ މީހުންގެ ކިބައިން ރައްކާތެރިކުރެއްވުމުގެ ބޭނުންފުޅުގައެވެ.

ޢަބްދުލްޤާދިރުލް ޖީލާނީ ފުރާވަޑައިގަންނަވާން ނިކުންނަވާން ފެށުމުން، މަންމާފުޅު ވަރަށް ލޯބިން އެކަލޭގެފާނަށް ނަސޭޙަތްދެއްވިއެވެ. އެ ގޮތުން ދެއްވި އެންމެ އަގުހުރި ނަސޭހަތަކީ މިއެވެ. “ދަރިފުޅާ! ކޮންމެ ފަދަ ހާލަތެއް މެދުވެރިވި ކަމުގައި ވިޔަސް ދުވަހަކު ވެސް ދޮގެއްނަހަދާތި! އަބަދުވެސް ތެދުވެރިކަން އިސްކުރާތި!”

“އިރާދަކުރެއްވިއްޔާ އަބަދު ވެސް މަންމަގެ ތިޔަ ނަސޭހަތްތައް ހަނދާން ބަހައްޓާނަން!” މަންމަގެ ނަސޭހަތްތައް އެކަލޭގެފާނު ގަބޫލުފުޅުކުރެއްވީ ހިތުގެ އަޑިންނެވެ.

ޢަބްދުލްޤާދިރުލް ޖީލާނީ ދަތުރަށް ނިކުމެވަޑައިގަތެވެ. ނިޔާމައިގައި ގާފިލާ ދަތުރައިގެން ކުރިއަށް ދިޔައެވެ. އެހެންނަމަވެސް މި އަމާންކަން ދެމިއޮތީ ވަކި ހިސާބަކަށެވެ. ކުއްލިއަކަށް ވަގުންގެ ބައިގަނޑެއް އައިސް، ގާފިލާއާ ދިމާކޮށްލައިފިއެވެ. ގާފިލާއަށް ހަމަލާދޭންފަށައިފިއެވެ. ރަހުމެއް އޯގާވެރިކަމެއް ނެތި، އެންމެންގެ މުދާތައް ފޭރެންފަށައިފިއެވެ.  

“ކަލޭގެ އަތުގައި އަގުހުރި އެއްވެސް އެއްޗެއް އެބަ ހުރިތަ؟” މުދާތައް ފޭރެމުން ގެންދިޔަ ވަގުންގެތެރެއިން ވަގަކު އައިސް، ޢަބްދުލްޤާދިރުލް ޖީލާނީ އަރިހުގައި ހަރުކަށިކަމާ އެކު އެހިއެވެ.

ވަގުކަލޭގެ ކުރިމަތިކުރި މި ސުވާލާ އެކު، ޢަބްދުލްޤާދިރުލް ޖީލާނީ ހަނދުމަފުޅުވީ، މަންމަ ދެއްވި އަގުހުރި ނަސޭހަތްތަކެވެ. އެ ނަސޭހަތްތައް ގަބޫލުފުޅުކުރައްވާނޭ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.

އާނ!” ވަގުކަލޭގެ ކުރި ސުވާލަށް އެކަލޭގެފާނު ތެދުބަހުން ޖަވާބުދެއްވިއެވެ.

“ކޮން އެއްޗެއް ހުރީ؟” ވަގުކަލޭގެ އަވަސްއަވަހަށް ސުވާލުކުރިއެވެ.

“މަގޭ އަތުގައި ސާޅީސް ރަން ދީނާރު އެބަ އޮތް.” ވަރަށް ހަމަޖެހިލާފައި އެކަލޭގެފާނު ވިދާޅުވިއެވެ.

ޢަބްދުލްޤާދިރުލް ޖީލާނީގެ އެ ޖަވާބު އަޑުއައްސަވާފައި ވަގުކަލޭގެއަކަށް އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. ކުޑަ ކުއްޖަކަށްވެފައި، އެހައި ފަސޭހައިން ޖަވާބުދެއްވީމައެވެ. އެހެންވެ އެކަލޭގެފާނު ދޫކޮށްލާފައި ވަގުކަލޭގެ ހިނގައްޖެއެވެ.

އެހެން ވަގަކަށް އެ ކަލޭގެފާނު ފެނިގެން އައިސް އެއްޗެއް ހުރިތޯ ސުވާލުކުރުމުން ވެސް، އެކަލޭގެފާނު ދެއްވީ ހަމަ ކުރިން ވެސް ދެއްވި ޖަވާބެވެ. އެންމެ ފަހުން މި ޚަބަރު، ވަގުންގެ ލީޑަރާ ހަމައަށް ފޯރައިފިއެވެ. އެހެންކަމުން އޭނާގެ ގާތަށް އެކަލޭގެފާނު ގެނެސް އެކަމާ ގުޅޭގޮތުން ސުވާލުކުރިއެވެ. އެކަލޭގެފާނު ހަމަ ކުރިން ވެސް ދެއްވި ޖަވާބު ދެއްވިއެވެ.

“އެހެންވިއްޔާ ކޮބައި ތިޔަ ބުނާ ސާޅީސް ރަން ދީނާރު؟” ވަގުންގެ ލީޑަރު ހަރުކަށި ރާގުގައި އެއްސެވެ.

އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ޖުއްބާގެ ތެރެއިން ދީނާރުތައް ހުރިތަން ދެއްކެވިއެވެ. ފަހާފައި ހުރިތަން މޮހާލައިގެން ވަގުން އެތަން ބެލިއިރު، އެކަލޭގެފާނު ވިދާޅުވިގޮތަށް، ސާޅީސް ރަން ދީނާރު  ހަމައަށް އެ ތަނުގައި ހުއްޓެވެ.

“ދޮގުހަދައިގެން މި ފައިސާ އަހަރެމެންނަށް ނުދީ ސަލާމަތްވެވޭން އޮއްވާ ކީއްވެ ކަލޭ ތެދު ބުނީ؟” ވަގުންގެ ލީޑަރު ހައިރާންވެފައި ހުރެ ސުވާލުކުރިއެވެ.

“މި ދަތުރަށް ފުރަން އުޅުނު އިރު، އަހަރެންގެ މަންމަ އަހަރެންގެ ގާތުގައި ބުނި އެންމެ މުހިންމު އެއް ވާހަކައަކީ، ދުވަހަކު ވެސް ދޮގެއްނުހެދުމަށް. އަހަރެން އޮންނާނީ މަންމަ ގާތުގައި، އެކަމަށް ވަޢުދުވެފައި. ދެން އެންމެ ސާޅީސް ދީނާރަކަށް ޓަކައި އަހަރެންގެ މަންމައަށް ވީ ވަޢުދު އުވާލާނީ ކިހިނެއް؟”

ޢަބްދުލްޤާދިރުލް ޖީލާނީގެ މި ވާހަކަ އަޑު އިވުމުން ވަގުންގެ ލީޑަރުގެ ހިތަށް ކުރީ ވަރަށް ފުން އަސަރެކެވެ. ހިތަށް އެރި އެއްޗެހިތަކެއްގެ ސަބަބުން، ވަގުތުން ދެ ލޮލުން ކަރުނަ އޮހިގަތެވެ.

“ކުޑަކުއްޖަކު އޭނާގެ މަންމައަށް ވީ ވަޢުދަށް މި ދަރަޖައަށް ތެދުވެރިވާ އިރު، އަހަރެމެން ބޮޑެތި މީހުން މި ތިބީ، އަހަރެމެން ހެއްދެވި ފަރާތަށް ވީ ވަޢުދު އުވާލައި، ފޭރުމާއި ވައްކަމުގެ ތެރޭގަ.” އޭނާގެ ހިތް ނުތަނަވަސްވަމުން ދިޔައީ އިންތިހާއަށެވެ. “އަހަރެން ދެން ދުވަހަކު ވެސް މިހެނެއް ނޫޅޭނަން.”

މި ހާދިސާއާ ގުޅިގެން ވަގުންގެ ހިތުގައި އީމާންތެރިކަމުގެ ވޮށް ދިއްލިއްޖެއެވެ. ﷲގެ ހެޔޮ ރަޙުމަތުގެ ހިޔާ އެ މީހުންގެ މައްޗަށް އަޅައިފިއެވެ. ނަތީޖާއަކަށްވީ، ކުޑަ ހިނދުކޮޅެއްގެތެރޭގައި އެ އެންމެން ތައުބާވުމެވެ. އިސްލާޙުވުމެވެ. ކުރަމުން ދިޔަ ފާފަތައް ދޫކޮށްލުމެވެ. ދެ ލޮލުން ކަރުނަ އޮހޮރޭ ހާލުގައި، އެ މީހުން ފޭރުނު ހުރިހައި މުދަލެއް އޭގެ ވެރީންނަށް ރައްދުކުރިއެވެ. އޭގެފަހުން އެ އެންމެން، ވީ ހެޔޮލަފާ ޞާލިޙު ބަޔަކަށެވެ. الحمدلله!

މި ވާހަކައިން ލިބޭ ޢިބްރަތްތައް:

  • ތެދުވެރިކަމަކީ މީހުންގެ ހިތްތައް ބަދަލުކޮށްލުމުގެ ބާރު ލިބިގެންވާ ސިފައެއްކަން
  • މައިންބަފައިން ދޭ ހެޔޮ ނަސޭހަތުގައި ހިފެހެއްޓުމުން އޭގެ ފައިދާ މުޅި މުޖުތަމަޢަށް ކުރާކަން

Be the first to comment

ޚިޔާލު