އިރުޝާދުދޭ ލިޔުމުގެ ސުވާލު
އެސްއެސްސީ އިމްތިހާނު ކައިރިވަމުން އައި ދުވަސްވަރު، ރާއްޖޭގެ އިސްކޫލެއްގެ ގުރޭޑު 10ގައި ކިޔަވަމުން އަންނަ އެކުވެރިއަކު ތިބާއަށް ފޯނުކޮށްފައި އެދުނީ، ދިވެހި އިމްތިހާނުގެ ނަތީޖާ މިހާރަށް ވުރެ ރަނގަޅުކުރުމަށް ޓަކައި އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ. އޭނާ އެންމެ ކަންބޮޑުވަނީ ދޭހައިގެ ސުވާލުތަކާމެދުގައެވެ. އެހެންކަމުން ތިބާ ގަސްދުކުރީ، ދޭހައަށް ޖަވާބުދިނުމުގައި ކަންކުރާންވީ ގޮތް، އިރުޝާދުދޭ ލިޔުމެއްގެ ސިފައިގައި ލިޔެފައި އެކުވެރިޔާއަށް ފޮނުވާށެވެ. ވީމާ މި ލިޔުން 20 ފޮޅުވަތާއި 25 ފޮޅުވަތާ ދެމެދުގެ މިންވަރަށް ލިޔާށެވެ!
އެސްއެސްސީ އިމްތިހާނު ހަދާ ދަރިވަރުން ދޭހައިގެ ސުވާލުތަކަށް ޖަވާބުދޭނެ ގޮތް
އެސްއެސްސީ އިމްތިހާނުގެ ކިޔުމުގެ ދޭހައަކީ ގިނަ މާކްސްތަކެއް ކަނޑައެޅިފައިވާ ބަޔަކަށްވާތީ، ނަތީޖާ ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއްއަދާކުރާ ބަޔެކެވެ. މި ލިޔުމަކީ އެސްއެސްސީ އިމްތިހާނުހަދާ ދަރިވަރުން ކިޔުމުގެ ދޭހައަކަށް ޖަވާބުދިނުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅިވާލައި ލިޔެފައިވާ ލިޔުމެކެވެ. ވީމާ، މިކަން ކުރާނޭ ގޮތުގެ މުހިންމު ބައެއް އިރުޝާދުތައް މި ލިޔުމުގައި ހިއްސާކޮށްލަމެވެ.
އެންމެ ފުރަތަމަ ޖަވާބުދޭން ބޭނުންވާ ސުވާލު، ފަރުވާތެރިކަމާ އެކު ވިސްނައިގެން، ކިޔައި ދޭހަކުރާށެވެ. ސުވާލުކިޔާ އިރު، އެއީ ދޭހައިގެ ކޮން ބާވަތެއްގެ ސުވާލެއްކަން ދެނެގަންނާށެވެ. މީގެއިތުރުން އެ ސުވާލުކޮށްފައިވާ މަގުސަދު ވެސް ދެނެގަންނާށެވެ. ސުވާލުގެ ބާވަތާއި މަގުސަދު ދެނެގަނެވުމުން ޖަވާބުދޭން ފަސޭހަވާނެއެވެ. އެއަށްފަހު، އެ ސުވާލެއްގައި ހިމެނޭ މުހިންމު ލަފުޒުތަކާއި އެ ލަފުޒުތަކުގެ މާނަ ވެސް ދެނެގަންނާށެވެ. މިގޮތަށް ޢަމަލުކުރުމުން، ސުވާލުގެ ޖަވާބު ދެނެގަންނަން ފަސޭހަވާނެއެވެ.
ދެވަނަ ކަމަކަށް ސުވާލުގެ ޖަވާބު ހޯދުމަށް ޓަކައި ދޭހައިގެ ލިޔުން ކިޔަންފަށާށެވެ. ދޭހައިގެ ލިޔުން ކިޔަމުންގެންދާ އިރު، ޖަވާބު ހޯދަން ބޭނުންވާ ސުވާލު ހަނދާނުގައި ބާއްވައިގެން، ކިޔަމުން ގެންދާށެވެ. އަދި އެ ސުވާލެއްގެ ބާވަތާމެދުގައި ވެސް ވިސްނައިގެން ކިޔާށެވެ. އެގޮތުން ލިޓްރަލް ސުވާލެއް ނަމަ، އެ ސުވާލުގެ ޖަވާބު ލިޔުމުން ފެނޭތޯ ބަލަމުން ކިޔާށެވެ. އިންފަރެންޝަލް ސުވާލެއް ނަމަ ޖަވާބު ދޭހަކުރުމުގެ ވިސްނުމަކުން ކިޔާށެވެ. މީގެއިތުރުން ހެކި ދައްކަންޖެހޭ ސުވާލެއް ނަމަ، ޖަވާބަށް ބޭނުންވާ ހެކިތައް ވެސް ފެނޭތޯ ބަލަމުން ކިޔާށެވެ. މިގޮތަށް ކިޔުމުން އެ ސުވާލަކަށް ބޭނުންވާ ރަނގަޅު ޖަވާބު، ނުހަނު ފަހޭއިން ދެނެގަނެވޭނެއެވެ.
އެންމެ ފަހު ކަމަކަށް ދޭހައިން ފެނުނު ޖަވާބު، ޖަވާބުލިޔާ ކަރުދާހުގައި ލިޔާށެވެ. ޖަވާބު ލިޔާއިރު ސުވާލުގެ އިރުޝާދަށް ސަމާލުކަންދޭށެވެ. ހަމައެއާ އެކު ސުވާލުގެ މަގުޞަދާ ގުޅޭގޮތަށް ޖަވާބު އިބާރާތްކުރާށެވެ. މީގެ އިތުރުން ޖަވާބަށް ބޭނުންވާ މިންވަރަށް ލިޔުމަށް ވެސް އިސްކަންދޭށޭވެ. އެގޮތުން ވަކި މިންވަރަކަށް ލިޔަން ސުވާލުގައި ބުނެފައިވާ ނަމަ، އެ މިންވަރަށް ނުކުތާ ހަމަކުރާށެވެ. އަދި ވަކި މިންވަރެއް ބުނެފައި ނެތި، އެއްކަމަކަށް ވުރެ ގިނައިން ލިޔަން ބުނެފައިވާ ސުވާލެއް ނަމަ، އެ ސުވާލަށް ދީފައިވާ މާކުހަށް ބަލައިގެން ޖަވާބު ފުރިހަމަކުރާށެވެ. މި ކަންކަމަށް ސަމާލުކަންދީގެން ޖަވާބު އިބާރާތްކުރުމުން ފުރިހަމަ ޖަވާބަކަށް އެ ޖަވާބުވާނެއެވެ.
ދޭހައަށް ޖަވާބު ދިނުމަށް ޓަކައި މި ކިޔައިދިން ގޮތަށް ވިސްނުންތެރިކަމާ އެކު މަސައްކަތްކުރާށެވެ. އެގޮތުން އެންމެ ފުރަތަމަ ސުވާލު ރަނގަކަށް ކިޔައި ދޭހަކުރާށެވެ. އެއަށްފަހު، ޖަވާބު ހޯދުމަށް ޓަކައި ދޭހައިގެ ލިޔުން ކިޔާށެވެ. އެންމެފަހު ކަމަކަށް ސުވާލާ ގުޅޭގޮތަށް ޖަވާބު އިބާރާތްކުރާށެވެ. ދޭހައަށް ޖަވާބު ދިނުމަށް ޓަކައި ކޮންމެ ދަރިވަރަކު ވެސް މި އުސޫލުން އަމަލުކުރާށެވެ. އޭރުން ކިޔުމުގެ ދޭހައިން ރަނގަޅު ނަތީޖާއެއް ހޯދޭނެއެވެ.
Be the first to comment