މާޔޫސް

ގަޑިން އެގާރަޖަހަނީއެވެ. މާލޭގެ ގިނަ މަގުތަކަށް ވެރިވެފައިވާ ހަލަބޮލިކަމަކަށް މާ ބޮޑު ދުލެއް ނުޖެހެއެވެ. ފިހާރަ ބަންދުކޮށްފައި އާރިފު ނިކުތް އިރު، އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ސައިކަލާ ދިމާއަށް ހިނގައިގަތް އިރު، އޭނާގެ ހިތް އޮތީ އަވަސްވެފައެވެ. ލޯބިވާ އަނބިމީހާގެ މޫނު ދެކިލައި ހިތުންނެވެ. ޖީބުގައި އޮތް ފޯނު ނަގައި ގުޅައިލީ، ތިޔަ ކުރާ އިންތިޒާރަކަށް ދެން މާ ގިނަ އިރެއް ނުވާނެއޭ ބުނެލުމަށެވެ. އެހެންނަމަވެސް އަންހެނުންގެ ފޯނު “ބިޒީ”އެވެ. ދެ ފަހަރަށް ތިން ފަހަރަށް ގުޅުމުން ވެސް އަރަނީ ހަމަ އެކައްޗެކެވެ.

އާރިފުގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ކީއްވެގެންބާވައެވެ؟ ޖަވާބު ލިބިއްޖެއެވެ. މިއަދު ހަވީރު ދެ އެކުވެރިއަކާ އެކު އެރުނު ކޮފީ މޭޒެއްގެ ދޮށުގައި، ނެގުނު މައުޟޫއެއް، ނުތަނަވަސްކުރުމުގެ ސަވާރީއެއްގައި އައިސް ހިތަށް ފިތަންފެށީއެވެ. އެކުވެރި އަލީ ކިޔައިދިނީ އޭނާގެ ރައްޓެއްސަކަށް ލިބުނު ކެއްސެއްގެ ވާހަކައެވެ. ނުލާހިކު ހެޔޮކޮށް، ލޯބިން އުޅެމުން އައި އަނބިމީހާ، ދޮންކަޅު ވެސް އަންގައިނުލައި ރިއްސަށް ލޯ ލީއެވެ.

“ތިހެން އަންހެނުން އެކަނި ގޭގައި ބާއްވާފައި އުޅެން ހަދައިގެން، އާރިއަށް ވެސް ލަނޑެއް ލިބިދާނެ!”

“އަޗި! އެއީ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫނޭ!” އާރިފު ވަގުތުން އަލީގެ ކުރިމަތީގައި ޝިމްލާ ދިފާޢުކުރިއެވެ.

ޝިމްލާއަށް އޮންނަ އިތުބާރުގެ ބިނާގައި ރެނދެއް ކީއްކުރަން ހެއްޔެވެ؟ ކޫރުމެއް ވެސް އެޅޭކަށް ވެސް އާރިފު ބޭނުމެއްނުވެއެވެ. އެހެންނަމަވެސް މިހައި ލަސް ގަޑިއެއްގައި ޝިމްލާ ގުޅައިގެން އެ އުޅެނީ ކާކަށްބާވައެވެ؟ އާރިފުގެ ހިތުގައި ނިދާފައި އޮތް ޝައްކުގެ މަޚުލޫޤު މޯޅިއަކަށް ދެމިލައިފިއެވެ. ހިތް ނުތަނަވަސް ކުރުވައިފިއެވެ. އެ އަންހެން މީހާގެ ބޭވަފާތެރި ދަތުރު ވެސް ފެށީ މި ފަދަ ފޯނުކޯލުތަކަކުންނެވެ.

ނުތަނަވަސްވެފައިވާ ހިތަކާ އެކު، އާރިފު ސައިކަލަށް އަރައި ނައްޓައިލިއެވެ. އޭނާ ދިރިއުޅެނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން އޭނާގެ މަންމައަށް ލިބުނު ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. އެ ތަނުގައި ދިރިއުޅެނީ އެ ދެމަފިރީން އެކަންޏެވެ.

އާރިފުގެ އުމުރަކީ 25 އަހަރެވެ. ޝިމްލާއާ އެކު އޭނާ ފެށި ޒަވާޖަށް ދެ އަހަރު ފުރުނީ މި މަހުއެވެ. އެ ހަޔާތުގައި އަދި މަލެއް ނުފޮޅެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވަން ހިތްވަރުދީ، ބައްޕަ ހުޅުވައިދިން ފިހާރައިގެ ބަނޑުން، އިތުރު ފިހާރައެއް އުފަންކުރުމަކީ، އޭނާގެ އެންމެ ބޮޑު އެއް ޢަޒުމެވެ. ދަރިއަކު ހޯދަން ވިސްނާނީ އޭގެ ފަހުންނެވެ. އޭނާގެ ކޮންމެ ނިންމުމަކަށް ޝިމްލާ އިހުތިރާމްކުރެއެވެ.

މާލެއާއި ހުޅުލެއާ ދެމެދު އޮންނަ ވަރުނުލާރާޅުގަނޑުމަތިން އައިސް ހަލިމަގަށް އެޅިތަނާ، ވައިރޯޅީގައި ބޫންލައިފިއެވެ. ވިލާގަނޑެއްގެ ތެތް ފިނިކަން އާރިފަށް އިހުސާސްކުރެވުނެވެ. އެހެންވެގެން ކަންނޭނގެއެވެ. އާރިފުގެ ސައިކަލުގެ މީޓަރު ނަންބަރު މަތިވަމުން ގޮސް އަށްޑިހައަށް އެރިއެވެ. އެންނަމަވެސް ނަސީބަކުން ކޮޅިގަނޑުގައި ނުޖެހި މަންޒިލަށް ފޯރައިފިއެވެ. ޖެހުނު ބާރު ވަޔާ އެކު ވިލާގަނޑު ވެސް ކަހާލައިފިއެވެ.

ސައިކަލް ޕާކުކޮށްލުމަށް ފަހު، ގެއާ ދިމާއަށް އާރިފު ހިނގައިގަތް އިރު ވެސް، ޝިމްލާގެ ފޯނަކަށް ނުގުޅެއެވެ. ފަހި ވިސްނުމަކަށް ހިތުން ޖާގަ ހުސްކުރެވޭތޯ މަސައްކަތްކުރަމުން ގޮސް އޭނާ ލިފްޓަށް އެރިއެވެ ޝިމްލާ ގޯހެއް ނުހަދާނެއެވެ. ބޭވަފާތެރިއެއް ނުވާނެއެވެ. އޭނާ ގުޅާނީ އާއިލާގެ ކޮންމެވެސް މީހަކަށެވެ. ނޫނީ ރައްޓެއްސަކަށެވެ. އެ އުޅެނީ ކޮންމެވެސް ބޮޑު މައުޟޫއަކަށް ވަދެވިގެންނެވެ.

ހިތުގެ ނުތަނަވަސްކަން ކުޑަކުރުމަށް ޓަކައި ހިތަށް ވެއްދޭނެ ހުރިހައި ހެޔޮ އެއްޗެއް ވައްދާ ފުރާލައިގެން، އާރިފު ގޮސް އެޕާޓްމަންޓަށް ވަނެވެ. ހަމަހިމޭންކަމުގެ ފޭރާމެއްގައި އޮތް ސިޓިންރޫމަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު އޭނާގެ ނޭފަތުގައި ޖެހުނީ، އަބަދުވެސް ގޭގައި ހިފާފައި ހުންނަ “ފެބްރީޒް”ގެ ތާޒާ ވަހެވެ. އެ ވަހުން އާރިފްގެ ހިތަށް ފިނިކަން ލިބެއެވެ. އެހެންކަމުން އާރިފް އަންނަންވާ އިރަށް އެ ވަހުން ގޭގެ މާހައުލު ތާޒާކޮށްލުމަކީ، ޝިމްލާއަށް ލިބޭ އުފަލެކެވެ.

ސިޓިންރޫމުގައި ހުރި ތަރުތީބުކަން އާރިފަށް މަރުހަބާ ކިޔަމުން ދިޔަ ނަމަވެސް، މި ރެއަކު އެ ކަމަކަށް އޭނާގެ ސިކުނޑި އިޖާބައެއް ނުދިނެވެ. ސިޓިންރޫމަށް ބޫޓު ދޫކޮށްލާފައި ހިނގައިގަނެވުނީ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރާ ހަމައަށް ގޮސް މަޑުކޮށްލިތަނާ އޭނާގެ ކަންފަތުގައި ޖެހުނީ ޝިމްލާގެ ހުނުމުގެ އަޑެވެ. ލަދުރަކި ހުނުމެކެވެ. އެ ހުނުމުގައި ހުރި އަސަރާއި ރާގުން، އާރިފުގެ މޭ ތެޅެގަތެވެ. ތަޅާ ދިމާއަށް އުފުލުނު އަތް ހިނދުކޮޅަކަށް ގަނޑުވިއެވެ.

“ތިހެން އަންހެނުން އެކަނި ގޭގައި ބާއްވާފައި އުޅެން ހަދައިގެން، އާރިއަށް ވެސް ލަނޑެއް ލިބިދާނެ!” އަލީގެ ޖުމުލަ އާރިފުގެ ކަންފަތުގެ ތޫރިއަށް ދަމަންފެށި ކަހަލައެވެ.

އިރުކޮޅަކު ހުރެފައި، ވަގަކު ފަދައިން އަމިއްލަ ކޮޓަރީގެ ދޮރު އާރިފު ހުޅުވައިލިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކުގައެވެ. ޝިމްލާ އިނީ ޑްރެސިން ޓޭބަލް ކައިރީގައެވެ. ދޮރަށް ފުރަގަސްދީގެންނެވެ. ކޮޓަރި ތެރެ އެއްވަސްވެފައި ވަނީ ޝިމްލާގެ މީރުވަހުންނެވެ. އެހެން ރޭރެއެކޭ އެއްފަދައިން މި ރޭ ވެސް އޭނާ އިނީ ރީތިވެލައިގެންނެވެ. ދުއްވާލަން ދާން ތައްޔާރުވެގެންނެވެ.

“އިރުއިރުކޮޅުން އެހެން ނުބުންޏަސް، އަހަރެން ވެސް ވަރަށް ބޭނުން.”

ޝިމްލާގެ ޖުމުލަ އިވިފައި އާރިފްގެ ހިތް ބާރަށް ތެޅިގެންފިއެވެ. ހަށިގަނޑުގައި ދައުރުވަމުން ދާ ލޭގެ ކޯރަށް ހަލުއިކަން އަތުވެއްޖެއެވެ.

“އެނގޭ މަށަށް ވެސް ތިކަން” ޝިމްލާ ހިނިއައިސްފައި އިނދެ ބުނެލި އަޑު އިވުނެވެ.

ޔަގީނެވެ. ޝިމްލާ ގުޅާއިގެން އެ އުޅެނީ ކޮންމެވެސް……..

“އަހަރެން ވެސް ހަމަ އެހައި ލޯބިވެއޭ!”

ޝިމްލާގެ އަނގައިން މި ފަހަރު ނިކުތް ޖުމުލަ، ޒަހަރަށް ވުރެ ވެސް ވިހަގަދައެވެ. އެ އަނިޔާވެރި ޖުމުލަ، ވުސްޖަހާފައި އައިސް އާރިފުގެ މޭ ތޮރުފާލައިފިއެވެ. ބޮލަށް އެރި ތޫނު ތަދާކާ އެކު، ހަށިގަނޑު ރޫރޫއަޅައިގަތެވެ. އާއެކެވެ. ބޭވަފާތެރިކަމުގެ ރަތް ރޮނގު ޝިމްލާ ގިރާކޮށްފިއެވެ. އެކަން އާރިފަށް ކަށަވަރުވެއްޖެއެވެ. ނަފުސުގެ ކޮންޓްރޯލު އޭނާގެ މުށުން ދޫވެއްޖެއެވެ.

“އޭތް! ޝިމްލާ!” ބޭއިޚުތިޔާރުގައި އާރިފަށް ހަޅޭއްލަވައިގަނެވުނެވެ.

ލިބުނު ކުއްލި ސިހުމާ އެކު، ޝިމްލާއަށް ތެޅެގަނެވުނެވެ. އެނބުރި ބަލައިލެވުނު އިރު، ކުޅަނދުރަކަށް ވެގެން އާރިފު އަންނަނީއެވެ. ދެ އަތް ހުރީ މުށްކެވިފައެވެ. ބޮޑުވެފައިވާ ދެ ލޮލުން އަލިފާން ކަނި ބުރަމުންދާ ކަހަލައެވެ. މި ބިރުވެރި މަންޒަރު ފެނިފައި، ޝިމްލާއަށް ފޯނު ކަނޑައިލެވުނީ ބޭއިޚުތިޔާރުގައެވެ.

“ހުންނަ ގޮތްކުޑަކަން……!” އާރިފު އައި ގޮތަށް އައިސް ޝިމްލާގެ އަތުން ފޯނު ޖަހައިގަތެވެ. ބޭނުންވީ ތަޅުންގަނޑަށް ކުދިކުދިކޮށްލާށެވެ.

“އާރީ…..” ޝިމްލާއަށް ފުންމައިގެން ތެދުވެ އާރިފު އަތުގައި ހިފެހެއްޓުނެވެ. އޭރު އެ އަތް ތުރުތުރުއަޅައެވެ.

“ޚަބަރުދާރު!”ޝިމްލާގެ އަތުގެ ތެރެއިން އާރިފް އަތް ދަމައިގަތެވެ. “ތި މުޑުދާރު ދުލުން މަގޭ ނަން ދެން ނުކިޔާތި!” އާރިފު އިންޒާރުދިނެވެ. “ހިލޭ ފިރިހެނުންނަށް ގުޅައިގެން ތެޅޭ ތެޅުން…… ހިތަށް އަރާތަ ތީ މީހެއްގެ އަނތްބެކޭ؟”

އަތުގައި އޮތް ފޯނު އެނދުމައްޗަށް ޖަހާފައި އާރިފު ހިނގައިގަތެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުންނެވެ. އޭނާ ބޭނުންވީ ގެއިން ނިކުންނާށެވެ. ޝިމްލާގެ ކުރިންމަތިން ދުރަށް ދާށެވެ. އަތުން ފައިން ގޯހެއް ހެދިދާނެތީ ބިރު ގަންނަނީއެވެ.

ކުއްލިއަކަށް ލައިގަތް ގުޖަޑުގަނޑެއްގެ ސަބަބުން ޝިމްލާ ހުރީ ހުއްޓުން އަރާފައެވެ. އެހެން ހުއްޓާ، އޭނާގެ ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ. އޮހެމުން ދިޔަ ކަރުނައިގެ ތެރެއިން އާރިފަށް ބަލަން އޭނާއަށް ހުރެވުނެވެ. އާރިފު އެ ދިޔަ ބާރުމިނުގައި، ގޮސް ކޮޓަރިން ނިކުމެއްޖެއެވެ. ލޯމަތިން ގެއްލިއްޖެއެވެ. އެއާ އެކު، ޝިމްލާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ.

އާރިފަށް ގޮސް ސައިކަލަކަށް ނޭރެއެވެ. ޝިމްލާ ގުޅައިފިއެވެ. އާރިފު ފޯނު ކަނޑައިލީ، އެ އަޑު އަހަން ބޭނުން ނުވެގެންނެވެ. އޭނާއަށް މިހާރު ޝިމްލާ ސިފަކުރެވެނީ، ނަޖިސް އަންހެނެއްގެ ސިފައިގައެވެ. ދެވަނަ ފަހަރު ޝިމްލާ ގުޅުމުން، ފޯނު ނިވާލުމުގެ ހިތްވަރު އޭނާއަށް ލިބުނީ އެހެންވެގެންނެވެ. ބޭވަފާތެރިކަމަކީ ހާދަހައި ވިހަ ގަދަ ބާރެކެވެ.

އާރިފުގެ ދަތުރުގައި މަންޒިލެއް ނެތެވެ. މާލެ ދާންވީއޭ ވެސް ހިތަށް އެރިއެވެ. އެކަމަކު ގެއަށް ވަނުމާ އެކު މަންމައާއި ބައްޕަގެ އެއް ހާސް އެތައް ސުވާލަކާ ކުރިމަތިލާންޖެހޭނެއެވެ. އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭހައި ހިތްވަރެއް އޭނާއަކަށް ނުލިބޭނެއެވެ. އެހެންކަމުން އޭނާ މިސްރާބުޖެހީ، ހުޅުމާލޭގެ އިރުމަތީ ފަރާތަށެވެ. ބޭނުންވަނީ އެކަނި އޮވެ ރޮއިލާށެވެ. ހިތުގެ ގިލަންވެރިކަން ކަރުނައާ ހަވާލުކޮށް ހުސްކޮށްލާށެވެ.

ކަނޑުން ނަގަމުން ދިޔަ ބިޔަ ރާޅުތައް، އެއްވެސް ސަބަބެއް ނެތި އައިސް، ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑުދޮށަށް ހަމަލާދެމުން ގެންދެއެވެ. އާރިފު އޮތީ، އެ ދިމާ އަތިރިމަތީގައި ހުރި، ތިން ޖޯލީގެ ޖޯލިފައްޗެއްގެ މެދު ޖޯލީގައެވެ. މޫދަށް ކުރިމަތިލައިގެންނެވެ. ރާޅުތަކުގެ ރަހުމުކުރަ ހަރަކާތްތަކަށް ނަޒަރު ހުއްޓިފައިވާ އިރު، އޭނާގެ ޒަޚަމްވެފައިވާ ހިތުގައި ވަނީ ވޭނީ އުދާހެވެ. ރަތްވެފައިވާ ދެ ލޮލުގައި ވަނީ ހުއްޓުމެއް ނެތް ތެތްކަމެވެ.

އެކެއް ޖަހައިފިއެވެ. ދެ ލޯ ފޮހެލައި، ހިންދިރުވައިލަމުން އާރިފު ފޯނު ނެގިއެވެ. ހަމީދަށް ގުޅައިލުމަށް ޓަކައި، ފޯނު އޮންކޮށްލަމުން އޭނާ ދެ ލޯ ފޮހެލިއެވެ. ހަމީދަކީ އޭނާގެ ކުޑަދުވަހުގެ އެކުވެރިޔާއެވެ. ކޮންމެ އުފަލަކާއި ހިތާމައެއް ހިއްސާކުރާ ސިއްރުވެރިޔާއެވެ. އޭނާއާ މި ކަން ހިއްސާކޮށްލަނިކޮށް، ކޮންމެވެސް ހައްލެއް ހޯދައިދޭނެއެވެ.

ފޯނު ހުޅުވާލުމާ އެކު، ހައެއްކަ ސިކުންތުގެ ތެރޭގައި ރިންގުވާން ވަށައިފިއެވެ. ގުޅަނީ ޝިމްލާއެވެ. ފޯނު ކެނޑޭންދެން ފޯނަށް ބަލަހައްޓައިގެން އާރިފަށް އިނދެވުނެވެ. ފޯނު ކެނޑުމާ އެކު އަނެއްކާ ވެސް އޭނާއަށް ރޮވިއްޖެއެވެ. ޝިމްލާއަށް އެހެން ހަދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ އޭނާ ހާދަ ލޯބިވާ ކުއްޖެކެވެ. އެހެންނަމަވެސް އޭނާ ކުށްކޮށްފިއެވެ. ކުށްކުރީމާ، އަދަބު ލިބޭންޖެހޭނެއެވެ. އެއީ މާފު ކުރެވޭނެ ކުށެއް ނޫނެވެ.

އަނެއްކާ ވެސް ފޯނު ރީންގުވާން ފަށައިފިއެވެ. އާރިފު ބަލައިލިއެވެ. މި ފަހަރު ގުޅަނީ ޝިމްލާގެ “ބެސްޓް ފްރެންޑް” ފަރުހާއެވެ. ޔަގީނެވެ. އޭނާ އެ ގުޅަނީ ޝިމްލާ ބުނެގެންނެވެ. ނުނަގާނަމެވެ. ފޯނު ޖީބަށްލާން އުޅެނިކޮށް، އާރިފުގެ ވިސްނުން ބަދަލުވެއްޖެއެވެ.

“ހަލޯ!” އާރިފުގެ އަޑު ތުރުތުރުއަޅައެވެ.

“އާރިފު! ހާދަ ވަރަކަށް ގުޅައިފީމޭ!” ފަރުހާގެ އަޑުގައި ގާތްކަމެއް ނެތެވެ.

“ޝިމްގެ އެއްވެސް ވާހަކައެއް މަގޭ ގާތުގައި ނުދައްކައްޗޭ!” ހިންދިރުވާލަމުން، އަމުރުވެރި ރާގަކަށް އާރިފު ބުންޏެވެ.

“އަމިއްލަ އަތުން އަމިއްލަ ދިރިއުޅުން އަޅިއަށް ހަދާލަންތަ ތި އުޅެނީ؟” އާރިފުގެ އަޑުގައި ހުރި ރިހުން ފާހަގަކުރެވިގެން ފަރުހާ ބުންޏެވެ.

“ޝިމްއަކީ ހުދު ފޮތިކޮޅެކޭ ބުނަން ދޯ ތި އުޅެނީ؟” އާރިފްގެ އަޑު މި ފަހަރު ކުރިއަށް ވުރެ ހަރެވެ.

“އެއަށްވުރެ ވެސް ހުދު.”

“ބެސްޓް ފުރެންޑެއް ކަމަކު ކުށްކުރީމާ ކުށްވެރިކުރުމުގެ ހިތްވަރު ހުންނާންޖެހޭނެ!”

“ކާކު ކޮން ކުށެއް ކޮށްގެންތަ ތި އުޅެނީ؟”

“ހަމަ އެކައްޗެއް ވެސް ނޭނގޭ ދޯ!”

“ކުށެއް ނެތް ކުއްޖަކަށް ވަރަށް ބޮޑު އަނިޔާއެއް އާރި ތި ދެނީ.”ފަރުހާގެ އަޑު ކުރެހުނެވެ.

“އަހަރެން ދުވަހަކު ވެސް ޝިމްއަކަށް މާފެއް ނުކުރާނަން!” އާރިފުގެ އަޑު ބާރުވި މިންވަރަށް، ތުރުތުރު ވެސް އަޅައިގަތެވެ. “ޝިމް މިހާރު ލޯބިވަނީ އެހެން މީހެއް ދެކެ. ފަރޫއަށް ވެސް މި ކަން އެނގޭނެ.” އާރިފުގެ ފަހު ޖުމުލަ ނިކުތީ ބުރިބުރިވަމުންނެވެ.

“އާރި މޮޔަވަނީތަ؟ އާރި ގެއަށް ދިޔަ އިރު، ޝިމް ގުޅައިގެން އުޅުނީ މަށާއޭ!”

“ތީ ދޮގެއް.”

“ގަބޫލު ނުކުރެވެއްޏާ ގޮސް އޭނާގެ ފޯނު ބަލާބަލަ!” ހިތްހަމަ ނުޖެހިގެން ފަރުހާ ފޯނު ކަނޑައިލިއެވެ.

އާރިފުގެ ހިތުގެ ތެޅުމުގައި ވަރުގަދަ ޒަލްޒަލާއެއް އުފެދިއްޖެއެވެ. ފަރުހާ އެ ބުނީ ހަމަ ތެދެއް ބާވައެވެ؟

“އިރުއިރުކޮޅުން އެހެން ނުބުންޏަސް، އަހަރެން ވެސް ވަރަށް ބޭނުން.”

“އެނގޭ މަށަށް ވެސް ތި ކަން ……….. އަހަރެން ވެސް ހަމަ އެހައި ލޯބިވެއޭ!”

ޝިމްލާގެ މި ޖުމުލަތައް އާރިފްގެ ސިކުނޑީގައި ގުގުމަންފަށައިފިއެވެ. އާރިފުގެ ދެ އަތް މުށްކެވި، ދެ ދަތްޕިލަ ޖެހި ބާރުވިއެވެ. ފަރުހާ ކިތަންމެ އޮމާންކޮށް ވަރުނީސްލައިގެން ޖުމުތަކެއް ހެދިޔަސް ޝިމްލާ ކުށްކޮށްފިއެވެ. މިހާރު އެ އުޅެނީ އެ ދެ މީހުން ރާވައިގެން، ހިތުން އަހަރެން ފިނިކުރާށެވެ.

އާރިފް ފަރުހާއަށް ގުޅިއެވެ. ދެވަނަ ރީންގުން ފަރުހާ ނެގިއެވެ. އާރިފު ވާހަކަދެއްކީ ރުންކުރުކޮށެއް ނޫނެވެ. އޭނާ ބުނަން ބޭނުންވީ ފަރޫގެ ވާހަކަ އޭނާ ގަބޫލުނުކުރާކަމަށެވެ.

“ދެން ކީއްވެ ޝިމް އެ ކޯލުގައި އިނދެ، އަހަރެން ވެސް ވަރަށް ބޭނުމޭ، އަހަރެން ވެސް ހަމަ އެހައި ލޯބިވެއޭ ކިޔައިގެން ވާހަކަދެއްކީ؟ ފަރޫ ގާތަކު އެ ކަހަލަ ވާހަކައެއް ނުދައްކާނެ ދޯ!” އާރިފް ބޭނުންވީ ފަރުހާގެ އަނގަ ބަންދުކުރާށެވެ.

“ބައެއް ފަހަރު އަމިއްލަ ކަންފަތް ވެސް ކެހިދޭނެ. ރަނގަޅަށް އަޑުއަހާ! ތި މީހުން ދަރިއަކު ހޯދަން ނޫޅޭތީ އެ ވާހަކަ މަށަށް ފެށުނީ. އަހަންނަށް ބުނެވުނު އެއްޗަކުން ޝިމް އެހެން ބުނީ.”

“ކީކޭ ބުނީމަ؟”

“އަހަރެން ބުނީ ކުއްޖަކު ބޭނުންވާ ނަމަ އެ ވާހަކަ ދައްކާނެ ނޫންހޭ. އެހެންބުނީމަ ޝިމް ބުނީ އިރުއިރުކޮޅުން އެހެން ނުބުންޏަސް، އަހަރެން ވެސް ވަރަށް ބޭނުމޭ.”

“ގައިމު ލޯބިވެއޭ ބުނި އަޑު ވެސް އިވުނު.” އާރިފުގެ އަޑާއި ރާގު ފިނިވާން ފަށައިފިއެވެ.

“ތި ވެސް އަހަރެން ބުނި އެއްޗަކާ ގުޅިގެން އޭނާ ބުނި އެއްޗެއް.”

“ފަރޫ ތި އުޅެނީ އެއީ ނުވާ ކަމަކަށް ހަދަންތަ؟”

“އަހަރެން މި އުޅެނީ ހަގީގަތް ހާމަކުރަން. އާރި އަބަދުވެސް ބުނަމެއްނު ޝިމް ދެކެ ވަރަށް ލޯބިވެއޭ. އަހަރެން އެ ވާހަކަ ބުނީމާ އޭނަ ބުނީ، އެނގެއޭ އަހަންނަށް ވެސް…. އަހަރެން ވެސް ހަމަ އެހައި ލޯބިވެއޭ!”

އާރިފުގެ ބަސް ހުއްޓުނެވެ. ސިކުނޑި ސުމަކަށް ދިޔައެވެ. ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ.

“އާރި މި ރޭ ކަންތައް ތި ކުރިގޮތުން ޝިމް އެ އިނީ މޮޔަވާން ކައިރިވެފައި. އާރި ބޭނުންނެތިއްޔާ ޝިމް ވަރިކޮށްފައި ގެންގޮސް އޭނާގެ އާއިލާއާ ހަވާލުކުރޭ!”

“ޕްލީޒް! ފަރޫ!” އާރިފުގެ އަޑު ތުރުތުރުއަޅައިގަތެވެ.

ފަރުހާ ފޯނު ކަނޑާލުމާ އެކު، އާރިފަށް ދުއްވައިގެނެވުނީ ސައިކަލާ ދިމާއަށެވެ. ހަތަރުވަނަ ގިޔަރުގައި ގެއާ ދިމާއަށް މިސްރާބުޖެހިއެވެ.

އާރިފު ކޮޓަރިއަށް ވަން އިރު، ޝިމްލާ އޮތީ އެނދުގައި ބަނޑުވަތަށް ރޯށެވެ. ޝިމްލާގެ ގިސްލެވެމުން ދިޔަ ހަށިގަނޑު ފެނިފައި، އާރިފުގެ ހިތަށް ތަދުވިއެވެ. ކުށެއް ނެތް ކުއްޖަކަށް މި ދެވުނީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ.

“ޝިމް..!”

އާރިފުގެ ތުރުތުރުއަޅަމުން ދިޔަ އަޑު ކަންފަތުގައި ޖެހުމާ އެކު، ޝިމްލާއަށް ލިބުނީ ސިހުމެކެވެ. އޭނާއަށް އަވަސްއަވަހަށް ބޯ އުފުލައި ބަލައިލެވުނެވެ. ކޮޓަރީ ދޮރުމަތީގައި ހުރި އާރިފު ފެނިފައި ޝިމްލާއަށް ފުންމައިގެން ތެދުވެވުނެވެ. އެއީ އޭނާގެ ކިބައިގައި އަބަދު ވެސް ހުންނަ އާދައެކެވެ.

އާރިފު ފެނުމުން ޝިމްލާއަށް މާ ބޮޑަށް ރޮވޭން ފަށައިފިއެވެ. އާރިފާ ވަކިވުމަކީ އޭނާގެ ހިތަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ އާރިފުގެ ގައިގައި ބާރަށް ބައްދައިލާށެވެ. ހިތް ފުރޭންދެން ރޮއިލާށެވެ. ކަރުނައިން ފޫދި، ރަތްވެފައިވާ ދެ ލޮލުން އޭނާއަށް އާރިފާ ދިމާއަށް ބަލާން އިނދެވުނެވެ. ދުރުގައި ނުހުންނާށޭ ބުނާ ފަދަ ނަޒަރަކުންނެވެ. އަހަރެންގެ މި ކުދިކުދިވަމުން ދާ ހިތަށް ތައްސައްލީއެއް ދީބަލާށޭ ބުނާ ފަދަ ބެލިމަކުންނެވެ.

ޝިމްލާގެ އިން ގޮތް ފެނިފައި، އާރިފުގެ ނަފުސު އޭނާގެ ބާރުގެ ދަށުން ދެމިގެންފިއެވެ. އެއާ އެކު ހީވީ، ދަގަތްފާނުގަނޑަކަށް ދަގަނޑުކޮޅެއް ދަމައިގަތްހެންނެވެ. އާރިފަށް ގޮސް ޝިމްލާގެ ގައިގައި އޮޅުލައިގަނެވުނެވެ.

“ޝިމް…..! އަހަންނަށް…. މާފު…..” އާރިފަކަށް ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އަޑު ބޭރުނުވީއެވެ. އާރިފުގެ މި ވަގުތު ހާލަތު ޝިމްލާއަށް އިހުސާސްކުރެވޭ ކަހަލައެވެ. އޭނާ ހުރީ، އާރިފުގެ އަތްމައްޗަށް މުޅި ހަށިގަނޑު ދޫކޮށްލައިގެންނެވެ. އޭރު އެ ދެހިތަށް ވެސް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ތަސައްލީއެކެވެ.  

Be the first to comment

ޚިޔާލު