ޢިބުރަތްތެރި ވާހަކަ

އިސްލާމީ ތާރީޚަކީ އިބުރަތުން ފުރިގެންވާ، ގިނަގުނަ ހާދިސާތަކެއް އެކުލެވިގެންވާ ތާރީޚެކެވެ. ތިރީގައި މި ވަނީ އެ ފަދަ ހާދިސާއެއްގެ މައްޗަށް ބިނާކުރެވިފައިވާ ވާހަކައެކެވެ.

=======================

މިއީ އަމީރުލް މުއުމިނީން ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި ހިނގާފައިވާ ޢިބުރަތްތެރި ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ކޮންމެ ތަނެއްގައި ވެސް ﷲ ވޮޑިގެންވޭ!

ޢުމަރުގެފާނަކީ އެކަލޭގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު، ރޭގަނޑު ވަގުތުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމަށް މަގުތަކުގައި ހިންގަވައި އުޅުއްވި ބޭފުޅެކެވެ. މި ފަދައިން އުޅުއްވި ރޭތަކުގެ ތެރެއިން ރެއެކެވެ. މަދީނާގެ މަގުތަކުގައި އެތައް ހިސާބަކަށް ހިންގެވިފަހުން އެކަލޭގެފާނު ވަރުބަލިފުޅުވެއްޖެއެވެ. އެހެންކަމުން ވަރުބަލިފުޅު ފިލުވައިލެއްވުމުގެ ނިޔަތުގައި، ގެއެއްގެ ފާރުކައިރީގައި މަޑުކޮށްލެއްވިއެވެ. އެ ވަގުތު އެކަލޭގެ ފާނުގެ ކަންފަތްޕުޅުގައި ޖެހުނީ، އެ ގޭތެރެއިން ބަޔަކު ވާހަކަދައްކާ އަޑެވެ. އިވެމުން ދިޔައީ މަންމައަކާއި ދަރިއަކު ދައްކަމުން ދިޔަ ވާހަކައެއްގެ އަޑެވެ.

      “ދަރިފުޅާ! މާދަމާ ވިއްކަން ހުރި ކިރުފޮދަށް ފެންއަޅައި ގިނަކޮށްލަންވީނު!” ފ އަމީރުލް މުއުމިނީންގެ ކަންފަތްޕުޅުގައި ފުރަތަމަ ޖެހުނީ މަންމަގެ އަޑެވެ.

“އެއީ ކީއްކުރަން މަންމާ؟” ދަރިފުޅު ސުވާލުކުރިއެވެ. އެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.

“އޭރުން އަހަރެމެންނަށް އެއިން ލިބޭ މަންފާ ބޮޑުވާނެ!”

      “ނޫން މަންމާ! ތިޔަހެން ހަދާކަށް ނުވާނެ!” ދަރިފުޅު ވަގުތުން އިންކާރުކުރިއެވެ.

      “ކީއްވެ ތިހެން ތި ބުނީ؟ ފައިދާ ބޮޑުވި ވަރަކަށް ދަރިފުޅަށް ވެސް ވާނީ ރަނގަޅެއްނު.”

      “އެކަމަކު އެ ގޮތަށް ގަޑުބަޑުކޮށްގެން އެއްޗެހި ނުވިއްކަން އަމީރުލް މުއުމިނީން ވަނީ އަމުރުކުރައްވާފައެއްނު! އެކަލޭގެފާނުގެ އަމުރާ ޚިލާފުވާނީ ކިހިނެއް؟ އެ ވާނީ ވަރަށް ބޮޑު ގޯހަކަށްނު މަންމާ!” ދަރިފުޅު މަސައްކަތްކުރަމުން ގެންދިޔައީ މަންމަ އެ ބުނާ ގޮތަށް އެކަން ނުކޮށްވޭތޯއެވެ.

      “ދަރިފުޅާ!” މަންމަ ޗޮކެއް ކަނޑައިލުމަށްފަހު ވާހަކަދައްކަން ފެށިއެވެ. “މިއީ މުޅި ރަށް ނިދައި، މީހެއްގެ ހިލަމެއް ވެސް ނެތް ދަންވަރުގެ ވަގުތު. މި ގަޑީގައި އަހަރެމެން މި ކަން ކޮށްގެން އަމީރުލް މުއުމިނީނަކަށް އެނގިވަޑައެއް ނުގަންނަވާނެ!” މަންމަ ވެސް މަސައްކަތް ކުރަމުން ގެންދިޔައީ ދަރިފުޅު ލައްވާ އެކަން ކުރެއްވޭތޯއެވެ.

މަންމަގެ އެ އީމާންތެރިކަމެއް ނެތް ވާހަކައަށް ދަރިފުޅު ދިން ޖަވާބަކީ، ވިސްނައި ފިކުރުކުރާ ކޮންމެ މީހަކަށް އިބުރަތުން ފުރިފައިވާ ޖަވާބެކެވެ. އިސްލާމީ ތާރީޚުގައި، ރަނާއި ރިހިން ގިރިޓީކުރެވުފައިވާ ޖަވާބެކެވެ. އެހިނދު އެ ކުއްޖާ މަންމައާ މުޚާތަބުކޮށް ބުނީ ކީކޭކަމަށްތޯއެވެ؟

“މަންމަ ތިޔަ ބުނީ ރަނގަޅު ވާހަކައެއް! އަހަރެމެން މި ކަން ކުރާތަން އަމީރުލް މުއުމިނީނަށް ފެނިވަޑައިނުގެންފާނެ. އެކަމަކު މަންމާ! ނިކަން ވިސްނައިލަބަލަ! އަމީރުލް މުއުމިނީންގެ ކަލާނގެއަށް މި މަންޒަރު ފެނިވަޑިގަންނަވާނެއެއްނު.”

އެ މާތް އުޚުތާގެ މި ޖަވާބު އިވިވަޑައިގަތުމުން ޢުމަރުގެފާނުގެ ހިތްޕުޅަށް ވަރަށް ފުން އަސަރުތަކެއްކުރިއެވެ. އެ ކުއްޖާގެ އީމާންތެރިކަމާއި ﷲއަށް އޮތް ބިރުވެތިކަން ވިސްނިވަޑައިގެންފައެވެ. އެހެންކަމުން އެ ރޭ، އެކަލޭގެފާނު އެ ތަނުން ވަޑައިގަތީ، އެ ގެ ފާހަގަކުރައްވައިފައެވެ.  

ޖެހިގެން އައި ދުވަސް ވީ އެ ކުއްޖާގެ ހަޔާތަށް ވަރަށް ޚާއްޞަ ދުވަހަކަށެވެ. ހީ ވެސް ނުކުރާ ކަހަލަ ދުވަހަކަށްވީ ދުވަހަކަށެވެ. އެ ދުވަހު އަމީރުން މުއުމިނީން އުމަރު ބިން ޚައްޠާބު، އެކަލޭގެފާނުގެ ދަރިކަލުން އާޞިމް ބިން ޢުމަރާ އެ އަންހެން ކުއްޖާއާ ކައިވެނިކޮށްދެއްވިއެވެ. އެ އަންހެން ކުއްޖާގެ ތަޤުވާވެރިކަމުގެ ބޮޑުކަމުންނެވެ.

އިސްލާމީ ތާރީޚުގައި މަޝްހޫރު އަމީރުލް މުއުމިނީން ޢުމަރު ބިން ޢަބްދުލްޢަޒީޒް އުފަންވެވަޑައިގަތީ މި ދެމަފިރިންގެ ދަރިފަސްކޮޅުންނެވެ.

މި ވާހަކައިން ލިބޭ ޢިބްރަތްތައް

  • ޙަޤީޤީ އީމާންތެރިކަމަކީ، މީހުންނަށް ނުފެނުނަސް، ﷲ ސުބުޙާނަހޫ ވަތަޢާލާ ބައްލަވައިވޮޑިގެންވާކަން ދަނެގެން އުޅުން
  • ވިޔަފާރިއާއި މަކަރު ހެދުމަކީ ވަރަށް ނުބައި ކަމެއްކަން
  • މައިންބަފައިންގެ ހެޔޮލަފާކަމާއި ތަޤުވާވެރިކަމުގެ ހެޔޮ އަސަރު ދަރިންނަށް ކުރާކަން

Be the first to comment

ޚިޔާލު