ނޯޓު: މިއީ 1447 ވަނަ އަހަރު ރަމަޟާންމަހު އުމުރާ އަޅުކަމަށް ގޮސް، މައްކާގައި އަޅުގަނޑު ހުއްޓާ. ރަމަޟާންމަހުގެ 21 ވަނަ ދުވަހު ކުރިމަތިލާން ޖެހުނު ބިރުވެރި ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
މައްކާގެ މާތް ބިމުން ހިތްދަތި ދަތުރެއް
އެއް ފަރާތުން ފެންނަނީ މާތްވެގެންވާ މަސްޖިދުލް ހަރަމެވެ. ފަހުދިހައިގެ ރެއަކަށް އިރުއޮއްސުމުގެ ވަގުތު ކުޑަތަންވަނީއެވެ. ހަރަމް ސަރަހައްދުގައި މީހުން ވަނީ އޮލަޖެހިފައެވެ. ހަރަމާވީ ފަރާތް ނޫން އަނެއް ފަރާތުން ފެންނަނީ، ހަރަމް ސަރަހައްދުގައި ހުރި ފުލުހުންގެ މަރުކަޒެވެ. މަރުކަޒުގެ ދޮރުމަތީގައި އޮތް ހުސް ތަނުގައި ހައެއްކަ ފުލުހުންގެ އިތުރުން، ވިއްސަކަށް އާންމުން ތިއްބެވެ. އެ އެންމެންގެ މޫނުމަތިން ވެސް ފެންނަނީ “އޭޝިޔާވަންތަ”ކަމެވެ. ހައްތާ ވެސް ހައްޔަރީންނެވެ. އަހަރެން ވެސް ހިމެނެނީ އެ ބައިގެ ތެރޭގައެވެ.
އާދައިގެ ހެދުމުގައި ހުރި ފުލުހަކު، އޭނާގެ އަތުގައި ހުރި ފޯނުތަކުން، ފަހަރަކު ފޯނެއް ނަގައި، އަހަރެމެންނާ ދިމާއަށް އުފުލައި، ދައްކާލައެވެ. އަދި އެއީ ކާކުގެ ފޯނެއްތޯ އަރަބި ބަހުން ސުވާލުކުރެއެވެ. އެއާ އެކު ކުރިމަތީގައި އެތުރިގެން ތިބި ހައްޔަރީންގެ ތެރެއިން ފޯނުގެ ވެރިޔާ އަތް އުފުލައިލުމުން، ފުލުހުން އިޝާރާތްކުރަނީ، އެއް ފަރާތުގައި އޮތް ބަހަކަށް އެރުމަށެވެ. ފަހަރަކު މީހަކު ބަހަށް އަރުވަމުން ގޮސް، އަހަރެން ވެސް ކުށްވެރިއެއްގެ ގޮތުގައި ބަހަށް އަރައިފީމެވެ.
އަހަންނަށް އެ ބަހަށް އެރުނީ އެންމެ ފަހުންނެވެ. ފަންސަވީހަކަށް މީހުންގެ ޖާގައިގެ އެ ބަހުގެ އާންމު ސީޓުތައް، އޭރު ހުރީ ފުރިފައެއެވެ. އަހަރެން ބަސް ތެރޭގައި ގުދަށް ކަހަލަ ގޮތަކަށް އޮވެ، ބަހުގައި ތިބި މީހުންގެ މޫނަށް ނަޒަރު ހިންގައިލީމެވެ. ދަންނަ މީހަކަށް އިނީ، އަހަންނާ އެކު މި ތަނަށް ގެނައި ދިވެހިމީހާ އެކަންޏެވެ. އޭރު އޭނާގެ ނަމެއް ނޭނގެއެވެ. ދެން ތިބީ ހުސް ބީރައްޓެހި މޫނުތަކެވެ. ކަންބޮޑުވުމުގެ އަލާމާތެއް ފެންނާން ހުރީ، އޭގެތެރެއިން ވަރަށް މަދު މޫނަކުންނެވެ.
ފުރި ބާރުވެފައި އޮތް ބަހުގެ ތެރެއިން، ހުސް ގޮނޑިއެއް ފެނޭތޯ، ކޮޅުކޮޅަށް ކަޅި ހިންގައިލީމެވެ. ޑްރައިވަރުގެ ސީޓުގައި އިނީ ފުލުހުންގެ ޔުނިފޯމުގައި އިން ޒުވާން ފުލުހެކެވެ. އޭނާއާ ޖެހިގެން ކަނާތްފަރާތަށް ހުރީ ހުސް ސީޓެކެވެ. ދެވަނަ ބަރީގައި ހުރި ދެ ސީޓުގައި ތިބީ، ހުދު ޖުއްބާގައި ތިބި ދެ ފުލުހުންނެވެ. އެ މީހުން ވަރަށް މަޖާވެފައި ތިބެ، ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ގެންދެއެވެ. އަރަބިބަހުންނެވެ. މުޅި ބަސްތެރެ އަޑު ބައްދާލައިފައި ވަނީ، އެ ތިން މީހުންގެ އަޑުންނެވެ. ޑްރައިވަރުގެ އަޑު ވަކިން ބާރެވެ.
އިށީންނާނެ ހުސް ސީޓެއް ނެތުމުން، އަހަރެން އުޅުނީ، ދެވަނަ ބަރީގައި ހުހަށް ހުރި ސީޓުގައި އިށީންނާން ކަމަށެވެ. އެހެން ހިތައި އެ ސީޓުގައި އަތްޖައްސައިލުމާ އެކު، އެ ސީޓުގެ ކަނާތްފަރާތު ސީޓުގައި އިން ފުލުސް މީހާ، އަހަރެންގެ އަތުގައި ޖަހާފައި، އަރަބި ބަހުން ހަރުކަށި ރާގަކަށް އެއްޗެއް ބުންޏެވެ. ލަފާކުރީ އެ ތަނުގައި އިށީނދެގެން ނުވާނެއޭ ބުނި ކަމަށެވެ. އެއަށްފަހު ތިންވަނަ ބަރީގެ އަރިމައްޗަށް ލައްޕާލައިފައި ހުރި ކުޑަ ގޮނޑިއެއް ހުޅުވާފައި، އެ ތަނުގައި އިށީންނަށް ބުނެފިއެވެ. އަހަރެން ބަސްއަހައިގެން އެ ތަނުގައި އިށީނނީމެވެ. އޭރު ހިތަށް އަރަމުން ދިޔައެވެ. އޭނާ އަހަރެންގެ އަތުގައި ޖެހީ ކީއްވެގެންބާވައެވެ. ނުޖަހައި ވެސް އެހެން ބުނަން ބޭނުން އެއްޗެއް ބުނެވިދާނެއެވެ.
އަހަރެން ބަހަށް އެރިތާ މާ ގިނަ އިރެއްނުވެ، ބަސް ދުއްވާލައިފިއެވެ. އަހަރެން ހުންނަ ހޮޓަލުގެ ކުރިމަތިން މަގު ހުރި ގޮތަށް، ހަލުއި ދުވެލީގައި ބަސް ކުރިއަށް ދިޔައެވެ. އޭރު ވެސް ބަހުގައި ތިބި ތިން ފުލުހުން، ހީނހީނފައި، ފޯރިއާ އެކު ވާހަކަތަކެއް ދައްކަމުން ދިޔައެވެ. ވާހަކައިގެ ވަޖިދުގައި، ބައެއް ފަހަރު ކަރު ބުޑުން ޑްރައިވަރު ހަޅޭއް ލަވައިގަނެއެވެ. އޭނާ އުޅޭ ވައްތަރުން، އެ އިނީ ހަމަހޭގައި ބާވައޭ އަހަރެންގެ ހިތަށް އަރައެވެ. އެ މީހުން ދައްކާ ވާހަކަ މޭރުން ނުވި ނަމަވެސް، ޑްރައިވަރަށް ކިޔަނީ އަހުމަދުކަމާއި އަހަރެންގެ އަތުގައި ޖެހި މީހާއަށް ކިޔަނީ ޢަބްދުﷲކަން އެނގުނެވެ. އަނެއް މީހާގެ ނަމެއް ނޭނގެއެވެ.
މައްކާގެ ބޮޑެތި މަގުތަކުން ހަލުއިކަމާ އެކު ބަސް ދުވަމުންދެއެވެ. އަހަރެމެން މި ގެންދަނީ ކޮން ތަނަކަށް ކަމެއް، ކުށްވެރިވީ ކީއްވެގެންކަމެއް އަދި ނޭނގެއެވެ. މި ކަންތައްގަނޑާ އަހަންނާ ލައިގަތީ، އަސުރުނަމާދުގެ ވާޖިބު އަދާކޮށްގެން، މަސްޖިދުލް ޙަރަމުން ހޮޓަލަށް ދިޔަ މަގުމަތީގައެވެ. އޭރު ހަވީރު ހަތަރުގަޑި ބައިވެ، ފަހެއްޖަހަން އުޅެނީއެވެ.
އަހަރެން ހޮޓަލަށް ދިޔުމަށް ޓަކައި އައީ ހޮޓާ ހުންނަ މަގުގެ ކަނާތްފަރާތުންނެވެ. އެހެންނަމަވެސް އެ ހޮޓާ ހުންނަނީ މަގުގެ ވާތްފަރާތުގައި ކަމަށްވާތީ، ވަކި ހިސާބަކަށް އައުމަށްފަހު، ހިނގައިގަތީ މަގު ހުރަސްކުރާށެވެ. އޭރު ވެސް މަގުގެ އެކި ހިސާބުން ހިސާބުން، ޔުނިފޯމުގައި ހަރަކާތްތެރިވާ ފުލުހުން ފެނެއެވެ. މަގު ހުރަސްކުރަމުން ދިޔަ އިރު ހިތަށް އެރިއެވެ. މައްކާގެ ފުލުހުންނަކީ ހާދަހައި ރަނގަޅު ބަޔެކެވެ. މިއޮތްހައި މީހުން މަގުތަކަށް ނުކުމެ އުޅޭ އިރު ވެސް، އެއްވެސް މީހަކަށް ހަރުކަށިކަމެއް، ރުޅިވެރިކަމެއް ނުދައްކައެވެ. ކޮންމެ ދިމާއަކުން މަގު ހުރަސްކުރިޔަސް، އެކަމަކާ ވެސް ނުރުހުމުގެ ބަހެއް ނުބުނެއެވެ. ހާދަހައި ކެތްތެރިއެވެ.
މަގު ހުރަސްކޮށް، ވާތްފަރާތުން ހޮޓަލާ ވީ ކޮޅަށް ހިނގަމުން، “މަސްޖިދުލް ބިއްލާދިން”އާ ވަރަށް ކައިރިއަށް ދެވިފައި ހުއްޓާ، މީހަކު އެއްޗެއް ބުނި އަޑަށް ބަލައިލީމެވެ. ދުވާރު މަތީގައި ހުރީ ދަންނަ މީހެއް ނޫނެވެ.
“މި އުޅެނީ ފުލުހުން އަހަރެންގެ ފޯނު ހިފަހައްޓައިގެން.” ދިވެހިބަހުން އޭނާ އަހަންނާ ވާހަކަދެއްކުމުން، އެއީ ދިވެއްސެއްކަން އެނގުނެވެ.
“ކީއްވެ ފޯނު ހިފެހެއްޓީ؟” ހައިރާންވެފައި އަހަންނަށް އަހައިލެވުނެވެ.
“ނޭނގެ އެއްގޮތަކަށް ވެސް. އަހަރެން މިހެން އަންނަނިކޮށް، މި ތަނުން މީހަކު ގޮވައިލީމަ ހުއްޓުނު ތަނާ، އެ މީހުން އައިސް، މީ ޕޮލިހުންނޭ ކިޔާފައި ފޯނު އަތުލީ.”
ޕޮލިހުންނޭ އެ ބުނި މީހުންނާ ދިމާއަށް އަހަރެން ބަލައިލީމެވެ. ދުވާރުމަތީގައި ދެ މީހަކު ތިއްބެވެ. އެ މީހުން ތިބީ ޢަރަބިން ލައި އުޅޭ ކަހަލަ ހުދު ޖުއްބާ ލައިގެންނެވެ. އެ ދެ މީހުން އޭރު ވެސް އުޅެނީ ބަޔަކު ހިފަހައްޓައިގެންނެވެ.
“ކީކޭތަ އެ މީހުން ބުނީ؟” ގާތުގައި ހުރި މީހާގެ މޫނަށް އަހަރެން ބަލައިލީމެވެ.
“އެ މީހުން އަރަބިބަހުން ވާހަކަދައްކާތީ ކިޔާ އެއްޗެއް ނޭނގޭ. އެބަ އޮތްތަ އުސްތާޒުގެ ނަންބަރު؟”
އޭނާ އުސްތާޒޭ ބުނުމުން ސަމާލުކަމުގެ ނަޒަރަކުން އޭނާގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. އަހަންނަށް ކުރިން މީނާ ފެނިފައި ނެތް ނަމަވެސް، މިއީ އަހަރެމެން ގުރޫޕުން އައިސް އުޅޭކަން މީހެއްކަން، އޭނާގެ އެ ސުވާލުން ޔަގީންވެއްޖެއެވެ. އެނާ އެ އެހީ އަހަރެމެން ގުރޫޕުން އައިސް އުޅޭ ޝޭޚުގެ ވާހަކައެވެ. ޝޭޚަކީ ޢަރަބި ބަސް މޮޅަށް ދަންނަ ބޭފުޅެކެވެ. ގުރޫޕުގެ އެންމެން ވެސް އޭނާއަށް ކިޔަނީ އުސްތާޒެވެ.
“އާނ! އޮންނާނެ.” އަހަރެން އަވަސްއަވަހަށް ބުނީމެވެ.
“އަވަހަށް ގުޅާލައިފައި، މި ވާހަކަ ބުނެދީބަލަ!”
އަހަރެން ފޯނު ނަގައި އުސްތާޒުގެ ނަންބަރު ހޯދަންފެށިތަނާ، ކުއްލިއަކަށް އެ ތަނުން ފުލުހަކު އައިސް، އަރަބިބަހުން ވަރަށް ހަރުކަށިކޮށް އަހަންނާ ސުވާލެއްކޮށްފިއެވެ. އެހި އެއްޗެއް ނޭނގުމުން ދޭނެ ޖަވާބެއް ނޭނގިފައި ހުއްޓާ، އަހަރެންގެ ފޯނު “ޖަހައިގެންފި”އެވެ. އަހަރެން ވަގުތުން ފޯނުދޭށޭ ބުނީމެވެ. އެއާ އެކު އޭނާއަކީ ފުލުހެއްކަމަށް އިނގިރޭސި ބަހުން ބުނެފިއެވެ. އަހަރެން އޭނާ ގާތުގައި، އަހަރެންގެ ފޯނު ތި ހިފެހެއްޓީ ކީއްވެގެންތޯއާއި އަހަރެންގެ މައްސަލައަކީ ކޮބައިތޯ އިނގިރޭސިބަހުން އަހައިފީމެވެ. މިއިން ސުވާލަކަށް އޭނާގެ ފަރާތަކުން ޖަވާބެއް ނުލިބުނެވެ. އޭގެ ބަދަލުގައި އަހަރެން ގެންގޮސް މަގުފާރު ކައިރީގައި ބަހައްޓާފައި، އޭނާގެ ފޯނުން އަހަރެންގެ ފޮޓޯ ނެގީއެވެ.
އަހަރެންގެ މައްސަލައަކީ ކޮބައިތޯ ތަކުރާރުކޮށް އެ މީހާއާ ސުވާލުކުރީމެވެ. އެހެންނަމަވެސް ޖަވާބެއް ނުދިނެވެ. ބުނާ އެއްޗެއް ބުނަނީ، ވަރަށް ހަރުކަށިކަމާ އެކު އަރަބިބަހުންނެވެ. އެންމެ ފަހުން އަހަރެމެން ދެ މީހުންނާއި އަދިވެސް އިތުރު ފަސް ހަ މީހަކު ގޮވައިގެން، އެ މީހުން ހިނގައިގެންފިއެވެ. މަގު ހުރިގޮތަށް ހަރަމްފުޅާވީ ކޮޅަށެވެ. އަހަރެމެންނަށް ތިބެވުނީ، ވީ ގޮތެއް ވާނޭ ގޮތެއް ނޭނގި، ސުވާލުފުންޏެއްގައި ތާށިވެފައެވެ.
އަހަރެމެން ގޮވައިގެން އެ މީހުން ދިޔައީ ހަރަމް ކައިރީގައި ހުންނަ ފުލުހުންގެ ސްޓޭޝަނަށެވެ. ބަހަށް އެރުވީ އެ ސްޓޭޝަން ކައިރިންނެވެ. އަހަންނާ ބައްދަލުވި އެކުވެރިޔާގެ ނަން ވެސް އޭރު އެނގިއްޖެއެވެ. އޭނާގެ ނަމަކީ ނޫރުލް އަމީނެވެ. އާންމު ނަމަކީ ނޫރެވެ.
ކަން ދިމާވި ގޮތުގެ ފުން ޚިޔާލުގައި އިންދާ، އަހަރެން ސިހުނީ އުނގަށް އެއްޗެއް ވެއްޓުމުންނެވެ. އޭރު އުނގުގައި އޮތީ ރޯދަވީއްލާ “ޕެކޭޖް”އެވެ. ކައިރީގައި ހުރި ބޮޑު ކޮތަޅަކުން ފަހަރަކު “ޕެކެއް” ނަގައި، އެކި މީހުންނާ ދިމާއަށް އުކަމުން ގެންދިޔައީ ޢަބްދުﷲއެވެ. އަހަރެން ޕެކް ނަގައި ބަލަލީމެވެ. އޭގައި އޮތީ ތިން ކަދުރުގެ ކުޑަ ޕެކެޓަކާއި ޖޫސްޕެކެޓެއްގެ އިތުރުން، ކުޑަ ދެ ކޭކާއި ފެންފުޅިއެކެވެ.
“ރޯދަވިއްލަންވާ އިރަށް ހިޔެއްނުވޭ ދޫކޮށްލާނެހެނެއް.” ކައިރީގައި އިން ނޫރު ގާތުގައި މަޑުމަޑުން އަހަރެން ބުނެލީމެވެ.
“އާނ!” ހިކި ހިނިތުންވުމަކާ އެކު ނޫރު ބޯ ޖަހައިލިއެވެ.
ނުތަނަވަސްވެފައި އޮތް ހިތަކާ އެކު، އަހަރެން ގަޑިއަށް ބަލައިލީމެވެ. ހައެއް ޖަހަނީއެވެ. އިރު އޮއްސެން ކައިރިވަނީއެވެ. ރޯދަ ވިއްލަންވާ އިރަށް މި އަނދަވަޅުން ސަލާމަތްނުވާނޭކަން ކަށަވަރުވުމުން، ވެރިވި ނުތަވަސްކަން އިތުރަށް ބޮޑުވީ، މި ހާލަތު ކުރިމަތިވެފައިވާކަން ޢާއިލާގެ މެންބަރަކަށް އަދި ގުރޫޕުގެ މީހަކަށް ވެސް އަންގައިލެވެން ނެތީމައެވެ. އޭރު ވެސް ބަސްތެރެ ހީވަނީ ކުދިކޮށްފާނެހެންނެވެ. ފުލުހުންގެ އަދަބެއް ސަދަބެއް ނެތް އަޑުފަށްގަނޑުންނެވެ. ހުނުމާއި ސަކަ ސަމާސާގެ އަޑުފަށްގަނޑުންނެވެ. މިއީ ހަމަ އަސްލު ފުލުހުންބާވައޭ، ނޫނީ އެ ނަމުގައި ނިކުމެ އުޅޭ ގޭންގެއްބާވައޭ ވެސް ބައެއް ފަހަރު ހިތަށް އަރައެވެ.
ގާތްގަނޑަކަށް ހަ ގަޑި ފަނަރަ އެހައިކަންހައި އިރު، ހުސް ބިމަކަށް ބަސް ވައްދާލައިފިއެވެ. ގަހެއް ރުކެއްގެ ހިޔަނި ވެސް ނެތް ވެލި ބިމަކަށެވެ. އެ ތަނުގައި އެކި ވަރުވަރުގެ ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކުކޮށްފައި ހުއްޓެވެ. އެ ބިމުން ހުސް ޖާގައެއްގައި ބަސް މަޑުކޮށްލުމާ އެކު، އަބްދުﷲ ބަހުން ފުންމާލައިގެން އައިސް، ފަހަތު ދޮރު ހުޅުވައިފިއެވެ. އެއަށްފަހު ވަރަށް ހަރުކަށި ރާގަކަށް ފައިބާން އެންގުމުން، ފަހަރަކު މީހަކު ބަހުން ފައިބާން ފަށައިފިއެވެ. އަހަރެން ވެސް އެ މީހުންނާ އެކު މަޑުމަޑުން ބަހުން ފައިބައިފީމެވެ. އޭރު ޔުނިފޯމުގައި ތިބި ދެތިން ފުލުހުން އެ ހިސާބުގައި ހަރަކާތްތެރިވެ އުޅޭތަން ފެނެއެވެ.
ބަހުން ފައިބައި، އެ މާހައުލަށް އަހަރެން ނަޒަރުހިންގައިލީމެވެ. އެ ހުސް ބިމަކީ ހަމަ ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިފައި އޮތް ބިމެކެވެ. އެ ބިމުގެ އެއް ފަރާތުން ފެންނާން އޮތީ، ތާރު އެޅި ބޮޑު މަގެކެވެ. ދުއްވާ އެއްޗެހި އެ މަގުން ކޮޅުކޮޅަށް ދަތުރުކުރާތަން ފެނެއެވެ. އެ މަގުގެ އަނެއް ފަރާތުގައި ހުރީ “އަޒީޒިއްޔާ ޕޮލިސް ޕްރިވެންޓިވް ޑިޓެންޝަން ސެންޓަރ”އެވެ. އާއެކެވެ. ފުލުހުންގެ މަރުކަޒެކެވެ. އެއީ ދެ ބުރިއަށް އިމާރާތްކޮށްފައި ހުރި އިމާރާތެއް ނަމަވެސް، މާ ބޮޑު ތަނެއްނޫނެވެ. އެ މަރުކަޒަށް ކުރިމަތިވާ ގޮތަށް ހުންނަ އިރު، ކަނާތް ފަރާތުން، ތަންކޮޅެއް ދުރުން އެކިއެކި އިމާރާތްތައް ފެންނާން ހުއްޓެވެ. އަދި އެއަށްވުރެ ދުރުން ބޮޑު މިސްކިތެއްގެ މުންނާރު ވެސް ފެނެއެވެ.
ބަހުން އެންމެން ފޭބުމުން، ޢަބްދުﷲގެ މުރަނަ އަޑުން އެންގީ، އެންމެން ސަފަކަށް އެތުރުމަށެވެ. އެއަށްފަހު އަހަރެމެން ގެންގޮސް ބޭތިއްބީ، އެ ހިސާބާ ފަނަރަވަރަކަށް ފޫޓު ދުރުގައި، ވަށައިގެން 6 އިންޗި އުސްމިނަށް ގާފޮޅު ރާނައި، ވިނަކާޕެޓެއް އަޅާފައި އޮތް ދުވިސައްތަ ފަންސާހަކަށް އަކަފޫޓުގެ ބިމެއްގައެވެ. މީހަކާ ޖެހި މީހަކު ދެ ފައި ވަށްކޮށްލައިގެން އެ ތަނުގައި އިށީނުމުން، އިރުކޮޅަކުން ޢަބްދުﷲއާއި އެހެން ފުލުހަކު އެ ތަނަށް އަތުވެއްޖެއެވެ. ޢަބްދުﷲ އަތުގައި އެންމެންގެ މޮބައިލް ފޯނު އަޅާފައި އޮތް ކޮތަޅެއް އޮތެވެ. އަނެއް މީހާގެ އަތުގައި ހުރީ، އައިޑީކާޑުތަކެކެވެ. ފޯނާ އެކު އެންމެންގެ އައިޑީ ކާޑު ވެސް ނަގައިގެން އުޅޭކަން އަހަންނަށް އެނގުނީ އެ ވަގުތުއެވެ. އެހެންނަމަވެސް އަހަރެންގެ އައިޑީކާޑެއް ނުނަގައެވެ.
އެ ދެ ފުލުހުން ވެސް ވިނަކާޕެޓް މަތީގައި ދެ ފައި ވަށްކޮށްލައިގެން އިށީނދެއްޖެއެވެ. އަހަރެމެންގެ ކުރިމަތީގައެވެ. ކުރަން މި އުޅެނީ ކީއްކަން ނޭނގި އުޅެނިކޮށް އިވުނީ، އެ ސަރަހައްދުގައި ހުރި މިސްކިތުން ބަންގިގޮވާންފެށި އަޑެވެ. އެހައިތަނުން ދެން އޮތީ ރޯދަވީއްލުމެވެ. އެންމެން އެ ކަމައިގެން އުޅެންފެށިއެވެ. އަހަރެން ވެސް، އަތުގައި އޮތް ޕެކް ކަނޑާލައިގެން، އެއިން 3 އޮށް ކަދުރު ނަގައި ކާލުމަށްފަހު، ދީފައި އޮތް ކުޑަ ފެންފުޅީގައި ހުރި ފެންފޮދު ބޮއިލީމެވެ. ދެން ހުރި އެއްޗެހި ނުކައި ބެހެއްޓީ ކާހިތް ނެތީމައެވެ.
ކުރިމަތީގައި ތިބި ދެ ފުލުހުން ވެސް ތިން އޮށް ކަދުރު ކާލުމަށްފަހު ބޮއިލީ ފެންފޮދެކެވެ. އެއަށްފަހު ޢަބްދުﷲ ރޯކޮށްލީ ސިގިރެޓެކެވެ. ބައެއް ހައްޔަރީން ވެސް، ރޯދަވީއްލައިގެން ސިގިރެޓް ބޯންފެށިއެވެ. އެ ކަމުގެ ސަބަބުން ދެން ވާންފެށި އުނދަގޫ ބޮޑުވިއެވެ. ބައެއް ހައްޔަރީން އެ ވިނަ ކާޕެޓްމަތީގައި ނަމާދުކުރާން ފެށިތަން ވެސް ފެނުނެވެ. އަހަރެން ގަސްދުކުރީ ހަރަމަށް ގޮސް ނަމާދުކުރުމަށެވެ. މާ ލަހެއް ނުވެ ދޫކޮށްލާނޭހެން ހީވާތީއެވެ.
ހައްޔަރީންގެ ތެރޭގައި ދިގު ތުނބުޅިއެއްލައިފައި ހުރި އުމުރުން ވަރަށް ދުވަސްވީ ބޭބެއެއް ވެސް އިނެވެ. ލަފާކުރެވޭ ގޮތުން އެ ބޭބެގެ އުމުރު ހަތްދިހައާ ކައިރިކުރާނެއެވެ. ފެންނަ ފެނުމަށް ހީވަނީ އެއީ ވެސް އޭޝިޔާ ސަރަޙައްދަށް ނިސްބަތްވާ މީހެއް ހެންނެވެ. އެ ބޭބެގެ މޫނުމަތީން ފެންނަނީ ހިތާމައާއި ކަންބޮޑުވުމެވެ. ދެ ލޮލުން ކަރުނަ އޮހެމުންދެއެވެ. ދެ އަތް އުފުލައި ކެނޑި ނޭޅި ދުޢާކުރަމުންގެންދެއެވެ. އެހެންނަމަވެސް ދެން ތިބި ގިނަ ހައްޔަރީންގެ މޫނުމަތީން މި ފަދަ ކަންބޮޑުވުމެއްގެ ނިޝާނެއް ވެސް ނުފެނެއެވެ. ހީވަނީ މިއީ މި މީހުންނަކަށް އާކަމެއް ނޫންހެންނެވެ. ބައެއް މީހުންގެ ތުންފަތްމަތީގައި ގިނަ ވަގުތު ހުންނަނީ ހިނިތުންވުމެވެ.
ރޯދަވީއްލުމަށްފަހު، ސިގިރެޓް ރޯކޮށްލައިގެން ފުލުހުން މަސައްކަތް ފަށައިފިއެވެ. އެގޮތުން ކޮތަޅުގައި ހުރި ފޯނުތަކުން ފޯނެއް ނަގައި، ދައްކާލުމަށްފަހު ކާކުގެ ފޯނެއްތޯ އަހައިފިއެވެ. އެ ވަގުތު ހައްޔަރީންގެ ތެރެއިން މީހަކު އަތް ނެގިއެވެ. އަތް ނެގުމާ އެކު، އެ މީހުންގެ ގާތަށް އައުމަށް އެންގިއެވެ. ޢަބުދުﷲގެ ހަރުކަށި އަޑުންނެވެ. އެ މީހާ އެ މީހުން ގާތަށް ގޮސް އިށީންނުމުން، ކޮން ގައުމެއްގެ މީހެއްތޯ އެހުމަށްފަހު، އައިޑީކާޑު ބަލައިގެން ބޭނުންވާ މައުލޫމާތުތައް ނޯޓުކޮށްފައި، ދެން އެހީ އަތުގައި ފައިސާ ހުރިތޯއެވެ. އެ މީހާ އާނއެކޭ ބުނުމާ އެކު ވަގުތުން އެންގީ ފައިސާތައް ނެގުމަށެވެ. އެ މީހާ ވޮލެޓް ނަގައި އޭގައި ހުރި ނޫޓުކޮޅު، ފުލުހުންނާ ހަވާލުކުރިއެވެ. ފުލުހުން އެ ނޫޓުތައް އެ މީހާގެ ކުރިމަތީގައި ފަރުވާތެރިކަމާ އެކު ގުނުމަށް ފަހު، އަދަދު ނޯޓުކޮށްފައި، އެ ފައިސާކޮޅު އެ މީހާއާ ހަވާލުކުރިއެވެ. އޭގައި އޮތީ ސަތޭކަ ފަންސާހެއްހައި ރިޔާލައެވެ.
“ހަމަ މިހާރު ގޮސް ބަހަށް އަރާ!” އަމުރުވެރި ރާގަކަށް އެ މީހާއަށް އެންގިއެވެ.
އޭނާ އަވަސްއަވަހަށް ގޮސް ބަހަށް އެރިއެވެ.
ފަހަރަކު މީހަކު ގެންގޮސް، ބޭނުންވާ މަޢުލޫމާތު އޮޅުންފިލުވައި، ފައިސާގެ އަދަދު ގުނައި ނޯޓުކުރުމަށް ފަހު، ބަހަށް އަރުވާންފަށައިފިއެވެ. މިހައި ހިސާބުން އަނެއްކާ ވެސް އަހަރެންގެ ކަނިވެފައިވާ އުއްމީދުގެ ހުޅުކޮޅަށް އަލިކަން ލިބިއްޖެއެވެ. ހިތް ބުނާންފެށީ، އެންމެން ބަހަށް އެ އަރުވަނީ ދޫކޮށްލަން ކަމަށެވެ.
މިހާރު ބަހަށް ނާރާ ތިބީ އަހަންނާއި ނޫރާއި އަދި އިތުރު ދެ މީހެކެވެ. އެހެން އެންމެން ބަހަށް އަރައި ނިމިއްޖެއެވެ. އެހައިތަނަށް ދިޔަ އިރު، އަހަންނަށް ފާހަގަވި އެއް ކަމަކީ، އެއިން ކޮންމެ މީހެއްގެ އަތުގައި ވެސް ހުންނަނީ، ވަރަށް މަދު ރިޔާލަކޮޅެއް ކަމެވެ. ގިނަވެގެން ދުވިސައްތަވަރަކަށް ރިޔާލައެވެ. އެހެންނަމަވެސް އަހަރެންގެ ވޮލެޓްގައި ވަރަށް ގިނަ ފައިސާ އެބަ ހުއްޓެވެ. ހާހަކަށް ވުރެ ގިނަ ޑޮލަރާއި ހަތަރު ސަތޭކައެއްހައި ރިޔާލަ އެބަ ހުއްޓެވެ.
“އަހަރެންގެ އަތުގައި މިހައި ގިނަ ފައިސާ ހުރީމާ މައްސަލައަކަށްވެދާނެބާ؟” ކަންބޮޑުވެފައި އިނދެ، ނޫރު ގާތުގައި އަހަންނަށް އަހައިލެވުނެވެ.
“ކީކޭ ބުނާނީ؟’ އަހަރެންގެ ސުވާލަށް ދޭނެ ޖަވާބެއް ނޫރަކަށް ވެސް ނޭނގުނެވެ.
އާއިލާ ގޮވައިގެން އުމުރާއަކަށް އައިސް އުޅޭ މީހެއްގެ އަތުގައި ހާހެއް ކީއްކުރަން ހެއްޔެވެ؟ ދެ ހާސް ޑޮލަރު ހުއްޓަސް އެއީ މައްސަލައެއް ނޫނެވެ. މި ކަހަލަ ގޮތަކަށް ހިތަށް ވިސްނައިދީ، ގަދަކަމުން ކަހަލަ ގޮތަކަށް ހިތަށް ހަމަޖެހުން ގެނެސްގެން އިންދާ، މި ފަހަރު ފުލުހުން އެ ނެގީ މަގޭ ފޯނެވެ. އަހަރެން އަވަސްއަވަހަށް އަތް އުފުލައިލަމުން ތެދުވެގެން ގޮސް ފުލުހުންގެ ގާތުގައި އިށީނީމެވެ. އައިޑީކާޑު ދޭން އެދުމުން އައިޑީކާޑު ދީފީމެވެ. ކޮން ގައުމެއްގެ މީހެއްތޯ އަހައިލުން ފިޔަވައި، އިތުރު ސުވާލެއް ނުކުރެއެވެ. ނޯޓުކުރާން ބޭނުންވި މައުލޫމާތު ނޯޓުކޮށްފައި ދެން އެންގީ ވޮލެޓް ނެގުމަށެވެ.
ކަންބޮޑުވެފައި އިނދެ ވޮލެޓް ނަގައި، އޭގައި ހުރި ހުރިހައި ފައިސާއެއް ދީފީމެވެ. އޭގައި މާ ގިނަ ޑޮލަރު ހުރުމުން، ވަރަށް ފަރުވާތެރިކަމާ އެކު މަގޭ މޫނަށް އެ މީހާ ބަލައިލިއެވެ. ކޮން ގައުމެއްގެ މީހެއްތޯ އަނެއްކާ ވެސް އަހައިވިއެވެ. “މާލްދީފް”އޭ ބުނުމުން ޑޮލަރޭ ކިޔައިގެން އަރަބި ބަހުން ކޮންމެވެސް އެއްޗެއް ކިޔެވެ. އޭނާ އޭގައި ހުރި ޑޮލަރާއި ރިޔާލަތައް ގުނުމަށްފަހު، ތަންކޮޅެއް ދުރުގައި ހުރި އެހެން ފުލުހަކަށް ގޮވައި ގެނެސް، އޭނާގެ އަތަށް އެ ފައިސާތައް ދީފައި، ޢަރަބިބަހުން ކޮންމެވެސް އެއްޗެއް ބުނެފިއެވެ. އަހަރެން ކަންބޮޑުވިއެވެ. އަނެއްކާ ފައިސާކޮޅު ހިފަހައްޓާން އުޅެނީބާވައެވެ؟
އެ މީހާ އަހަރެން ގޮވައިގެން ދުރަށް ޖެހިލިއެވެ. އެއަށްފަހު އަތުގައި ހުރިހައި ޑޮލަރަކާއި ރިޔާލަތައް އޭނާ ވެސް ގުނާންފެށިއެވެ. މިއީ އެހެން އެއްވެސް މީހަކަށް ކަންކުރި ގޮތެއް ނޫނެވެ. އަހަރެން ކަންބޮޑުވަމުން ދިޔައީ، ބޮޑު މައްސަލައަކަށް އެ ކަން ހަދައިފާނެތީއެވެ. ނުވަތަ އެ ފައިސާކޮޅު އެ މީހުން ހިފަހައްޓަފާނެތީއެވެ. ކޮންމެއަކަސް ދެވަނަ މީހާ އެ ފައިސާކޮޅު ދެ ފަހަރަށް ގުނައިފިއެވެ. އެ އަދަދު ރަނގަޅުތޯ އަހަރެންގެ ގާތުގައި އަހައި ކަށަވަރުކޮށްފައި، ފައިސާކޮޅު އަހަރެންގެ އަތަށް ދީފިއެވެ. ދެން އެންގީ ގޮސް ބަހަށް އެރުމަށެވެ. ނަސީބަކުން އެކަން މައްސަލައަކަށް ނުހެދިއެވެ. އަލްޙަމްދުލިﷲ!
އަހަރެން ގޮސް ބަހަށް އެރި އިރު، ބަހުގެ ދެ ގޮނޑިއެއް ފިޔަވައި ހުރިހައި ގޮނޑިއެއް ހުރީ ފުރިފައެވެ. ހައްޔަރީންގެ ތެރޭގައި ގިނައީ ބަންގާޅު މީހުންކަން މިހާރު އެނގިއްޖެއެވެ. އިންޑިޔާ، ޕާކިސްތާނު މީހުން ވެސް ކޮންމެވެސް ވަރަކަށް ތިއްބެވެ. އަހަރެން ބަހަށް އެރިތާ ކުޑަ އިރުކޮޅެއްފަހުން، ނޫރު ވެސް ބަހަށް އަރައިފިއެވެ.
ފޯނާއި އައިޑީކާޑު ނުދިނަސް، ބަހަށް އެރުވުމުން ހިތަށް ލިބުނު ހަމަޖެހުން ވަރަށް ބޮޑުވިއެވެ. ދެން މާ ގިނަ އިރެއް ނުވެ، މި ގައިދުން ސަލާމަތްވެވޭނެތީއެވެ. އޭރު ގަޑިން އަށްގަޑި ވިހި ހިނގައިފިއެވެ. އަށްގަޑި ނަވާވީހުގައި ޢިޝާނަމާދަށް ގޮވާނެއެވެ. މަޣުރިބް ނަމާދު ފާއިތުވަނީއެވެ. އުއްމީދަކީ ޖަމާޢަތުގައި ޢިޝާނަމާދުކޮށްލެވޭ ގޮތް ވުމެވެ. ތަރާވީސް ނަމާދުގައި ބައިވެރިވުމުގެ ނަސީބު މިންވަރުކުރެއްވުމެވެ.
ފޮނި އުއްމީދުގައި އަހަރެމެން ދެ ދިވެހިން ތިއްބާ، ޢިޝާއަށް ގޮވައިފިއެވެ. ފުލުހުންގެ ޚަބަރެއް ނުވެއެވެ. އެހެން ބަސްބަހުން ގެނެސްގެން އުޅޭ ހައްޔަރީންގެ ކަންކަމުގައި ފުލުހުން ވަރަށް އަވަދިނެތި އުޅޭތަން ފެނެއެވެ. މުޅި އެ ސަރަހައްދު އޮތީ އެކި ފަހަރު އެކި ބަހުން ގެނައި ހައްޔަރީންތަކުން ފުރިފައެވެ. އެއް ފަހަރަކު އެއްލި ކަޅިއަކުން ވަރަށް ތަފާތު މަންޒަރެއް ވެސް ފެނުނެވެ. އަހަރެމެން ތިބި ބަހުގެ ކުރިމަތީގައި އޮތް ބަހަކުން މީހަކު ބާލައިގެން ވަރަށް ހަރުކަށި ގޮތަކަށް ލަފުގައި ހިފައިގެން ގެންދާތަނެވެ. އެހައި އަނިޔާވެރިކޮށް އޭނާއާ މެދު އެ އަމަލުކުރަނީ ކީއްވެކަމެއް ނޭނގެއެވެ.
“ކޮންކަމެއްތަ އަޅެ ލައިގަނެގެން މި އުޅެނީ؟ ހާދަ ގިނަ މީހުންނެކޭ ހައްޔަރުކޮށްގެން މި އުޅެނީ.” ނޫރު ގާތުގައި އަހަންނަށް މަޑުމަޑުން ބުނެލެވުނެވެ.
“އާނ! ހާދަ މުސްކުޅި މީހުން ވެސް، ގެނެސްގެން އެބަ އުޅެއޭ ދޯ!” ނޫރު ވެސް އިނީ ބޭރުގެ ހަލަބޮލި މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. “މަށަށް ހީވަނީ ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަނެއްހެން.”
“އެކަމަކު އަހަރެމެން އައިސް މި އުޅެނީ ޤަވާޢިދާ ޚިލާފަކަށް ވެސް ނޫނެއްނު!”
އަހަރެމެންގެ ވިސާއާ އެއްޗެހި ދާދި ދެންމެ ފުލުހުން އޮންލައިންކޮށް ޗެކުކުރިއެވެ. އަހަރެމެން އައިސް މިއުޅެނީ ކޮން ކަމަކުކަމާއި ކޮން ދުވަހަކު ކަން ފުލުހުންނަށް ކިތަންމެ ރަނގަޅަކަށް ވެސް މިހާރު އެނގޭނެއެވެ. ގަވާއިދާ ޚިލާފަށް އައިސް އުޅޭ ބަޔެއް ނޫންކަން ވެސް އެނގޭނެއެވެ. ވީއިރު އަހަރެމެން ހިފައި ހައްޔަރުކޮށްގެން މި އުޅެނީ ކީއްވެގެންހެއްޔެވެ؟ އެ ވެސް އުފެދޭ ސުވާލެކެވެ. ފަހަރެއްގައި ބަހަށް މި އެރުވީ، އެކަން ކަށަވަރުވީމާ ދޫކޮށްލަންކަންނޭނގެއެވެ.
މިނެޓަކަށް ފަހު މިނެޓެއް ފާއިތުވަމުން ދެއެވެ. ނުވަގަޑި ބައިވަނީއެވެ. ޢިޝާ ނަމާދުކޮށް ނިމި، ތަރާވީސް ނަމާދު ކުރަމުންދާ އަޑު އިވެއެވެ. މި ރޭގެ ތަރާވީސް ނަމާދުގެ ޖަމާޢަތް ވެސް މި ދިޔައީއެވެ. އަދިވެސް އަހަރެމެން މި ތިބީ ބަހުގައެވެ. ބަސް ނައްޓައިލާނޭ އިރެއްގެ އިންތިޒާރުގައެވެ. އެހެން ތިއްބާ، ނުވަގަޑި ސާޅީސްފަހެއް އެހައިކަންހައި އިރު، ފުލުހަކު އައިސް ބަހުގެ ދޮރު ހުޅުވާލައިފިއެވެ. ފުރަތަމަ ހީކުރީ ބަސް ނައްޓާލަންވެގެން އެންމެން ހަމަތޯ ބަލައިލަން އައީ ކަމަށެވެ. އެހެންނަމަވެސް ވީ އެހެނެއް ނޫނެވެ. އެންގީ އެންމެން ބަހުން ފޭބުމަށެވެ. ފޭބުމާ އެކު، އަނެއްކާ ވެސް ސަފަކަށް އަތުރައިގެން ގެންގޮސް ބޭތިއްބީ ވިނަކާޕެޓް މަތީގައެވެ. މިއީ ދެން ކިހައި ދެރަ ކަމެއްހެއްޔެވެ؟ އެއްވެސް ކަމަކާ ނުލައި ގެނެސްގެން، މި ތަޅުވަނީ ކޮން ތެޅުވުމެއްހެއްޔެވެ؟ ރޯދަވީއްލަން ދިން އެއްޗެއް ފިޔަވައި ކުޑަމިނުން ފެން ފޮދެއް ވެސް ދިނީއެއް ނޫނެވެ.
ވިނަކާޕެޓް މަތީގައި އަނެއްކާ ވެސް އެންމެން ބައިތިއްބައިފިއެވެ. މި ފަހަރު ފުލުހުންގެ އަތުގައި ފޯނާއި އައިޑީކާޑުތަކުގެ އިތުރުން އޭ4 ސައިޒުގެ ކަރުދާސްތަކެއް ވެސް ހުއްޓެވެ. ފަހަރަކު މީހަކަށް ގޮވައި ގެންގޮސް، ފޯނާއި އައިޑީކާޑާއި، އެ މީހެއްގެ ނަން ޖަހާފައި އޮތް ކަރުދާސް ދޭންފަށައިފިއެވެ. އެ މީހެއްގެ ފޯނު އެ މީހަކާ ހަވާލުކުރާންފެށުމުން، އަހަރެންގެ ހިތަށް ލިބުނު ފިނިކަން ވަރަށް ބޮޑުވިއެވެ. ފޯނު ދޭނީ ހަމަ ގައިމު ވެސް މައްސަލަ ނިމުނީމައެވެ. އެހެންނޫނީ ފޯނެއް ނުދޭނެއެވެ. މިހާރު އެ އުޅެނީ ދޫކޮށްލާށެވެ. އެ މީހުން ބަލަން ބޭނުންވި ކަންތައް ބަލައި ނިމުނީތާއެވެ.
“މިހާރު އެ އުޅެނީ ދޫކޮށްލަންހެން ހީވަނީ.” ލިބުނު އުފަލާ އެކު ނޫރު ގާތުގައި ބުނެލީމެވެ. ނޫރު ވެސް އިނީ އެ އުއްމީދުގައިކަން އެނގުނެވެ. ބޯ ޖަހައިލިގޮތުންނާއި ހިނިތުންވެލި ގޮތުންނެވެ.
އަހަރެންގެ ނަން ގޮވައިލުމާ އެކު އަވަސްއަވަހަށް ގޮސް އެއްޗިއްސާ ހަވާލުވެއްޖައީމެވެ. އެނބުރި އައިސް ކުރިން ވެސް އިން “ވަޅުގަނޑުގައި” އިށީނދެ، ކަރުދާސްގަނޑަށް ބަލައިލީއެވެ. ލިޔެފައި އޮތީ ކީކޭތޯ ބަލައިލުމަށެވެ. އެހެންނަމަވެސް އެއަކުން އެއްޗެއް ސާފުވާގޮތެއް ނުވިއެވެ. ނަން ފިޔަވައި ހުރިހައި އެއްޗެއް ލިޔެފައި ވަނީ އަރަބިބަހުންނެވެ. އޮޅުންފިލީ އުމުރާއި ޖިންސާއި ވޮލެޓްގައި ހުރި ފައިސާގެ އަދަދާއި މި ފަދަ މައުލޫމާތެވެ. އިތުރު އެއްޗެއް މޭރުމެއް ނުވިއެވެ. އެހެންކަމުން އެ ކަރުދާސްގަނޑު ބާއްވާފައި، ފޯނު ނަގައި ބަލައިލީމެވެ. ނަސީބަކުން އަދި އެއްވެސް މީހަކު ގުޅާފައެއްނެތެވެ. އެއިން އެނގުނީ އަހަރެން ގެއްލިގެން އަދި އެކަކު ވެސް ނޫޅޭކަމެވެ. އަހަރެން ހޮޓަލަށް އަންނާނީ ތަރާވީސްކޮށްގެން ކަމަށް ބުނެފައި އޮތުމުން އެ މީހުން ނިންމައިގެން ތިބޭނީ އަހަރެން ވީ ހަރަންފުޅުގައި ކަމަށެވެ.
އަހަރެން ނިންމީ ފޯނު ލިބުނަސް، މި ކަން އާއިލާގެ އެކަކަށް ވެސް އަދި ނޭނގުމަށެވެ. އެ މީހުން އިތުރަށް ކަންބޮޑުކޮށް ހާސްކުރަން ބޭނުންނުވާތީއެވެ. މިހާރު އެ އުޅެނީ ދޫކޮށްލާށެވެ. މި ވާހަކަތައް ކިޔައިދޭނީ ހޮޓަލަށް ގޮހެވެ. އެހެންނަމަވެސް ގުރޫޕަށް މި ކަން އެންގުމަކީ މުހިންމުކަމެއްކަމަށް ފެންނާތީ، ގްރޫޕުގައި އިސްކޮށް އުޅޭ މީހަކަށް ގުޅައިލީމެވެ. ތަރާވީސްގަޑިކަމުން ފޯނެއް ނުނެގިއެވެ. ތަރާވީސް ނިންމާފައި އޭނާ ގުޅާނޭކަމަށް ނިންމާފައި، ފޯނު ޖީބަށް ލައިގެން އިންތިޒާރުކުރަން ފެށީ، މިނިވަންވިކަމުގެ އުފާވެރި ޚަބަރު ލިބޭނޭ ވަގުތަކަށެވެ.
އެންމެންނަށް ފޯނާއި އައިޑީކާޑު ދީ ނިންމައިފިއެވެ. އެހެންނަމަވެސް ނޫރަކަށް އައިޑީކާޑެއް ނުލިބުނެވެ. ފުލުހުންގެ އަތަކު އޭނާގެ އައިޑީކާޑެއް ނެތެވެ. ފުލުހުންގެ އަތުން ގެއްލުނީއެވެ. ޝަކުވާކުރުމުގެ ބޭނުމެއް ނެތެވެ. ނޫރު ވެސް ބޭނުންވެފައި ހުރީ އަވަހަށް މި ތަނުން ސަލާމަތްވުމަށެވެ. އޭނާ ބުނީ ދެން އަލުން ކާޑު ހައްދާނީ ކަމަށެވެ.
އެންމެން ބަހަށް އަރުވައިގެން ދެން ގެންދާނީ ދޫކޮށްކަންކަމަށް ހީކޮށްގެން ތިއްބާ، އައީ ތަފާތު އޯޑަރެކެވެ. އަނެއްކާ ވެސް ހަދަންޖެހުނީ ސަފެކެވެ. ކުރަން މި އުޅެނީ ކީކަން ނޭނގި ސަފަށް އަރައިފީމެވެ. އެންމެން ސަފަށް އެރުމުން އެންގީ، ކުރިއަށް ހިނގައިގަތުމަށެވެ. ކުރިމަތީގައި ހުރި ފުލުހުންގެ މަރުކަޒާ ދިމާއަށެވެ. ދެން ވެސް އުއްމީދު ކުރީ ރަނގަޅަށެވެ. ގަޑިން ދިހައެއް ޖަހަނީއެވެ. މި ތިބީ ރޯދަވީއްލި ގޮތަށެވެ. އެހެންކަމުން މިހާރު އެ އުޅެނީ ކޮންމެވެސް އެއްޗެއް ކާންދޭށެވެ. ކާންދީފައި ގެއަށް ފޮނުވައިލުމަށެވެ. މި އުފާވެރި އުއްމީދުގައި ހުރެ، ސަފުގައި ގޮސް މަގު ހުރަސްކޮށް، އެ މަރުކަޒުގެ މައި ދޮރުން ވަދެއްޖައީމެވެ. ވަދެވުނީ އޮފީހެއް ކަހަލަ ތަނަކަށެވެ. އެ ތަނުގައި ތިން ހަތަރު މޭޒު ހުރި އިރު، ބައެއް މޭޒުތައް ކައިރީގައި މީހުން ތިއްބެވެ. އެކި މަސައްކަތުގައެވެ. އެއިން ކޮންމެ މޭޒެއްގެ މަތީގައި ވެސް ހުރީ ލިޔެކިޔުމަށް ބޭނުންވާ ތަކެއްޗެވެ. އަދި އެ ތަނުގައި ހުރި އޮފީސް ކެބިނެޓްތަކުގައި ފައިލްތަކާއި ފޮތްތައް އަތުރާފައި ހުއްޓެވެ.
އަހަރެމެން ވަނުމުން ފުލުހަކު ގޮސް ކުރިމަތީގައި ހުރި އެހެން ދޮރެއް ހުޅުވައިފިއެވެ. ކަޅުކުލައިގެ ދަގަނޑު ދޮރުފަތެއް ލާފައި ހުރި ދޮރެކެވެ. އެންގީ އެ ދޮރުން ވަނުމަށެވެ. އަދި ވެސް އުއްމީދުކުރަމުން މި ދަނީ ހަމަ ވަރަށް ރަނގަޅަށެވެ. މި ފަހަރު މި ވައްދަނީ “މެސް ރޫމް”އަށް ކަމަށް ބަލައިގެން ގޮސް، އެ ތަނަށް ވަދެއްޖައީމެވެ. އެހެންނަމަވެސް އެ ތަނުގެ އެތެރެއަށް ނަޒަރު ހިންގައިލުމާ އެކު، ކުރި ފޮނި އުއްމީދު އޮޔަށް ވަޔަށް ބުރައިގެން ހިނގައްޖެއެވެ. އެއީ މެސް ރޫމެއް ނޫނެވެ. ކުޑވަރެއްގެ ހޯލެކެވެ. ވަންނާން ހުރި ދޮރު ފިޔަވައި އިތުރު ދޮރެއް އެތާކު ނެތެވެ. ތިން ހަތަރު ތަނބުގެ މައްޗަށް އުފުލާލައިފައިވާ އެ ކުޑަ ހޯލުގެ ތަޅުމުގައި އަޅާފައިވަނީ، ގޮޅިޖެހި، ރަތް ދޫލައެކެވެ. ހިރަފުސްވެ، ހަސް ނެތިފައިވާ އެ ދޫލައިގެ ތަންތަންކޮޅުން ހީވަނީ މީދާ ކައިފައި ހުރި ހެންނެވެ. އެކި ދިމަދިމާއިން ދޫލަ ކެހި، ތަޅުންގަނޑު ފެންނާން ވެސް ހުއްޓެވެ. އެ ތަނުގެ މާހައުލުގެ ހޫނުކަން ކުޑަކުރެވޭތޯ، ބާވެފައި ހުރި ދެ އެއާރކޯން ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ގެންދެއެވެ.
އެ ތަނަށް އެންމެން ވައްދާފައި އެތެރެއަށް ވަން ފުލުސްމީހާ، އޭނާގެ ގަދަފަދަ އަޑުން ދިން އިންޒާރަކީ، ފާރު ކައިރީގައި އެންމެން ވަށައިގެން އިށީނދެ ތިބުމަށެވެ. އެ އަޑުގައި ހުރި ހަރުކަށިކަމާއި ރަހުމުކުޑަކަމުން ބިރުގަތެވެ. އޭނާގެ އެ އަމުރަށް އެންމެން ކިޔަމަންވެ، އަވަސްއަވަހަށް އިށީނދެއްޖެއެވެ. ފުލުސްމީހާ ބޮޑު ދެ ކާށިކިބަހެން ދެ ލޯ ހަދައިގެން، އިރުކޮޅަކު ހުރެފައި، ނިކުމެ ދޮރު ލައްޕާ ތަޅުލައިފިއެވެ.
“އަހަރެމެން ހައްޔަރު ދޯ މި ކުރީ؟” ކައިރީގައި އިން ނޫރު ގާތުގައި، މާޔޫސްކަމާ އެކު އަހަންނަށް ބުނެވުނެވެ.
“އާނ! އެހެން މި ވީ.”
އެ ތަނަށް ވެއްދި ބައެއް މީހުންނަށް އެ ތަން އާ ތަނަކަށް ނުވެއެވެ. އެކަން އެނގެނީ އެ މީހުން އެތަނަށް ފަރިތަކަމުންނެވެ. ހާސްކަމެއް ނެތުމުންނެވެ. ޖެހިލުންވުމެއް ނެތުމުންނެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ސަމާސާކޮށް، ސަކަރާތްޖަހާތަން ފެނުމުންނެވެ. ބައެއް މީހުން ފާޚާނާ ހުރި ދިމާއަށް ގޮސް ސިގިރެޓް ބޯން ވެސް ފެށިއެވެ.
ދިހަވަރަކަށް މިނެޓްފަހުން ދޮރު ހުޅުވާފައި ފުލުހަކު އެތެރެއަށް ވަދެއްޖެއެވެ. ވަންގޮތަށް އެންގީ، ދޮރުން ފެށިގެން އެތެރެއަށް ސަފު ހެދުމަށެވެ. އެއާ އެކު މީހުންތައް ތެދުވެގެން ދޮރާ ދިމާއަށް ދުއްވައިގަތެވެ. އެކަކަށް ވުރެ ކުރިއަށް އަނެކަކު އެރުމަށެވެ. ކޮއްޕައި ގަޅުވަމުން. މުޅި ތަނުގައި އަޑު ބައްދާލައިފިއެވެ. އެ ވަގުތު މުޅި ތަނުގައި ގުގުމައިލީ، ވަދެ ހުރި ފުލުސް މީހާގެ ވަރުގަދަ ހަޅޭކުގެ އަޑެވެ. މައިތިރިނުވެ އުޅުނު ބައެއް މީހުންގެ ގައިގައި ގުއްޓެއް، ދެ ގުއްޓެއް އެޅިތަން ވެސް ފެނުނެވެ. އެހައިތަނުން އެ ވެރިން މައިތިރިވެއްޖެއެވެ. ފުލުސް މީހާ ހުރީ ރަތަށް އަރާފައެވެ. އޭނާ އެންގީ އަނެއްކާ ވެސް ކުރިން ތިބި ތަނުގައި ގޮސް އިށީންނުމަށެވެ. އެންމެ އިށީނދެ ހަމަޖެހުމުން، އެ ރުޅިގަނޑު މަތީގައި އިންޒާރުގެ ބަސްތަކުން ހަޅޭއްލަވާފައި ނިކުމެ ދޮރުލައްޕާ ތަޅުލިއެވެ.
ދިހަވަރަކަށް މިނެޓް ފަހުން އަނެއްކާ ވެސް ހަމަ އެ ފުލުސް މީހާ ވަދެއްޖެއެވެ. ވަންގޮތަށް އެންގީ އެންމެން ކޮޅަށް ތެދުވުމަށެވެ. އެންމެން ތެދުވުމުން، ރުޅިއައިސްފައި ހުރެ އަރަބިބަހުން އެއްޗެހިތަކެއް ކިޔެވެ. އަހަރެމެން ދެ މީހުންނަށް ރޭކާނުލި ނަމަވެސް، އެ ތަނުގައި ތިބި ގިނަ ހައްޔަރީންނަށް އަރަބި ބަސް އެނގެއެވެ. އެ ތަނުގައި ގިނައީ މައްކާގައި ވަޒީފާ އަދާކުރަން އައިސް އުޅޭ މީހުންނެވެ. އޭނާ އެ ދެއްކި ވާހަކަތަކަކަށް ފަހު އެންގީ އެއްމެން އެއް ފަރާތަކަށް ޖެހި އިށީނދެ ތިބުމަށެވެ. މިހެން ބުންޏަސް އެ މީހުން ބުނާ އެއްޗެއް ބުނަނީ ރީތިކޮށެއް ނޫނެވެ. މަޑުމަތިރިކޮށެއް ވެސް ނޫނެވެ. ބަވައިގަންނަ ފާޑަށެވެ. ހިތްބަލި މީހަކު ނަމަ ބިރުން އަވަދިވާވަރުވާނެއެވެ.
އެންމެން އެއް ފަރާތަކަށް އަރައި އިށީނދެ ހަމަޖެހުމުން، އަނެއްކާ ވެސް ހައްޔަރީންގެ ބޮޑު ގުރޫޕެއް ވައްދައިފިއެވެ. އެއާ އެކު އެ ތަނުގައި ތިބި ހައްޔަރީންގެ އަދަދު ފަސްދޮޅަހަށް ވުރެ މައްޗަށް އަރައިފިއެވެ. ފަހުން ވަން ގުރޫޕު ބޭތިއްބީ، އެ ތަނުގެ އަނެއް ފަރާތުގައި ވަކިންނެވެ. އެއަށްފަހު ފުލުސް މީހާ ނިކުމެގެން ހިނގައްޖެއެވެ.
ގުރޫޕު ބޮޑުވި ވަރަކަށް ހަލަބޮލިކަން ވެސް ބޮޑުވާނެ ނޫންހެއްޔެވެ؟ ކަން ވީ ވެސް އެހެންނެވެ. އިރުއިރުކޮޅުން ފުލުހުން ވަދެ އަޑުގަދަވެގެން ހަޅޭއްލަވައިގަނެއެވެ. ކޮޅަށް ނަގާނެއެވެ. ބައިތިއްބާނެއެވެ. އެކި ދިމަދިމާއަށް ބަދަލުކުރުވާނެއެވެ. މި ކަހަލަ ހާލެއްގައި އުޅެނިކޮށް، ގުރޫޕުގެ އިސް މީހަކު ގުޅައިފިއެވެ. ފޯނު ނެގި އިރު، އެ މީހުންނަށް ކަނޑެއް، ފަޅެއް ނޭނގެއެވެ. މި އިނީ ފުލުހުން ގެނެސް ހައްޔަރުކޮށްފައޭ ބުނުމުން، އޭނާއަށް ވެސް ލިބުނީ ސިހުމެކެވެ.
“ކީއްވެ ހައްޔަރުކުރީ؟”
“ނޭނގެ. މި މީހުން އެއްވެސް މައުލޫމާތެއް ނުދޭ.”
“ކިހައި ހިސާބަކު ތި ތިބީ؟”
“ތިއެއް ވެސް ނޭނގެ!”
“ލޮކޭޝަން ފޮނުވާލަބަލަ!”
އޭނާ ފޯނު ބޭއްވީ ވެގެން ތިޔަ އުޅޭގޮތެއް އޮޅުންފިލާތޯ މި ބަލަނީއޭ ބުނެފައެވެ.
ފޯނު ކޯލު ނިންމާލުމަށްފަހު، އޭނާއަށް ލޮކޭޝަން ފޮނުވީމެވެ. އެއަށްފަހު އޭނާގެ ކޯލަކަށް އިންތިޒާރުކުރަންފެށީމެވެ.
ވަގުތު ހިނގަމުންދެއެވެ. ދޭތެރެއަކުން ފުލުހުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެ ކޮންމެވެސް އެއްޗެކޭ ކިޔާފައި އަޑުގައި ނެތް ތަނަށް ހަޅޭއްލަވައިގަނެއެވެ. އެންމެން ސަފެއް ހަދާށޭ އެއް ފަހަރު ބުނެފާނެއެވެ. އަނެއް ފަހަރު އެއަށްވުރެ ބާރަށް ހަޅޭއްލަވައިގެންފައި، އިށީންނަން ބުނެފާނެއެވެ. ދެ ގުރޫޕަކަށް ބެހިގެން ދެ ދިމާއެއްގައި ތިބޭން އަންގަފާނެއެވެ. ހީވަނީ ކުޅޭ ކުޅިވަރެއްހެންނެވެ. ބައެއް ހައްޔަރީންގެ އަމަލުތައް ހުންނަ ގޮތުން ފުލުހުން ރުޅިއައިސްގެން ކޮޅުފައިނާއި އަތުން ތަޅައިގަންނަތަން ވެސް ފެނެއެވެ. މިއިން ހަމަލާއެއް އަރައިފާނެތީ އަހަރެން އިންނަނީ ވަރަށް ބަސްއަހައިގެންނެވެ.
“ހަލޯ!” ގްރޫޕު މީހަކު ގުޅުމުން އަހަރެން ފޯނު ނެގީމެވެ.
“ކިހިނެއް ވަނީ މިހާރު؟ އެއްވެސް ޚަބަރެއް ލިބިއްޖެތަ؟” އޭނާ ސުވާލުކުރިއެވެ.
“ނުލިބޭ. ހަމަ އެ ތަނުގައި މި ތިބީ.”
“ތި ވެގެން އުޅޭ ގޮތް މިހާރު އެނގިއްޖެ. ތި ދެ މީހުން މިހާރު ތި ތިބީ ކުށްވެރިވެފައި. އެ މީހުން ބުނާގޮތުން ގާނޫނީ ގޮޅިއަކަށްފެތިފަ.”
މި ޖުމުލަ އިވިފައި ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ.
“ގޮޅިއަކަށް ފެތިފައޭ؟” ލިބުނު ސިހުމާ އެކު އަވަސް އަވަހަށް އަހައިލެވުނެވެ.
“އާނ!”
“ކީއްވެ؟”
ސަބަބު ވެސް ބުނެދިނެވެ. ފުލުހުން ބޭނުން ގޮތަކަށް، ބޭނުން ސަބަބެއް މަތިކޮށް ގޮޅިއަކަށް ފެއްތީމާ، އޮންނާނީ ފެތިފައިތާއެވެ. ހަމަ ގައިމު ވެސް އަހަރެން ކުށެއް ނުކުރަމެވެ. ކުށަކަށް ވަންޏާ ކުރެވުނު ކުށަކީ، ހަރަންފުޅަށް ގޮސް ﷲއަށް އަޅުކަންކުރުމެވެ. އެއީ ކުށެއް ނޫނެވެ.
ލިބުނު ހިތި ޚަބަރާ އެކު، ހިތަށް ވެރިވި މާޔޫސްކަން ވަރަށް ބޮޑުވެއްޖެއެވެ. މި ކަހަލަ ހަރުކަށި، އަނިޔާވެރި ބަޔެއްގެ އަތްދަށުގައި ހައްޔަރުވެގެން، ގިނަ ދުވަސްތަކަކު އިންނާން ޖެހިއްޖެއްޔާ ދުވަސް ދިޔައީއެވެ. އަނެއްކޮޅުން އަނބިދަރީނަށް މި ކަން އެނގުމުން، އެ މީހުން ކުރާނޭ ހިތާމަ ހާދަ ބޮޑުވާނެއެވެ. ހަދާނީ ކިހިނެއްބާވައެވެ؟ އެ މީހުންނަށް ގުޅާންވީބާވައެވެ؟ ގުޅާފައި މި އިނީ ހައްޔަރުކޮށްފައޭ ބުނާންވީބާވައެވެ؟
ފޯނު ނަގައި އަންހެނުންނަށް ގުޅައިލީމެވެ. ދެތިން ރިންގާ އެކު ފޯނު ނަގައިފިއެވެ. ނެގިގޮތަށް ކުރީ ސުވާލެކެވެ.
“ތަރާވީސް ނިންމާފައި އައީތަ؟” ކުރި ސުވާލުން އެ ވެރިންނަށް އަދި އެއްކަމެއް ވެސް ނޭނގޭކަން އެނގުނެވެ.
“ނޫން! އަދި ނުދަން.”
“އަދިވެސް ހަރަމުގައި؟”
“މިހާރު މި އުޅެނީ ރައްޓެއްސަކާ އެކު ބޭރުގައި.” ނޫރާ ދިމާއަށް ބަލައިލަމުން އަހަރެން ބުނީމެވެ.
“އެއްޗެއް ކައިފިން؟”
“އާނ! ދެން މިހާއިރު ވާ އިރު، ނުކައެއް ނުހުންނާނެއެއްނު!” އަހަރެން ހީނލީ ކަންބޮޑުވުން ފޮރުވުމަށެވެ. “އިރުކޮޅަކުން ދާނަން!”
ފޯނު ބާއްވާފައި އަހަރެން ގަޑިއަށް ބަލައިލީމެވެ. އެގާރަޖަހަނީއެވެ. ބަނޑުހައި ވިޔަސް، އެ ކަމެއް މާ ބޮޑަކަށް އިހުސާސެއް ނުކުރެވެއެވެ. އެހެންކަމުން އެ އިން ގޮތަށް ތަޅަމަށް ފޫހަރައިގެން އިންދާ ބާރަޖަހައިފިއެވެ. ބާރަގަޑި ބައިވެ އެކެއް ވެސް ޖަހަން ކައިރިވަނީއެވެ. ވާނުވާއެއް ނޭނގެއެވެ. އޭރު ހޮޓަލަށް ނުގޮސްގެން ތިންހަތަރު ފަހަރު އަންހެނުން ގުޅައިފިއެވެ. އިރުކޮޅަކުން މި ދަނީއޭ ކިޔާފައި ފޯނު ކުރުކޮށްލަނީއެވެ.
އެކެއް ޖަހައިފިއެވެ. ދެން މިކަން ސިއްރުކޮށްގެން ނީނދެވޭނެއެވެ. މާ ބޮޑަށް ލަސްވެއްޖެއެވެ. އެހެންކަމުން އަހަރެން ގަސްދުކުރީ ﷲއަށް ވަކީލުކޮށްފައި، އަންހެނުން ގާތުގައި މި ވާހަކަ ބުނާށެވެ.
“ހަލޯ! ކޮބައި މިހާރު ތި އައީތަ؟” ފޯނު ނެގިގޮތަށް އޭނާ އެހިއެވެ.
“މި އުޅެނީ ވަރަށް އެހެން ކަހަލަ ކަމެއް ދިމާވެގެންނޭ!”
“ކިހިނެއްވީ؟” އެ އަޑުގައި މިހާރު ވެސް ކަންބޮޑުވުމުގެ އަސަރު އެކުލެވިއްޖެއެވެ.
“މާ ކަންބޮޑު ނުވައްޗޭ!”
“ކަމެއް ވެގެންތަ ތި އުޅެނީ؟” އޭނާގެ ހާސްކަން އިތުރުވާން ފަށައިފިކަމަށް އެ އަޑު ބުނެދެއެވެ.
“މަ މި އިނީ ފުލުހުން ހައްޔަރުކޮށްފައި.”
“ކީކޭ؟”
“ހަމަ ތެދެއް! އަހަންނާ ގްރޫޕުގެ އެހެން މީހަކާ ދެ މީހުން މިތިބީ ހައްޔަރުކޮށްފައި.”
“ކޮންތާކު؟”
އަންހެނުންގެ ސުވާލުތައް އައީ ގިނަވަމުންނެވެ. އެހެންކަމުން ވަރަށް ކުރުކޮށް ވެގެން އުޅޭގޮތް ކިޔައިދިނީމެވެ. އެއާއެކު އޭނާގެ ކަންބޮޑުވުމުގެ ކަށި ސަތޭކައަށް އެރިއެވެ.
“ކީއްވެ ދެން ތި ވާހަކަ ކުރިން ނުބުނީ؟” އަންހެނުންގެ އަޑުގައި ތުރުތުރެއް އެކުލެވުނެވެ.
ނުބުނެ ލަސްކުރި ސަބަބު ވެސް ބުނެދިނީމެވެ. އަދި ވަރަށް އަވަހަށް ދޫކޮށްލާނެއޭ، މާ ކަންބޮޑުނުވާށޭ، ހުރިހައި ކަމެއް ވެސް ރަނގަޅުކަމަށް ބުނެ، ހިތްވަރުދީފައި ފޯނު ބޭއްވީމެވެ.
ރޯދަވީއްލަން ލިބުނު އެއްޗެއް ފިޔަވައި، ކާއެއްޗެއް، ބޯނޭ ފެންފޮދެއްހައި މިންވަރު ވެސް ނުލިބި އިންދާ، މެންދަމުން އަލިވެ ދޭއްޖަހައިފިއެވެ. މި ދިޔަ ވަގުތުތަކުގައި އިރުއިރުކޮޅުން އަންހެނުން ގުޅައެވެ. ވާނުވާ އޮޅުންފިލުވަން ވަރުވަރުން ސުވާލުކުރެއެވެ. އޭރު ގުރޫޕުގެ އިސް ދެ މީހަކު އައިސް، ފުލުހުންގެ މަރުކަޒު ހުރި ސަރަހައްދުގައި، އަހަރެމެން ދޫކޮށްލާނޭ އިރެއްގެ އިންތިޒާރުގައި ތިއްބެވެ. އެ މީހުން ގުޅާފައި އަހަރެމެންނަށް ވަރަށް ހިތްވަރުދެއެވެ. ދެން މާ ގިނަ އިރެއްނުވެ ދޫކޮށްލާނެއޭ ބުނެ އުއްމީދު އައުކޮށްދެއެވެ. އެހެންނަމަވެސް ދޭއްޖަހައިގެން މި ދިޔައީ، އެހެން އުއްމީދު އައުކޮށްދީދީ ތިއްބައެވެ.
“ކޮބާ އެއްވެސް ޚަބަރެއް ވެއްޖެތަ؟” ގުރޫޕުން އައިސް ތިބި މީހުންނަށް ގުޅާފައި އަހަރެން އަނެއްކާ ވެސް އަހައިލީމެވެ.
“ނުވޭ! އަހަރެމެން މާ ގިނައިން އެ މީހުން ގާތަށް ދާތީ، ދެންމެ އަހަންނަށް ވެސް އިންޒާރު ދީފި. ބުނީ ދެން އެ ތަނަށް ދިޔައްޔާ އަހަރެމެން ވެސް ހައްޔަރުކުރާނަމޯ. އެހެންވެ މިހާރު މި ތިބީ ތަންކޮޅެއް ދުރުގައި.”
ހިތަށް އެރިއެވެ. މި ގައުމުގެ ފުލުހުންނަކީ ހާދަ އެހެން ފާޑެއްގެ ބަޔެކެވެ. ކުރާނެކަމެއް ނެތެވެ. ލެއްވި ރަޙުމަތަށް ޝުކުރުކޮށްލައިގެން އިނުން ނޫން ގޮތެއް ނެތެވެ. އެހެން އިންދާ ދެ ގަޑި ބައިވެއްޖެއެވެ. ހިތުގެ ނުތަނަވަސްކަން ވަރަށް ބޮޑުވާން ފަށައިފިއެވެ. އެންމެ ދެރަވަނީ، އުމުރާގެ މަތިވެރި އަޅުކަމަށް އައިސް، މި މާތް ބިމުގައި ހޭދަކުރާން ލިބުނު ކުޑަ ދުވަސްކޮޅު، މި ބިމުން ހޯދޭން ހުރި “ރަންމުތްތައް” ހޯދުމުގެ ފުރުސަތު ގެއްލި، މި ގައިދުޚާނާގައި ދުވަސްތައް ހޭދަކުރާން ޖެހިދާނެތީއެވެ.
“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ތިކަމުން ސަލާމަތްވާނެ! ގިނަގިނައިން ﷲއަށް ދުޢާކުރޭ!” ދެގަޑި ބައިވި ފަހުން އަންހެނުން ގުޅާފައި ހިތްވަރުދެމުން ބުންޏެވެ.
މިކަމުން މިންޖުކޮށްދެއްވާތޯ، ﷲއަށް ހިތް ނިޔަތް ޚާލިޞްކޮށް، އެކަލާނގެ ޙަޟުރަތުގައި ހިތާހިތުން ދަންނަވާން ފަށައިފީމެވެ. މި ހިތްދަތި ހާލަތުން މިންޖުކޮށްދެއްވާތޯއެވެ. މި ރަހުމު ކުޑަ ހިތްތަކުގައި، އަޅަމެންނަށް ޓަކައި އޯގާވެރިކަން ލައްވާތޯއެވެ. ހިތުގެ އަޑިން ދުޢާގެ ލަފުޒުތައް ނިކުންނާންފެށުމާ އެކު، ދެ ލޮލުން ކަރުނަ ހިލުނެވެ. އެހެންކަމުން ކަރުނައާ އެކު އެ ކަލާނގެ ހަޟުރަތުގައި، ތަކުރާރުކޮށް ދެންނެވުމަށްފަހު، ފާޚާނާއަށް ވަދެ، މުޟޫކޮށްލައިގެން އެރީ ނަމާދަށެވެ. އަހަރެން މި ހުރީ މި ރޭގެ ދެ ނަމާދު ވެސް ނުކޮށެވެ. ދޫކޮށްލާނޭ ކަމަށް ކުރެވެމުން ދިޔަ އުއްމީދެއްގެ ބޮޑުކަމުން، ނަމާދު ފަސްކުރެވުނީއެވެ.
ވުޟޫކޮށްގެން އެ ތަނުގައި ހުރި ތަނބެއްގެ ނިވަލުގައި ހުރެ މަޣުރިބްނަމާދު ކުރާންފެށީމެވެ. ނަމާދުގައި ވެސް ދުޢާ ތަކުރާރުކުރަމުން ގެންދިއީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ހިތް ނިޔަތް ޚާލިސްކޮށް، ފުރިހަމަ އިތުބާރާ އެކުގައެވެ. މަޣުރިބް ނަމާދުގެ ތިން ރަކުޢަތަށްފަހު، ޢިޝާ ނަމާދު ކުރާން ހަމަ ފެށިތަނާ، ފުލުހުން ވަން އަޑު އިވުނެވެ. އަދި އަހަރެންގެ އެކުވެރި ނޫރުގެ ނަން ގޮވައިލި އަޑު ވެސް އިވުނެވެ. ދެން އިވުނީ “މާލްދީފް”އޭ ތަކުރާރުކޮށް ގޮވާ އަޑެވެ. އަހަރެން ހުރީ އެ ތަނުގެ އެންމެ ފަހަތުގައި ހުރި ބޮޑު ތަނބެއްގެ ނިވަލުގައިކަމުން، އަހަރެން އެ ތަނުގައި ހުރި ކަމެއް، ގޮޅީގައި ތިބި މީހުންނަކަށް ނޭނގުނެވެ.
އަހަރެން ނަމާދުކޮށް ނިމިގެން އަވަސް އަވަހަށް ތަނބުގެ ނިވަލުން ނިކުތުމާ އެކު، އެ ތަނުގައި ހުރި މީހަކަށް ފެނިގެން، މާލްދީފްހޭ އެހިއެއެވެ. އަހަރެން އާނއެކޭ ބުނުމުން ދެންމެ އަހަރެން ހޯދަން، ފުލުހުން އައި ވާހަކަ ބުނެފިއެވެ. އަހަރެން އަވަސްއަވަހަށް ނޫރު ކޮބައިތޯ ބަލައިލީމެވެ. ދޮރުބުޑުގައި ބޮނޑިޖެހިފައި ތިބި މީހުންތަކުގެ ތެރޭގައި، ނޫރު ހުއްޓާ ފެނުމުން، އަވަސްއަވަހަށް އެ ދިމާއަށް ދިޔައީމެވެ.
“ކޮން ތާކުން ތި އައީ؟ ދެންމެ އަހަރެމެން ދެ މީހުންނަށް ގޮވައިފިއޭ” އަހަރެން ފެނުމާ އެކު އަވަސްއަވަހަށް ނޫރު ބުންޏެވެ. އޭރު އޭނާގެ އަޑާއި ރާގަށް ވަނީ ވަރަށް ބޮޑު ދިރުމެއް އައިސް ޖޯޝް އުފެދިފައެވެ.
“ނަމާދުކޮށްލީ.” އަހަރެންގެ ހިތުގައި ވެސް އުފާވެރިކަމުގެ ވިންދު ޖަހަންފެށިއެވެ. އެ އުޅެނީ ދޫކޮށްލާށޭ ހިތް ބުނާން ފެށުމުންނެވެ.
ނޫރު އަވަސް އަވަހަށް ދޮރުފަތުގައި ޖަހާލައިފިއެވެ. ގިނަ އިރުތަކެއް ނުވެ، ބޭރުން ދޮރު ހުޅުވައިފިއެވެ. ފެނުނީ މި ތަނަށް އިރުއިރުކޮޅުން ވަދެ، މީހުންނާ ދިމާއަށް ބަވައިގަންނަ ރުންކުރު ފުލުސްމީހާއެވެ. އޭނާގެ ގާތުގައި އަހަރެން މީ މާލްދީފް މީހެކޭ ބުނީ ޖެހިންލުންވެ ހުރެއެވެ. ބުނެވޭ ގޮތަކުން ވެސް ހަޅޭއްލަވައިގެންފާނެއެވެ. އެހެންނަމަވެސް އެ ވަގުތު އޭނާގެ ކިބައިން އަހަންނަށް ފެނުނީ މުޅިން އެހެން މިޒާޖެކެވެ. ތަފާތު ސިފައެކެވެ. ހަރަކާތުގައި ހުރީ މަޑުމަތިރިކަމެވެ. ބަސްމަގުގައި ހުރީ އޯގާވެރިކަމެވެ. އޭނާ އަހަރެމެން ދެ މީހުންނަށް އިޝާރާތްކޮށް ބުނީ ނިކުތުމަށެވެ.
އަހަރެމެންނަށް ނިކުމެވުނީ، އެ ތަނުގެ އޮފީސް ބަޔަށެވެ. އޭރު އެތަނުގައި ހުރި، އިދާރީ ކަންކަން ހިނގަމުން ދިޔަ ދެ މޭޒެއްގެ ދޮށުގައި އަވަދިނެތި މަސައްކަތްތަކެއް ހިނގަމުންދެއެވެ. ކޮންމެ މޭޒެއްގެ ދޮށުގައި ވެސް ހައެއްކަ މީހުންގެ ކިއުއެއް އޮތެވެ. އެހެންނަމަވެސް އަހަރެމެން ދެ މީހުން ނެރެފައި، ފުލުސް މީހާ އެތަނުން އެއް މޭޒުދޮށުގައި އިން މީހާގެ ގާތުގައި ކޮންމެވެސް އެއްޗެއް ބުނުމާ އެކު، ކިޔުގައި ތިބި މީހުން ފަހަތަށް ޖައްސާފައި، އަހަރެމެންގެ ކަންކަން ނިންމާންފެށިއެވެ. އެ މޭޒުން ދެތިން ސުވާލެއްކޮށްލުމަށްފަހު، ފޮނުވީ އަނެއް މޭޒަށެވެ. އެ މޭޒު ދޮށުގައި އޮތް ކިޔު ވެސް ފަހަތަށް ޖައްސާފައި އަހަރެމެންގެ ކަންކަން ނިންމަން އަވަސްވެގަތެވެ.
އެ މޭޒު ދޮށުގައި އިން މީހާ، މޭޒުގެ ވަތްގަނޑުން ހުސް ފޯމެއް ނަގައި، އަހަރެންގެ އަތުގައި އޮތް ފޯމު ބަލައިގެން އެ ފޯމު ފުރަންފެށިއެވެ. އަހަރެންގެ ނަމާއި ގައުމުގެ ނަމާއި ސައުދީއަށް އައިސް އުޅޭ ބޭނުމާއި ވޮލެޓުގައި ހުރި ފައިސާގެ އަދަދާއި މި ކަހަލަ އަސާސީ މައުލޫމާތު އެނގުނު ނަމަވެސް، ލިޔުނީ ޢަރަބި ބަހުން ކަމަށްވާތީ، އޭގައި ހުރި ގިނަ ވާހަކަތަކެއް ނޭނގުނެވެ. ފޯމުފުރާ ނިންމާފައި ބުނީ އިނގިލީގެ ނިޝާން ޖެހުމަށެވެ. މި ތަނުން ސަލާމަތްވެވޭނީ، އެ މީހުން ދޭ ލިޔުމެއްގައި އިނގިލީގެ ނިޝާންޖަހާފައިކަން، ގޮޅިން ނެރުނު އިރު ވެސް އޮތީ އެނގިފައެވެ. އެހެންކަމުން ފަސްޖެހުމެއް ނެތި އެކަން ކުރީމެވެ. މި ހުރިހައިކަމެއް ކުރި އިރު ވެސް، އަހަރެމެންގެ ގާތުގައި ފުލުސްމީހާ ހުއްޓެވެ. އޭނާގެ ކިބައިން ފެންނަމުން ދިޔައީ، އޯގާވެރިކަމާއި ހިތްހެޔޮކަމެވެ.
އަހަރެމެން މިނިވަން ވެއްޖެއެވެ. ފުލުސްމީހާއާ ސަލާންކޮށްލުމަށްފަހު، އެ ތަނުން ނިކުތުމަށް ޓަކައި ހިނގައިގެންފީމެވެ. ފިނިކަން ލިބިފައިވާ ހިތަކާ އެކުގައެވެ. މައި ދޮރުން މަގަށް ނިކުންނަން ދިޔަ އިރު، ގްރޫޕްގެ ފަރާތުން އައިސް ތިބި ދެ މީހުން، ކުރިމަތީގައި އޮތް ހުސް ބިމުގައި ކޮޅަށް ތިއްބެވެ. އެ މީހުން އެ ތިބީ ބާރަ ނުޖަހަނީސް އައި ގޮތަށެވެ. އޭރު މެންދަމުން އަލިވެ، ތިންގަޑި ފަނަރަ ހިނގައިފިއެވެ. އަހަރެން ނިކުތުމާ އެކު އެ ދެ މީހުން އައިސް އުފަލާ އެކު ސަލާންކޮށްލިއެވެ. އިރުކޮޅަކުން ނޫރު ވެސް މިނިވަންކަމާ އެކު ބޭރަށް ނިކުމެއްޖެއެވެ.
އެހައިތަނުން މަގުމަތީން ޓެކްސީއެއް ނަގައިގެން، އަހަރެމެން އަވަހަށް މިސްރާބުޖެހީ ހޮޓަލަށް ދިޔުމަށެވެ. ދިޔަ މަގުމަތީގައި ހިތަށް އަރަމުން ދިޔައެވެ. އަހަރެމެން ދެ މީހުންގެ ބޮލުގައި ފުލުހުން މި އެޅުވީ ހާދަ ބޮޑު ބަދުނާމެކެވެ. އެއްވެސް ޙައްޤެއް ނެތި މި ދިނީ ހާދަ ބޮޑު އަނިޔާއެކެވެ. މަގުމަތީން ނޫރު އަތުލައިގަތީ، މަގުމަތީގައި ސަލާންޖަހަން އުޅޭ މީހެއްކަމަށް ބަލައިގެންނެވެ. އެވަގުތު އަހަންނަށް އޭނާގެ ގާތަށް ދެވުނީތީ، އަދި ނޫރު ބުނެގެން ގުރޫޕުގެ މީހަކަށް ގުޅައިދޭން މަސައްކަތްކުރެވުނީތީ، އަހަރެން ވީ ނޫރުގެ އެޖެންޓަށެވެ. އަހަރެމެން ދެ މީހުން ހައްޔަރުކޮސްގެން މި ތެޅުވީ އެ ނަމުގައެވެ. ފުލުހުން ބޭނުންގޮތަކަށް ހާލަތު އުފައްދައިގެން، މީހުން ހައްޔަރުކޮށް، އަދަބުދެނީއެވެ. ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ؟ ކޮން ފަދަ އަނިޔާއެއް ހެއްޔެވެ؟ ދުޢާއަކީ މި ފަދަ ކަމެއް އެއްވެސް ދިވެއްސަކަށް ދުވަހެއްގެ ކޮޅުން ވެސް ތަޖުރިބާކުރާން ނުޖެހުމެވެ.
Be the first to comment