ބައޮގްރަފީ ސުވާލު
ޏ. ފުވައްމުލަކު ރަސްރީތިގޭ ފަރުހާދު އަލީއަކީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށްޓަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، ދިވެހިރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވަމުން އަންނަ މައްސަލަތަކުން ގައުމު ސަލާމަތްކުރުމަށް ޓަކައި ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ މީހެކެވެ. “ރައްކާތެރި ތިމާވެށި” މި ނަމުގައި ޖަމިއްޔާއެއް އުފައްދައިގެން ތިމާވެށްޓަށް ޚިދުމަތްކުރަމުން އަންނަ ފަރުހާދަށް ވަނީ، ދިވެހިރާއްޖޭގެ ތިމާވެށްޓަށް ޚިދުމަތްކުރުމުގެ ރޮނގުން ގައުމީ އިނާމް ވެސް ލިބިފައެވެ. ވީމާ ތިޔަ ދަރިވަރަކީ “އިއްޔެ” ނޫހުގެ ނޫސްވެރިއެއްކަމަށް ބަލައިގެން، ފަރުހާދުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ބައޮގްރަފީއެއް ލިޔާށެވެ!
ތިމާވެށީގެ ޚިދުމަތްތެރިޔާ
ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށްޓަށް މިއަދު ކުރިމަތިވެފައިވާ ތަފާތު މައްސަލަތައް ހައްލުކުރުމަށް، ހީވާގިކަމާ އެކު މަސައްކަތްކުރަމުން އަންނަ، ޏ. ފުވައްމުލަކު ރަސްރީތިގޭ ފަރުހާދު އަލީއަކީ، ޏ. ފުވައްމުލަކު ނޫރާނީ ވިލާ، އަލީ ރަޝީދަށާއި ހަމަ އެ ގޭ މުބީނާ އަލީއަށް ލިބުނު، 5 ކުދިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. 1998ވަނަ އަހަރު މާރިޗު މަހު 15ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެފައިވާ ފަރުހާދަކީ، މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ މީހެކެވެ.
ޏ. އަތޮޅު ތައުލީމީ މަރުކަޒުން 2004ވަނަ އަހަރު ތައުލީމީ ހަޔާތް ފެށި ފަރުހާދު ވަނީ، ގްރޭޑް 8އިން ފެށިގެން ސްކޫލުގެ ތިމާވެށި ކްލަބުގައި ހަރަކާތްތެރިވާން ފަށާފައެވެ. ރާއްޖޭގެ ތިމާވެށްޓަށް ޚިދުމަތްކުރުމުގެ ރޫޙު އޭނާގެ ކިބައިގައި އުފެދުނީ އެ ދުވަސްވަރުއެވެ. 2014ވަނަ އަހަރު އެ މަރުކަޒުން އޯލެވެލް ނިންމައި، އޭލެވެލްއަށް ކިޔެވުމަށް އޭނާ ބަދަލުވީ މާލެއަށެވެ. ސީއެޗްއެސްއީން އޭލެވެލްއަށް ކިޔަވަމުން ގެންދިޔަ އިރު، އެ ސްކޫލުގެ ތިމާވެށި ޖަމިއްޔާކަމަށްވާ “އެންވަޔަރަންސް”ގެ ރައީސްކަންކުރީ ފަރުހާދެވެ. ދިވެހިރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތަކަށް އޭނާގެ ލޯހުޅުވުނީ އެ ދުވަސްވަރުއެވެ.
2017ވަނަ އަހަރު ފަރުހާދު އޭލެވެލް ނިންމާލީ، ގަދަ 10ގެ 5 ވަނަ ދަރިވަރުގެ ފަޚުރާއެކުގައެވެ. އެހެންކަމުން ސަރުކާރުން މަތީ ތަޢުލީމަށް ދެއްވި ފުރުސަތުގެ ބޭނުން ހިފައި، އޮސްޓްރޭލިޔާގެ “ޖޭމްސް ކުކް ޔުނިވަރސިޓީ”އަށް އޭނާ ވަނީ، “މެރިން އެންޑް އެންވައިރަމަންޓަލް ބައިލޮޖީ ސައިންސް”ގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކުރާށެވެ. މި ކޯސް ފުރިހަމަކުރުމަށްފަހު، 2020ވަނަ އަހަރު އެނބުރި މާލެއަށް އައިސް، ވަޒީފާއަދާކުރަންފެށީ، އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އެންވަޔަރަންމަންޓް އެނަލިސްޓެއްގެ ވަޒީފާއެވެ.
އީޕީއޭގައި އުޅުނު އިރު، ރާއްޖޭގެ ވެށްޓަށް އަންނަ ބަދަލުތައް ދިރާސާކުރުމާއި ތިމާވެށީގެ މޮނިޓަރިންގ މަސައްކަތްތަކުގައި އަމަލީގޮތުން އޭނާ ބައިވެރިވަމުން ދިޔައެވެ. އަދި ރާއްޖޭގައި ހިންގާ، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން ހުށަހަޅާ އީ.އައި.އޭ ރިޕޯޓުތައް ދިރާސާކޮށް، ޤާނޫނީ މިންގަނޑުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކާ ބެހޭގޮތުން، އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުންތައް ލިޔެ ޝާއިޢުކުރަމުން ގެންދިޔައެވެ.
އީޕީއޭގައި ހަތަރުވަރަކަށް އަހަރު އުޅުމަށްފަހު، އެ ވަޒީފާއިން ވަކިވެ، “ރައްކާތެރި ތިމާވެށި” މި ނަމުގައި އަމިއްލަ ޖަމިއްޔާއެއް ފަރުހާދު ވަނީ އުފައްދާފައެވެ. މި ޖަމިއްޔާގެ މައިގަނޑު މަޤުޞަދަކީ ދިވެހި ރައްޔިތުން ތިމާވެށްޓަށް ހޭލުންތެރިކުރުމާއި ގުދުރަތީ ވެށި ހަލާކުވިޔަނުދީ، ރައްކާތެރިކުރުމަށް މަސައްކަތްކުރުމެވެ. އެހެންކަމުން މި ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށަށް ގޮސް، ތިމާވެށްޓަށް މީހުން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް އޭނާ ވަނީ ހިންގާފައެވެ. މީގެއިތުރުން ރާއްޖޭގެ އެތައް ރަށެއްގައި ގަސް އިންދުމުގެ ހަރަކާތްތަކާއި ގޮނޑުދޮށްތަކާއި މޫދު ސާފުކުރުމުގެ ކާމިޔާބު ހަރަކާތްތައް ހިންގާފައިވެއެވެ.
ރާއްޖޭގެ ތިމާވެށްޓަށް ފަރުހާދު ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ސަރުކާރުން އޭނާއަށް 2025ވަނަ އަހަރު ވަނީ، ތމާވެށްޓަށް ޚިދުމަތްކުރުމުގެ ގައުމީ އީނާމް ދެއްވާފައެވެ. މި ޚާއްޞަ އިނާމާ އެކު، ތިމާވެށްޓަށް އޭނާ ކުރަމުން އަންނަ މަސައްކަތް ވަނީ އިތުރަށް ފުޅާކޮށް ވަރުގަދަކޮށްފައެވެ.
މިއަދު ވެސް ހީވާގިކަމާ އެކު ތިމާވެށްޓަށް ޚިދުމަތްކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ފަރުހާދު ވަނީ، 2022ވަނަ އަހަރު، މ. ސްނޯޕާކް ހިލްމާ ޒަރީރާ އެކު ޒަވާޖީ ހަޔާތެއްފަށާފައެވެ. މި ކައިވެންޏަށް ވަނީ ދެ ކުދިން ލިބިފައެވެ. ފަރުހާދުގެ އުއްމީދަކީ، ރާއްޖޭގެ ތިމާވެށްޓަށް އޭނާ ކުރަމުންގެންދާ މަސައްކަތުގައި ގިނަ ބަޔަކު ބައިވެރިވެ، މި މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރަށް ވުރެ ވެސް ފުޅާކޮށް ހިންގޭނެ ދުވަހެއް ފެނުމެވެ.
Be the first to comment