ބައޮގްރަފިކަލް ރިކައުންޓް

ފޮޓޯނެގުމުގައި އެފަދަ ދެވަނައެއް ނެތް މަޝްހޫރު ނާއްޕެ

ހ. އަލިފަޒާ، ނާފިޒު އަލީއަކީ ފޮޓޯނެގުމުގެ މަސައްކަތުގައި ދިވެހި ރާއްޖެއަށް ނަން މަޝްހޫރު، ހުނަރުވެރި ފަންނާނެކެވެ. ނާއްޕެގެ ނަމުން މަޝްހޫރުވެފައިވާ ނާފިޒު، ދުނިޔޭގެ އަލިކަން ދުށީ 14 މާރިޗް 1993 ގައެވެ.

ނާއްޕެގެ އެންމެ ތުއްތު އުމުރުން ފެށިގެން، ކޮންމެ މަހެއްގެ ވެސް 14 ވަނަ ދުވަހަކީ، އޭނާގެ ފޮޓޯ އަލްބަމަށް ފޮޓޯއެއް އިތުރުވާ ދުވަހެކެވެ. ކޮންމެވެސް އިސްޓޫޑިއޯއެއްގައި، އެކި ގޮތްގޮތަށް އޭނާ ބަހައްޓައިގެން ފޮޓޯ ނަގާ ދުވަހެކެވެ. މި ގޮތަށް ފޮޓޯ ނަގާ އިރު، ފޮޓޯނަގާ މީހާގެ ހަރަކާތްތަކަށް ވަރަށް ޝައުޤުވެރިކަމާ އެކު އޭނާ ބަލައެވެ. އޭގެ ނަތީޖާއަކަށްވީ ފޮޓޯނެގުމުގެ ޝައުޤުވެރިކަން އޭނާގެ ހިތުގައި އުފެދޭން ފެށުމެވެ.

ފޮޓޯނެގުމުގެ ދާއިރާއަށް ނާއްޕެގެ ހިތުގައި އުފެދިފައިވާ ޝައުޤުވެރިކަން އިތުރުވީ، އޭނާގެ 15 ވަނަ އުފަންދުވަހު އޭނާގެ ބައްޕަ އޭނާއަށް ދިން “ކޮޑެކް” ކެމެރާގެ ސަބަބުންނެވެ. އެ ދުވަހު ލިބުނު އުފަލާ އެކު، ލިބޭ ހުސްވަގުތުތަކުގައި ފޮޓޯ ނެގުމުގެ މަސައްކަތް އޭނާ ކުރާންފެށިއެވެ. އާއިލާގެ މެންބަރުންގެ ފޮޓޯއާއި ގާތް ރަޙުމަތްތެރިންގެ ފޮޓޯއެވެ. ގުދުރަތީ މަންޒަރުތަކާއި ދިރޭ ތަކެތީގެ ފޮޓޯއެވެ. އެ ފޮޓޯތަކަށް އާއިލާއާއި އެކުވެރިންގެ ކިބައިން ލިބެމުން ދިޔަ ތަރުޙީބު ވީ، މި ކަމުގައި ކުރިއަށް ދިޔުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

ގްރޭޑް 9ގައި ނާއްޕެ ކިޔެވި އަހަރު، ސްކޫލުން ބޭއްވި ފޮޓޯނަގަން ދަސްކޮށްދޭ، އެއް ހަފުތާގެ ކޯހެއްގައި އޭނާ ބައިވެރިވިއެވެ. އެ ކޯސް ނިމުނު އިރު އޭނާއަށް ވަނީ، ފޮޓޯނެގުމާ ބެހޭގޮތުން ކުރިން ނޭނގޭ އެތައް ކަމެއް ދަސްވެފައެވެ. އަދި މި ކަމަށް އޮތް ޝައުޤުވެރިކަން އެތައް ގުނައަކަށް އިތުރު ވެސް ވެފައެވެ.  2010ވަނަ އަހަރު އޯލެވެލްއިން ނާއްޕެ ހޯދި ނަތީޖާ ރަނގަޅުކަމުން، އިނާމެއްގެ ގޮތުގައި އޭނާގެ ބޮޑުބޭބެ އޭނާއަށް އެންމެ ފަހުގެ “ކެނަން” ކެމެރާއެއް ދެއްވިއެވެ. ލިބުނު އަގުބޮޑު ހަދިޔާއާ އެކު، ހަމަ އެ އަހަރު “ޕިކްސެލް”ގެ ނަމުގައި ފޭސްބްކް ޕޭޖެއް ހަދައި، އޭނާ ނަގާ ފޮޓޯތައް އާންމުކުރަންފެށިއެވެ. އޭގެ ސަބަބުން އޭނާގެ ހުނަރުވެރިކަމަށް އާންމުންގެ ތަރުހީބު އޮހެންފެށިއެވެ. ނަތީޖާއެއްގެ ގޮތުން، ފޮޓޯ ނަގަން އޭނާއަށް ފުރުސަތުތައް ލިބޭންފެށިއެވެ.

2014ވަނަ އަހަރު ފެށުނު އިރު “ޕިކްސެލް”ގެ ނަމުގައި ނާއްޕެ ވަނީ އޭނާގެ އަމިއްލަ އިސްޓޫޑިއޯއެއް އުފައްދާފައެވެ. އޭރު “ޕިކްސެލް”ގެ ނަން ވަނީ، ދިވެހިންގެ ތެރޭގައި މަޝްހޫރު ބްރޭންޑަކަށް ވެފައެވެ. އެހެންކަމުން ތަފާތު ޕާޓީތަކާއި ޖަލްސާތަކާއި ހަފުލާތަކުގެ ފޮޓޯނެގުމަށް ނާއްޕެއަށް ލިބޭ ފުރުސަތުތައް އިތުރުވަމުން އައެވެ.

 2017 ވަނަ އަހަރު ނާއްޕެގެ ފޮޓޯތައް ހިމަނައިގެން ބޭއްވި ފޮޓޯ މައުރަޒު ވެގެން ދިޔައީ، ނާއްޕެއަށް އާންމުގެ ހިތުގައި އޮތް ލޯބި އެތައް ގުނައަކަށް އިތުރުވިކަމަކަށެވެ. ހަމަ އެ އަހަރު ޕާކިސްތާނުގައި ބޭއްވި “ސައުތު އޭޝިއަން ފޮޓޯ ފެސްޓިވަލް”ގައި ނާއްޕެ ބައިވެރިވިއެވެ. އެ ފަހަރު މުޅި އެ ފެސްޓިވަލުން އެއް ވަނަ ލިބުނީ އޭނާ ބައިވެރިކުރި، ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދައްކައިދޭ ފޮޓޯއަށެވެ.

ނާއްޕެއަށް ކުރެވުނު މި އުފާވެރި ދަތުރުވީ އޭނާގެ ހަޔާތް އެފުށްމިފުށަށް ޖަހައިލި ދަތުރަކަށެވެ. ކުރިމަތިވި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އޭނާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. އެ އަނިޔާގައި އަހަރެއްހައި ދުވަހު ނުހިނގި އޮންނާން އޭނާއަށް ޖެހުނު އިރު، ސްޓޫޑިއޯގެ މަސައްކަތްތައް ވެސް ހުރީ ހުއްޓިފައެވެ. އެހެންނަމަވެސް އެ ބަލިން އަރައިގަނެ، 2018ވަނަ އަހަރު އަނެއްކާ ވެސް އޭނާ މަސައްކަތް ފެށިއެވެ. އެއާ އެކު، “ޕިކްސެލް”ގެ ނަން ދިވެހިންގެ ހިތުގައި އަނެއްކާ ދިރިގެން އައެވެ. އެހެންކަމުން ހަމަ އެ އަހަރު އޭނާ ވަނީ ފޮޓޯނަގަން ދަސްކޮށްދޭ ކޯސްތައް ވެސް ހިންގާންފަށާފައެވެ. ސްކޫލް ކުދިންނަށާއި ޒުވާނުންނަށް ޚާއްޞަކޮށްގެން ފެށި މި މަސައްކަތަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އައެވެ.

ފޮޓޯނެގުމުގެ ދައިރާއިން ނާއްޕެ ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި 2024ވަނަ އަހަރު ސަރުކާރުން އޭނާއަށް ދެއްވި ޒުވާނުންގެ އިނާމު ވެގެން ދިޔައީ، މި ދާއިރާއަށް އޭނާގެ ހިތުގައި ދެވިފައިވާ ޤަދަރު އެތައް ގުނައަކަށް އިތުރުވި ކަމަކަށެވެ. އެހެންކަމުން މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއަރުވަން އޭނާ ވަނީ އަޒުމުކަނޑައަޅާފައެވެ.

ނުގުޑާ ފަދަ އަޒުމެއްގައި ކުރި ހިތްވަރާ އެކު، މިއަދު ނާއްޕެގެ ނަމާއި ޕިކްސެލްގެ ނަން ވަނީ ދިވެހި ފަޒާގައި ރަން އަކުރުން ފެވިފައެވެ. އޭނާގެ ކުޅަދާނަ ލެންސުން އަންދާލި ފޮޓޯތަކުން، ދިވެހި އެތައް އަލްބަމެއް ވަނީ ފުރިފައެވެ. ނާއްޕެގެ މަސައްކަތަށް އިތުރު ކާމިޔާބަށް އެދެމެވެ.

Be the first to comment

ޚިޔާލު